25 ނޮވެމްބަރ 2025 - 08:13
ފީފާގެ މެންބަރު ގައުމުތަކުގެ ތެރެއިން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ފުޓްބޯޅަ ސްޓޭޑިއަމްތައް އިމާރާތްކުރަން ސައުދީގެ ތަރައްގީގެ ފަންޑުން ލޯނު ދޭން އިއުލާން ކޮށްފި އެވެ.
ސައުދީގެ ފަންޑުން ވަނީ އެކަމަށް އެއް ބިލިއަން ޑޮލަރު ހަމަޖައްސައިފަ އެވެ. އެ ލޯނު ދޫކުރާނީ ފީފާ މެދުވެރިކޮށެވެ.
ސައުދީގެ ފަންޑާ އެކު ހެދި އެއްބަސްވުމާ ބެހޭގޮތުން ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެ ފުރުސަތަކީ ފުޓްބޯޅައަކީ "މުޅި ދުނިޔޭގެ ކުޅިވަރަކަށް" ހެދުމަށް ކުރާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
މި ފަންޑުން ލޯނު ދޫކުރަނީ އާ ސްޓޭޑިއަމް އިމާރާތް ކުރުމަށާއި އިމާރާތްކޮށްފައިވާ ސްޓޭޑިއަމްތައް މާރާމަތުކޮށް އާ ކުރުމަށެވެ.
"ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުން އަދި އަލަށް އިމާރާތް ކުރުމަކީ ވަރަށް ވަރަށް މުހިންމު ކަމެއް. މި ފުރުސަތުގައި އަހަރެން ބޭނުން ސައުދީގެ ޑިވެލޮޕްމެންޓް ފަންޑަށާއި ސީއީއޯ އަށް ޝުކުރުއަދާކުރަން މި އެއްބަސްވުން ހެދުނު ކަމަށްޓަކައި،" އިންފަންޓީނޯ ވިދާޅުވި އެވެ.
ސައުދީ ފަންޑްގެ ސީއީއޯ ސުލްޠާން ބިން އަބްދުއްރަހްމާން އަލް މުރްޝިދީ ވިދާޅުވީ ސައުދީ ފަންޑުން އެހީތެރިން ފޯރުކޮށްދޭނީ ހަމައެކަނި ފުޓްބޯޅައިގެ އުމްރާނީ ތަރައްގީ އަށް އެކަނި ނޫން ކަމަށެވެ. ފީފާގެ ޓެކްނިކަލް މަސައްކަތްތަކަށް ވެސް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އަބްދުއްރަހްމާން އަލް މުރްޝިދީ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ސްޕޮންސަރެއްގެ ގޮތުގައި ވެސް ސައުދީގެ ތެޔޮ ކުންފުނި އަރްމާކޯ އާ އެކު ފީފާއިން ވަނީ އެއްބަސްވުން ހަދާފަ އެވެ. ވޯލްޑް ކަޕް 2034 ގެ މުބާރާތް ބާއްވާނީ ސައުދީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސެންބެ
25 November 2025
ދެން އެހެންބުނީމާ ސްޓޭޑިޔަމް ހަދަން ދުއްވާގަންނާނީ ނޫން...ބޭނުމީ އަސާސީ ހިދުމަތް...ސާފު ބޯފެން...ނަރުދަމާ...ސިއްހީ ހިދުމަތް...ރަގަޅު ކާނާ..ކުއްކުރާ މީހުން އަދަބު ދިނުން...އަވަސް އަދުލު އިންސާފް...