ރައީސް ޑރ. މުހައްމަދު މުއިއްޒު ކުދިންތަކަކާ ސަލާމްކުރައްވަނީ: އަންހެނުން އަނިޔާއިން ރައްކާތެރިކުރަން ފަސްޖެހިގެންނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި.
25 ނޮވެމްބަރ 2025 - 11:05
އަންހެނުންނަށް ކުރާ އަނިޔާތަކުން އެ މީހުންނަށް ރައްކާތެރިކަން ހޯދައިދޭން ފަސްޖެހިގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅުވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާވެރިކަމުން ރައްކާތެރިކުރުމަށް ފަސްޖެހިގެން ނުވާނެ ކަމަށެވެ. ސަމާލަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެންމެންގެ ދިރިއުޅުމާ ޓެކްނޮލޮޖީ ގުޅިލާމެހިފައިވާ މި ޒަމާނުގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފުރައްސާރަ އާއި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
އެހެންވެ، އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީ ގައުމުގެ ކުރިއަށް ގެންދަން އެންމެން އެކީ މަސައްކަތްކޮށްގެން އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، އެ ކުދިން ކުރިއަށް ގެންދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
On this International Day for the Elimination of Violence Against Women, we reaffirm our unwavering commitment to protecting every woman and girl from all forms of violence. It is our responsibility to build a society where safety and security are guaranteed for all.
— Dr Mohamed Muizzu (@MMuizzu) November 25, 2025
As our…
މި ދުވަހާ ގުޅިގެން އދ. އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވެ އެވެ. އަދި އަންހެނަކަށް ވީތީ މަރާ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުން ދަށްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާފައިވާ އަންހެނުންގެ 60 ޕަސެންޓަކީ ބައިވެރިޔާ، ބައްޕަ، ބޮޑުބޭބޭ، މަންމަ އަދި ބޭބެ ފަދަ ގާތް މީހުންގެ ސަބަބުން މަރުވި މީހުންނެވެ. އަދި މަރާލި ފިރިހެނުންގެ ތެރެއިން 11 ޕަސެންޓަކީ ގާތް މީހުންގެ އަނިޔާތަކުގައި މަރާލި މީހުން ކަމަށް ބުނެފައިވެ އެވެ.
މިއީ 117 ގައުމަކުން އެއްކޮށްފައިވާ މައުލޫމާތަށް ބިނާކޮށް ދީފައިވާ ނަންބަރެކެވެ. އެއީ ކޮންމެ ދުވަހަކު 137 އަންހެނުން ނުވަތަ ގާތްގަނޑަކަށް ކޮންމެ 10 މިނެޓަކުން އަންހެނަކު މަރާލުންކަމަށް އެ ރިޕޯޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޗް އެމް
25 November 2025
އަނިޔާ ދެވޭ ކިތައްމެ ގޮތެއް އޮވޭ. ބައެއްގެ ހައްގެއް އުނިވާގޮތަށް ނިންމާ ނިންމުން ތަކަކީވެސް އަނިޔާއެއް. މިބާވަތުގެ ކަމެއް ދިމާވެ ކަޅުހެދުމުގަ ބަޔަކު އުޅޭތީވެސް އަޑު އިވުުން.
ޒައީމާ
25 November 2025
ކޮންމެ ވާހާކައަކަށް ވެސް ތަނަކާއި ވަގުތެއް އޮވޭ
ރިޔާޒު އީސާ
25 November 2025
މިފަދަ ލިޔުންތަކުގައި ރާއްޖެއިން ބޭރުގެ ނޫނީ މުޅި ދުނިޔޭގެ އަދަދުތައް ހިމަނާފައި ރާއްޖޭގެ ވާހަކަ ނުދައްކާތީ ދެރަ. ދިވެހިންނަށް އަބަދުވެސް ހީވަނީ އަންހެނުންނަށް ކުރާ އަނިޔާ އަކީ ދުނިޔޭގެ އެހެން ތަންތަނުގެ މީހުންނަށް ކުރިމަތިވާ ކަމެއް ކަމަށް. މި ކުޑަ ކުޑަ ރާއްޖޭގައި އެކަނިވެސް 500 އެއްހާ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަ އަހަރަކު ރިޕޯޓު ކުރޭ. މިވާހަކަތައް ގެންނަން ރަނގަޅު.
ވިސްނާއ
25 November 2025
ފިރިހެނުންނަށް ލިބޭ އަނިޔާގެ ވާހަކަ ޚުދު އެމީހާ ވެސް ނުދައްކާ... ސިކުނޑި ތެރޭގައި ހުރެހިރެ ހިތުގެ ކެކުކުޅުންތައް އެތެރެއަށް ހިނދހިނދި އެންމެ ފަހުން މެންޓަރލީ ވަނީ. ދެން ކަމެއްވާއިރަށް ރުޅިގަދަވެ އަތުން ފައިން ގޯސް ހެދޭތަން އަންނަނީ. ދައުލަތުން ވެސް ކޮމިއުނިޓީން ވެސް މިކަންކަމަށް އެބަ ސަމާލުކަން ދޭންޖެހޭ. ބަލިކަށި ބަފަޔަކު ގެންގުޅޭ ޢާއިލާގައި ހުންނާނީ މުޅިން ވެސް ނަފްސާނީ ކަންކަން.
ޠަން
25 November 2025
ފިރިހެނުންގެ ނަފްސާނީ ބަލިތަކުގެ ވާހަކަ ފިރިހެނުންގެ ދުވަހު ދެއްކިންތޯ. ނޫނީ އެވާކަކަ ދެއްކެނީ ގެވެށި އަނިޔާގެ ވާހާކަ މީހަކު ދައްކާއިރަށް ވާހަކައިގެ ފޯކަސް ގެއްލުވާލަންތޯ؟
އަނިޔާކުރެވެނީތަ ނޫނީ އަނިޔާ ކުރަނީތަ؟
25 November 2025
ޢަނިޔާ ކުރާ މީހުން އަނިޔާކުރަނީ ސްޓްރެސްގެ ސަބަބުންނެއް ނޫން، އެހެންނޫނީ އަނިޔާ ކުރާނީ ހަމައެކަނި ކުދިންނާއި ގޭގަ އުޅޭ އަންހެނުންނަކަށް ނޫން. ޢޮފީސް މީހުންނާ ރައްޓެހިން ގާތު ރުޅިއާއި ސްޓްރެސް ކޮންޓްރޯލްކޮށް އަނިޔާ ނުކޮށް ހުންނަހެން ގޭގައި އުޅޭ އަންހެނުންނާއި ކުދިންނަށްވެސް އަނިޔާ ނުކޮށް ހުރެވޭނެ