އީމާންކަން ފުރިހަމަކުރަން ބޭނުން ނަމަ ނުވަތަ ނަފްސުގައި ޝައްކު ބަލި އުފެދި ދިރިއުޅުމުގެ ހަޔާތަކީ ކަޅު އަނދިރި ޖަންގައްޔެއް ކަމުގައި ދެކެން ބޭނުން ނުވާ ނަމަ މާޔޫސްވުމުން ދުރުހެލިވާން ޖެހޭ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
29 ނޮވެމްބަރ 2025 - 10:32
އިންސާނާގެ ދިރިއުޅުން ބާއްޖަވެރި ކުރަން ބޭނުން ނަމަ ދިރިއުޅުމުގައި ހަމަޖެހުމާއި އަމާންކަން ލިބެން ޖެހެ އެވެ. މިކަމަށްޓަކައި ބޭނުންވާ އެއް ކަމަކީ އުންމީދެވެ. ސަބަބަކީ އުންމީދަކީ އިންސާނާގެ ކިބައިން ކަންނެތްކަން ފިލުވާލައި ހީވާގިކަމާ އެކު، މަސައްކަތް ކުރަން ބާރު ލިބޭ ކަމެކެވެ. އަދި އެއީ ނާކާމިޔާބުވުމުގެ ފިކުރުތައް ސިކުނޑިން ދުރުކޮށް ނަފުސަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.
މިކަން މިހެން އޮތް ނަމަވެސް ބައެއް މީހުން ދިރިއުޅުމުގައި މާޔޫސްވެ، މާޔޫސްކަމުގެ އިހުސާސްތަކުން ދުރުވާން އުނދަގޫވެ އެވެ. މިފަދަ މީހުންނަށް އޮތް އެންމެ ރަގަނޅު ފަރުވާއަކީ އީމާންކަމެވެ. ސަބަބަކީ އީމާންކަމަކީ މާޔޫސްކަން ދުރުކޮށްދީ، އުއްމީދު އުފަންކޮށް އާލާކުރުވާ ކަމަކަށް ވުމެވެ.
މާޔޫސްވުމަކީ އިސްލާމްދީން އެ ކަމަށް ނަފުރަތު ކުރާ ކަމެކެވެ. ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި މާތްﷲގެ ރަހުމަތާ މެދު މާޔޫސް ވަނީ މަގު ގެއްލިފައިވާ މީހުންނެވެ (އަލްޙިޖުރު 56). އަދި ﷲގެ ރަހުމަތުން އުންމީދު ކަނޑާލާ މީހުންނަކީ ކާފިރުވީ މީހުންނެވެ (ޔޫސުފް 87).
ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ ބޮޑެތި މުސީބާތްތަކުގެ ވަގުތުތަކުގައި މާޔޫސްވާ މީހުންގެ އެ އަމަލު ކީރިތި ޤުރުއާނުގައި ކުށްވެރި ކުރެ އެވެ. ވީމާ އީމާންކަން ފުރިހަމަކުރަން ބޭނުން ނަމަ އަދި ތެދުމަގުގައި ހުންނަން ބޭނުން ނަމަ ނުވަތަ ނަފްސުގައި ޝައްކު ބަލި އުފެދި ދިރިއުޅުމުގެ ހަޔާތަކީ ކަޅު އަނދިރި ޖަންގައްޔެއް ކަމުގައި ދެކެން ބޭނުން ނުވާ ނަމަ މާޔޫސްވުމުން ދުރުހެލިވާން ޖެހެ އެވެ. ކުށްކުރުމުގައި އިސްރާފުގެ ދަރަޖަ އަށް ދިޔަޔަސް މާޔޫސް ނުވާން އަންގަވާފައި ވެ އެވެ (އައްޒުމަރު 53).
މާޔޫސްވުމަކީ އީމާންކަން ނިގުޅައިގަންނަ ކަމެއް ކަމުގައިވާ އިރު އަނެއްކޮޅުން އީމާންކަމަކީ އުންމީދު އުފަންކޮށް އާލާކުރުވާ ކަމެކެވެ. ސަބަބަކީ އީމާންވާ މީހަކު ގަބޫލުކުރާ ގޮތުގައި މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ތަދުބީރު ކުރައްވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތްﷲ އެވެ. އެކަލާނގެ އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެވޮޑިގެން ނުވެ އެވެ. އެކަލާނގެ ރަހުމަތަކީ އޭގެ މިންވަރެއް ނެތް ރަހުމަތެކެވެ.
ދަތިހާލުގައި ޖެހިފައިވާ މީހުންގެ ދައުވަތް އިޖާބަ ކުރައްވައި ނުބައި ކަންކަމުން އިންސާނާ މިންޖު ކުރައްވަނީ އެކަލާނގެ އެވެ. އެއީ ފާފަ ފުއްސަވައި ތައުބާ ގަބޫލު ކުރައްވާ ކަލާނގެ އެވެ. އެއްޗެއް ގެއްލިފައިވާ މީހަކަށް އެ އެތި ފެނުމުން ލިބޭ އުފަލަށް ވުރެ ކުށް ކުރާ މީހަކު ތައުބާވުމުން އެކަލާނގެ އުފާވެ ވޮޑިގަންނަވާ މިންވަރު ބޮޑުކަން ނަބިއްޔާ ބަޔާން ކުރައްވާފައި ވެ އެވެ (ބުޚާރީ އާއި މުސްލިމް).
ހެޔޮކަމަކަށް ދިހައަކުން ފެށިގެން ހަތްސަތޭކަ ގުނައާ ހަމައަށް އެކަލާނގެ ޖަޒާ ދެއްވަ އެވެ. އެކަމަކު ނުބައި ކަމަކަށް އެ ކަމެއްގެ މިންވަރުން މެނުވީ ޖަޒާ ނުދެއްވަ އެވެ (އަލްއަންޢާމު 160 އަދި އަލްބަޤަރާ 261). އަދި ކިއެއްތަ އެއްގޮތަކަށް ވެސް ޖަޒާ ނުދެއްވައި އަފޫ ކުރައްވަ އެވެ. އިންސާނާ އެކަލާނގެއާ ގާތްވާން މަސައްކަތް ކުރާ ނަމަ އިންސާނާ ގާތްވާ މިންވަރަށް ވުރެ ބޮޑަށް އެކަލާނގެ އިންސާނާއާ ކުއްތަންވެ ވޮޑިގަންނަވަ އެވެ.
މި ހުރިހާ ކަމެއް މިހެން އޮތް ނަމަވެސް އެކަލާނގެއީ މީސްތަކުންގެ މެދުގައި ދުވަސްތައް ބަދަލު ކުރައްވަމުން ގެންދަވާ ކަލާނގެ އެވެ. މިގޮތުން ބިރުވެރި ކަމަށް ފަހު އަމާންކަން މެދުވެރި ކުރައްވަ އެވެ. ނިކަމެތި ކަމަށް ފަހު ބާރުވެރި ކުރައްވަ އެވެ. ދަތިކަމަށް ފަހު ފަސޭހަކުރައްވަ އެވެ. ކަންބޮޑުވުމަށް ފަހު ހިތްހަމަޖެހުން މެދުވެރި ކުރައްވަ އެވެ. މުސީބާތަށް ފަހު އަމާންކަން ދެއްވަ އެވެ. މިއީ ކައުނުގައިވާ އިލާހީ ގާނޫނެވެ. ނުވަތަ ސުންނަތެވެ. އެއީ އިންސާނުން މިދުނިޔޭގައި އަދާކުރަން ޖެހޭ ދައުރު އަދާކުރާ މިންވަރު އިމްތިހާނު ކުރުމަށްޓަކަ އެވެ.
މި ހަގީގަތްތައް ދަންނަ މުއުމިނަކު ދިރިއުޅޭނީ އަބަދުވެސް އުންމީދާ އެކު އެވެ. ހަޔާތާ ކުރިމަތިލާނީ ހިނިތުން ވެފައިވާ މޫނަކައިގެންނެވެ. ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކަށް ކުރިމަތިލާނީ ކެތްތެރިކަމާ އެކު އެވެ.
މިފަދަ މީހަކު ﷲގެ މަގުގައި ޖިހާދު ކުރާނީ ނަސްރު ލިބޭނެ ކަމުގެ އުއްމީދާ އެކު އެވެ. އެހެނީ ގަދަވާނެ ބަޔަކީ މާތްﷲ ގެ ލަޝްކަރުގެ މީހުން ކަން އޭނާ ގަބޫލު ކުރާތީ އެވެ. ބަލިވެއްޖެ ނަމަ ފަރުވާ ކުރާނީ އާފިޔަތު ލިބޭނެ ކަމުގެ އުއްމީދު އޮވެގެންނެވެ. އެހެނީ ބަލިވާ ހިނދު ޝިފާ ދެއްވާ ފަރާތަކީ ﷲ ކަން އޭނާއަށް ކަށަވަރު ވާތީ އެވެ.
ކުށެއް ކުރެއްވިއްޖެ ނަމަ ﷲ އަށް ރުޖޫއަވެ ތައުބާވާނީ ތައުބާ ގަބޫލު ކުރެވި ފާފަފުއްސެވުމަށް އުއްމީދު ކުރާ ހާލު އެވެ. ސަބަބަކީ ކުށް ކުރުމުގައި އިސްރާފުގެ ދަރަޖަ އަށް ދިޔަސް ﷲގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމާއި ﷲ އީ ހުރިހާ ފާފައެއް ފުއްސަވާ އޯގާވަންތަ ރަސްކަލާނގެކަން އޭނާ އަށް ޔަގީން ވާތީ އެވެ (އައްޒުމަރު 53).
ރޯދަމަހެއްގެ ހަތާވީސް ވިލޭރޭ މީހަކު ދަމުނަމާދު ކުރިން މިސްކިތުގައި އަޅުކަން ކުރަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިފަދަ މީހަކު ދިރިއުޅުމުގައި ދަތިކަމަކާ ކުރިމަތިލައިފި ނަމަ ފަސޭހަކަން އަދި އަންނާނެ ކަމާ މެދު ޝައްކެއް ނުކުރާނެ އެވެ. އެހެނީ އުނދަގޫ ކަމާ އެކު ފަސޭހަކަން ވާނެ ކަން އޭނާ އަށް ކަށަވަރުވާތީ އެވެ (އައްޝަރްޙު 5-6).
މުސީބާތެއް ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެ ނަމަ އޭނާގެ އުންމީދަކަށް ވާނީ އޭގެ ސަބަބުން ހެޔޮ ދަރުމައެއް ލިބުން ނުވަތަ އޭގެ ފަހުގައި އެ އަށް ވުރެ ހެޔޮ އެހެން ގޮތެއް ވުމެވެ. އެހެނީ މުސީބާތެއް ކުރިމަތިވާ ހިނދު "ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ އެކަލާނގެ ހަޟްރަތަށް އެނބުރިދާނޭ ބައެކޭ" ބުނާ މީހުންނަށް ﷲގެ ހަޟްރަތުން ފާފަފުއްސެވުމާއި ރަހުމަތް ލިބޭނެ ކަމާއި އަދި ތެދުމަގު ލިބިގެންވާ ބަޔަކީ އެފަދަ މީހުންކަން އޭނާއަށް ޔަގީން ވާތީ އެވެ (އަލްބަޤަރާ 156).
މީހަކާ ނުވަތަ ބަޔަކާ މެދު ނުރުހުންވެ ދެކޮޅުވެރި ވެއްޖެ ނަމަ އެ ދެމެދު ސުލްހަވާނެ ކަމުގެ އުންމީދު އޭނާ ކުރާނެ އެވެ. އެހެނީ ހިތްތައް ބަދަލު ކުރައްވައި އަދާވާތްތެރިކަން ލޯތްބަށް ހައްދަވާ ކަލާނގެއަކީ ﷲ ކަން އޭނާއަށް ޝައްކެއް ނެތި އެނގޭތީ އެވެ. އަދި މިފަދަ މީހަކަށް އަނިޔާއެއް ލިބޭ ނަމަ ނުވަތަ ހައްގުގެ މައްޗަށް ބާތިލު ގަދަވެފައިވާ ނަމަ މިކަމުން ވެސް މިންޖުވެ، ހައްގަށް ނަސްރު ލިބޭނެ ކަމުގެ އުންމީދު އޮންނާނެ އެވެ. އެހެނީ ބާތިލުގެ މައްޗަށް މާތްﷲ ހައްގު ފޮނުއްވައި އެ ބާތިލު ހަލާކުކޮށް، ނައްތާލާ ކަމާއި ފޮނު ނުވަތަ ދަގުއި ފަދައިން ބާތިލު ވެސް ނެތިގެންދާނެކަން އޭނާ ދަންނާތީ އެވެ (އަލްބަޤަރާ 267).
މުސްކުޅިވެ ގައިބާރު ނެތި އިސްތަށިތައް ނުރައަށް ވިއަސް ދެން އޮތް ހަޔާތުގައި މުސްކުޅިވުމެއް ނެތް ޒުވާން ކަމުގައި ދެމިހުރުމުގެ އުއްމީދު ކުރާނެ އެވެ. އެހެނީ ނިއުމަތްތަކުން ފުރިގެންވާ އަރާމާއި އުފަލުގައި އަބަދަށް ދެމި ތިބެވޭނެ ސުވަރުގެތައް ވާކަމުގެ ވައުދު މާތް ﷲ ކުރައްވާފައިވާ ކަމާއި އެކަލާނގެ ވައުދަކީ ޝައްކެއް ނެތް ކަމެއްކަން އޭނާ އަށް ޔަގީންވާތީ އެވެ.
އެހެންކަމުން ދިރއުޅުމުގެ އިމްތިހާނުތަކުގައި ކުރިން މިފާހަގަ ކުރި ގޮތަށް ގަބޫލުކުރުންތައް ދަމަހައްޓާ މީހާ އަށް ދަތިކަމެއް މެދުވެރިވިއަސް އެ އިން ސަލާމަތްވާން ﷲ ގެ ހަޒްރަތުން އުންމީދާ އެކު އެދޭނެ އެވެ. ހާސްކަމާއި ކަންބޮޑުވުމެއް ދިމާވިއަސް ކެތްތެރިކަމާއި ރުހުން މިންވަރު ކުރެއްވުމަށް އުންމީދާ އެކު އެދޭނެ އެވެ. ދަރިން ނުލިބޭ ގޮތް މެދުވެރިވިއަސް އެ ކަމުން ސަލާމަތް ވާން އެދި އިބްރާހީމްގެފާނާއި ޒަކަރިއްޔާގެފާނު ފަދައިން ވަރުގަދަ އުންމީދުގެ މަތީ ހުރެ ދުއާ ކުރާނެ އެވެ.
ތިމާ ލޯބިވާ މީހަކު ނުވަތަ އެއްޗެއް ގެއްލިގެން ދިޔަސް އެނބުރި އެ ލިބޭނެ ކަމުގެ އުންމީދުގައި ޔައުޤޫބުގެފާނު ފަދައިން ދުއާ ކުރާނެ އެވެ. ކުރެވުނު ކުށެއްގެ ސަބަބުން މުސީބާތަކާ ކުރިމަތިވިއަސް ޔޫނުސްގެފާނު ފަދައިން އުއްމީދާ އެކު ﷲ އަށް ތަސްބީހަ ކިޔައި އިސްތިޣުފާރު ކުރާނެ އެވެ. އަދުއްވުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުގައި އުދަރެސްތައް އެކީ ބެދުނަސް މޫސާގެފާނު ވިދާޅުވި ފަދައިން އަދި އޭގެ ފަހުން ކީރިތި ރަސޫލާ ﷺ ވިދާޅުވި ފަދައިން އުއްމީދާ އެކު އޭނާ ވެސް ބުނާނީ ތިމަންނާއާ އެކު ﷲ ވޮޑިގެންވާ ކަމަށެވެ.
މިފަދަ ހުރިހާ ހާލަތްތަކެއްގައި މިފަދައިން އުންމީދުތައް އާލާވެގެން މިދަނީ އީމާންތެރިކަމުގެ ސަބަބުންނެވެ. މި އުންމީދު އޮންނަހާ ހިނދަކު ގަދައަޅައި މަސައްކަތް ކުރާނެ އެވެ. އަދި ނަފުސަށް ހަމަޖެހުން ލިބޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ހަޔާތް ބާއްޖަވެރިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަންބު
29 November 2025
މިއީ ދިވެހިންނަށް ވަރަށް ބޮޑަށް އޮޅިފަ އޮންނަ ކަމެއް. އެމީހުންނާ ދިމާލަށް ވަރަށް ގިނައިން ބުނާނެ އީމާންތެރިކަން ނެތިގެން ވާ ކަމެކޭތީ. އެހެން ބުނެ އެމީހުންނަށް އަސްލުބޭނުންވާ އެހީއާއި އަލާޅުން ނުދީ ހުއްޓާ އެމީހާ މެންޓަލީ ހަލާކު ވަނީ. އީމާންތެރިކަމަކީވެސް އެކަމަށް އެހީވާ ކަމެއް އެކަމަކު ހަމަ އެކަނި އެއީ އީމާންތެރިކަން ދައްވެގެން ވާ ކަމެއްނޫން.
ދަލޭކަ ދައިތަ
29 November 2025
ރަނގަޅު ވާހަކައެއް. އެންމެންގެ އީމާންތެރިކަން އެއްވަރެއްނުވާނެ. އީމާންތެރިކަން ދަށްވެސް ވާނެ. އިންސާނުންނަށްވީތީވެ އަބަދު އެއްވަރެއްގައިވެސް އީމާންތެރިކަމެއް ނުހުއްނާނެ. ހުރިހާގޮތަކުން ވެސް އެކި މީހުން ތަފާތުވާނެ، މީހުންނާ ދިމާލަށް އެއްވެސް ނުރަގަނޅު އެއްޗެކޭ ބުނެވޭވަރުގެ ފުރިހަމަ އެހެން އިންސާނެއް ނުހުންނާނެ. އެބުނާ މީހާއާ އަކީ އެވަރު މީހެއްނަމަ ނުބުނީސް. މުޅިންވެސް އޮތީ "ބަލިކަށި ކަމަކުން" އެމީހަކު ޓެސްޓްކުރުންކަން ދަންނަންވީ.