އެންޒޯ އެރި ވަގުތު އޭނާގެ މަންމަ އާއި ބައްޕަ ފޯނު ނަގައިގެން އެ މަންޒަރު ވީޑިއޯ ކުރަނީ.--
29 ނޮވެމްބަރ 2025 - 15:22
ރެއާލް މެޑްރިޑާއި ބްރެޒިލްގެ ކުރީގެ ވާތުބެކް، މާސެލޯގެ ދަރިފުޅު އެންޒޯ އަލްވެސް ޔޫއެފާ ޔޫތު ލީގުގައި ފުރަތަމަ ފަހަރަށް ކުޅެން އެރި ވަގުތު މާސެލޯގެ ދެމަފިރިންނަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެ އެވެ.
އުމުރުން 19 އަހަރުން ދަށުގެ މި މުބާރާތުގައި 16 އަހަރުގައި އެންޒޯ ކުޅެން ނުކުތީ މިދިޔަ ހަފުތާގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު މެޗުގެ 79 ވަނަ މިނިޓުގަ އެވެ.
އެންޒޯ ކުލެން އެރީ މެޗުގެ 79 ވަނަ މިނިޓުގަ.--
އެ މެޗުން ރެއާލް މޮޅުވީ 2-0 އިންނެވެ. އަދި ލީގު ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ރެއާލް އޮތީ އެއްވަނައިގަ އެވެ.
އުންމީދީ ފޯވާޑް ކުލެން އެރި ވަގުތު މާސެލޯ އާއި އޭނާގެ އަންހެނުން، ބްރެޒިލްގެ ފިލްމީ ތަރި ކްލެރީސް އަލްވޭސް ވެސް ފޯނު ނަގައިގެން މި ތާރީހީ ވަގުތުކޮޅު ދެ މީހުންގެ ފޯނުން ވީޑިއޯ ކުރަން ތިބި މަންޒަރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.
އުމުރުން 16 އަހަރުގެ އެންޒޯ އަންނަނީ ސްޕެއިންގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅެމުން.--
މާސެލޯ ވަނީ ރެއާލް މެޑްރިޑް ދޫކޮށްލުމަށް ފަހު، ފަސް މަސް ދުވަހަށް އޮލިމްޕިއާކޯސް އަށް ކުޅެފަ އެވެ. އެ އޭގެ ފަހުން، ދެ އަހަރު ވަންދެން ބްރެޒިލްގެ ފްލުމިނެންސޭ އަށް ކުޅުނެވެ. މާސެލޯ ރިޓަޔާ ކުރިކަން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީގަ އެވެ.
އެންޒޯ ވަނީ މިދިޔަ މާޗު މަހު ރެއާލް މެޑްރިޑްގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެން ފަށައިފަ އެވެ. އޭނާ އެރި ފުރަތަމަ މެޗުގައި ވެސް ވަނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބެކް ހީލް އެސިސްޓަކުން ޓީމު 1-0 އިން މޮޅުކޮށް ދޭން އެހީވެފަ އެވެ. މިދިޔަ އަހަރު ކުޅުން ހުއްޓާލި މާސެލޯ ވަނީ އެ މެޗުގައި ވެސް އޭނާ އެސިސްޓް ކުރި ވަގުތު ސަޕޯޓަރުންނާ އެކު ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ.
⭐ El debut soñado de Enzo Alves con el juvenil del Real Madrid: asistencia antológica... ¡para resolver el derbi ante el Atleti y casi el campeonato!
— MARCA (@marca) March 30, 2025
💥 Y ojo a la reacción de su padre: Marcelo no se lo podía creer...
📹 @jdelriomuradas pic.twitter.com/e9mdYOyH8k
އެންޒޯ، ރެއާލްގެ 19 އަހަރުން ދަށުގެ ޓީމަށް ފުރަތަމަ ކުޅުނު މެޗުގެތެރެއިން.--
ރެއާލްގެ އެކަޑަމީގައި 2017 އިން ފެށިގެން ތަމްރީނު ވަމުން އަންނަ އެންޒޯ ވަނީ ޑިސެމްބަރު 2022 ގައި ރެއާލާ އެކު، ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ވެސް ސޮއި ކޮށްފަ އެވެ.
އެއާ އެކު، ސްޕެއިން ގައުމީ ޓީމަށް ކުޅެން ނިންމައި، ސްޕެއިންގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނެވެ. އަދި މިހާރު އޭނާ އަންނަނީ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުންނެވެ.
ރެއާލްގެ އެކަޑަމީއާ ގުޅުމަށް ފަހު، ފުރަތަމަ މެޗުގައި ވެސް އެންޒޯ ވަނީ ހެޓްރިކެއް ހަދައި މީޑިއާގެ ސަމާލުކަން ހޯދައިފަ އެވެ. އަދި ރެއާލާ އެކު ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ހަދައި، ޖެނުއަރީ 2023 ގައި އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް 20 މިނިޓު ތެރޭ ހެޓްރިކެއް ހަދައިފަ އެވެ.
ރެއާލްގެ ޔޫތު ޓީމުތަކަށް އެންޒޯ ކުޅެދިން ފުރަތަމަ 100 މެޗުގައި ޖުމްލަ 105 ގޯލު ޖެހި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy