ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ޑިސަނަޔަކެ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
30 ނޮވެމްބަރ 2025 - 16:20
ތޫފާން ދީތުވާގެ ސަބަބުން ފެންބޮޑުވެ، ބޮޑެތި ގެއްލުން ލިބިފައިވާ ސްރީ ލަންކާ އަށް ރާއްޖޭގެ އެންމެ މުއްސަނދި އެއް ކުންފުނި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 10،001 ޑޮލަރު މިއަދު ހަދިޔާކޮށްފި އެވެ.
ކްރައުންޑް އެންޑް ޗަމްޕާ ރިސޯޓުން ލަންކާ އަށް ފައިސާގެ އެހީ ދިނީ އެ ގައުމަށް އެހީވާން ޕީއެސްއެމުން އިސްނަގައިގެން ބައެއް އަމިއްލަ މީޑިއާތަކާ ގުޅިގެން މިއަދު ހެނދުނު ފެށި ޓެލެތޯން މެދުވެރިކޮށެވެ.
މިއަދުގެ މެންދުރާ ހަމައަަށް މި ޓެލެތޯންގައި އެންމެ ގިނައިން ޑޮލަރު ހަދިޔާކުރީ ވެސް ޗަމްޕާ ރިސޯޓްސް އިންނެވެ.
އެނގިފައިވާ ގޮތުގައި ކްރައުންޑް އެންޑް ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންގެ 25 ޕަސެންޓަކީ ލަންކާ މީހުންނެވެ.
ތޫފާން ދީތުވާ ސްރީ ލަންކާގެ އިރުމަތީ އައްސޭރި އަށް އެރުމުގެ ސަބަބުން، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ލަންކާ އަށް ރާއްޖެ އިން އެެހީވާން ކުރިއަށް ގެންދާ ޓެލެތޯން އަށް މިއަދުގެ މެންދުރާ ހަމައަށް 1.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކުން ވަނީ ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ހަދިޔާކުރި 300،000ރ. ވެސް ހިމެނެ އެވެ.
ޓެލެތޯން މެދުވެރިކޮށް ލިބުނު ފައިސާގެ ބޮޑު ބަޔަކީ އެ ހަރަކާތް ފެށިތާ ފަސް ގަޑިއިރުގެ ތެރޭގައި ލިބުނު ފައިސާ އެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓައިފަ އެވެ.
ޕީއެސްއެެމްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ފަންޑު ފޮށިތައް ގުނަން ފަށާނީ މިރޭ ދަންވަރު 12 ޖެހުމުން ކަމަށެވެ. ނަމަވެސް ދަންވަރު އެކެއް ޖެހުމާ ހަމައަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 ނަމްބަރު އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.
މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިރޭ މެންދަމު 1:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން ހަސީނާ
30 November 2025
ހާދަ މަދުން ތިޔަ ދެއްވީ!!
އައްބެ
01 December 2025
އެމީހަކަށް އެނގޭނީ އެމީހަކު ހޭދަކުރާނެގޮތެއް. ބައެއް މީހުންނަކީ އެތައްބަޔަކަށް ސިއްރާއި ފާޅުގައި އެހީވާމީހުން. ދިވެހިން އެހީވާންޖެހޭ މުސްލިމު އެތައް ޤައުމެއް އެބަހުރި. އިންޑޮނޭޝިއާ މެލޭޝިޔާއަށް ވެސް ވިއްސާރާގައި ބޮޑެތި ގެއްލުންތައް ވަމުންދަނީ