ރަސްމީ ދަތުރުފުޅެއްގައި ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިދިޔަ ޖުލައި މަހު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުން: ތޫފާނުގައި ލިބުނު ގެއްލުމުން އަރައިގަތުމަށް ރާއްޖެއިން އެހީވުމުން ޑިސަނަޔަކެ ވަނީ ޝުކުރު އަދާކުރައްވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ޑިސެމްބަރ 2025 - 21:11
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިންގެ ފަރާތުން ދިން އެހީތެރިކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ޑިސަނަޔަކެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ހިތްހެޔޮ މެސެޖާއި ރާއްޖެއިން ލަންކާއަށް ދިން އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
I am grateful to President @MMuizzu for his kind message and for the generous support extended by the Maldives to Sri Lanka. The solidarity demonstrated by our neighbour has been deeply reassuring to our people and reflects the strength of our longstanding relationship.
— Anura Kumara Dissanayake (@anuradisanayake) December 3, 2025
ރާއްޖެއިން ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ލަންކާގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި މިއީ ދެ ގައުމުގެ ގާތް ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ޑިސަނަޔަކެ ވިދާޅުވި އެވެ.
ލަންކާ އަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) ހަދިޔާކުރި އިރު، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.
ލަންކާއަށް ދޭ 25،000 މަސްދަޅު ކޭސް 14 ކޮންޓެއިނަރަށް ބަރުކޮށްގެން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު ގަލޭނާ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދިއުމަށް ރޭ ދަންވަރު މާލެއިން ވަނީ ފުރައިފަ އެވެ. މާދަމާ ހެނދުނު 11:00 ޖަހާއިރު އެ ބޯޓު ކޮލަމްބޯގައި ބަނދަރުކުރާނެ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވާން ދިވެހިން ނަމޫނާ ދައްކަމުން އަންނަ މި ދަނޑިވަޅުގައި ރާއްޖޭގެ މަޝްހޫރު ބައެއް ވިިޔަފާރި ކުންފުނިތަކުން ވެސް ވަނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީ މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާ ދީފަ އެވެ. އަދިވެސް ފައިސާ ހޯދުމުގެ އިތުރު ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ
04 December 2025
ދެން 1،500 ޑޮލަރު މާރު ކޮށްފަ އެ ފައިސާ އަށްވާ ބޭންކު ބެލެންސް ދައްކަން ނުޖެހޭ ގޮތް ކަނޑާލަ ދެއްވާ! ބުލެކު މާރކެޓުން ޑޮލަރު މާރު ކޮށްފަ ބޭންކަށް ޖަމާ ކުރެވޭ ގޮތަށް އޮންނާތީ މިއީ ދެކޮޅު ވެސް ޖެހޭ ކަމެއް ނޫން! މިއީ ލަންކާ ގައި ތިބޭ ދިވެހިން ނަށް ބޮޑު ތަކުލީފެއް! ބޮޑު އުނދަގުލެއް!
ޑޮކްޓާރ. ބަނާނާ
03 December 2025
ސްރީލަންކާ އަކީ ކައިރި އެހެންގައުމު ތަކާއި ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމާއި ނުބެހި އަދި ދިވެހިންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ އެކުވެރި އެއް! މިއަދު ސްރީލަންކާ އަށް ދިމާވެފައިވާ ދަތި މިހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭ ގެ ރައްޔިތުން ނާއި އަދި ސަރުކާރުން ލަންކާ ރައްޔިތުންނަށް ދެއްވި ދީލަތި އެހީތެރިކަމަކީ މިސަރަހައްދުގެ އެހެން ގައުމުތަކަށް ރަގަޅު މިސާލަކަށް ފުދޭ! ස්තුතියි මාලදිවයිනේ.