ކުދި ގައުމުތަކުގެ ހައްގުގައި، މޫސުމީ އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި އެކުގައި އަޑުއުފުލަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ރައީސްގެ ޝަރަފުގައި ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ހާއްސަ ޖާފަތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކަކީ މި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެއީ ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާ ހަގީގަތެއް ކަމަށެވެ. 

"އަޅުގަނޑުމެންނަށް ހުރި ނުރައްކާތައް، އާ އީޖާދުތަކާއި ދުނިޔޭގެ ފެންވަރުގައި ކުރާ ވަކާލާތުތަކުގެ އެހީގައި ވަރުގަދަ ބާރަކަށް ބަދަލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ލަންކާއާ މެދު ދިވެހީންގެ ހިތުގައި އޮންނަނީ ނުހަނު ގާތްކަމެއް ކަމަށާއި އެއީ ހަމައެކަނި އަވައްޓެރި ގައުމެއް ނޫން ކަަމަށާއި މިއީ އެއް އާއިލާއެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ދަރިން ތައުލީމު ހާސިލުކުރި، އަޅުގަނޑުމެންގެ އާއިލާތަކާއި ރަހުމަތްތެރިން ފަރުވާ ހޯދި، އަދި އަޅުގަނޑުމެންގެ ހިތްތަކަށް އަބަދުވެސް އަމާންކަން ލިބިދިން މަންޒިލެއް،" ރައީސް ވިދާޅުވި އެވެ. 

ލަންކާގެ ރައީސް، ރައީސް މުއިއްޒުގެ ޝަރަފުގައި ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން --
ލަންކާގެ ރައީސް، ރައީސް މުއިއްޒުގެ ޝަރަފުގައި ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން --

ރައީސް ވިދާޅުވީ ދެ ގައުމުގެ އެކުވެރިކަމަކީ ޒަމާންތަކެއްގެ އިމްތިހާނުތަކުން ފާސްވެފައިވާ، ހަގީގީ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. ރާއްޖޭގެ ކުރިއެރުމާއި، މިއަދު މިދެކޭ ތަރައްގީ ވަރުގަދަކުރުމުގައި ލަންކާގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވަނީ ނުހަނު ފުން ޝުކުރުވެރިކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ލަންކާ އާއި ރާއްޖެ އެކުގައި މަސައްކަތްކޮށްގެން، އިންޑިއާ ކަނޑަކީ، އީޖާދީ ކުރިއެރުމާއި، ތަނަވަސްކަމާއި، އުންމީދުގެ މަރުކަޒަކަށް ހެދިދާނެ ކަމަށެވެ. ދެ ގައުމަށް ވެސް މި ކަނޑަކީ ހަމައެކަނި ބޯޑަރެއް ނޫން ކަމަށާއި އެއީ ގެއަށް ދާ މަގު ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެ ކަނޑުގެ ރާޅުތައް އަޅުގަނޑުމެންގެ ތާރީހުގެ ވާހަކަ ބުނެދޭ. އެއީ އަޅުގަނޑުމެންގެ އިގްތިސާދާއި ސަގާފަތުގެ މައިބަދަ. އަދި އެކުގައި އުޅުމުގެ މަތިވެރި ސިފަ ދަސްކޮށްދޭ މުދައްރިސެއް. އަދި އަޅުގަނޑުމެންގެ ދިރިއުޅުމާއި އާމްދަނީއާ ގުޅިފައިވާ ނާޒުކު ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ ވެސް އެ ކަނޑު އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އިންޑިއާ ކަނޑަކީ ހުރިހާ ފަރާތްތަކަށް އަމާން، ހަމަޖެހޭ، އަދި ފުރުސަތުތަކުން ފުރިގެންވާ ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ދެ ގައުމަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ ވެސް އެއްބައިވަންތަކަން ކަމަށެވެ. 

"ދެ ގައުމަކީ ވެސް ގޮންޖެހުންތަކާ ކުރިމަތިލުމުގައި ނަމޫނާ ދައްކާފައިވާ ދެ ގައުމު. ގުދުރަތީ ގޮތުންނާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވި އެތައް ހިތްދަތި ތަޖުރިބާތަކަކުން އަހަރެމެން އަރައިގަތީ ސާބިތުކަމާ އެކު. ދަތި އުނދަގޫ ހާލަތްތަކުން އަލުން އާރާސްތުވުމުގައި އަހަރެމެން ދަސްކުރި އެންމެ މުހިންމު ފިލާވަޅަކީ، ކުރިއެރުމަކީ ހަމައެކަނި ބިނާކުރާ އިމާރާތްތަކެއް ނޫން ކަމާއި، އެއީ އެކަކު އަނެކަކަށް ބަހައްޓާ އޯގާތެރިކަމާއި ހަމްދަރުދީ ކަން،" ރައީސް ވިދާޅުވި އެވެ.