ރައީސް މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު ސްރީ ލަންކާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ލަންކާގެ ނޫސްތަކުން ބުނީ ރައީސްގެ ދަތުރުފުޅަށް ތައްޔާރުވުމަށް ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އަދި އެ ގައުމުގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރާއި ބައްދަލުކުރައްވައި، ދެ ގައުމު ގުޅިގެން ފުޅާކުރެވިދާނެ އިންވެސްޓްމަންޓުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ، ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތައް، ސްރީ ލަންކާގެ ދަޅުމަހުގެ ސިނާއަތް އެއްކޮށްލައި، އާ އުފެއްދުންތައް ތައާރަފު ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައިފަ އެވެ.
ސްރީ ލަންކާގައި މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ދިވެހި ބާޒާރަށް އަމާޒު ކޮށްގެން ވެލިއު އެޑެޑް މަހުގެ އުފެއްދުންތައް އުފެއްދުމަށް ދެ ފަރާތުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ލަންކާގެ ޑެއިލީ މިރާގައި ވެ އެވެ.
ލަންކާގައި އުފައްދާފައިވާ ތަކެތިކަން އަންގައިދޭ ލޭބަލް ޖަހާފައިވާ ބައެއް ތަކެތި މިހާރު ރާއްޖެ އަށް އެކްސްޕޯޓް ކުރަނީ ދުބާއީ މަގުންނެވެ.
ރާއްޖޭގެ ސަފީރު މަސްއޫދު އިމާދާއި ލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރާގެ ބައްދަލުވުމުގައި، ދެ ގައުމު މެދުގައި އެކްސްޕޯޓް ހަރުދަނާ ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މިއީ، ލަންކާ އަށް ރައީސް މުއިއްޒު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަން ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކައަށް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ ވަޑައިގެންފަ އެވެ.