ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީލަންކާއަށް މިއަދު ވަޑައިގެންފި އެވެ. 

އެއީ ރައީސް ކަމާ ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސް މިއަދު ލަންކާއަށް ވަޑައިގަތަސް، އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ އެވެ. 

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅަކީ އަންނަ ބުދަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ. 

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ލަންކާގެ އިސްވެރިންނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ތައުލީމާއި ފަންނީ ތަމްރީނާއި އިގްތިސާދީ އެއްބާރުލުމާއި ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ ގޮތުން އެކުގައި މަސައްކަތް ކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

ރައީސް އޮފީހުން ބުނިގޮތުގައި އެ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުުމަށް ވެސް ހަމަޖެހިފައިވެ އެވެ. 

އެ ދަތުރުފުޅުގައި ރައީސް މުއިއްޒު، ރާއްޖެ-ސްރީލަންކާ ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެން، މެހެމާނުގައި ސޮއި ކުރައްވާ ފޮތުގައި ސޮއިކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެން، މެހެމާނުގައި ސޮއި ކުރައްވާ ފޮތުގައި ސޮއިކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. 

ޖުލައި، 2025 ގައި ސްރީލަންކާގެ ރައީސް ޑިސަނާޔަކެ ވެސް ވަނީ ރާއްޖެއަށް ވަޑައިގެންފަ އެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.