ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ރަޢީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނޫރަ ކުމާރާ ޑިސަނާޔަކެ އާއި ބޮޑުވަޒީރު ހަރިނީ އަމަރަސޫރިޔާއަށް ފޮނުވި ތަހުނިޔާގައި ރައީސް މުއިއްޒު ވިދާޅުވީ މިއަހަރު އެ ގައުމުގެ މިނިވަން ދުވަސް ދިމާވަނީ އެ ގައުމުގެ އިގްތިސާދާއި އިޖުތިމާއީ ހަމަޖެހުމާއި ގައުމުގެ ކުރިއެރުމުގައި އެ ގައުމުން ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

ރައީސް ވަނީ ދެ ގައުމުން ހިއްސާކުރާ ރަހުމަތްތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރި އާއި ތަރައްގީ އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން ފަދަ ކަންކަމުގައި ވެސް ގުޅުން ބަދަހިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސްގެ ތަހުނިޔާގައި ވަނީ އެ ގައުމުގެ ރައީސާއި ބޮޑުވަޒީރާއި ރައްޔިތުންނަށް ވެސް އަމާންކަމާއި ތަރައްގީ އާއި ފާގަތިކަމަށް އެދިވަޑައިގެންފަ އެވެ.

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެސް ވަނީ ދެ ގައުމުގެ އެތައް ގަރުނެއްވީ އެ ގުޅުމަކީ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 4 ވަނަ ދުވަހު އެ ގައުމުގެ މިނިވަން ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ 1948 ގައި އިނގިރޭސީ އިސްތިއުމާރުން މިނިވަންކަން ލިބުމުންނެވެ.

ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވިއިރު މިދިޔަ އަހަރު ލަންކާގެ ރައީސް ޑިސަނާޔަކަ ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ވެސް ކުރިއަށް ގެންދިޔަ އެވެ.