ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސްރީ ލަންކާ އިން ރަސްމީކޮށް މިއަދު ހޫނު މަރުހަބާ ދަންނަވައިފި އެވެ. 

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސަށް މަރުހަބާ ދަންނަވާފައި ވަނީ ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އެވެ. 

އެ ރަސްމިއްޔާތުގައި ވަނީ ރައީސް މުއިއްޒަށް 21 ބަޑީގެ ސަލާމެއް އަރުވައިފަ އެވެ. 

ރައީސްގެ ދެކަނބަލުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒަށް ލަންކާ އިން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒަށް ލަންކާ އިން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިއީ ރައީސް ކަމާ ހަވާލުވެވަޑައިގަތް ފަހުން އެ މަނިކުފާނު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ލަންކާގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް މިނިސްޓަރު ވިޖިތަ ހޭރަތު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. 

ރައީސް އޮފީހުން ބުނީ އެ ދެބޭފުޅުން ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެބޭފުޅުން ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން އެރުއްވި އެވެ. 

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ދަތުރުފުޅުގައި ތައުލީމާއި ފަންނީ ތަމްރީނާއި އިގްތިސާދީ އެއްބާރުލުމާއި ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ ގޮތުން އެކުގައި މަސައްކަތް ކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާނެ އެވެ.