މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުން: އަލްސަންގެ މައްޗަށް ވަނީ ދެ މަހުގެ ހުކުމެއް އިއްވާފައި
30 ނޮވެމްބަރ 2025 - 16:41
މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށް ދެ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އަލްސަންގެ މައްޗަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ފުރަތަމަ އިންކާރު ކުރި އެވެ. ނަމަވެސް ފަހުން ވަނީ ދައުވާ އަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.
އެ އެއްބަސްވުން ބަލައިގަންނަން ޝަރީއަތުން ނިންމައި، އެއްބަސްވުމާ އެއްގޮތަށް އަލްސަންގެ މައްޗަށް މިއަދު ވަނީ ކްރިމިނަލް ކޯޓުން ހުކުމް އިއްވައިފަ އެވެ. އެއްބަސްވުމުގައިވާ ގޮތުގައި އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ އަދަބުގެ ތެރެއިން އެއް ބަޔަކީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއްގެ ގޮތަށް އަދި ބާކީވާ މުއްދަތު ޖޫރިމަނާގެ ފައިސާ އަށް ބަދަލުކުރަން އެއްބަސްވެފައިވެ އެވެ.
އެހެންވެ އެއްބަސްވުމާ އެއްގޮތަށް އަލްސަން އިއުތިރާފަށް ރިއާޔަތްކޮށް ޝަރީއަތުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އިއްވީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޖޫރިމަނާއެެއްގެ ގޮތުން 45،000ރ. 12 މަސް ދުވަހަށް ބަހާލައިގެން ދެއްކުމަށް ވެސް އެންގި އެވެ.
މި މައްސަލައާ ގުޅިގެން އަލްސަން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހު އެވެ. އެހެންވެ، ބަންދުގައި ހުރި މުއްދަތު އަދަބުގެ މުއްދަތަށް ވުރެ އިތުރުވާތީ، ހުކުމާ ގުޅިގެން އޭނާ އިތުރަށް ބަންދުގައި ހުންނާކަށް ނުޖެހޭނެ އެވެ. އޭނާ މިއަދު ބަންދުން މިންޖުވާނެ އެވެ.
އަލްސަން ހައްޔަރުކުރީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންއާ އެކު އެވެ. ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދާއިރު އޭނާ ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ. އެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ދައުލަތުން ތުހުމަތު ކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޯޓުއަމުރު
01 December 2025
ދެންކުށްވެރިވާނީ ޕީޖީ، ނުނީ ޕޮލިހުން. ހުކުމްކުރިމީހާ ބޮޑުމުސާރައިގަ، ތީގެން ބައި ނުލިބޭކަންވެސްނޭގޭ
ވަގުންހަމަ
01 December 2025
530،000 ވުރެގިން ރުފިޔާ ކަޓުވާލީމަ ދައުލަތުން ކާންދޭގޮތަށް ދެމަހު ބަހަށްޓާފަ 45000 ދައްކާގޮތަށް. ގައިގަނޑަކަށް 4 ލައްކައެއްހާ ރުފިޔާ ފައިދާ
ޑރ ވާންޗޯ
30 November 2025
ސަދޫމް އަށްވުރެވެސް މިތަން އެޑްވާންސްވެއްޖެ. ބޮޑެތި ކުއްކުރާމީހުން ކުށައް އިއުތިރާފުވުމަކީ އެމީހަކަށް އަދަބުނުދީ ދޫކޮއްލަންޖެހޭ ކަމަކަށްވަނީ ކިހިނެއްތޯ؟. އަދިވެސް ބުނަންވީ މީކޮރަޕްސަނެއްނޫނޭތޯ؟. ﷲ ގެ ހަޒްރަތުގަ ޖަވާބުދޭންޖެހޭ ދުވަހާމެދު ބިރުވެތިވޭ. މިގައުމުގެ ވެރިމީހާޔައްވެސް މިކަމައް ސުވާލުވެވޭނެ.
މާލު
30 November 2025
މިތާ މިއޮތީ ޑިމޮކްރަސީ ފައްކާވެފަ
ކޮންކަހަލަޑރ.
30 November 2025
އަދަބު ދީފައެއްނު އެއޮތީ. ރަނގަޅަށް ކިޔާލިންތޯ. މީގަ ޖަވާބު ދެވެން ނެތް ސުވާލެއް ނެތޭ. ޑރ ވާންޗޯ ފުރަތަމަ ކުރައްވަންވީ ކަމަކީ 'އިއުތިރާފު އެއްބަސްވުން' އެއީ ކޮންއެއްޗެއްކަން ރަނގަޅަށް ސްޓަޑީކޮށްލުން.
ހެޔވަރު
30 November 2025
ކޮރަޕްޝަނާއި ފަސާދައަށް އޮންނަ އަދަބަކީ ކުށަށް އިއުތިރާފުމުމުން ކުށްނުކުރާމީހަކަށްވުން ކަމަށްވަނީނަމަ މިރާއްޖެއިން ދުވަހަކުވެސް ކޮރަޕްޝަނާއި ވައްކަން ނުހުއްޓޭނެ.
ކާކުތަ4
30 November 2025
ކާކުތަ ބުނީ ކުށް ނުކުރާ މީހަކަށް ވިއްޔޭ. އިއުތިރާފުވީމަ، ކުށް ކުރި މީހަކަށް އެެވީ.
އުމަރުބޭ
30 November 2025
އެންމެ 2 މަސް އަދި ވަޒީފާވެސް ނުގެއްލޭ މީ އަޖައިބެއްފަދަގެ ކަމެއްތާ
ހަސަން ފުތާ
01 December 2025
ކިހާ ޔަގީންކަމާއު ތިބުނަނީ ވަޒީފާ ނުގެއްލޭކަން، ސައްހަ މައުލޫމާތު އެނގިގެން ކޮމެންޓް ކޮށްބަލަ
ގަމާރޭ
30 November 2025
ބޮޑެތި ވައްކަމާ ކުއްކުރާމީހުންގެ އަދަބުވަނީ ލުއި އެންމެ 2 މަސް . ރައުދައް އަދަބެއްނާދޭ. ކޮންމެސް ކުއްޖަކު ބުނެދީބަލަ މިވާގޮތް ނިކަން ؟؟؟<
ޑރ ވާންޗޯ
30 November 2025
ގިޔާމަތް ކާރިވެއްޖެ ކަމުގެ އަލާމާތަކަށް ފުދޭ.