ބިދޭސީއެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ހައްޔަރުކުރި ޝަމްއާން އަދި އިމިގްރޭޝަންގެ މުވައްޒަފުންތަކެއް.-- ފޮޓޯ: ޕޮލިސް
13 މެއި 2025 - 14:23
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދާއި އެ ތަނުގެ ހަތަރު ވައްޒަފެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ތުހުމަތުކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ތިން މީހެކެވެ. އެއީ؛
- ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21
- ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37
- ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47
އޭގެ ފަހުން ޝަމްއާން ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވިތަނާ އެވެ. ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން ހައްޔަރުކުރީ މ. ހަޒާރީވިިލާ، އަހުމަދު ލައްސާން، 40، ކަމަށެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެ 21 އަހަރުގެ ކުއްޖެއްގެ ޒިންދަގީ ވެސް......
13 May 2025
ހެޔޮވާނީ ކިހިނެއްހެއްޔެވެ؟ އެކުއްޖާ ވެސް މިމީހުންގެ ޖަރީމާގައި ޖެއްސީ އެވެ.
ސަސި
13 May 2025
ދެން އެންމެން ފަޒުލް ވާހަކަ ކިޔާނީއެއްނޫން