ހޮންޑިއުރަސްގެ ކުރީގެ ރައީސް ހުއާން އޮރްލާންޑޯ ހަނާންޑޭޒް އެމެރިކާ އަށް ގެންދިއުމަށް، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) ގެ މަތިންދާބޯޓަކަށް އަރުވަން ގެންދަނީ. -- ފޮޓޯ: ރޮއިޓާސް
03 ޑިސެމްބަރ 2025 - 19:06
އެމެރިކާއަށް އެތައް ސަތޭކަ ޓަނެއްގެ ކޮކެއިން ޓްރެފިކް ކުރުމުގައި އެހީތެރިވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ގައުމުގައި 45 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރު ހުކުމްކުރި ހޮންޑިއުރަސްގެ ކުރީގެ ރައީސް ހުއާން އޮރްލާންޑޯ ހަނާންޑޭޒް އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މާފު ދެއްވައިފި އެވެ.
ހެނާންޑޭޒް ވެސްޓް ވާޖީނިއާގެ ޖަލުން ދޫކޮށްލައި މިނިވަންކޮށްފައިވާކަން އޭނާގެ އަނބިކަނބަލުން ވިދާޅުވެފައި ވާއިރު ހެނާންޑޭޒްގެ ނަމާއި އުމުރާ ދިމާވާ މީހަކު ޖަލުން ދޫކޮށްލިކަން އެމެރިކާގެ ބިއުރޯ އޮފް ޕްރިޒަންސްގެ ވެބްސައިޓުން ވެސް އެނގެ އެވެ.
ހެނާންޑޭޒް އަށް ޓްރަމްޕް މައާފު ދެއްވި އިރު ކެރީބިއަން ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތު ކުރެވޭ ބޯޓުތަކަށް ބޮން އަޅަން ޓްރަމްޕު ގެންދަަވަނީ އަމުރު ކުރައްވަމުންނެވެ. އަދި ހޮންޑިއުރަސްގެ ރިޔާސީ އިންތިހާބުގައި ހެނާންޑޭޒްގެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކޮށް ވެސް ޓްރަމްޕު ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.
ހެނާންޑޭޒް އަށް މާފު ދެއްވުން ވެފައިވަނީ، ލެޓިން އެމެރިކާގެ ގައުމުތަކުން ޑްރަގް ޓްރެފިކް ކުރުމުގެ ތުހުމަތުގައި އެ ގައުމުތަކާ ދެކޮޅަށް ހަރުކަށި ކަމާ އެކު ޓްރަމްޕު ފިޔަވަޅު އަޅުއްވަމުން ގެންދިއުމުގެ ސިޔާސަތާ ދިމާނުވާ ކަމަކަށެވެ.
އެމެރިކާގެ ޕްރޮސިކިއުޓަރުން ބުނެފައިވާ ގޮތުގައި، އުމުރުން 55 އަހަރުގެ ހަނާންޑޭޒް ވަނީ 2014 އިން 2022 އަށް ވެރިކަން ކުރި އިރު ހޮންޑިއުރަސް "ނާކޯ-ސްޓޭޓް" އަށް ބަދަލުކޮށްފަ އެވެ.
"ހަރްނާންޑޭޒްގެ ދައުރަކީ ކޮންގްރެސްގެ ރައީސް އަދި ހޮންޑޫރަސްގެ ރައީސްގެ މަގާމުގައި ހުރެ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ފައިސާގެ ބަދަލުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކާތައް ހަނިކުރުން،" ހެނާންޑާޒް އަށް ހުކުމް އިއްވެވި އިރު ފަނޑިޔާރު ކެވިން ކެސްޓެލް ވިދާޅުވި އެވެ.
ކެސްޓެލް ވިދާޅުވީ ހަނާންޑޭޒް ފުލުހުންނާއި އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދީ، 10 ބިލިއަން ޑޮލަރުގެ އަގު ހުރި 400 ޓަނުގެ މަސްތުވާތަކެތި އެމެރިކާއަށް ފޮނުވުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ހަނާންޑޭޒް ވަނީ 2004 އިން ފެށިގެން ކޮލަމްބިއާ އާއި ވެނެޒުއޭލާގެ ކޮކެއިންގެ 500 ޓަނު ހޮންޑިއުރަސް މެދުވެރިކޮށް އެމެރިކާއަށް އެތެރެކޮށްފަ އެވެ. މިކަން އޭނާ ވެރިކަމަށް އައުމުގެ މާ ކުރިން ވެސް ކުރަމުން އައި ކަމަށް ދައުވާގައި ބުނެފައިވެ އެވެ. ހަނާންޑޭޒް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ފައިސާއިން މުއްސަނދިކަން ހޯދައި ސިޔާސީ ކަންކަމަށް ހޭދަކޮށްފައި ކަމަށާއި 2013 އަދި 2017 ގައި ރިޔާސީ އިންތިހާބުގައި މަކަރު ހެދުމަށް ވެސް މި ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy