"ދުރަންދަރު"ގެ މަންޒަރެއްގައި ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް.
03 ޑިސެމްބަރ 2025 - 09:54
ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު" ރިލީޒްކުރުމުގެ ހުއްދަ އިންޑިއާގެ ފިލްމު ސެންސަރު ބޯޑުން އިއްޔެ ދީފި އެވެ.
އަންނަ ހުކުރު ދުވަހު "ދުރަންދަރު" ރިލީޒްކުރެވޭނެ ކަމާ މެދުގައި ސުވާލު އުފެދުނީ އެ ފިލްމު ނެރުން ހުއްޓުވައިދޭން އެދި ދިއްލީގެ ހައި ކޯޓަށް މިދިޔަ ހަފުތާގައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، ދިއްލީގެ ހައި ކޯޓުން ވަނީ އެ މައްސަލަ އިއްޔެ ކޯޓުން ބޭރުކޮށްލައިފަ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ ޝަހީދެއްގެ ގޮތުގައި ބަލާ އިންޑިއާގެ ސިފައިންގެ މީހެއް ކަމަށްވާ މޭޖާ މޯހިތު ޝަރްމާގެ އާއިލާގެ ފަރާތުންނެވެ. އާއިލާއިން ބުނާ ގޮތުގައި، "ދުރަންދަރު"އަކީ މޯހިތުގެ ހަޔާތަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ސިފައިންގެ ތެރޭގައި އޭނާ ހޭދަކުރި ދުވަސްތަކާއި ދިމާވި އެކިއެކި ކަންކަމަށް ބިނާކޮށް ގެނެސްދޭ ފިލްމަކަށް ވިޔަސް، އެ ފިލްމު އުފެއްދީ އާއިލާ އާއި އިންޑިއާގެ އަސްކަރިއްޔާގެ އެއްވެސް ހުއްދައެއް ނުވަތަ ބަހެއް ވެސް ނެތި އެވެ.
މައްސަލަ ބޭރުކޮށްލައި، ކޯޓުން ބުނީ އެ ފިލްމަކީ މޯހިތު ޝަރްމާގެ ހަޔާތަށް ހެދި ފިލްމެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން "ދުރަންދަރު"އަށް ދިނީ "އޭ" ސެޓްފިކެޓެކެވެ. ދިގުމިނުގައި ތިން ގަޑިއިރާއި 34 މިނެޓާއި އެއް ސިކުންތުގެ އެ ފިލްމު ވާނީ މިހާތަނަށް ރިލީޒްކުރާ ބޮލީވުޑްގެ އެންމެ ދިގު ފިލްމަށެވެ. ބޮލީވުޑްގެ ފިލްމަކަށް "އޭ" ރޭޓެޑުގެ ސެޓްފިކެޓެއް މި ދިނީ 17 އަހަރު ފަހުންނެވެ. އެންމެފަހުން "އޭ" ރޭޓެޑުގެ ސެޓްފިކެޓެއް ދިނީ 2008 ގައި ގެނެސްދިން "ޖޯދާ އަކްބަރު"އަށެވެ.
އެ ފިލްމުގައި ދައްކާނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ރަންވީރާއެކު އެ ފިލްމުގައި ލީޑު ރޯލް ކުޅެނީ ދެކުނު އިންޑިއާގެ އެކްޓްރެސް ސާރާ އަރްޖުނެވެ. ސާރާއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާޖާ އަރްޖުންގެ ދަރިފުޅެވެ.
ރަންވީރާއި ސާރާގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ސަންޖޭ ދަތު، އާރު މަދަވަން، އަކްޝޭ ކަންނާ އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy