ފުލުހުން ކްރައިމް ސީނެއްގައި ހަރަކާތްތެރިވަނީ: މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ހަށިގަނޑުން 800 ގްރާމްގެ ޑްރަގް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައި --- ފޮޓޯ/މިހާރު
05 ޑިސެމްބަރ 2025 - 20:57
ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި 800 ގްރާމް ހުރި 78 ބުލެޓްގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފުލުހުން ނަގައިފި އެވެ.
ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މީހަކު މަރުވެފައި ފެނުނު ނޭޕާލްގެ ފިރިހެން މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ނެތަސް، އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހެދިއިރު ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށެވެ.
އެކަމުގައި ގާނޫނީ ގޮތުން އަމަލު ކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، މިދިޔަ އަންގާރަ ދުވަހު އެ މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާ އެކު ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފަޅައިގެން އެ ތަކެތި ނަގާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ. ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުން އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ނުކުރީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ މިންވަރަށް ވުރެ ބޮޑަށް ހަށިގަނޑު ކުނިވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.
އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާ އެކު ޑޮކްޓަރުން ކަމަށާއި އަދި އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި އެތެރެ ކުރާއިރު ދިރުވާލައިގެން އެތަކެތި އެތެރެ ކުރުމަކީ އަބަދުވެސް ބޭނުންކުރާ އުކުޅެކެވެ.
މިހާތަނަށް ބެލިބެލުމުން އެމީހާ ރާއްޖެ އައިސްފައިވަނީ ފުލުހުން ބުނިގޮތުގައި އިތުރު ދެ މީހަކާ އެކު މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެ މީހުން ކ. މާފުށީގައި އުޅުމަށް ފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ އޭގެ ދެ ދުވަސް ފަހުންނެވެ. އަދި އޭނާއާ އެކު ރާއްޖެ އައި ދެ މީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގެ މައުލޫމާތު ހާމަކޮށްފައި ނުވަނީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމާއި ވަށައިގެންވާ ކަންކަމަށް ބަލައި އަދި ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށް ފުލުހުން ބުންޏެވެ.
އެ މަސައްކަތް މިހާރު ވެސް ފުލުހުން ކުރަމުންދާ ކަމަށާއި އެހެންވެ، މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަ ކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެބަންދިހާރު
05 December 2025
"ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުން އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ނުކުރީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ މިންވަރަށް ވުރެ ބޮޑަށް ހަށިގަނޑު ކުނިވެފައި އޮތުމުގެ ސަބަބުން ކަމަށެވެ." އޭގެ މާނައަކީ ހުޅުމާލެ ސަހަރާގެ ހިނަވާ ތަނާއި ހިނަވާ އަށްޓަކީ އެފަދަ އޮޕަރޭޝަނެއް ހިންގުމަށް މާހައުލުގެ ގޮތުންނާއި ފިނިހޫނު މިނުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ވެސް އެންމެ އެކަށީގެން ވާ ތަނޭތޯ؟ މިހާރު ބޭނުންނުކުރާ ސަހަރާއެއް ކީއްތޯވީ؟
ގާބޯ
05 December 2025
ގެސްޓުހައުސްތެރޭ އެމީހާ ކޮމްޕްލިކޭޝަން އެއް އައިސްގެން ހާލުދެރަ ވީމާ ދެން ތިބި މީހުން އަވަހަށް ފުރުވާލީ ކަމަށް ބެލެވެނީ ރާއްޖެކޮޅުން އެޔާ ހަވާލުވާން އައި ބޭކަލުން. ދެން އެމީހާ މި މަރުވީ. ދެން ނޭނގޭނެތާ ރާއްޖެ ކޮޅުން ކާކުބުނެގެން ކަމެއް މި އެއްޗެހި ގެނައީ.
އޮނަރަބްލް އަފީފު ދީދީ
05 December 2025
ދުނިޔޭގައި ލެއްވި އެންމެނަށް ރާއްޖޭގެ ބޯޑަރ ހިތަކަށް ހުޅުވާލާފައި އޮތުމަކީ ވަރަށް ނުރައްކާތެރި ކަމެއް. މިސާލަކަށް ބަންގަލަދޭޝް އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް "އެޑްވާންސް ވިސާ ނަގައިގެން ނޫނީ ދުނިޔޭގެ ގިނަ ޤައުމު ތަކަށް ދަތުރު ނުކުރެވޭ އިރު" ސާކް ޤައުމު ތަކުގެތެރެއިން އިންޑިޔާ، ޕާކިސްތާނު، އަފްޤާނިސްތާން އަދި ލަންކާ އަށް ވެސް ބަންގްލަދޭޝް އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް ދެވެނީ ވީސާ ނަގައިގެން. އެކަމަކު ރާއްޖެ އަންނަން އޮތީ ހިތަކަށް ދޫކޮށްލާފަ.
އޮނަރަބްލް އަފީފު ދީދީ
05 December 2025
ޑްރަޤް ޓްރެފިކް ކުރުން އާންމުވެ ރާއްޖެމަގުން ދަތުރުކުރާ ފްލައިޓްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުގެކުރިން EU ގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ އަދި ލަންކާ ނޫން އެހެންޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް ހަދާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
05 December 2025
އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު ރާއްޖޭގައި ޗުއްޓީހޭދަކުރަން އަންނަ ބިލިޔަނަރުންނާއި، ސިޔާސީ ފަރާތްތަކާއި. ކުޅިވަރު އަދި މަޝްހޫރު ސެލަބްރިޓީންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކާ އިމިޤްރޭޝަން ޤަވާއިދު ހަރުދަނާކޮށް މަތީގައިދެންނެވި ފިޔަވަޅު އެޅުމުގެއިތުރުން ރާއްޖެ އަންނަ ޑިޕްލޯމަޓިކް އިނާޔަތް ލިބިފައިވާ ފަރާތްތައް ފިޔަވާ އެހެން އެންމެން (އީޓީއޭ) Electronic Travel Authorization ފުރަން މަޖުބޫރު ކުރޭ.
އޮނަރަބްލް އަފީފު ދީދީ
05 December 2025
އެއްވެސް ބެލުމެއް، ރައްކާތެރި ކަމެއްނެތް ގޮތަށް، ބޭރު މީހުނަށް "ހިތަކަށް" ރާއްޖޭގެ ބޯޑަރ ހުޅުވާލާފައި އޮތުމުގެ ސަބަބުން ހަމަ އެކަނި ބަންގްލަދޭޝްގެ 80 ވަރަކަށް ހާސް މީހުން ރާއްޖޭގައި އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ދިރިއުޅޭކަމަށް ބައެއް ހިސާބު ތަކުން ދައްކާ. މީގެ އިތުރުން ވާކް ވީސާގައި މިތަނުގައި އުޅޭ ބައެއް ފަރާތް ތަކަކީ އެމީހުންގެ ޤައުމުގައި ފުލުހުންގެ "ވޯންޓެޑް" ލިސްޓްގައި ތިބި މީހުންކަން ވެސް އެގިފައި އެބަހުރި. މިކަންކަމުގެ ޙައްލު ހޯދަންޖެހޭ.
ސުވާލު1
05 December 2025
މަރުވެފަ އޮތް މީހެއްގެ ބަނޑު ފަޅައިން ތި އެއްޗިސް ފުލުހުން ނެގުމުގެ ބޭނުމަކީ ކޮބާ އޭ؟
މާރކް
05 December 2025
ކީޢްވެ ދޮގު މައުލޡޫމާތަށް ވާންވީ ރައްޔިތުންނަށް އެނގި މީޑީއާގަ ފަޅާއެރުމުން ކީކޭ ތިކިޔަނީ
ނުހަހޙ
05 December 2025
އެތަން ކޮނެގެން.. އެތެރެކުރި މީހުން ޑްރަގު ނަގާފާނެތީ
މަ ބުނީ
05 December 2025
މަރުވެފައޮތް މީހަކު ފަޅާލައިގެން ތިޔަވަރުގެ އޮޕަރޭޝަނެއް ހިންގަން ޖެހޭ ސަބަބެއް މުޅި ހަބަރު ކިޔާ ނިމުނުއިރު ނޭންގުނު