މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް ނުދެވޭނެ.
ރައީސް މުއިއްޒު ބިލެއް ތަސްދީގު ކުރައްވަނީ: ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ފެށުމުން ބޮޑު ހައްލެއް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި.
06 ޑިސެމްބަރ 2025 - 13:46
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރާ ދުވަހުން ފެށިގެން ތިން މަސް ހަމަވާ ދުވަހު އެވެ.
އެއާ އެކު، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ތިން މަސް ފަހުން ކަނޑައެޅޭނެ އެވެ.
އެ އިސްލާހު ގެނައުމުގެ މަގުސަދެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމާއި އެ ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައުއަށް އަނބުރާ ނެރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
އެ އިސްލާހާ އެކު، އެ މީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެެ އެވެ.
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން.
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން.
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު 1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން.
އެ ބިލުގައި ބުނާގޮތުން އެފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ޖެހޭނެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމުގެ ކުރިން ޓެސްޓުކޮށް، އެއީ މަސްތުވާތަކެތިކަން ކަށަވަރުކުރަނީ.---ފައިލް ފޮޓޯ: މިހާރު
ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ.
ނަމަވެސް މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލްގައި ވަނީ ހިމަނައިފަ އެވެ. ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް އާ އިސްލާހުގައި ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.
ގާނޫނަށް ގެނައި އާ އިސްލާހުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކ،ީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހަށް އަމަލު ކުރަން ފެށުމާ އެކު ނުދެވޭނެ އެވެ.
މިއަދު ތަސްދީގު ކުރެއްވި ބިލުގައި ބުނާގޮތުން ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޫބާ ނާޒިމް
06 December 2025
ޑްރަގާ ދެކޮޅަށް ހަގީގީ މާނާގައި މަސައްކަތް ކުރާ ވެރިޔެއް މިނޫނީ ނުދެކެން
އަސްލަމް މުހައްމަދު
06 December 2025
ރައީސް ޑރމުއިއްޒްއަށް ދެވަނަ ދައުރެއް ހައްގުވަނީ މިކަހަލަ ކަންކަން ކުރާތީ
އަސްދޫނި
06 December 2025
ދެން ހަދަންވީ ގޮތަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުން އަތުން އަތުލާ ފައިސާޔާ ޑުރަގު ފައިސާއިން ގަނެފަ ހުންނަ ތަކެތި ވިއްކާ މި ފައިސާ ބޭނުން ކުރަންވީ މިކަހަލަ މީހުން ޖަލުގަ އުމުރު ދުވަހު ގެންގެޅެ ބަލަހައްޓަން.
ހައްޖަ.
06 December 2025
ތީ ހަމަ ފޫނެއްފަޔަށް ފެންފުރުން ކަހަލަ ކަމެއް.ދައްކާލާ ދަޅައެއް.
ޖުލައި
06 December 2025
އަހަރުމެން ޑިމޮކުރަސީ އާއި އިންސާނީ ހައްގުތަކުގެ މަންމަ ކަމުގަ ބަލާ އެމެރިކާ އިން މިހާރު އަމަލުކުރާގޮތް ނިކަން ބަލާބަލަ. ކެރީބިއަން ކަނޑުން ދަތުރުކުރާ ކުދި އުޅަނދުތަކަށް ޑްރަގްގެ ތުހުމަތު އަޅުވާ ބޮން އަޅާ އުޅަނދުގަ ތިބި މީހުން އެ މަރާލަނީ. މި މީހުންނަކަށް ޑިއު ޕްރޮސަސް އެއްވެސް ކޯޓެއްވެސް ނޯވޭ. އެވަރިހަމަ މަސްވެރިން ކަމަށްވިޔަސް.މި މީހުން ބޭނުންވާ އުޅަދެއް ފައްތާލަނީ.
ދިދަ
06 December 2025
ރައީސްއަށް މިކަމުގައި ތަޢުރީފު ޙައްޤު
ސުނިލްސެޓީ
06 December 2025
ސާބަސް ރައީސް. ވަރަށް ރަގަޅު ނިންމެވުމެއް. 2028 ޔަގީން.
ރަމަ
06 December 2025
ވާނެ ކަންކަމާއި ނުވާނެ ކަންކަން ހުންނާނެ ރޯމާ ދުވާލު މީހުން މަރާ މީހުންނަށް ކޮށްފައިވާ މަރުގެ ހުކުމް ތަންފީޒް ނުކުރެވިގެން އުޅޭއިރު ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ ހުކުމް ތަންފީޒް ކުރެވޭނެ ކަމަށް ޤަބޫލު ކުރާނެ ދިވެއްސަކު މިއުޑުދަށުގައި ނުހުންނާނެ! ތި އިންތިޚާބަށް ދައްކާލި ދަޅައެއް!
ޖުހް
06 December 2025
މިހާރު މަރަން ހުކުމް ކޮށްފަ ތިބި މީހުންް މެރުމުގެ ކަންތައް އޮތް ހިސާބެއް ވެސް ރައްޔިތުންނަށް އަންގާލި ނަމަ..
ރާވެރިބެ
06 December 2025
ގާނޫނަނަށް މިގެނައި ބަދަލު ރަގަޅު. މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭނީ ހުރިހާ މަރުހަލާއެއް ނިންމާ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން އިއްތިފާގު ވުމުން. މާނައަކީ %99.99 މައްސަލަތަށް ދާނީ މަރުވަންދެން ޖަލު ހުކުމަށޭ. މިގޮތް ރަގަޅު. މަރުގެ އަދަބަށް ވުރެ ވޭން ގަދަވާނެ އަދަބެއް އެއްވެސް ލުޔެއް ނުލިބޭ ގޮތަށް އުމުރު ހުސްވަންދެން ޖަލުގެ ގޮޅިއެއްގަ އޮންނަން ޖެހުމަކީ. ރާއްޖޭގަ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ވަރަށް ނާދިރު ކަމެއް. ވީމަ މިގޮތް ހަމަ ރަގަޅު.
ރާވެރިބެ
06 December 2025
މަރުވަންދެން ޖަލަށްލާ މީހުންނާ މަރުގެ ހުކުމް އިއްވާފަތިބޭ ކުށްވެރިން އެެއްގޮތަކަށް ވެސް ބޭސް ފަރުވާ އަށް ގެޔަށް ބަދަލުކޮށްދީ ނުވަތަ ރާއްޖެއިން ބޭރަށް ނުވަތަ ހޮސްޕިޓަލަށް ބަދަލު ކޮށްދީގެން ނުވާނެ. މިފަދަ ކުށްވެރިންނަށް ބޭސް ފަރުވާ ކޮށްދޭން ވާނީ ޖަލުވަ ހުންނަ ވަސީލަތްތަކުން ކަމަށް ދެކެން