އިންޑިއާގެ ޕަބްޖާބްގައި މަރާލި ކަމަށް ބުނާ ކުއްޖާ ދެ މަސް ފަހުން ފެނިފައި
10 ޑިސެމްބަރ 2025 - 06:02
އިންޑިއާގެ ޕަންޖާބުގެ ފީރޯޒްޕޫރްގައި މީގެ ދެ މަސް ދުވަސް ކުރިން ބައްޕައަކު އޭނާގެ 17 އަހަރުގެ އަންހެން ދަރިފުޅު ކެނަލް އަކަށް ވައްޓާލައިގެން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ އެ ކުއްޖާ ސޯޝަލް މީޑިއާއަށް ނުކުމެ، ބައްޕަ ދޫކޮށްލަން އެދެފި އެވެ.
ކުއްޖާ މަރާލި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އޮކްޓޫބަރު 3 ވަނަ ދުވަހު އެވެ. ކުއްޖާގެ ބައްޕަ، ސުރްޖީތު ސިންގް އޭނާގެ ދަރިފުޅު ބަދެފައި ކެނަލްއަށް ވައްޓާލީ ކުއްޖާގެ އުޅުމާ މެދު ޝައްކުތަކެއް ކުރުމަށް ފަހުގައި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މި މަންޒަރު ވަނީ ކުއްޖާގެ ބައްޕަ އާއި މަންމަގެ ފޯނުން ވީޑިއޯ ވެސް ކޮށްފަ އެވެ. މިކަން ފަޅާއެރީ އެ ވީޑިއޯތައް ލީކުވެގެންނެވެ.
ފުލުހުން އެ ކުއްޖާގެ ހަށިގަނޑު ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ވެސް ނުވި އެވެ. އަދި އޭގެ ފަހުން ވަނީ މަރުގެ ތުހުމަތަށް ބައްޕަ ހައްޔަރުކޮށްފަ އެވެ.
ތަހުގީގަށް ބައްޕަ ހައްޔަރުކޮށްފައި ހުއްޓާ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ކުއްޖާ ވަނީ ބައްޕަގެ ކުށެއް ނެތް ކަމަށާއި އެ ހުރިހާ ކަމެއް ކުރީ މަންމަގެ ނުފޫޒުން ކަމަށް ބުނެފަ އެވެ. އެހެންވެ މަންމަ ހައްޔަރުކޮށް މައްސަލަ ބަލައި ތަހުގީގުކުރުމަށް އެ ކުއްޖާ ގޮވާލާފައިވެ އެވެ.
މި ހާދިސާއާ ގުޅޭ ތަފްސީލު ހާމަކުރާނީ ބައްޕަގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކަމަށް ކުއްޖާ ވަނީ ބުނެފަ އެވެ. ކެނަލް އަށް ވައްޓާލުމުން ސަލާމަތްވި ގޮތެއް ވެސް އަދި މިހާތަނަށް އުޅުނީ ކޮން ތަނެއްގައިކަން ބުނެދޭން ވެސް ކުއްޖާ އަދި އިންކާރު ކުރެ އެވެ.
ފީރޯޒްޕޫރް ފުލުހުންގެ ސީނިއާ ސުޕްރިންޓެންޑެންޓް ޓައިމްސް އޮފް އިންޑިއާއަށް ވިދާޅުވީ ކުއްޖާގެ ވީޑިއޯގެ ސައްހަކަން ބަލަމުން އަންނަ ކަމަށާއި މިކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުކެއް ބޮޑު ވަރު
10 December 2025
ޑީޕު ފޭކެއްތަ؟
ޔޫކޭ
10 December 2025
އިންކުރެޑިބަލް އިންޑިޔާ