އިރުފުށި ރިސޯޓަށް ދިޔަ ބަޔަކު އެ ރަށު ޖެޓީ މަތިން ހިނގާފައި ދަނީ: ފެބްރުއަރީ މަހު ޓޫރިސްޓުން އައި މިންވަރު އިތުރެއްނުވި. -- ފޮޓޯ: އިރުފުށި
02 އެޕްރީލް 2017 - 13:32
ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، މިދިޔަ ފެބްރުއަރީ މަހު ޓޫރިޒަމަށް ބޮޑު ހީނަރުކަމެއް ކުރިމަތިވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ފެބްރުއަރީ މަހު ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 24،263 އަށް ދަށްވެފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 ޕަސެންޓްގެ ދަށްވުމެކެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމެވެ.
މިދިޔަ މަހު ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު މަދުވިއިރު، ޔޫރަޕްގެ އެންމެ މުހިންމު މާކެޓްތައް ކަމަށްވާ އިނގިރޭސިވިލާތާއި ޖަރުމަނުން އައި ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން އިނގިރޭސިވިލާތުން އައި މީހުންގެ އަދަދު ދެ ޕަސެންޓް ދަށްވިއިރު ޖަރުމަނުން އައި އަދަދު ވަނީ ހަތަރު ޕަސެންޓް ދަށްވެފަ އެވެ. އެކަމަކު އިޓަލީން އައި ޓޫރިސްޓުންގެ އަދަދު 21 ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 121،052 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.3 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު 126 ރިސޯޓާއި 416 ގެސްޓްހައުސް ހިންގަ އެވެ. އަދި ސަފާރީތަކާއި ހޮޓާތަކާއެކު ޖުމްލަ 37،000 ޓޫރިސްޓު އެނދު އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓްގެ އިތުރުވުމެކެވެ. ނަމަވެސް ރިސޯޓްތަކުގެ އޮކިއުޕަންސީ ދިހަ ޕަަސެންޓް ދަށްވިއިރު ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ ދެ ޕަސެންޓް ދަށްވި ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
02 April 2017
އެންމެ ގިނަ ޓުރިސްޓުން އަންނަނީ ލަންކާ މަގުންދޯ، ލަންކަ އެއަރޕޯޓް ބަންދު ގަޑި ގިނަވީމަ ކަނެކްޓިންގ ފލައިޓް ގެ މައްސލަ ބޮޑުވުން، ޓިކެޓަ އަގުބޮޑުވުން، ހުރިހާ ކަމެއް އެޑްރެސް ކުރާނެ. ހައްލަކީ ދިވެހި ގައުމީ އެއަރލަިއން ކޮޅަށް ޖެހުން
ޅަބޭ
02 April 2017
ކިހިނަކުންތޯ ޗައިނާ މީހުން ރާއްޖެއައުން ދެން ގިނަވާނީ... ރިސޯޓުތަކުންވެސް އެމީހުނާމެދު ކަންތައްކުރަނީ އެހާ އިހާނަތިކޮއް ބޭއިންސާފުން. ޗައިނާ މީހުން ހަރަދެން ނުކުރެޔޯ. ޗައިނާމީހުން ޓިޕްސް އެއް ނުދެޔޯ. ޗައިނާމީހުން އަބަދު އުޅެނީ އަތިރިމަތީ ކަކުނި ހިފަންށޯ.
ގ
02 April 2017
ތީގޯހެއް ނުވާނެށެއް
ސިންތިލީ ވޫމް
02 April 2017
މާ އަގުބޮޑީ ރާއްޖޭގައި. މިހާރު ޔޫރަޕްގެ ޒުވާން ޓުވަރިސްޓުން ބޭނުމީ ކުޑަލާރިކޮއްޅެދީގެން ގިނަކަން މަދުވުވަސް ކޮޅަކުން ހެދޭ ޗުއްޓީ އައްދާން. % 20 އިގިރޭސިން އުޅެނީ ބޭސް ކުރާނެ ލާރިކޮޅެއްވެސް ނެތިގެން މިހާޜު.
މެންޓަލިސްޓް
02 April 2017
ކުރީންއައި ހުރިހާ މީހުން މިހާރު އެތިބީ ބުރިޖްއަޅަން މަސައްކަތުގައި ،،،، އެހެންވެ ދައްވެގެން އުޅެނީ ،،، ބުރިޖްނިމުނީމައި އެމީހުން އަނެއްކާވެސް ޗައިނާއަށް ގޮސްފައި މަހަކު 2 ފަހަރު އަންނާނެ ،، އޭރުން އޯކޭ އެއްނު ..... ވަރަށްވެދުން
ފޮނިކަލޯ
02 April 2017
ކިހިނަކުންތޯ ޓޫރިސްޓުން މިޤައުމައް ދަތުރުކުރާނީ، ސިޔާސީ ހަލަބޮލިކަން މިހާދަށުދަޖައަކައް ދިއުމާއި ، އޫރުރޯގާ ކަންތައް މައްޗައް ދިއުމާއި ގުޅިގެން މިހާރު މިރާއްޖެ މިވަނީ ވަރައްވެސް ދަށުދަރަޖަ އަކައް ގޮސްފައެވެ . ނަމަވެސް މިކަން ޤަބޫލު ކުރަނީ އަދިވެސް މަދު ބައެކެވެ.