13 ޑިސެމްބަރ 2025 - 21:12
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މަސްވެރިންނަށް އެ ބޭންކުގެ ފައިނޭންސިން ހިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް "މަސްވެރިޔާ" ޕޯޓަލް މިރޭ އިފުތިތާހުކޮށްފި އެވެ.
ރ. ދުވާފަރުގައި މިހާރު ކުރިއަށް ގެންދާ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި އެ ޕޯޓަލް އިފުތިތާހު ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.
މަސްވެރިޔާ ޕޯޓަލް އިން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ބީއެމްއެލް އިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓުތަކަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ވަރަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ އެ ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ވަކި ހާއްސަ ބޭނުންތަކަށް އެދި އިސްލާމީ ފައިނޭންސިން ހިދުމަތްތަކަށް ހުށަހެޅޭނެ އެވެ. އެއީ:
• ގެދޮރު ގަތުމަށް
• ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް
• މަތީ ތައުލީމު ހާސިލުކުރުމަށް
• އުޅަނދު ބަނުމާއި މަރާމާތުކުރުމަށް
• ގެސްޓް ހައުސް ވިޔަފާރި އަށް އިންވެސްޓްކުރުމަށް
• ލުއި ފައިނޭންސިން އަށް (މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންއެއް)
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މަސްވެރިންނަށް މާލީ ހިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު ފިޝަރީޒް މިނިސްޓްރީއާ އެކު އެއްބަސްވި ކަމަށެވެ.
"މަސްވެރިޔާ ޕޯޓަލް އިފްތިތާހު ކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލު ވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.
މަސްވެރިޔާ ޕޯޓަލްއަކީ ބީއެމްއެލް އިން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒު ކަމަށް އެ ބޭންކުން ބުންޏެވެ.
މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ޑިސެމްބަރު 2024 އިން ފެށިގެން ބީއެމްއެލް އިން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުންނެވެ.
އަދި ބޭންކުން މަސްވެރިންނަށް އެއްވެސް އިކުއިޓީއެއް (އަމިއްލަ އަށް ހަރަދުކުރަންޖެހޭ ބައި) އަދި ރަހުނަކާ ނުލައި 300،000ރ. އާ ހަމައަށް ފައިނޭންސިން ލިބޭނެ ހާއްސަ ފެސިލިޓީއެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މި ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީ އަށް އަންނަ ބަދަލުތަކަށް ބަލައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާއިންސާފު
14 December 2025
މިއަދު މަސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ވަރުފެނި އަހަރެން އަޖައިބުވެ އަންތަރީސްވާ ވަރުވޭ! އަމިއްލަ މަސައްކަތުން އުޅޭ އެހެންމީހުންނަށް ނުލިބޭ އެތައް ހައްގުތަކެއް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ސަރުކާރުން އެބަދޭ . މިމީހުނަށް ޝުކުރުވެރިވާން ދަސްކޮށްދޭންވީ
އަޗާތެޅުން
14 December 2025
މަސްވެރިން ދަސްކުރަންވީ އެ މީހުނަށް ލިބޭ އާމްދަނީ ހެޔޮގޮތުގައި ބޭނުން ކުރަން، ހަފްތާ އަކަށް 10000ރ - 12000ރ ލިބޭ ބަޔަކު ލިބޭ ހުރިހާ ފައިސާއެއް ތަޅާ ކުރުވަނީ.. ބޭންކުން މި ދިން ފުރުސަތުގެ ބޭނުން ހިފައި ރަނގަޅު އިންވެސްޓްމަންޓް ކޮށް ދެމިގަންނަށް ވީ.. ޝުކުރިއްޔާ