ލައިފްސްޓައިލް

ރޯގާ ޖެހި ދަރިފުޅު މަރުވި މަންމަގެ ނަސޭހަތް؛ ވެކްސިން ޖަހާ!

ޝެނޮން މަރުވީ އާދައިގެ އަރިދަފުސް ރޯގާ ޖެހިގެން

މިއީ ސީއެންއެންގައި ލިޔެފައިވާ ރިޕޯޓެއްގެ ތަރުޖަމާއެކެވެ. މިއީ އާދައިގެ އަރިދަފުސް ރޯގައެއް ޖެހި، ހުރި ހަމައެކަނި ދަރިފުޅު މަރުވުމުން އެ ކުއްޖާގެ މަންމަގެ އިހްސާސްތަކެވެ. އޭނާގެ އިލްތިމާސަކީ ފްލޫ ވެކްސިން ޖެހުމެވެ.

މިއީ 836 ވަނަ ދުވަހެވެ. ކިޔައިދޭން ވެސް ނޭނގޭހާ ގިނަ ވަގުތު މިއަދުވެސް ރުއީމެވެ. އަހަރެން ނުރޯ ދުވަހެއް ހިނގައިދާނެ ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ޒަމީރު އަހަރެން ކުށްވެރިކުރުން އަދިވެސް ނިމުމަކަށް ނާދެ އެވެ.

ދަރިފުޅު ޝެނޮންގެ ހަމައެކަނި ޝަކުވާއަކީ ކަރުގައި ރިއްސުމެވެ. ހުން ވެސް އެހާ ގަދަޔަކަށް ނާދެ އެވެ. އަހަރެން ހެނދުނު އެއްކޮށް ކަހަލަ ގޮތަކަށް ބޭކާރު ގޮތުގައި ހޭދަކޮށްލީ އަރިދަފުސް ރޯގާއާ ބެހޭ މައުލޫމާތު ގޫގުލް އިން ހޯދުމުގަ އެވެ. ވައިރަސްތައް އިތުރުވަމުންދާ ގޮތް ސައިންސްގެ އަލީގައި ކިޔައިދީފައިވާ ގޮތުން ވެސް ބޯ ފަޅައިގެންދާވަރު ވި އެވެ. އެއިން އެއްވެސް އެއްޗެއް ނުވިސްނޭއިރު ރޯގާ ޖެހުން ހުއްޓުވުމާ ބެހޭ ގޮތުން އެހެން މީހަކަށް ކިޔައިދޭނީވެސް ކިހިނެއް ހެއްޔެވެ؟

މިހާރު އޭގެ ފަހުން ދެ އަހަރު ފާއިތުވި އިރުވެސް އަހަންނާއި ފިރިމީހާ ވެސް ދަރިފުޅު "މަރުވީ" ކަމަކަށް ނުބުނަމެވެ.

ޝެނޮންގެ ހުވަފެނެއް ރެއަކު ނުފެނެ އެވެ. ނަމަވެސް އަހަރެން އޭނާ ދެކިލަން ކިތަންމެހާ ވެސް ބޭނުމެވެ. އެންމެ ފަހަރަކު ނަމަވެސް އޭނާއާ ބައްދަލުވެއްޖެ ނަމަ އަހަރެން އެކަމާ ހިތާމަކުރާ މިންވަރު ބަޔާންކޮށް މާފަށް އެދޭނަމެވެ.

އޭނާ ގެންގުޅުނު ފޮތްތައް ހާވަނިކޮށް، އޭނާ އަމިއްލަ އަތުން ތައްޔާރުކޮށްފައިވާ ބުކްމާކެއް ފެނުނެވެ. އެއީ އޭނާ ވަރަށް ކުޑައިރު ހެދި އެއްޗެކެވެ. އަހަރެން އޭނާގެ އެއްޗެހި ހަދިޔާކުރި ޑޮނޭޝަން ސެންޓަރުން އަހަންނަށް ކާޑެއް ފޮނުވި އެވެ. ޝެނޮން ބޭނުންކޮށްފައި ހުރި ހެދުންތަކާއި އެހެން އެއްޗެހި ބަލާ އެމީހުން އަންނަނީ އެވެ. ބައެއް އެއްޗިއްސަކީ ދަރިފުޅު އެއްގޮތަކަށް ވެސް ނުލާ ހުރި އެއްޗިއްސެވެ. ސީނިއާ އަހަރަށް ގަނެފައިވާ އޭނާގެ އާ ހެދުންތަކެވެ.

ދަރިފުޅާ ނުލައި، 837 ވަނަ ދުވަސް ދިޔައީ ވަރަށް ގޯސްކޮށެވެ. މިފަދަ ދުވަސްތަކުގައި އަހަރެން ފޭސްބުކުން މަންމައިންނަށް އަރިދަފުސް ރޯގާއާ ގުޅޭ ގޮތުން މައުލޫމާތު ދެމެވެ. އެއީ "ފްލޫ މަމްސް"ގެ ނަމުގައި އަހަރެން ހިންގާ ޕްރައިވެޓް ޕޭޖެކެވެ. އެންމެ ފަހުން އަހަރެން އެ ޕޭޖަށް ވަން ފަހަރު ވެސް ބައެއް އާ ކުދިންގެ ނަންތައް ފެނުނެވެ. އެހެންވީމާ މިހާރުވެސް އަރިދަފުސް ރޯގާ ޖެހިގެން ކުދިން މަރުވާކަން އެނގުނެވެ. ނަމަވެސް އަހަރެންގެ ފޭސްބުކް ޕޭޖްގައި އުޅޭ މަންމައިން އެމީހުންގެ މޫޑު ހުންނަ ގޮތަކަށް ބިނާކޮށް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާ މައުލޫމާތު ބަދަލުކުރެ އެވެ. ބައެއް މީހުން މި ޕޭޖް ހިންގަން ފައިސާ ވެސް އެކި ގޮތްގޮތުން ހޯދަ އެވެ.

ޝެނޮން ބައްޕައާ އެކު ޑޮކްޓަރަށް ދައްކަން ކްލިނިކްގައި. މިއީ އޭނާ ދުނިޔޭގައި ހުއްޓާ ނެގިފައިވާ އެންމެ ފަހު ފޮޓޯ

"ރޯގާ ޖެހި އަމިއްލައަށް ރަނގަޅު ވަންދެން ބަހައްޓާށެވެ"

ސިއްހަތު ރަނގަޅު، ހަރަކާތްތެރިކޮށް އުޅޭ އެތައް ދަރިންނެއް މޫސުމީ އަރިދަފުސް ރޯގާގެ ސަބަބުން ކޮންމެ އަހަރަކުވެސް މި ދުނިޔެ ދޫކުރެ އެވެ.

ބުދަ ދުވަހަކު، އާދައިގެމަތިން ޝެނޮން ސްކޫލަށް ދިޔަ އެވެ. ރައްޓެހިކުއްޖަކު އޭނާއަށް ވެސް ރޯގާ ދީފިޔޭ ނަމަވެސް ގެއަށް އައިސް ބުންޏެވެ. އަހަރެން އަވަހަށް އޭނާ ކޮޓަރިއަށް ފޮނުވާލީމެވެ. އަދި އެހެން ގިނަ މައިންބަފައިން ވެސް ދަރިންނަށް އަރިދަފުސް ރޯގާ ޖެހުމުން ކަން ކުރާ އުސޫލުން ދިޔާއެއްޗިއްސާއި ސޫޕް ތައްޔާރު ކުރީމެވެ. ދަރިފުޅު ކަރަށް ތަދުވާ ވާހަކަ ބުންޏެވެ. ކަރުގައި ރިއްސާތީ ބޭނުންކުރާ ބޭހަކާއި ކާނެ މެޓައެއް އަދި ހަދިޔާއެއް އޭނާގެ ބައްޕަ ގެނެސްދިނެވެ. ދެން ދަރިފުޅު ހުން އަންނަން ފެށި އެވެ. ނަމަވެސް އިމަޖެންސީ ރޫމަށް ގެންދާހާ ހުން ގަދައެއް ނުވެ އެވެ.

އެ ހަފުތާ ނިމެން ވީއިރު ދަރިފުޅުގެ ރޯގާ ރަނގަޅުވާހެން ހީވި އެވެ. ނަމަވެސް ބަލި ކަމަށް ބަހަނާ ދައްކައިގެން ސްކޫލަށް ދާން ބޭނުން ނުވަނީ ކަމަށް އަހަރެން ހީކުރީމެވެ.

އަހަރެން ދަރިފުޅުގެ ކޮޓަރިއަށް ވަންނައިރު ދަރިފުޅު އޮންނަނީ ލޯ މަރާލައިގެންނެވެ. އޭނާ އެއޮތީ ނިދާ ކަމަށް ހަދައިގެން މަކަރު ހަދައިގެން ކަމެއް ނުވަތަ ނިދާފާ ކަމެއް ޔަގީނެއް ނޫނެވެ. އަހަރެން އޭނާގެ ފޯނު ނަގައި ދޮވެފައި ހުރި އެއްޗެހިތަކެއްގެ ތެރެއަށް ލީމެވެ. އިރުކޮޅަކުން އަހަރެން ދަރިފުޅުގެ ކޮޓަރިއަށް ގޮސް ބަލާލިއިރު އޭނާ އޮތީ ފޯނާ ކުޅޭށެވެ. އެހެންވެ ދަރިފުޅު ރަނގަޅު ކަމަށް އަހަރެން ނިންމީމެވެ.

ނަމަވެސް އާދިއްތަ ދުވަސް އައި އިރު ދަރިފުޅުގެ ގައިގައި ވަރު މާ ދެރަ އެވެ. އެވަރުން ވެސް އޭނާ އޮތީ ފޯނުން އެކި މީހުންނަށް މެސެޖްކޮށް ޓީވީ ބަލާށެވެ. ނަމަވެސް އޭނާއަކަށް ނުއެއް ކެވެ އެވެ. އަދި ވަރުބަލިކަމުން ތެދުވެއެއް ނޫޅެވެ އެވެ. އެހެންވެ އޭނާގެ ބައްޕައާ އެކު ކްލިނިކަށް ޑޮކްޓަރަށް ދައްކާލަން ފޮނުވީމެވެ. ދަރިފުޅުގެ ޓެމްޕްރޭޗާ އަށް އައި ބަދަލުތައް ނޯޓުކޮށްފައިވާ ޗާޓަކާއި ދިޔާ އެއްޗެހި ބުއި މިންވަރު އަންގައިދޭ ޗާޓެއް ވެސް ފޮނުވީމެވެ.

ފުރޮޅިލީ ގޮނޑީގައި މާސްކް އަޅައިގެން ބައްޕަގެ ކޮނޑުގައި ބޯ އަޅާލައިގެން ޑޮކްޓަރަށް ދައްކަން ކްލިނިކްގައި އިންދާ ނަގާފައިވާ ފޮޓޯއެއް ވެސް އޭނާގެ ބައްޕަ ޓެރީ އަހަންނަށް ފޮނުވި އެވެ. ކަންދިމާކުރި ގޮތުން އެއީ އަހަރެންގެ އަތުގައި އޮތް ދަރިފުޅު ދިރިހުއްޓާ ނެގުނު އެންމެ ފަހުގެ ފޮޓޯ އެވެ. އެމީހުން ޑޮކްޓަރަށް ދައްކާފައި އެނބުރި ގެއަށް އައިސް، ޑޮކްޓަރަށް ދިޔައީ މޮޔަކަމުންނޭ މިއީ އާދައިގެ ރޯގާއެކޭ ބުންޏެވެ. އަދި ދުވަސްކޮޅަކުން އަމިއްލައަށް ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ބުނި ކަމަށް ވެސް ބުންޏެވެ.

ހަގީގަތުގައި ޑޮކްޓަރަކަށް އަހަރެންގެ ދަރިފުޅު ބަލާކަށް ވަކިން ގިނަ ވަގުތެއް ނުދެވުނެވެ. އެތަން ފުރެންދެން މީހުން އޮތީމަ އެވެ. އެ އެންމެންނަށް ވެސް ޖެހުނީ ރޯގާ ކަންނޭގެ އެވެ. ހައި ސްކޫލްގެ ވެސް 150 ވަރަކަށް ކުރިން ރޯގާ ޖެހިގެން ބަލިވި ކަމަށްވެ އެވެ.

އޭގެ ބަރާބަރު 34 ގަޑިއިރު ފަހުން ޝެނޮން ސިޑިން ފައިބައިގެން ތިރިއަށް އައެވެ. އޭނާ ފާޚާނާއަށް ވަދެ ބާތު ޓަބަށް އެރެން އުޅުނީ ތަންތަނުގައި ހިފަހައްޓައިގެންނެވެ. އަހަރެން އެހީވީމެވެ. އެކަމަކު އެވަގުތު އަހަރެން ބިރުން ގޮސް ދާހިތްލައިގަތެވެ. ޝޭނޮން ފެންވަރަން އެހީތެރިވާން ޖެހުމަކީ ވަރަށް ކުޑައިރުން ވެސް ކުރަން ޖެހުނު ކަމެއް ނޫނެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސް ކަމުގެ އިހްސާސް އަހަންނަށް ކުރެވުނެވެ. ޝެނޮން ބާތުޓަބްގައި ލެނގިލިއިރު އޭނާގެ ލޮލަށް ވަމުންދިޔަ ގޮތް ފެނިފައި އޭނާ މަރުވަނީ ކަން އަހަންނަށް އެނގުނެވެ. އަހަރެން ފަހަތުން އަތްލައްވާފައި އޭނާ އުފުއްލާލީމެވެ. ފާޚާނާ ތަށި މަތީގައި އަހަރެން އިށީނދެފައި ދަރިފުޅު ނަގާ އަހަރެންގެ ފައިގެ މަތީގައި ބޭންދީމެވެ. އެވަގުތު ދަރިފުޅު އެންމެ ފަހުގެ ނޭވާލައި މި ދުނިޔެ ދޫކުރީ އެވެ. އަހަރެންނަށް ދަރިފުޅު ސަލާމަތްކުރަން އެއްވެސް ކަމެއް ނުކުރެވުނެވެ.

ސިއްހީ މާހިރުންނާއި މާޔޯ ކްލިނިކްގެ ޑޮކްޓަރުންގެ ބުރަ މަސައްކަތުން ވެސް ދަރިފުޅުގެ ފުރާނަ ސަލާމަތެއް ނުވި އެވެ. އަރިދަފުސް ރޯގާގެ ސަބަބުން ދަރިފުޅުގެ އެތެރެހަށީގެ ގުނަވަންތައް ހަލާކުވީ އެވެ. އޭނާއަކަށް ވެސް އެކަމެއް ނޭނގެ އެވެ.

"އަހަންނަށް އެގޮތަށް ކަންތައް ކުރެވުނު ނަމަ"

ފްލޫ ވެކްސިން ޖަހަން ޝެނޮން ގަބޫލު ނުވީ އެވެ. އޭނާ އެ ދުވަހު ވެކްސިން ޖެހި ނަމައޭ އަހަރެން މިހާރު ހިތަށް އަރަ އެވެ.

ދަރިފުޅު އިންކާރު ކުރުމުން ވެސް އިތުރަށް އޭނާއަށް އެކަން ކުރަން ބާރު އެޅުނު ނަމަ އެވެ. އެހެން ނަމަ އަހަރެންގެ ހިތުގައި މިވާ "ކުށްވެރިއެއް" ކަމުގެ އިހްސާސެއް ނެތީހެވެ.

އޭނާގެ ހަށިގަނޑަށް ވަންނަ ވައިރަސްތަކުގެ ކޮންޓްރޯލް ވެކްސިންގެ ސަބަބުން ހަށިގަނޑަށް ލިބުނީހެވެ. ވެކްސިން ޖެހުމުން ވާ ގޮތަކީ ވެސް އެއީ އެވެ. ފްލޫ ވެކްސިން ޖެހިޔަސް ރޯގާ ޖެހިދާނެ އެވެ. ނަމަވެސް އޭގެ ސަބަބުން ބޮޑަށް ބަލިވުމާއި ސީރިއަސް ވުމުން ދުރުވާނެ އެވެ.

ފްލޫ ވެސް ސީރިއަސް ބައްޔެއްގެ ގޮތުގައި ދެކޭށެވެ. ވެކްސިން ޖަހައިގެން ތިމާ އާއިި އެހެން މީހުން ވެސް ބަލިން ރައްކާތެރި ކުރާށެވެ. ތިމާގެ ލޯބިވާ މީހުންނަށް ބަލި ޖެހިދާނެހެން ހީވާ ނަމަ އެމީހުން ގެއިން ނުނެރެ ބައިތިއްބާށެވެ. ނޫން ނަމަ އަމިއްލަ ދަރިއަކު މަރު ނުވި ނަމަވެސް ދަރިފުޅުގެ ކްލާސް ކުއްޖަކު މަރުވީ ތިމަންނަގެ ދަރިފުޅު ކްލާހަށް ގެންދިޔަ ބަލީގެ ވައިރަހުން ކަމަށް ހީވެ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތަން ވެސް އަތުވެދާނެ އެވެ.

ފްލޫއާ ބެހޭ ގޮތުން ވާހަކަ ދައްކާ އެހެން މީހުން ވެސް އެ ބައްޔަށް ހޭލުންތެރި ކުރުވާށެވެ. ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުން ވެސް، ރޯގާ ޖެހޭ މީހުން އޮފީހަށް ނުނެރެން ވިސްނަން ޖެހޭނެ އެވެ. އެހެން މީހުންނަށް ބަލި ޖެހިދާނެތީ އެވެ.

ސަރުކާރުތަކުން ވެސް ރައްޔިތުންގެ އަޑު އަހަން ޖެހެ އެވެ. އަދި ބަލީގެ ކަންތައްތައް ވީހާ ވެސް ބޮޑަށް ހާމަކުރަން ޖެހެ އެވެ. އަދި ކަމުގެ ސީރިއަސްކަމަށް ބަލައި ތެދުވެރިކަމާ އެކު މަސައްކަތް ކޮށްދޭން ޖެހެ އެވެ. އަދި ސައިންސްވެރިން ވެސް ޔުނިވާސަލް ފްލޫ ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަން ޖެހެ އެވެ. މިކަމާ ގުޅޭ ރިސާޗްތައް ކުރިޔަށް ދާކަން ވެސް އެނގެ އެވެ.

ދުރާލާ ފިޔަވަޅު އަޅާށެވެ. ނޫން ނަމަ އަހަރެން ގޮތަށް އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުގައި ތިބޭ މީހުން ގިނަ ވާނެ އެވެ. އަހަންނަކީ ހަމަ އާދައިގެ ކުއްޖެއްގެ އާދައިގެ މަންމަ އެކެވެ. ނަމަވެސް މިހާރު އަހަންނަކީ ހަމައެކަނި އިންސާނެއްގެ ތޮށިގަނޑެވެ.

2 ކޮމެންޓް, 268 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 95%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރީ

06 April 2017

ޝެނޮންގެ ތިޔަ މެސެޖަކީ ހަމަ ހުރިހާ ބެލެނިވެރިންނަށްވެސް ކަންކަން ދިމާވާގޮތް.. ވަރަށް މުހިއްމު އިބްރަތުން ފުރިފައިވާ ބެލެނިވެރިން ހޭލުންތެރިކުރުވާނެ މެސެޖެއް.. ކުދިންގެ ފުރާނަ ނުދިޔަސް ގިނަ ކަންތައް ތަކަކީ އެހެން ނުހެދުން ނަމައޭ މިކަން މިހެން ނުކުރެވުނު ނަމައޭ ހިތައްއަރާ ގިނަ ފަހަރު.. ކޮންމެ ކަމަކީ އެކަމުން ފިލާވަޅެއް ހޯދަން ލިބޭ ފުރުސަތެއް..

The name is already taken The name is available. Register?

ހިރަފުސް

06 April 2017

މި ލިޔުން ކިޔާލިގަޑީގައި މާގަިނއިން ލޮލަށް ހިރަފުސް ވަދެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454