ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު ރާއްޖޭގައި އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެންމެ ފުރަތަމަ 2009 ވަނަ އަހަރު ދުނިޔޭގައި އަލަށް ސްވައިން ފްލޫ އާންމުވެގެން ދިޔައިރު މިއީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ބެލެވުނަސް އެ ބަލި ޖެހި އެތައް ބަޔަކު ރަނގަޅުވުމުން، ބަލިން ދިފާއުވުމުގެ ބާރު ލިބި އެއީ މިހާރު އާދައިގެ ރޯގާއަކަށް ވެފައިވާ ކަމަށެވެ.
"އެހެންވެ، އެޗް1އެން1 އަކީ މިހާރު އާދައިގެ އެހެން ރޯގާތަކާ އެއްފަދަ ރޯގާއެކެވެ. އަދި އާދައިގެ ރޯގާއަކަށް ވުރެ ބޮޑުވަރުވާ އަދި ނުރައްކާވާ ބައްޔެއް ވެސް ނޫނެވެ." އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.
ނަމަވެސް އެ އިދާރާއިން ބުނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް ރޯގާގެ ސަބަބުން ނުރައްކާ ވެދާނެ ކަމަށެވެ.
އެޗް1އެން1ގެ ކޭސްތައް މިހާރު ފެންނަމުން ދަނީ އެކަމަށް ހާއްސަކޮށް ޓެސްޓުތައް ކުރަމުން އަންނާތީ ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް، ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން، މިފަދަ ވަގުތެއްގައި ކަންތައްތައް ކުރުމަށް ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ކުރަން ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ސްވައިން ފްލޫގެ އަލާމާތްތައް ހަމަ އާދައިގެ ރޯގާއެއްގެ އަލާމާތްތަކާ ދާދި އެއްގޮތެވެ. އެއީ، ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް؛
- ރޯގާ ޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން،
- ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން،
- ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ކުޑަކުދިން އެ ފަދަ ތަންތަނަށް ނުގެންދިޔުން،
- ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާ އެއްޗެހި ބޮއެ، ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން
ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން މިހާރު ވަނީ ފްލޫ ކްލިނިކްތަކެއް ހޮސްޕިޓަލްތަކުގައި ގާއިމުކޮށް، ފަސޭހައިން ޑޮކްޓަރަށް ދައްކައި ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މި ދުވަސްވަރު ރޯގާ ފެތުރެމުންދެ އެވެ. އައިޖީއެމްއެޗްގައި ހުޅުވާފައިވާ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ޚިދުމަތް ދޭނެ އެވެ.