ޕިސްޓޯރިއަސް: އޭނާ އުފަންވިއިރު ވެސް ދެ ފައިގެ ކަކުލުން ތިރީގެ ކަށްޓެއް ނެތް --ފޮޓޯ/ސީއެންއެން
16 ޖޫން 2016 - 12:20
ޕްރިޓޯރިއާ (ޖޫން 16) - ދެކުނު އެފްރިކާގެ އޮލިމްޕިކްގެ ދުވުންތެރިޔާ އޮސްކާ ޕިސްޓޯރިއަސްގެ ޝަރީއަތުގެ ވާހަކަ ނުދަންނަ ބަޔަކު މަދުވާނެ އެވެ. ފެބްރުއަރީ، 2014 ގަައި އޭނާގެ ލޯބިވެރިޔާ ރީވާ ސްޓީންކޭމްޕްގެ ގަޔަށް ބަޑި ޖަހައި ގަސްދުގައި ރީވާ މަރާލި ކަމަށް ބުނެ ޕިސްޓޯރިއަސްގެ މައްޗަށް ހިންގާ ޝަރީއަތަކީ މިހާރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެއް ޝަރީއަތެވެ.
އެ ޝަރީއަތުގެ ކުރީގެ އަޑުއެހުންތަކުގައި ޕިސްޓޯރިއަސް ކޯޓުގައި ރޮއެ، ހޮޑުލައި ހެދުމުން އެކަމަށް ގިނަ ބައެެއްގެ ސަމާލުކަން ލިބިގެންދިޔަ އެވެ. މިފަހަރު ވެސް މިއީ އެފަދަ ކަމެކެވެ.
އުފަންވިއިރު ވެސް ކަކުލުން ތިރީގައި އެއްވެސް ކަށްޓެއް ނެތުމުން ޕްލާސްޓިކް ފައި ބޭނުންކޮށްގެން ހިނގާ ބިނގާވެ އުޅޭ ޕިސްޓޯރިއަސް އިއްޔެ ވަނީ އޭނާގެ ހުރި ނުކުޅެދުންތެރިކަން އެތައް ބައެއްގެ ކުރިމަތީގައި ކޯޓުގައި ދައްކާލައިފަ އެވެ.
އެގޮތުން އޭނާގެ ކަކުލުގެ ތިރިން ހަރުކޮށްފައިވާ ޕްލާސްޓިކް ފައިތައް ނެއްޓުމަށް ފަހު އޭނާ ހިނގާ ބިނގާވެ އުޅެންޖެހޭ ގޮތާއި ދުވެ އުޅެންޖެހޭ ގޮތް ކޯޓު ރޫމް ތެރޭގައި ދައްކާލި އެވެ. ޕިސްޓޯރިއަސް އޮލިމްޕިކްގައި ދުވީ ވެސް ކަކުކުލުން ތިރީގައި ބްލޭޑެއް ހަރުކޮށްގެންނެވެ. އެހެންވެ އޭނާ މަޝްހޫރުވެފައި ވަނީ ވެސް "ބްލޭޑް ރަނާ" ގެ ނަމުންނެވެ.
ޕިސްޓޯރިއަސް އިއްޔެ ކޯޓުގައި ހިނގަނީ --ފޮޓޯ/ގާޑިއަން
މިއީ ޕިސްޓޯރިއަސްގެ މައްޗަށް ކަނޑައަޅާނެ އަދަބާ ބެހޭގޮތުން ބަހުސް ކުރަން މިހާރު ކުރިއަށް ގެންދާ އަޑުއެހުންތަކުގައި ބޮޑު އަދަބަކުން ސަލާމަތްވާން އޭނާ ކުރި ކަމެކެވެ. ދެކުނު އެފްރިކާގައި ގަސްދުގައި މީހަކު މެރުމުން އެންމެ ކުޑަ އަދަބަކަށް ވެސް ދެވޭނީ 15 އަހަރަށް ޖަލަށްލުން ނަމަވެސް ވަކި ހާލަތްތަކެއްގައި އެއަށް ވުރެ ކުޑަ އަދަބެއް ވެސް ފަނޑިޔާރަށް ދެވިދާނެ އެވެ.
ޕިސްޓޯރިއަސްގެ އަދަބު ލުއިކުރަން އޭނާ އާއި އޭނާގެ ދިފާއީ ވަކީލުން މަސައްކަތް ކުރިޔަސް ޕްރޮސެކިއުޓަރުން ބުނަމުންދަނީ ގާނޫނުގައި އޮންނަ ގޮތަށް މަދުވެގެން 15 އަހަރުގެ ޖަލު ހުކުމެއް ޕިސްޓޯރިއަސްގެ މައްޗަށް އިއްވަންޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި އަންނަ މަހުގެ 6 ވަނަ ދުވަހު ޕިސްޓޯރިއަސްގެ މައްޗަށް އަދަބު ކަނޑައަޅާނެ އެވެ. އެހެންވެ މިއީ އަނެއްކާވެސް ޕިސްޓޯރިއަސްއަށް މުހިންމު ދުވަހެކެވެ.
ޕިސްޓޯރިއަސް ބުނަމުންދަނީ ރީވާ ފާހާނާގައި ހުއްޓާ ފާހާނާގެ ދޮރަށް ބަޑި ޖެހީ އެތަނުގައި ވަގަކު އުޅޭ ކަމަށް ހީކުރެވިގެން ކަމަށާއި އެތަނުގައި ރީވާ ހުރިކަން އޭނާ އަށް ނޭނގޭ ކަމަށެވެ. އެ މައްސަލާގައި ހައި ކޯޓުން އެންމެ ފުރަތަމަ ނިންމީ ގަސްދުގައި މީހަކު މެރިކަން ޕިސްޓޯރިއަސްގެ މައްޗަށް ސާބިތުނުވާ ކަމަށާއި އެކަމަކު ފަރުވާ ކުޑަ އަމަލަކުން މީހަކު މަރުވުމުގެ ކުށުން ޕިސްޓޯރިއަސް ކުށްވެރިވާތީ އޭނާ ފަސް އަހަރަށް ޖަލަށްލުމެވެ.
އެ މައްސަލަ ޕްރޮސެކިއުޓަރުން އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމީ ގަސްދުގައި މީހަކު މަރާލިކަން ޕިސްޓޯރިއަސްގެ މައްޗަށް ސާބިތުވާ ކަމަށާއި އެހެންވެ އޭނާ އަށް އަދަބެއް ކަނޑައަޅަން އަލުން ހައި ކޯޓަށް މައްސަލަ ފޮނުވުމަށެވެ.
ގަސްދުގައި ރީވާ މަރާލިކަން ސާބިތުވާތީ ސުޕްރީމް ކޯޓުން އެ ގޮތަށް ނިންމިއިރު ޕިސްޓޯރިއަސް ހުރީ ހައި ކޯޓުން އޭނާއަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އެއް ބައި ތަންފީޒުކޮށް ނިމި، ރިހެބިލިޓޭޝަން އަށް ގެއަށް ވެސް ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy