ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން، ޓޫރިސްޓަކަށް ހަދިޔާއެއް ދެނީ: ދިވެހި މުވައްޒަފުންނަށް ގެއްލިފައިވާ ފުރުސަތު ހޯދައިދޭން ވެސް ސަރުކާރުން އަމަލީ ގޮތުން މަސައްކަތްކުރަން ޖެހޭނެ
01 މެއި 2017 - 08:49
ގަމީސް ޔުނީފޯމްގެ ޖީބުގައި ބެޖެއް ހުއްޓެވެ. ކައިރިން ބަލައިލުމުން އެއީ "30 އަހަރުގެ ޚިދުމަތުގެ ބެޖް" ކަން އެނގުނެވެ. ރެސްޓޯރެންޓްގެ އެ މުވައްޒަފަށް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރިސޯޓް ފުރަތަމަ ހުޅުވީއްސުރެ އޭނާ ވަޒީފާ އެ އަދާކުރަނީ، ތެދުވެރިކަމާއި، ކިޔަމަންތެރިކަމާ އެކު، އެ ތަނުގަ އެވެ. ވަޅުން ފެން ނަގައިގެން ގެންގޮސް ކޮޓަރިތަކަށް ފެން ފޯރުކޮށްދޭ ތާނގީތަކަށް ބަރުކުރި ހަނދާން، ފަޚުވެރިކަމާ އެކު ކިޔައިދިނެވެ. އެއީ ޓޫރިސްޓުން ލޮނު ފެނުން ފެން ވަރައި، އާދައިގެ ފަންކާ އިން ކޮޓަރި ފިނިކުރި ޒަމާނެވެ.
އޭރު ވެސް ޚިދުމަތުގަ އެވެ. މިއަދު އެ ރިސޯޓް ފަސް ތަރީގެ ތަނަކަށް ބަދަލުވި އިރު ވެސް ޚިދުމަތުގަ އެވެ. ސުވާލަކީ އޭނާ އަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟ މަހު މުސާރަ، އެލަވަންސްތައް ހިމެނޭ ގޮތަށް، އެކަންޏެވެ. ރަށުގައި ގެއެއް އަޅައިދޭން އެހީތެރިވި ހެއްޔެވެ؟ ނޫނެކެވެ. ދަރިޔަކަށް ބޭރުން ކިޔަވައިދިން ހެއްޔެވެ؟ ނޫނެކެވެ. އަމިއްލަ އަށް އުޅެވޭނެ އިތުރު ގޮތެއް ހަދައިދިން ހެއްޔެވެ؟ ނޫނެކެވެ.
އޭނާގެ ޝަކުވާއެއް ނެތެވެ. ނުވަތަ ހުއްޓަސް އެވާހަކަ ނުދައްކަ އެވެ. ޖީބުގައި ހުރި ބެޖަކީ އޭނާ އަށް ފަޚުރުކެވެ.
ޓޫރިޒަމް ދާއިރާ އިން މައްޗަށް ކިޔަވައިގެން ހުރި، ޒުވާން މުވައްޒަކާ ބައްދަލުކޮށްލަމާ ހިނގާށެވެ. ރިސޯޓްގައި ވަޒީފާ އަދާކުރާތާ 15 އަހަރެވެ. މަތީ ތައުލީމު ހޯދަން ރިސޯޓުން އެހީތެރިވި އެވެ. ޝުކުރިއްޔާ އެވެ. އެކަމަކު އޭނާ ފިތިފައި ވަނީ، ދިވެހިންނަށް ވުރެ ގިނަ ބާރުތައް ދީފައިވާ ބިދޭސީން މުވައްޒަފުންގެ މެދުގަ އެވެ. ގެސްޓް ރިލޭޝަންސްގެ ކަންކަމުގައި އެހީތެރިވާން ޔޫރަޕުން ގެންނަ އަންހެން މުވައްޒަފު، ހަ މަސް ދުވަހުގެ ތެރޭގައި ހުންނަނީ، ކޮންމެވެސް ދާއިރާއެއްގެ މެނޭޖަރަކަށް ވެފަ އެވެ. އޭނާ ބުނާ ގޮތުގައި ހުރިހާ ކަމެއް ކުރަން ޖެހެނީ "ތިމަންނަމެންނަށެ"ވެ. އެކަމަކު ހުރިހާ ބޮޑެތި ވަޒީފާތަކެއްހެން، ތަޖުރިބާއެއް ނެތް، ވާނުވާއެއް ވެސް ނޭނގޭ، ޔޫރަޕް މީހުންނަށެވެ.
އޭނާގެ ޝަކުވާ އެބަ ހުއްޓެވެ. މި ވާނުވާ، ކުރީގެ މުވައްޒަފަށް ވުރެ މާ ބޮޑަށް، އޭނާ އަށް އެނގެ އެވެ. އެވާހަކަ ދައްކަން ވެސް ދައްކަ އެވެ.
މި ކުޑަ، އެކަމަކު ހަގީގީ ދެ މިސާލުން މަސައްކަތްތެރިންގެ ހައްގުގެ ދުވަހަށް މަރުހަބާ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ އަދި ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ދާއިރާގައި، އެތައް ހާސް ދިވެހިންނެއް ގެންދަނީ ވަޒީފާ އަދާކުރަމުންނެވެ. ގިނަ ރިސޯޓްތަކުގައި ވަރަށް ރަނގަޅު ޚިދުމަތް މުވައްޒަފުންނަށް ލިބެ އެވެ. ޚާއްސަކޮށް ބޭރުގެ މަޝްހޫރު ބްރޭޑްތަކުން ހިންގާ ތަންތަނުގައި މުވައްޒަފުންގެ ގިނަ ހައްގުތަކެއް ހުރީ ހިމާޔަތްކޮށްފަ އެވެ. އަދި ދިވެހި މެނޭޖްމަންޓްގެ ބައެއް ރިސޯޓްތަކުން ވެސް މުވައްޒަފުންނަށް ރަނގަޅަށް ކަންކަންކޮށްދެ އެވެ.
މިދިއަ އަހަރު ރާއްޖެ އައި 750،000 ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔަނީ: ޓޫރިޒަމްގައި ރާއްޖެ އަކީ ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު ގައުމެއް
އެކަމަކު ބިދޭސީންނާއި ދިވެހިންނާ ހުރި ތަފާތުކުރުންތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ.
"މުސާރާގައި ވެސް ވަރަށް ތަފާތު އެބަ ހުރި، ޕްރޮފެޝަނަލް މަގާމުތަކުގައި ތިބޭ ދިވެހިންނާއި ބޭރު މީހުންނާ. ވަރަށް ގިނަ އެހެން އިނާޔަތްތައް ވެސް އެ މީހުންނަށް ދޭ،" ޓޫރިޒަމް ދާއިރާ އިން ކިޔަވައިގެން ހުރި ޒުވާން މުވައްޒަފު، ނަން ނުޖަހާ ގޮތަށް، ކިޔައިދިނެވެ.
"ވަރަށް ބޮޑު އުއްމީދެއްގައި ކިޔަވައިގެން އައީ. އަހަންނާ އެކު އުޅޭ ބޭރު މީހުންނަށް ވުރެ އަހަރެންގެ ތަޖުރިބާ ވެސް ބޮޑު. އެ މީހުންނަކަށް ނޭނގޭ ގިނަ ކަންކަން ކުރަނީ ވެސް އަހަރެން. އެކަމަކު ތަފާތު ވަރަށް ބޮޑު. މާޔޫސްވަނީ އެކަމާ."
މި ދައްކަނީ ކެއުމާއި ނިދުމުގެ ވާހަކަތަކެއް ނޫނެވެ. މި ދައްކަނީ ރިސޯޓް ހިންގުމުގެ ޒިންމާދާރު ބޮޑެތި މަގާމުތަކުގައި މަސައްކަތްކުރާ އިރު އަދިވެސް ރާއްޖޭގައި އޮތް ތަފާތުކުރުމުގެ ވާހަކަ އެވެ. ބައެއް މުވައްޒަފުން ބުނާ ގޮތުގައި ބައެއް ދިވެހި އޯނަރުންނަށް "ދިވެހިން ކަމުނުދަނީ" އެވެ. އެހެންވެ ޒިންމާދާރު މަތީ މަގާމުތައް ގިނައިން ދީފައި ހުންނަނީ ބިދޭސީންނަށެވެ. މިސާލަކަށް ބުނާ ނަމަ، ރާއްޖޭގައި އެކައުންޓިން ދާއިރާ އިން، މަތީ ތައުލީމު ހާސިލްކޮށްފައިވަ ދިވެހިން ގިނަ އިރު، ރިސޯޓްތަކުން އެ ފުރުސަތެއް ނުދެ އެވެ. ބޮޑު މުސާރަ ދީފައި ހުންނާނީ ސްރީ ލަންކާ މީހަކު ނުވަތަ އެނޫން ވެސް ކޮންމެވެސް ބިދޭސީއަކަށެވެ.
"ބައެއް އޯނަރުން ވަރަށް ޖެހިލުންވޭ ރިސޯޓަށް ފައިސާ ވަންނަވަރު ދިވެހިންނަށް އެނގެން. އެހެންވެގެން ކަންނޭނގެ ބޭރު މީހުން އެ ބައިގައި އެ ގެންގުޅެނީ،" ކުރިން ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.
ރާއްޖޭގެ ޓޫރިޒަމް ތަރައްގީވެފައިވާ މިންވަރަށް ދިވެހި މުވައްޒަފުންނަށް ކުރިއެރުން ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ. އެކަމަކު އެ ޝަކުވާ އަޑުއަހާނެ ކަންފަތެއް ނެތެވެ. ސިޔާސަތު ރާވާ، ހިންގާ ސަރުކާރުގެ އިދާރާތަކުގެ ބާރުވެރިކަން، ރިސޯޓްތަކުގެ މެނޭޖްމަންޓްތަކަށް ނުފޯރަ އެވެ. ބައެއް މުވައްޒަފުން ބުނާ ގޮތުގައި މިހާރު މި އޮތީ ރިސޯޓް އޯނަރުން ބޭނުންވާ ކަމެއް، ބޭނުން ގޮތަކަށް ކުރެވޭ އުސޫލެވެ. އެހެންކަމުން މުވައްޒަފުންގެ ހައްގުތައް، އަމިއްލަ ގައުމުގެ ދަރިންނަށް އޮންނަން ޖެހޭނެ ފުރުސަތުތައް އިތުރުކުރަން ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ.
ރިސޯޓްތަކުގައި ދިވެހިން އެންމެ ގިނައިން ވަޒީފާ އަދާކުރާ އެއް ތަނަކީ ރެސްޓޯރެންޓެވެ. އެކަމަކު ދިވެހި އެންމެ މުވައްޒަފެއް ވެސް ނުލާ ރެސްޓޯރަންޓްތައް ހިންގާ ރިސޯޓްތައް ރާއްޖޭގައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ސީދާ ދިވެހިން މެނޭޖްކުރާ ތަންތަން ވެސް ހިމެނެ އެވެ. އޭގެ ސަބަބަކީ، ތަޖުރިބާ ހުރި ބައެއް މީހުން ބުނާ ގޮތުގައި، ދިވެހިން ޑިމާންޑްކުރާނެ ކަންކަމުން ސަލާމަތްވެ، ޚަރަދު ކުޑަކޮށް ހިންގައިގެން، ބޮޑު ފައިދާ ޖީބަށް ލުމެވެ. އޯނަރުންގެ ވާހަކައަކަށް ވާނީ "ދިވެހިން ގެންގުޅެން އުނދަގޫވުމެ"ވެ. އެކަމަކު ރާއްޖޭގައި ރިސޯޓްތައް ހިންގާ ބޭރުގެ ބޮޑެތި ކުންފުނިތަކަށް ދިވެހިން ގެންގުޅެން އުނދަގޫ ވެގެންނެއް ނޫޅެ އެވެ.
ކުރިން ވާހަކަ ދެއްކި ޒުވާނާ ބުނި ގޮތުގައި ބޭރުގެ މަޝްހޫރު މަނޭޖްމަންޓުން ދިވެހި މުވައްޒަފުންނަށް ވަރަށް ރަނގަޅެވެ. އެކަމަކު އޭނާގެ ޝަކުވާއަކީ ދިވެހި ބައެއް މުވައްޒަފުންނަށް ވުރެ ތަޖުރިބާ ކުޑަޔަސް، އަދި އިލްމީ ގޮތުން ދަށަސް، ސީނިއަ ބައެއް މަގާމުތަކުން ދިވެހިންނަށް ފުރުސަތު ނުލިބުމެވެ.
ރާއްޖޭގެ ރީތި ރަށެއް: މިރަށްރަށް ރިސޯޓްތަކަށް ތަރައްގީކޮށް، ބޮޑެތި ފައިދާ ނަގާ
"ބަލާބަލަ ކިތައް ދިވެހި މެނޭޖަރުންތޯ ތިބީ؟ އަހަރެމެން ވެސް ބޭނުން މައްޗަށް ދާން. އެވަރަށް މަސައްކަތް ވެސް ކުރަމޭ. އަމިއްލަ ދިރިއުޅުމަށް ވުރެ ރިސޯޓްގެ ކަންކަމަށް ސަމާލުކަން ވެސް ދެނީ. އެކަމަކު އުއްމީދު ފުރިހަމައެއް ނުވޭ،" އޭނާ ބުންޏެވެ.
އޭނާގެ އުއްމީދަކީ އުނދަގޫތައް ހުރަސްކޮށްގެން ނަމަވެސް މި ދާއިރާގެ މަތީ މަގާމުތަކުގައި މަސައްކަތްކުރުމެވެ. އެފަދަ މަގާމުތަކުގައި ތިބި ބިދޭސީންނަށް ވުރެ މާ ގާބިލް، މާ ތެދުވެރި ދިވެހިން އެބަ ތިބިކަން އޭނާ ގަބޫލުކުރެ އެވެ. އެކަމަކު މައްސަލަ އަކީ އެ ފުރުސަތު ނުލިބުމެވެ. އެއީ އޭނާ ސިފަކުރި ގޮތުން ނަމަ "އަޅުވެތިކަމެކެ"ވެ.
ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފަށް، އޭނާ އޮހޮރުވި ދަލުގެ އަގު، ދިވެހި ވެރިޔާ ވަޒަންކުރަނީ ގަމީހުގައި ޖަހާލި ބެޖުންނެވެ. އޭރު އެ ރިސޯޓްގެ ވެރިޔާ ހުރީ މިލިއަނަރަކަށް ވެފަ އެވެ. އެހެންކަމުން ރިސޯޓްތަކުން ލިބޭ ބޮޑު ފައިދާ ވަންނަނީ ހަމައެކަނި ވެރިންގެ ޖީބަށް ކަމަށް، ދިވެހި މުވައްޒަފުން ގަބޫލުކުރެ އެވެ.
"އޯނަރަށް ހީވަނީ ވަޒީފާގައި މީހުން ގެންގުޅުނީމާ އެއީ ކޮށްދެވޭ ހެޔޮ ކަމެކޭ. ހަގީގަތަކީ އެއެއް ނޫން. ރިސޯޓެއް ނުހިނގާނެ މުވައްޒަފުން ނެތިއެއް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ދިވެހި މުވައްޒަފަކު ބުންޏެވެ.
"އެ މީހުން ވަޒީފާ އަދާކުރީމާ އެމީހުން މުއްސަނދިވަނީ. މުވައްޒަފުންނަށް ހައްގުވާ ކިތައްމެ ކަމެއް އެބަ ހުރި. ގިނަ ދުވަހު އުޅޭ މުވައްޒަފުންނަށް ކީއްތޯ ވާނީ އެހީއެއް ދިނިއްޔާ، ގެ ހަދަން، ފްލެޓެއް ގަންނަން، ދަރިންނަށް ކިޔަވައިދޭން. އެކަމެއް ނުފެނޭ."
ރަނގަޅަށް މަސައްކަތްކުރާ ދިވެހިންނަށް، އެމީހުންގެ އުއްމީދުތައް ހާސިލްކުރެވޭ ގޮތަށް ފުރުސަތު ނުލިބުމަކީ މިއަދުގެ އެއް މައްސަލަ އެވެ. އަނެއް މައްސަލަ އަކީ، ޓޫރިޒަމުން ލިބޭ ބޮޑު ފައިދާގެ މިންވަރެއް، އެއްކަލަ 30 އަހަރު ވީ މުވައްޒަފަށް ވެސް، ނުލިބުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިބިކަ
02 May 2017
ދިވެހިންގެ ގައުމުގައި ދިވެހިން ބިކަހާލުގައި ޖެހިފައި!
މުޙައްމަދު
02 May 2017
މިއާޓިކަލްގައި ރިސޯޓް އޯނަރުންގެ ބަހެއް ނެތުމުން ފުރިހަމަކަން ކުޑަ.
ހަސަން
02 May 2017
ދިވެހިންނަށް ފުރުސަތު ވަރަށް މަދު. މިއީ ރަނގަޅު ސިޔާސަތެއްނެތީމާ މިހެންދިމާވަނީ. މިހާރުވެސް ގިނަ ރިށޯރޓްގައި ބިދޭޒީ މުވައްޒިފުން ގެންގުޅެނޯ އެހެން ކުންފުނީގެ ކޯޓާ ތަކުގައި، ހަޤީގަތަކީ 70 ޕަސެންޓް ބިދޭސީން ވަޒީފާ އަދާކުރާ ރިސޯރޓްތައްވެސް ހުރިކަން.
ޒޫނާ
02 May 2017
ވަރަށް ތެދު ބަހުން އެއްޗެއް ދަންނަވަންތޯ؟ ނިކަން ރަނގަޅަށް ސާވޭ އެއް ހައްދަވައިގެން ބައްލަވާ ބައްލަވާ ރާއްޖޭގެ ކިތައް ރިސޯޓްގަތޯ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ހެޑުންނަށް ދިވެހިން ތިބީ! ހަމ ޔަޤީނުންވެސް %95 އަށްވުރެ ގިނަވާނީ އެ މަޤާމްތަކުގާ ބިދޭސީންނެވެ. ދެން ވިސްނަވާ ބައްލަވާ، އެޗް އާރު ހެޑުން ރިސޯޓްތަކުގެ ވަޒީފާއަށް ގެންނާނީ އެމީހެއްގެ ޤައުމުގެ މީހުން، ނުވަތަ ކޮންމެވެސް އެހެން ބޭރު ޤައުމެއްގެ މީހުންނެވެ. މިހާރުވެސް އެޗް އާރު ޑިޕާޓްމަންޓް ހިންގަން ތިބޭނީ ގިނައިން ފިލިޕީންސް، އިންޑިޔާ، މެލޭޝިޔާ، ސްރީލަންކާ ފަދަ ޤައުމުތަކުގެ މީހުންނެވެ. ދެން ކިހިނެއް ރިސޯޓްތަކުގެ ރޭޝިއޯ އޭ މިބުނާ %60 ދިވެހިން އަދި އެންމެ ގިނަވެގެން %40 ބިދޭސީންގެ ރޭޓުން މެނޭޖްކުރާނީ. ދަންނަވަންތޯ...ހަމަ އެއްވެސް ކޮންޓްރޯލެއްނެތް. މިނޫން ގޮތަކަށް ރާއްޖޭގެ ވަޒީފާ ބާޒާރު ރަގަޅު ކުރަންވެއްޖެ. ދިވެހިންނަށް ވަޒީފާ ނުލިބިގެން ސަލާން ޖަހަނީ....އެކަމަކު ބިދޭސީން ރަގަޅު ވަޒީފާތަކަށް އައުމެއް ހުއްޓުމަކަށް ނާދޭ.
ހުސެއިން
02 May 2017
ދިވެހި ޓުއަރިޒަމަކީ ދެތިންމީހަކު ހިފަހައްޓައިގެން އުޅޭއެއްޗެއް. ރެގިލޭޓެއްނުކުރެވޭ. ކުޑަމިނުން ދިވެހިން ކުރާމަސައްކަތަށް އެކަށީގެންވާ އުޖޫރައެއްނުދެވޭ. އަޅާލާނެމީހަކު ނެތް.
އަމުމަ
02 May 2017
ދިވެހިންނަކަށް އިތުބާރެއް ނުކުރެވޭ . އެކަމަކު ދިވެހިރާއްޖޭގައި އިންވެސްޓުކުރަނީ .މުއްސަދިކަމާއި މަޝްހޫރުކަން ހޯދަނީ ދިވެހިރާއްޖޭގައި މަސައްކަތް ކޮށްގެން ދިވެހިން ގެވަސީލަތްތައް ބޭނުންކޮށްގެން. ހޯދާމީހުން ފަޅުރަށްރަށާއި ފަޅުތަކާއި ފަރުތައް ހޯދަނީ ހަމަޖެހިފައިވާ އުސޫލުންތޯ ؟ މިސުވާލުވެސް އުފައްދަމާތޯ؟އަދިއެސުވާލުގެ ޖަވާބު ދިވެހިންނަށް އިތުބާރު ނުކުރެވޭ މީހާއަށް ދެވޭނެބާ؟
ތެދުވާހަކަ
02 May 2017
އަހަރެންވެސް މިއީ ތީގެ މީހެއް. ކިތަންމެ ވަޒީފާއަކަށް އެޕްލައި ކުރިޔަސް ޖަވާބެއް ނުލިބޭ. އިންޓަވިއު އަކަށްވެސް ކިޔާނުލާ. ލަވާކުރެވޭ ގޮތުގައި ވަޒީފާތައް އިއުލާންކޮށްލަނީ ބޭރުމީހުން ގެންނަން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްލުމަށް. އޯނަރަުންނަށް ހީވެދާނެ ބޭރުމީހުން ލައިގެން ތަންތަން ހިންގުމުން ތިމަންނަގެ ޖީބަށް ވަންނަ ފައިސާ ގިނަވީމަ އެނިމުނީއޭ. ކޮބައިތާ ތިމާމެންގެ އިޖުތިމާއީ ޒިންމާ. ބޭރުމީހުންނަށް އެކުރާ ޚަރަދު ގަނޑުކޮށް އެދަނީ ރާއްޖެއިން ބޭރަށް. ދިވެއްސަކަށް އެފައިސާތައް ދޭނަމަ ފައިސާތައް ދައުރުވާނީ ރާއްޖޭގައި. މުޅި ދިވެހިރާއްޖެއަށް އޭރުން އޭގެ ފައިދާ ލިބިގެންދާނީ. ކަމާބެހޭ އިދާރާތަކުންވެސް މިކަންކަމާމެދު އިތުރަށް ވިސްނައި ފިޔަވަޅު އަޅަން އެބަޖެހޭ. ގަވާއިދުތަކެއް ހެދިފަ ހުއްޓަސް ތަންފީޒު ނުކުރެވެންޏާ އޭގެ ބޭނުމެއްނެތް.
ސަނީ
02 May 2017
ތި ހުރިހާކަމެއް ހައްލުވެފާ ވަނީ. ޝުކުރިއްޔާ ރައީސް.
ހެހެހެ
02 May 2017
ދިވެހިންލައިގެން ވިޔަފާރިއެއް ހިންގަން ވެއްޖިއްޔާ ގިނަފަހަރަށް ބަނގުރޫޓް ވާނީ! ދިވެހި މަސައްކަތްތެރީންގެ ސަބަބުން ތިހާލަތަށް ރާއްޖެ ދިޔައީ! އެއްވެސް އެންޕްލޯޔަރަކު އަސްލު ބޭނުމެއް ނޫން ބިދޭސީން ގެންގުޅޭކަށް! އެކަމު ކީއްކުރާނީ! ދިވެހިންނަކަށް އިތުބާރެއް ނުކުރެވޭ!
ބާޞާ
02 May 2017
ބޮޑު ކަމެއް މި ދެން ބޭ ރު މީ ހުން ނާ ހެަދީ ރާއްޖެ އަކު ދިވެހިން ނަން ވަޒީފާ އެއް ނެތް ވަޒީފާ އޮތީ ބޭރު މީހުން ނަން ދެން ރާއްޖޭ ގަ ވެރި ކަން ކުރާނީ ވެސް ބޭރު މީހުން ރާއްޖެ އަށް ބޭރު އަންހެން ކުދިން ގެން ނަނީ ކޮޓަރި ތައް ފަޅު ފިލު ވަން ހަމަ މިހާރު ރާއްޖެ އިން ބޭރު މީހުން ހުސް ކުރޭ