އަމިއްލަ ފުށީގައި ހުޅުވި ބްރެޑް ސްޓްރީޓް ކިޗަންގެ ރެސްޓޯރަންޓް: މިއީ ރާއްޖޭގެ ރިސޯޓެއްގައި ހުޅުވި އެ ބްރޭންޑްގެ ފުރަތަމަ ރެސްޓޯރަންޓް. ފޮޓޯ: ބްރެޑް ސްޓްރީޓް ކިޗަން
03 މެއި 2017 - 14:25
ސްޓާ ވޯލްޑުން ދައްކާ "މާސްޓާ ޝެފް" ޝޯ ހުށަހަޅައިދޭ، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޝެފް، އިނގިރޭސި ވިލާތުގެ ގޯޑަން ރަމްސޭ ހިންގާ "ބްރެޑް ސްޓްރީޓް ކިޗަން" ބްރޭންޑްގެ ރެސްޓޯރަންޓެއް އަމިއްލަ ފުށި ރިސޯޓުގައި ހުޅުވައިފި އެވެ.
މިއީ ރާއްޖޭގެ ރިސޯޓެއްގައި މި ބްރޭންޑްގެ ރެސްޓޯރަންޓެއް ހުޅުވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ މީހުން ޗުއްޓީ ހޭދަކުރާ ލަގްޒަރީ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ ރިސޯޓުގައި ހުޅުވި މި ރެސްޓޯރަންޓްގައި ބޭރުގެ އެކި ގައުމުތަކުގެ ކެއްކުންތެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން މަޝްހޫރު ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ގެސްޓުންނަށް ލިބޭނެ އެވެ. އަދި އެ ރެސްޓޯރަންޓަކީ އާއިލާ އާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކޮށްލަން އެންމެ އެކަށީގެންވާ ރެސްޓޯރަންޓް ކަމަށް ވެސް ބުނެފައިވެ އެވެ.
އަމިއްލަ ފުށީގައި ހިންގާ ބްރެޑް ސްޓްރީޓް ކިޗަންގެ ޝެފުންތަކެއް: މިއީ ރާއްޖޭގެ ރިސޯޓެއްގައި ހުޅުވި އެ ބްރޭންޑްގެ ފުރަތަމަ ރެސްޓޯރަންޓް. ފޮޓޯ: ބްރެޑް ސްޓްރީޓް ކިޗަން
އަމިއްލަ ފުށީގައި ހުޅުވި ރެސްޓޯރަންޓްގެ ފޮޓޯތަކެއް ބްރެޑް ސްޓްރީޓް ކިޗަންގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ހިމަނައިފަ އެވެ.
އެ ރެސްޓޯރަންޓުން ތާޒާ އެއްގަމު މަހާއި ކަނޑުމަހުގެ ކާނާ އާއި އޭގެ އިތުރުން ތަފާތު މީރު ރަހަތައް އެކުލެވޭ ކެއުންތައް ލިބެން ހުންނާނެ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ގޯޑަން ރަމްސޭގެ ބްރެޑް ސްޓްރީޓް ކިޗަން ބްރޭންޑްގެ ރެސްޓޯރަންޓް ލަންޑަންގެ އިތުރުން ދުބާއީ، ކޮންކޮންގް އަދި ސިންގަޕޫރުގައި ހުޅުވާފައިވެ އެވެ. އެ ގްރޫޕްގެ 14 ކަލެކްޝަންގެ 31 ރެސްޓޯރަންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެ އެވެ.
ރަމްސޭ ވަނީ އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އާއިލާއާ އެކު މިދިޔަ ޑިސެމްބަރު މަހު އެ ރިސޯޓުގައި ޗުއްޓީ ވެސް ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
04 May 2017
ސަޅި ... މާކެޓިންގް އަކީ ވައްތެރެއްގެ އެއްޗެއް ... ރާއްޖޭގެ ގިނަ ރިސޯޓް ތަކަކީ ހަމައެކަނި މިލިޔަނުރުންނަށް ޓާގެތް ކުރެވިފަިއިވާ ރިސޯޓް ތަކެއް. މުއްސަދިން ނަށް 'ބްރޭންޑް' އެއީ ވަރަށް މުހިންމް އެއްޗެއް .. ރަމްސޭ އަކީ ކުޅަދާނަ ކެއްކުންތެރިއެއް ގެ އިތުރުން ވަރަށް ބޯބޭނުންކުރާ ވިޔަފާރި ވެރިޔެއް. ދެފަރާތަށް ފައިދާ ވަންޏާ ހަމަ ކުރިޔައް ދާންވީ ...