ޚިޔާލު / ފަރުވާ

ބަދިގެ އަށް ވަނުމުގެ ކުރިން މިކަންކަން އެނގުން މުހިންމެވެ.

މާލޭގެ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ކާބޯތަކެތި: ރައްކާތެރިކަމާ އެކު ކާނާ ތައްޔާރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ.---މިހާރު ފައިލް ފޮޓޯ

"... އަހަރެން ބުނީމެންނު ދޯ، މަށަކަށް ކައްކާކަށް ނޭނގެއޭ. ހަނޑޫ ހޮވާ، ބަތް ކައްކައި ރިހަ ކެއްކުމަކީ، އަހަރެން އެއް އިރެއްގައި ވެސް ކުރި ކަންތައްތަކެއް ނޫން. އެކަމަކު ކިހިނެއް، މިހެން އަބަދު ކެފޭތަކާއި ރެސްޓޯރަންޓްތަކުން ކައިގެން އުޅޭނީ! މީރުކޮށް މޮޅަށް ކައްކަން ދަސްކުރަން އަހަރެންވެސް ބޭނުން. ހޮޓެލްސް ސްކޫލަށް ދިޔައިއްޔާ ކިހިނެއް ވާނެހެން ހީވަނީ..."

ރަނގަޅު ޚިޔާލެކެވެ. ރަނގަޅު ދާއިރާއެއް ވެސް މެ އެވެ. ނަމަވެސް ކޮންމެ މީހަކު ހޮޓެލް ސްކޫލަށް ދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ މީހަކު ބޮޑުކައްކާ އަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ބޮޑުކައްކާ އަކަށް ވެގެން މެނުވީ، ރަނގަޅަށް ނުކެއްކެނީ ހެއްޔެވެ؟ ނޫނެކެވެ. ހަމަ ކޮންމެ މީހަކަށް ވެސް ފައިދާ ހުރި ގޮތެއްގައި ކާނާ ތައްޔާރު ކުރެވިދާނެ އެވެ.

ބަދިގެ އަށް ވަނުމުގެ ކުރިން ތިރީގައި މި ބަޔާންކުރާ ކަންކަން ތިބާ އަށް އެނގުން ވަރަށް މުހިއްމެވެ.

ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް ފުރިހަމަ ގޮތުގައި ހޯދާނީ ކިހިނެއް؟

1- ޒަމާނުއްސުރެ އަޅުގަނޑުމެން ބަތްކައްކާ ގޮތަކީ، ކާނާއާ ބެހޭ މާހިރުން އެހާ ގަޔާވާ ގޮތެއް ނޫނެވެ. ތަކުރާރުކޮށް ހަނޑޫ ދޮވުމާއި ކައްކާއިރުގައި ގިނައިން ފެން އެޅުމާއި އަދި ފެންގަނޑު މުޅިން އެއްކޮށް ހިނދެންދެން ބެހެއްޓުމަކީ، ޞިއްހީ ގޮތުން ބަލާއިރު އެންމެ އެދެވޭ ގޮތް ނޫން ކަމުގައި ކާނާއާ ބެހޭ މާހިރުން ވިދާޅުވެ އެވެ. އެހެނީ ހަނޑޫ ގިނައިން ދޮވުމުގެ ސަބަބުން ތައަމިން އާއި ނައެސިން ފަދަ ފެނަށް ގިރޭ ވިޓަމިންތައް ގެއްލިގެންދެ އެވެ. އަދި ގިނައިން ފެންއެޅުމާއި ފެންގަނޑު އެއްކޮށް ހިންދާލުމުން ވެސް ފެނަށް ގިރޭ ވިޓަމިން އާއި ސްޓާޗް ފަދަ މުހިއްމު މާއްދާތައް ނުލިބި ބޭކާރުވެގެން ދެ އެވެ. ވީމާ ބަތްކައްކާއިރު ޕްރެޝާ ކުކާއަކުން ކެއްކުން ވަރަށް މުހިއްމެވެ. އޭރުން ވަގުތާއި ޚަރަދާއި ކާނާގެ މާއްދާތައް ވެސް ވަރަށް ބޮޑަށް ސަލާމަތް ކުރެވުނީ އެވެ.

2- މޭވާ އާއި ތަރުކާރީ އަކަ ބައްޓަމަށް ނުވަތަ ބޮޑެތިކޮށް ކޮށުމުންނާއި ކެއުމުގެ ކުޑަވަގުތުކޮޅެއް ކުރިން ސެލަޑް ފަދަ އެއްޗެހި ތައްޔާރު ކުރުމުން ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް ގެއްލިގެން ދިޔުމުން ސަލާމަތް ކުރެވެ އެވެ. އަދި ހަމައެންމެ އަލުއްވާއި ބީޓްރޫޓް ފަދަ ތަކެތި، ކައްކައި މަޑުކުރުމަށް ފަހު، އޭގެ ތޮށިމަށާލުމުން ވެސް، އެ ސަލާމަތް ކުރެވެނީ ފައިދާ ހުރި އެތައް މާއްދާ އެކެވެ.

3- ކާނާއާ ބެހޭ ތަޖުރިބާ ކާރުން ހާމަކުރައްވާ ގޮތުގައި ތަރުކާރީ ކައްކާއިރު ގިނައިން ފެންއެޅުމާއި ގިނައިރު ވަންދެން ކެއްކުމަކީ ބޭނުންތެރި އެތައް މާއްދާތައް ގެއްލިގެން ދިޔުމަށް ހުޅުވޭ ދޮރެކެވެ. އެހެން ކަމުން ތަރުކާރީ މަޑުކުރާއިރު މަތި ޖަހައިގެންނާއި މަދުން ފެންއަޅައިގެން މަޑުކުރުމަކީ އެއިން ލިބޭ ނަފާ އެތައް ގުނައަކަށް އިތުރު ވެގެންދާ ކަމެކެވެ.

4- ކެއްކުމުގައި ބޭނުންކުރާ ކުކިން ސޯޑާ އަކީ ކާއެއްޗެހި އަވަހަށް ކެއްކުމަށާއި ކުލަ ރަނގަޅު ކުރުމަށް އެހީވެދޭ ބާވަތެއް ކަމުގައި ވިޔަސް، ކުކިން ސޯޑާގެ ސަބަބުން ވިޓަމިން ބީ ކޮންޕްލެކްސް އާއި ވިޓަމިން ސީ ގެއްލިގެންދާ ގޮތް މެދުވެރިވެ އެވެ. އެހެންކަމުން ކައްކާއިރު ކުކިން ސޯޑާ އަށް ޚާއްޞަ ސަމާލުކަމެއްދީ، އެއާ ވީހާ ވެސް ދުރުވެވޭތޯ މަސައްކަތް ކުރުމަށް ނިއުޓްރިޝަނުންޓުން ލަފާދެ އެވެ. އަދި ހަމަ މިއާ އެކު އެއްފަހަރު ބޭނުންކޮށްފައި ހުންނަ ތެޔޮ، ތަކުރާރުކޮށް ބޭނުން ކުރުމަކީ ޞިއްހަތައް ގެއްލުން ހުރި ކަމަކަށް ވާއިރު، އެގޮތްގޮތައް ކަންތައްތައް ނުކުރުމަށް ކަމާ ބެހޭ ޞިއްހީ ފަރާތްތަކުން އިންޒާރުދެ އެވެ.

ރައްކާތެރިކަމާ އެކު ކާނާ ތައްޔާރު ކުރާނީ ކިހިނެއް؟

ކާނާ ތައްޔާރުކުރާ ހުރިހާ ފަރާތްތަކުން ވެސް، އަމިއްލަ ސާފުތާހިރު ކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ނިޔަފަތިތައް ކެނޑުމާއި ބޮލުގެ އިސްތަށިގަނޑު ނިވާކުރުމާއި ކައްކަން ފެށުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމާއި ފާޚާނާކޮށް ނިމިގެން ވެސް ރަނގަޅަށް އަތްދޮވުމަކީ ރައްކާތެރި ކާނާ ތައްޔާރު ކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. އަދި މީގެ އިތުރުން ކާއެއްޗެހި ތައްޔާރުކުރުމުގައްޔާއި އެ ތަކެތި އުފުލާ ހެދުމުގައި އަންގި ލައްވައިގެން އުޅުމަށާއި ކާއެއްޗިއްސަށް ބުރާގޮތަށް ކެއްސާއި ކިނބިހި އެޅުމާއި ދުފުމާއި އަދި ދުންފަތުގެ އިސްތިއުމާލް ނުކުރުމަށް ކާނާއާ ބެހޭ މާހިރުން ވަރަށް ބޮޑަށް ބާރުއަޅަ އެވެ.

ކާބޯތަކެތި ރައްކާކުރާނީ ކިހިނެއް؟

ކާބޯތަކެތި ރައްކާކުރުން މައިގަނޑު ގޮތެއްގައި ތިންބަޔަކަށް ބެހެ އެވެ. އެއީ ޕެރިޝަބަލް ނުވަތަ ވަރަށް އަވަހަށް ހަލާކުވެ ނުބައިވާ ބާވަތުގެ ކާނާ އާއި ސެމީޕެރިޝަބަލް ނުވަތަ ކުރު މުއްދަތެއްގެ ތެރޭގައި ހަލާކުވެ ނުބައިވާ ބާވަތުގެ ކާނާ އާއި ނޮންޕެރިޝަބަލް ނުވަތަ ދިގުމުއްދަތެއް ވަންދެން ހަލާކުނުވެ، ރައްކާ ކުރެވޭ ބާވަތުގެ ކާނާ އެވެ. މި ދެންނެވި ތިން ބާވަތުގެ ކާނާ ރައްކާ ކުރުމުގައި ވެސް އެ ތަކެތީގެ ތޮބީއަތައް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ އެވެ.

1- މޭވާ އާއި ތަރުކާރީ، ޕްލާސްޓިކް ކޮތަޅަކަށް ނުވަތަ ވައި ދައުރުވާ ގޮތަށް ހުންނަ ކޮތަޅަކަށް ލައިގެން، އައިސްއަލަމާރީގައި ފިނިވާ ގޮތަށް ބެހެއްޓުމަކީ އެ ތަކެތީގެ ތާޒާކަން ގިނަ ދުވަހަށް ދެމިގެންދާ ކަމަކަށް ވާއިރު، ތެލާއި އަލުއްވާއި ފިޔާ ފަދަ ބާވަތްތައް ކޮންޓެއިނާތަކަށް އަޅައި ގޭތެރޭގެ ފިނިހޫނުމިނުގައި ބެހެއްޓުމުން ވެސް އެތަކެތީގެ އުމުރު ދިގުވެގެންދެ އެވެ. ނަމަވެސް ކާޑުގެ ބާވަތްތަކާއި ލޮނާއި ހިކިކިރު، ވައިބަންދުކޮށް ހުންނަ ކޮންޓެއިނާތަކުގައި ނުބަހައްޓައިފި ނަމަ އެ ތަކެތީގެ ރަހައަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

2- ކުކުޅުބިހާއި ޗީޒާއި ބަޓަރާއި ރޯކިރު ފަދަ ތަކެތި ރައްކާކޮށްފައި ބަހައްޓަން އެންމެ ރަނގަޅީ އައިސްއަލަމާރީގައި ފިނިކޮށެވެ. ރޯކިރު ޕެކެޓެއް ކަނޑާފައި 24 ގަޑިއިރު ވަންދެން ބޭނުން ނުކޮށް ބެހެއްޓުމަކީ ޞިއްހީ ގޮތުން ރައްކާތެރި ގޮތެއް ނޫން ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. އަދި ހަމަ މިއާއެކު ރޯމަސް ނުވަތަ އެއްގަމުމަސް ތަކުރާރުކޮށް ގަނޑުކޮށް، ގަނޑުފިލުވައިގެން ބޭނުން ކުރުމަކީ ޞިއްހީ ގޮތުން ރައްކާތެރިގޮތެއް ނޫނެވެ. އެހެންކަމުން ރޯމަހާއި އެއްގަމުމަސް އެ ފަހަރަކު ބޭނުންވާނެ މިންވަރަށް ވަކިކޮށް، މޮއިސްޗަރ ޕްރޫފް ޕޭޕަރުގައި ބަންދުކޮށް، އައިސްއަލަމާރީގެ ގަނޑުކުރާ ބަޔަށް ލައިގެން ރައްކާ ކުރެވިދާނެ އެވެ.

ސައިހޮޓާ ރެސްޓޯރަންޓްތަކުންނާއި އަމިއްލަ ގެދޮރުން އަޅުގަނޑުމެން ކައިބޮއެ ހަދަނީ އެ ތަންތަނަކީ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަމަހައްޓާ އަދި ރައްކާތެރި ކާނާ ތައްޔާރުކުރާ ތަންތަން ކަމުގައި ދެކިގެންނެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ސަބަބުތަކާ ހުރެ މި ދެންނެވިކަންކަން ހުންނަންޖެހޭ އުސޫލުން ނެތުމުގެ ސަބަބުން ޞިއްހީ ގޮތުން އެތައް ނުރައްކަލަކާ ކުރިމަތިލާން ޖެހިދެ އެވެ. މި މައުލޫމާތުތަކުގެ އަލީގައި ހަމަ ކޮންމެ މީހަކަށް ވެސް ރަނގަޅު ކާނާއެއް ތައްޔާރު ކޮށްލެވިދާނެ ކަމަށް އުންމީދުކުރަމެވެ.

ޑރ. މުހައްމަދު ޒިޔާދު

ޑރ. މުހައްމަދު ޒިޔާދު

ތ. ވޭމަންޑު އަށް އުފަން ޑރ. މުހައްމަދު ޒިޔާދަކީ ޗައިނާގެ ޑާލިއާން މެޑިކަލް ޔުނިވަސިޓީން އެމްބީބީއެސް ހައްދަވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ކިޔަވާ ވިދާޅުވި އިރު ސެލް ބައޮލޮޖީ މާއްދާ އިން 2008 ގައި މުޅި ޔުނިވަސިޓީން އެއް ވަނަ ހޯއްދެވި އެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކްރިސްޓިއަން މެޑިކަލް ކޮލެޖާއި ކަސްތުރުބާ މެޑިކަލް ކޮލެޖް އަދި އެމް.އެސް ރަމަޔާ މެޑިކަލް ކޮލެޖްގައި ތަމްރީން ހައްދަވައިފަ އެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެޑިކަލް ބައިން ހިންގާ ނޫސަންދާގަ އެވެ. އެމްއީއެސް އާއި ސިއެޗުއެސްއީގައި ތައުލީމް ހާސިލްކުރެއްވި އިރު އަދަބީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި އެވެ.

2 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 17%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައި

11 May 2017

މުހިއްމު ބޭނުންތެރި މައުލޫމާތު.

The name is already taken The name is available. Register?

ތަރަސޯޓު މޫސަބެ

11 May 2017

ލިޔުން ވަރައްރަގަޅު ކަމައްދެކެން! އެކަމަކު މި ގައުމުގަ ކަޑާފަ 24 ގަޑިއިރުން ނުބައިވާފަދަ ރޯކިރު ގެންގުޅޭ ކަމުގަ ނުދެކެން! ކިރުޕެކެޓުޓަކީ ކައްކާފަ އެކިމިންވަރައް ފެޓުވަކިކޮއްފަ ހުންނަކިރު! ތިހުރިހާ ކަމަކައްވުރެ ނުރައްކާ އަޖިނަމޮޓޯ ނާޅާ ކާއެއްޗެއް ގޭންބޭރުންކަންޏާ ނުކެވޭތި، އަދި ބޭންނުންކުރާ ތަރުކާރީ ފަދަތަކެތި ގަސްތަކައް ޖަހާކެމިކަލުން ތަގައްޖަރުވެފަ ވާތި، މިހެން މިދެންނެވީ ދަނޑުވެރިން ކެމިކަލު ބޭނުން ކުރާއިރު ރައްކާތެރި ހާއްސަ ހެދުމެއް ލާންޖެހޭއިރު؛ އެހެދުނުލައި އަމިއްލަ ރައްކާތެރިކަމައް ނުބަލާ ކެމިކަލު ބޭނުންކުރާ ބަޔަކު (އެހެންބަޔެއްގެ) ރައްކާތެރިކަމައް ގަސްތަކައް ޖަހާ ބޭސް ބޭނުން ކުރަންޖޭ އުސޫލުތައް ހިފަހައް ޓާނެކަމައް ނުބެލެވޭތި! ރާޢްޖޭދަޑުވެރިންގެ އިތުރުން މިފަދަ ކަންތަކައް އެންމެންހޭ ލުންތެރި ވާންވެއްޖެ ކަމުގަ ދެކެން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454