ދުނިޔެ / އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު

އިންޑިއާގެ ޖާސޫސް ޕާކިސްތާނުން މެރުން ދުނިޔޭގެ ކޯޓުން ހުއްޓުވައިފި

ޖާސޫސްކުރި ކަމަށް ބުނާ އިންޑިއާގެ ރައްޔިތަކަށް ޕާކިސްތާނުން މަރުގެ އަދަބު ދިނުން މަޑުޖައްސާލުމަށް އައިސީސީން އެންގީ އިންޑިއާ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން.

ނިއު ދިއްލީ (މެއި 16) - އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވް "ޖާސޫސް" ކުރި ކަމަށް ބުނެ ޕާކިސްތާނުން އޭނާ އަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހުއްޓުވައިފި އެވެ.

ޖަދާވް ޕާކިސްތާނުން ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އަދި ޕާކިސްތާނާ ދެކޮޅަށް ޖާސޫސް ކުރިކަމުގެ ކުށް ސާބިތުވީ މިދިޔަ އެޕްރީލް މަހު އެވެ. ޖަދާވް ހައްޔަރު ކުރުމަށް ފަހު ޕާކިސްތާނުން އާއްމުކުރި ވީޑިއޯއެއްގައި ވަނީ އޭނާ ޖާސޫސްކުރި ކަމަށް އެއްބަސްވާ ކަމަށް ބުނެފަ އެވެ.

އިންޑިއާ އިން ބުނެފައި ވަނީ ޖަދާވް ވަނީ "ކިޑްނެޕް" ކޮށްފައި ކަމަށާއި އޭނާގެ މައްޗަށް މައްސަލަތަކެއް އުފައްދާފައިވާ ކަމަށެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވީ ޖަދާވް، 46، ގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދިފާއުވެވޭނެ ފުރުސަތު ނުދީ ކަމަށެވެ. ހޯމް މިނިސްޓަރު ރަޖްނާތު ސިންގް ވިދާޅުވެފައި ވަނީ ޖަދާވް އަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އެހެންވެ އެ މައްސަލަ ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ކޯޓަށް އިންޑިއާ އިން ހުށަހެޅީ މި މަހު 8 ވަނަ ދުވަހު އެވެ. އިންޑިއާ އިން ބުނެފައި ވަނީ ޕާކިސްތާނުން ވަނީ ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސްއާ ޚިލާފުވެފައިވާ ކަމަށެވެ. އަދި އައިސީސީން މައްސަލަ ބަލާ ގޮތެއް ނިންމަންދެން ޔަދާވްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓުވައިދިނުމުގެ އަމުރެއް ނެރެ ދިނުމަށް އިންޑިއާ އިން ވަނީ އެދިފަ އެވެ.

ޖަދާވް ހައްޔަރުުކުރި ގޮތާއި ތަނާ ބެހޭ ގޮތުން ވެސް ވަނީ ސުވާލު އުފެދިފަ އެވެ. ޕާކިސްތާނުން ބުނެފައި ވަނީ ޔަދާވް ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް 3 ވަނަ ދުވަހު ބަލޮޗިސްތާނުން ކަމަށެވެ. އިންޑިއާ އިން ބުނެފައި ވަނީ ޖަދާވް ކިޑްނެޕް ކުރީ އޭނާ އީރާނުގައި ހުއްޓާ ކަމަށެވެ.

ޕާކިސްތާނުން ބުނެފައި ވަނީ ޖަދާވްގެ މައްޗަށް ޝަރީއަތް ހިންގާ ހުކުމް އިއްވާފައި ވަނީ އަސްކަރީ ކޯޓެއްގައި ކަމަށެވެ. އަދި ޕާކިސްތާނާ ދެކޮޅަށް ޖާސޫސްކޮށް އެ ގައުމުގައި ހަމަނުޖެހުން ހިންގުމަށް އޭނާ އަށް އަމުރުކޮށްފައިވާ ކަމަށް ޖަދާވް ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ވެސް ޕާކިސްތާނުން ބުނެފައިވެ އެވެ.

އިންޑިއާ އިން ބުނެފައި ވަނީ ޔަދާވް ހައްޔަރު ކުރިތާ ތިން ހަފުތާ ފަހުން އެކަން އެނގުނީ ޕްރެސް ރިލީޒަކުން ކަމަށާއި ވިއެނާ ކޮންވެންޝަނާ ޚިލާފަށް ކޮންސިއުލާ އެކްސެސް ދީފައި ވެސް ނުވާ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ އައިސީސީގެ މެންބަރުންނެވެ. އަދި އެ ދެ ގައުމުން ވަނީ ވިއެނާ ކޮންވެންޝަނުގައި ސޮއިކޮށްފަ އެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވީ ޔަދާވްގެ މައްސަލަ އިންޑިއާ އިން އައިސީސީ އަށް ގެންދިޔައީ އިންޑިއާ އިން ސްޕޮންސާކޮށްގެން ޕާކިސްތާނުގައި ހިންގާ ޓެރަރިޒަމްގެ ސަމާލުކަން އަނބުރާލަން ކަމަށެވެ. އަދި ޔަދާވް ކުށްވެރިވެފައި ވަނީ ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއްގައި ކަމަށް އާސިފް ވިދާޅުވި އެވެ.

ޖާސޫސް ކުރުމަކީ އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ތުހުމަތު ކުރާ ކަމެކެވެ. ޖާސޫސްކުރި ކަމުގެ ކުށުގައި ޕާކިސްތާނުން މަރުގެ ހުކުމް އިއްވި އިންޑިއާ މީހަކަށް ޕާކިސްތާނުގެ ޖަލުގެ ގައިދީން އަނިޔާކޮށްގެން 2013 ވަނަ އަހަރު ވަނީ މަރުވެފަ އެވެ. އިންޑިއާ އިން ވެސް ވަނީ ޖާސޫސްކުރި ކަމަށް ބުނެ، 2013 ގެ ފަހުން ޕާކިސްތާނުގެ 40 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

އިންޑިއާގައި މަރުގެ އަދަބު ދިން ނަމަވެސް 2007 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ ތިން މީހެއްގެ މައްޗަށް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވެ އެވެ. އެކަމަކު ޕާކިސްތާނުން މިދިޔަ އަހަރު އެކަނިވެސް ވަނީ 87 މީހަކަށް މަރުގެ އަދަބު ދީފަ އެވެ. ޕާކިސްތާނަކީ ދުނިޔޭގައި ފަސް ވަނަ އަށް އެންމެ ގިނައިން މަރުގެ އަދަބު ދޭ ގައުމެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 18%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޔާޒް

16 May 2017

މުޅިން ދޮގު ޚަބަރެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454