މީހުން / މީހުން

ޖީހާންގެ ދިވެހި ރަހަތަކުން ޗައިނާ ކުޅުދިޔާވެއްޖެ

ޗައިނާގެ ޓީވީ ޝޯއެއްގައި ޖީހާން (ކ) މަސްހުނި މޮޑޭ ގޮތް ދައްކާލައްވަނީ: އަމިއްލަ އިސް ނެންގެވުމަކަށް އޭނާ ގެންދަވަނީ ޗައިނާގައި ރާއްޖޭގެ ކެއުންތައް ޕްރޮމޯޓްކުރައްވަމުން.

31 މެއި 2017 - 07:22

23 comments

ހަމައެކަނި ގޭގައި ކައްކައި އުޅޭ މީހަކު ޕްރޮފެޝަނަލް ކެއްކުންތެރިންނާ ވާދަކޮށް ބޮޑު މުބާރާތަކުން އެއްވަނަ ހޯދުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމަކު ފާތުމަތު ޖީހާން ސަލީމަށް އޭނާގެ ކާމިޔާބީ އެހާ ފޮނިވި ސަބަބު ވަރަށް ތަފާތެވެ؛ އެއީ ދުނިޔޭގެ އެންމެ މީހުން ގިނަ ގައުމުގައި ދިވެހި ރަހަތަކަށް މަގާމެއް ހޯއްދަވައިދެއްވަން އޭނާ ކުރައްވާ މަސައްކަތް މުޅިން އެހެން ހިސާބަކަށް ގެންގޮސްދިން ތަޖުރިބާއެކެވެ.

ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާ ފިރިކަލުން މުހައްމަދު ފައިސަލް ހަވާލުވެވަޑައިގެންނެވި ހިސާބުން ބެއިޖިން އަށް ދިރިއުޅުން ބަދަލުކުރެއްވި އިރު، "ހަމައެކަނި އެމްބެސެޑަރުގެ އަންހެނުން"ގެ ގޮތުގައި ހުންނަވާކަށް ޖީހާން، 45، ބޭނުންފުޅެއް ނުވި އެވެ. ދެ ކުދިންގެ މަންމަ ގިނިކަންޏާ ނުކުންނެވީ ވަރުގަދަ މިޝަނެއްގަ އެވެ؛ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ މީހުންނަށް ދިވެހި ކެއުންތައް ތައާރަފްކުރުމެވެ.

ކުރިންސުރެ ވެސް، ކެއްކުމުގެ ހުނަރު ޖީހާންގެ ހުރެ އެވެ. ދިވެހި ކާބޯތަކެތި ތައްޔާރުކުރުމުގައި އުމުރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ކެއްކުންތެރިޔާ މަދީހާ މޫސާގެ ދޮށީ ދަރިފުޅަށް އެކަން ވާރުތަ ނުކޮށެއް ނުވެސް ހުންނާނެ އެވެ. އޯޑަރަށް މަންމަ ކާއެއްޗެހި ހަދާ އިރު އެހީތެރިންނަކީ ޖީހާން އާއި އޭނާގެ ފަސް އަންހެން ކޮއްކޮ އެވެ. މި ވަގުތު އެކި ބެއިން އެކި ގައުމުތަކުގައި ދިރިއުޅުނަސް މަންމަގެ ބަދިގެ އިން ދަސްކުރި ފިލާވަޅުތައް މާ ކުރިންސުރެ ހުރީ ހިތުގައި ބިންވަޅު ނެގިފަ އެވެ.

އެކަމަކު ކެއްކުމަކީ ހަމައެކަނި ގޭގައި ޖީހާން ކުރައްވާ ކަމެކެވެ. އޭނާއަކީ ހަގީގަތުގައި ސިއްހީ އަދި އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. މެޑިކަލް ލެބޯޓްރީ ސައިންސާއި އެޕްލައިޑް ސައިންސް ކިޔަވާވިދާޅުވެ ޕަބްލިކް ހެލްތުގެ ރޮނގުން މާސްޓާސް ހައްދަވާފައިވާ އިރު ތެލެސީމިއާ ކުދިންގެ ހައްގުގައި 1992 އިން ފެށިގެން ކުރައްވާ މަސައްކަތްތަކަށް ޖޭސީއައިގެ "ޓެން އައުޓްސްޓޭންޑިން ޔަންގް ޕާސަންސް އޮފް ދަ ވޯލްޑް" ލިބިވަޑައިިގެންފައި ވެސް ވެ އެވެ. ޖީހާންއަކީ މިހާރު ވެސް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން އެވެ.

އަމިއްލަ ކެރިއަރު މަޑުޖައްސާލައްވައި ޗައިނާ އަށް ބަދަލުވެ ވަޑައިގެންނެވި އިރު ވެސް އޭނާ ވިސްނެވީ ކޮންމެވެސް ގޮތަކުން ރާއްޖެ އަށް ފައިދާކުރާނޭ ކަމެއް ކުރައްވާށެވެ.

"މި އޮތް ހުރިހާ ދުވަހު މަސައްކަތުގައި އުޅެފައި މި ކޮޅަށް އައިސް ކަމެއް ނުކޮށް ހުންނާކަށް ބޭނުމެއް ނުވި. ކުރެވޭނީ ކޮން ކަމެއްތޯ ވިސްނާލި އިރު، އަޅުގަނޑުގެ ހުރީ ދެ ކަމެއް. އެއް ކަމަކީ އެކެޑެމިކް ބައި. ދެން، ކެއްކުން،" ފޯނުން ދެއްވި އިންޓަވިއުއެއްގައި ޖީހާން ކިޔައިދެއްވި އެވެ.

"ވިސްނުނީ އަޅުގަނޑަށް ރާއްޖޭގެ ރަހަތައް މި ތަނުގެ މީހުންނަށް ވަރަށް ރަނގަޅަށް ދައްކާލެވިދާނޭ. އެހެންވެ އެ ކަން ކުރެވޭނެ ގޮތްތަކެއް އަމިއްލަ އަށް ހޯދީ."

މީހުންނާ ބައްދަލުވެ އުފެދުނު ގުޅުންތަކުގެ ތެރެއިން ހޯއްދެވި ފުރުސަތުތަކެއްގައި ޖީހާން ވޭތުވެދިޔަ ދެ އަހަރާއި ބައި ހޭދަކުރައްވާފައި ވަނީ ދިވެހި ކެއުންތައް ތައްޔާރުކުރައްވައި އެކި ގޮތްގޮތުން ގިނަ ބަޔަކަށް އެ ރަހަތައް ތައާރަފްކޮށްދެއްވުމުގަ އެވެ. ކުދިންގެ ސްކޫލުގައި ބާއްވާ ބައިނަލްއަގުވާމީ ކާބޯތަކެތީގެ މައުރަޒުގައި ކޮންމެ އަހަރަކު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މަސްހުނި މޮޑޭ ގޮތް ޓީވީ ޝޯއެއްގައި ދައްކާލެއްވި އެވެ. އެއް ދުވަހަށް ފަސްދޮޅަހަށް ވުރެ ގިނަ ބާވަތް ތައްޔާރުކޮށް، ޗައިނާ މީޑިއާގެ އެކި ފަރާތްތައް އެމްބަސީ އަށް ގެންދަވައިގެން ކާން ދެއްވި އެވެ.

ޖީހާން ޗައިނާ ކުދިންތަކަކަށް ދިވެހި ކެއުން ތައާރަފްކޮށްދެއްވަނީ

"ހަގީގަތުގައި މި ތަނުގެ މީހުންނަށް ވެސް ދިވެހި އެއްޗެހި ވަރަށް ކަމުދޭ. މިސާލަކަށް ކޮމިއުނިޓީ ޕްރޮގްރާމެއްގައި އަޅުގަނޑު ތައްޔާރުކުރި މަސްހުންޏާއި ރޮއްޓާ ވަރަށް ހިނގި. މަސްހުނި ކުޅި މަޑުކޮށްލާފައި ދިނީމާ އެ މީހުންނަށް ވަރަށް ކަމުދޭ. ކުދިންގެ ސްކޫލުގައި އޮންނަ އެގްޒިބިޝަންގައި ވެސް ތަރުހީބު ބޮޑުވަމުން އައިސް މި އަހަރު، ބައިގަޑި އިރު ތެރޭ ހުރިހާ ކާއެއްޗެހި ހުސްވެއްޖެ،" ޖީހާން ފާހަގަކުރެއްވި އެވެ.

މީޑިއާ އަށް ދެއްވި ދައުވަތުގައި ޖީހާން ތައްޔާރުކުރެއްވި ބައެއް އެއްޗެހި

ދުނިޔޭގެ 35 ގައުމަކުން 200 އަށް ވުރެ ގިނަ ކެއްކުންތެރިން ބައިވެރިވި "ދަ ބެލްޓް އެންޑް ރޯޑް ގެސްޓްރޯޑިޕްލޮމެސީ ޔީޔިން ކަޕް" މުބާރާތުން ޖީހާނަށް ޖާގަ ލިބިވަޑައިގަތީ ވެސް ޕްރޮފެޝަނަލް ބަޔަކަށް އޭނާގެ އުފެއްދުންތައް ފާހަގަކުރެވިގެންނެވެ. އޭނާ ހެދިކާ އާއި ކަޅު ސައިގެ "ހައި ޓީ"އެއް ބައިވެރިކުރެއްވި މައުރަޒެއްގައި އެ މީހުން ޖީހާނަށް އެ ފުރުސަތު ދޭން ބޭނުންވާ ކަން ހާމަކުރި އެވެ. އަދި އެމްބަސީ އަށް ދައުވަތު ފޮނުވި އެވެ.

ޗައިނާގެ ގަދީމީ ތާރީޚުގައި މަޝްހޫރު ކެއްކުންތެރިއެއް ކަމަށްވާ ޔީޔިންގެ ޝަރަފްގައި 2001 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތުގައި ޖީހާން ބައިވެރިވެވަޑައިގަތީ އެމްބަސީތަކުގެ ބައިންނެވެ. އޭނާގެ އިތުރުން 15 ކެއްކުންތެރިއަކު ވާދަކުރި އެވެ.

"ޔީޔިން ކަޕްގައި ހޯމް ކުކް އަކަށް ބައިވެރިވީ އަޅުގަނޑު އެކަނި. ދެން ތިބީ މުޅިން ވެސް ޕްރޮފެޝަނަލް ޝެފުން. އެމްބަސީތަކުގެ ކެޓަގަރީން ވެސް ބައިވެރިވީ އެ މީހުންގެ ގައުމުތަކުން ގެނެސް އެމްބަސީގައި ކައްކަން ތިބޭ ޕްރޮފެޝަނަލް މީހުން. ހަގީގަތުގައި އެހާ ބޮޑު މުބާރާތެއްކަން އެނގުނީ ވެސް ބައިވެރިވި ފަހުން،" ޖީހާން ވިދާޅުވި އެވެ.

އެ މީހެއްގެ ގައުމު އެންމެ ކުޑަ މިންވަރަކުން ތަމްސީލްކޮށްދޭނެ ޑިޝްއެއް އެއް ގަޑި އިރު ތެރޭ ތައްޔާރުކުރަން ޖެހުނު މުބާރާތުގައި ޖީހާން ހެއްދެވީ ކަނޑުކުކުޅާއި ބަތެވެ.

"ހަގީގަތުގައި އާއިލާގެ މީހުން ހައިރާން ވެސް ވޭ އަޅުގަނޑު ކަނޑުކުކުޅު ކަހަލަ އެއްޗެހި މިހާރު ހަދާތީ. އެއީ ކުރިން އަޅުގަނޑަކީ އަބަދުވެސް ފޮނިއެއްޗެހި ހަދާ މީހަކަށް ވީމަ. ގޭގެ ހުރިހާ ކުދިންގެ ތެރެއިން ކައްކަން އެންމެ މޮޅުވާނީ ވެސް އަޅުގަނޑެއް ނޫން،" ޖީހާން ވިދާޅުވި އެވެ.

"އަޅުގަނޑު ވިސްނީ، ދީފައި އޮތް ވަގުތު ތެރޭ، ހެދިކާ ނޫން ކޯއްޗެއް ހަދައިގެން ބާވައޭ، ރަހަ ރަނގަޅު އެއްޗަކުން ރާއްޖެ އެންމެ ރަނގަޅަށް ތަމްސީލްކޮށްލެވޭނީ. އޭރު އަތުގައި ރޯ މަސް ވެސް ހުރީމަ ކަނޑުކުކުޅު ހަދަން ގަސްދުކުރީ. މުޅިން ތަފާތު އޯޑިއެންސެއް ވީމަ ކުޅި މަޑުކޮށް ހެދީ."

ޕްރޮފެޝަނަލް އިންޑިވިޖުއަލް ކެޓަގަރީން ދިވެހި ދެ ޝެފަކު ވެސް ބައިވެރިވި މުބާރާތް ބެއިޖިންގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އިރު ޖީހާން ހުންނެވީ ހިތްބިރުގެންފަ އެވެ. އެކަމަކު އަމިއްލަ ނަފްސަށް އިތުބާރު އޮތެވެ.

"އެއްފަހަރު ވަރަށް ބޮޑަށް ފިނިވެގެން ހުއްޓާ ވެސް ލިން، އެހެން މީހުން އުޅޭ ގޮތް ޕްރޮފެޝަނަލްކަން ފެނިފައި. އެކަމަކު ފެންނަން ތިބި ފައިސަލް އާއި ދިވެހި ދެތިން މީހަކު. ދިވެހި ދެ ޝެފުން ވެސް ބަލަން ތިބި. އަނެއްކާ، ހެދޭ ނުހެދޭ އަޅުގަނޑަށް ރަނގަޅަށް އެނގޭ ވެސް މެ،" ޖީހާން ވިދާޅުވި އެވެ.

ޔީޔީން ކަޕްގައި ޖީހާން އޭނާގެ ޑިޝް ތައްޔާރުކުރައްވަނީ އަދި ގޯލްޑް އެވޯޑާ އެކު

އެކަމަކު ވެސް، 91.4 މާކްސްއާ އެކު އެއްވަނަ ހޯއްދަވައި، ގޯލްޑް އެވޯޑް ހާސިލްކުރެއްވުމަކީ ޖީހާން ހުވަފެނުން ވެސް ދެކެވަޑައިގެންނެވި ފަދަ ކާމިޔާބީއެއް ނޫނެވެ.

"ރަހަ ރަނގަޅުވާނެކަން އެނގޭ. އެކަމަކު އެއްގޮތަކަށް ވެސް ހިއެއް ނުކުރަން އެއް ވަނަ ލިބޭނެއެކޭ. ފުރަތަމަ ހިތަށް އެރީ، އަޅުގަނޑަށް 50 ވަނަ ލިބުނަސް ރަނގަޅޭ. ބައިވެރިވި އެހެން މީހުންނަށް ބަލާފައި ވެސް އެ ގޮތަކަށް ހިތަކަށް ނާރާ. މިސާލަކަށް، ޓިއުނީޝިއާގެ ޝެފް ބުނި ތިމަންނަ މިދިޔަ 10 އަހަރު ވެސް މީގައި ބައިވެރިވީމޭ،" އޭނާ ވިދާޅުވި އެވެ.

"މުބާރާތް ކުރިއަށް ދިޔައީ ވަރަށް ޕްރޮފެޝަނަލްކޮށް. އަށް ޖަޖުން ތިބި. ރަހަ ބެލީ ވެސް، ކާކު ހެދި ޑިޝްއެއްކަން ނޭނގޭ ގޮތަށް. ކައްކާ ތަން ބަލަން ފްލޯގައި ހަތަރު މީހުން ތިބި. ސާފުތާހިރުކަމާއި ޓެކްނީކްސް ގެންގުޅޭ ގޮތް ބެލި."

ޖީހާން "ޔީޔިން ކަޕް"ގެ ޓްރޮފީއާ އެކު

ޖީހާން ގަބޫލުކުރައްވާ ގޮތުގައި ކާމިޔާބީގެ ސިއްރަކީ މަންމަ ގާތުން ދަސްވެފައި ހުރި ބޭނުންތެރި އުކުޅުތަކެވެ.

"މިސާލަކަށް މިހާ ވަރަށް މަސް ބަހައްޓައިފިއްޔާ ރަހަ ރަނގަޅު ނުވާނެކަން، މަސް ހަރުވާނެ ކަން. އުނދުނުގެ ހޫނުމިން ބަހައްޓަންވީ ވަރު. މިއީ ޕްރޮފެޝަނަލް ޝެފުންނެކޭ އެއްގޮތަށް މަންމަ ވެސް ބޭނުންކުރާ ޓެކްނީކްތަކެއް. މި އެއްޗެހި އެނގުނީ މަންމަ ގާތު ބަދިގެ ތެރޭ އެނބުރިއެނބުރި،" އޭނާ ވިދާޅުވި އެވެ.

ޖީހާން (ވ) އަދި ކެއްކުމުގެ ތަޖުރިބާކާރު މަންމަ މަދީހާއާ އެކު

ދިވެހި ޕްރޮފެޝަނަލް ދެ ޝެފުން ވެސް 90 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯދައިގެން ގޯލްޑް އެވޯޑް ހާސިލްކުރި މުބާރާތުގައި ޖީހާން ބައިވެރިވެވަޑައިގަތީ "ދިވެހި ކެއުމަކީ ކޯއްޗެއްކަން" ދައްކައިދޭށެވެ. އަމިއްލަ ތަޖުރިބާ އިން، އެކަން އޭނާ އަށް ވަރަށް މުހިއްމެވެ.

"ރާއްޖެއޭ ބުނާ އިރަށް އެންމެން ވެސް ދައްކަނީ ރާއްޖޭގެ ރީތިކަމާއި ގޮނޑުދޮށާއި ވެލީގެ ވާހަކަ. ކެއުމުގެ ވާހަކައެއް އެއްވެސް މީހަކަށް ނޭނގޭ. އެންމެން ވެސް ބުނަނީ އިންޑިއާ ކެއުން ދޯއޭ ކަނީ. އަޅުގަނޑު ބުނަން ނޫނެކޭ، މުޅިން ތަފާތުވާނެއޭ. މައިގަނޑު ގޮތެއްގައި މަހާއި ހުންޏާ އެއްޗެހި ބޭނުންކުރާނެއޭ. އެ ގޮތަށް އަނގަ ބަހުން ކިޔައިދީދީ އަހަރެއް ވީމަ އެނގިއްޖެ، އަމިއްލަ އަށް ދައްކައިނުދީއެއް މީހުންނަށް ރަނގަޅަކަށް ނޭނގޭނެކަން،" ޖީހާން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިސްޓުންނަށް ރާއްޖެ ވިއްކާ އިރު ދިވެހި ކެއުންތަކުގެ ވާހަކަ ހިމެނުން މުހިއްމެވެ.

"ރާއްޖެ ޕްރޮމޯޓްކުރާ އިރު ކަލިނަރީ ކަލްޗާއެއް އޮންނަ ކަމެއް އަސްލު ބުނެއެއް ނުދެވޭ. އެ ބައި ހިމަނައިފިއްޔާ މީހުންގެ ޝައުގުވެރިކަން ހުންނާނެ ރާއްޖޭގެ ފުޑަށް ޑިމާންޑްކުރަން. ރިސޯޓްތަކަށް ދާއިރު ރާއްޖޭގެ ފުޑެއް ނޫން ކާނީ. އެކަމަކު ރާއްޖޭގައި އެބަ އޮވޭ ވަރަށް ބޮޑު ފުޑް ކަލްޗާއެއް،" ޖީހާން ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބުނީ ޕްލެޓްފޯމެއް، އަމިއްލަ ކަމެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރަން."

މީޑިއާގެ މީހުންނަށް ދިން ދައުވަތުގައި ޖީހާން ދިވެހި ކާއެއްޗެއްސާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ

ހަގީގީ ދިވެހި ރަހަތައް ދިވެހިންގެ އަތުން ބީވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވެސް ޖީހާން ފާޅުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކެއްކުމުގެ ތެރެއަށް މި ގޮތަށް ވެންނެވި އަނެއް ސަބަބަކީ އެކަން އެހެން ވިޔަ ނުދެއްވަން ބޭނުންވެވަޑައިގަތުމެވެ.

ކެއްކުމަކީ ބުރަ ކަމެކެވެ. މާ ބޮޑު އެހީތެރިކަމަކާ ނުލައި، ބޭރު ގައުމެއްގައި ދިވެހި ކެއުންތައް ޕްރޮމޯޓްކުރައްވަން ޖީހާން އަމިއްލަފުޅަށް އިސް ނަންގަވައި ދިގުހެދުން ތުރުކުރައްވައިގެން އެ ކުރައްވާ މަސައްކަތަކީ އަދި މާ ބޮޑު ކަމެކެވެ. އެކަމަކު އޭނާ ވިދާޅުވަނީ މިއީ ވެސް "ކުރަން ބޭނުންވެއްޖެއްޔާ ކުރެވޭނެ" ކަހަލަ ކަމެއް ކަމަށެވެ.

"ދުރާލާ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ވަރަށް ބޮޑަށް މެނޭޖުކޮށްގެން ކުރާތީ ކުރެވެނީ. ތަށިތައް ދޮވެ، ތަންތަން ސާފުކޮށްދޭނެ މީހަކު ހުންނާތީ އެއީ ވަރަށް ބޮޑު އެހީއެއް. އެކަމަކު މިއީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން. ކުރިން ފުލްޓައިމްކޮށް ވަޒީފާ އަދާކުރި އިރަށް ވުރެ މިހާރު މާ ބިޒީ."

މި އޮތީ "މިހާރު"ގެ ކިޔުންތެރިންނަށް ޖީހާން ކުރައްވާ ހަދިޔާއެކެވެ.

ކަނޑުކުކުޅު

ހަވާދަށް ބޭނުންވާ ތަކެތި * 1 ކާށި * 10 ހިކި މިރުސް * 1 ގިތެޔޮ މިރުސް * 5 ލޮނުމެދު * 1 2/1 އިންޗި ހުންނަ ވަރުގެ އިނގުރުކޮޅެއް * 2 ހިކަނދިފަތް ކޯޅި * 1 ފިޔާ * 4/1 ޖޯޑު ދިރި * 4/1 ޖޯޑު ދަވިއްގަނދު * 4/1 ޖޯޑު ކޮތަނބިރި

ހަވާދު ހަދާ ގޮތް

ހަވާދަށް ބޭނުންވާ ތަކެތި ކޮށާލުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު ގްރައިންޑަރަކުން މުގުރާލާށެވެ. މުގުރާނީ ހަވާދުގެ ތެތްކަން ހުންނަ ވަރަށް ކުޑަ ފެން ފޮދެއް އަޅަމުންނެވެ. ހިމުންވަންދެން މުގުރާލާށެވެ.

މަސް ތައްޔާރުކުރުން

ބޭނުންވާ ތަކެތި * 1 ގަނޑު މަސް (ކަނޑު މަސް) * މުގުރި ކަނޑުކުކުޅު ހަވާދު * ރާނބާ ފަތް (މަސް އެއްސުމަށް ހިމަދިގުކޮށް ކޮށުމަށް ފަހު ބޭނުންކުރަންދެން ފެން ފޮދެއްގައި ބަހައްޓާށެވެ.)

މަސް ތައްޔާރުކުރާނެ ގޮތް މަސް ތުނިކޮށް ކޮށާލާށެވެ. (ގާތްގަނޑަކަށް 5 އިންޗި ދިގުމިނުގަ، ފުޅާ މިނުގަ 1 އިންޗި އަދި ބޯމިނުގަ 2 މިލިމީޓަރު).

މަސްފޮތި ރީތިކޮށް ފަތުރާލާފައި ބައި ސަމުސާ ހުންނަހާ ހަވާދު، މަސް ފޮތި މަތީ ހާކާލާށެވެ. އެއަށް ފަހު މަސް ފޮތި އޮޅާލާށެވެ. މަސް ފޮތި އޮޅާލުމަށް ފަހު، ފެނަށް ލާ މަޑުކޮށްފައި ހުރި ރާނބާފަތުން ބަނދެލާށެވެ. މި ގޮތަށް ހުރިހާ މަސް ބުރިތައް ބަނދެލާށެވެ.

ރިހަ ކެއްކުން

ބޭނުންވާތަކެތި * 1 ފިޔާ * 3 ލޮނުމެދު * ހިކަނދިފަތް، ރާނބާފަތް * 2/1 ޖޯޑު ބޯކިރު * ކުޑަ ތެޔޮފޮދެއް (ކުކިން އޮއިލް) * ހަވާދުލާ ބަނދެފައިވާ މަސްބުރިތައް

ރިހަ ތައްޔާރު ކުރާނެ ގޮތް ފިޔާ، ތެޔޮ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް މެދު ގިނީގައި ބަހައްޓައިގެން ރަތްކޮށްލާށެވެ. ފިޔާކޮޅު މިލާލީމައި މަސް ބުރިތައް ރީތިކޮށް ތެލީގައި އަތުރާލާށެވެ. ތެލީގެ މަތި ޖެހުމަށް ފަހު މަޑު ގިނީގައި ގާތްގަނޑަކަށް 7 މިނިޓު ކައްކާލާށެވެ. އެއަށް ފަހު މުގުރި ހަވާދުގެ 3 ސައިސަމުސާ އެޅުމަށް ފަހު އިތުރަށް ކައްކާލާށެވެ. ރިހަ ކެކެމުން ދާއިރު މަސްތައް ނުރޫޅޭ ގޮތަށް ހަވާދުތައް އެއްކޮށްލާށެވެ. އެއަށް ފަހު ބައި ޖޯޑު ބޯކިރު އަދި ރަހަލާ ވަރަށް ލޮނު އެޅުމަށް ފަހު ރިހަގަނޑު ރަނގަޅަށް އޮލަވީމާ އުނދުން ނިވާލާށެވެ.

*ކުޅި ހެޔޮވަރުކުރާނީ އެ ބޭފުޅަކަށް ކަމުދާ ވަރަކަށެވެ.

23 ކޮމެންޓް, 169 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 5%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހުރަ

15 August 2017

ވަރަށް ޖެލަސްވޭ ޗައިނާގަ އުޅޭތީ!!

The name is already taken The name is available. Register?

ޙުސެން

02 June 2017

މަރްހަބާ ޖީހާން

The name is already taken The name is available. Register?

ވެލި

31 May 2017

ސުރުހީ ތަންފުކެއް އޯވަރ ހެން ހީވަނީ.

The name is already taken The name is available. Register?

Fazeel

02 June 2017

ޖޭވީ ދޯ؟ ފުކެއް ބޮޑުވަރު ތީ.

The name is already taken The name is available. Register?

ނަމޯ

31 May 2017

ޗައިނާ މީހުން ތީ ހުރިހާއެއްޗެއް ވެސް ކާބައެއް .އެހެން ނޫނަސް މިހާރު ދުނިޔެއައް މައްޝޫރު ޗައިނީސް ފުޑް އިންވެންޓް ކުރީ އެމެރިކާ މީހުން.

The name is already taken The name is available. Register?

ލަތީފާ

31 May 2017

ކީއްކުރާނީ މީދިވެހިންގެ ގޮތްވިއްޔަ ގައިގަ ޖެހިފަހުންނަލަށްގަނޑެށް ކިހިނެއްފިލުވާނީދޯ ދިވެހިންގެ މިއޮންނަ އާދައަކީ ކާންދޭމީހާގެ އަތުގަ ދަތްއެޅުން ހޮޔޮކަމެށްކޮށްދިންމީހަކަށް ތެޔޮހަމެށްދިނުން ނެތިމޮށުމް މިސްމީހުންގެ ބަނޑުފެޅުން ވަގަށްގޮވުން މީސްމީހުންގެ އަބުރަށްއެރުން މީހަކު ރަނގަޅުކަމެށްކޮށްފިއްޔާ އެމީހަކަށް ހަސަދަލުން މިހުންނަނީ ދެރަކަންތަށްތަށް ކީއްކުރާނީ އަހަރެމެންގެ މިވިސްނުން ބަދަލުކޮށްދެއްވާށިއެވެ. އަދީ އެހިތްވަރުގަދަ އަންހެންމީހާ އެކުރާ ބުރަމަސައްކަތުގަ މާތްﷲ ބަރަކާތް ލައްވާށިއެވެ. އާމީން

The name is already taken The name is available. Register?

އަހަރެން

31 May 2017

އެހެންނޫނަސް ޗައިނާ މީހުންނަކީ ބީޗުން ކިރުކަކުންޏެއް ފެނުނަސް ކުޅުދިޔާވާ ބައެއްދޯ.

The name is already taken The name is available. Register?

އަޙުމަދު

31 May 2017

ޖީހާނުގެ މަސައްކަތަށް ސާބަސް ދެމެވެ. ތިޔަ ދެކަބަލުންނާ ޗައިނާން އަޅުގަނޑާ ބައްދަލުވިއެވެ. ވަރަށް ހިތްހެޔޮ، މެހުމާނުދާރީ ރަނގަޅު އަދި ދިވެހިރާއްޖޭގެ ޕްރޮމޯޓް ކުރައްވަން ބުރަކޮށް މަސައްކަތް ކުރައްވާ ދެބޭފުޅުންކަން ފާހަގަ ކުރެވުނެވެ.

The name is already taken The name is available. Register?

ސީން

31 May 2017

ވަރަށް ރަނަގަޅު މަސައްކަތެކެވެ. ޖީހާނަށް ތަހުނިޔާ ކިޔަމެވެ. އިތުރު ކާމޔާބީތައް ލިބުންއެދެމެވެ.

The name is already taken The name is available. Register?

ޤައުމު

31 May 2017

ޤައުމު ފަހުރުވެރިވާވަރުގެ ކަނބަލެއް. ޖީހާން ތިކުރައްވާ މަސައްކަތަށް ދިވެއްސެއްގެ ހައިސިއްޔަތުން ޝުކުރު ދަންނަވަން. ތިއީ ފުރިހަމަ ޑިޕްލޮމަސީ އަކީ.

The name is already taken The name is available. Register?

އޭނާ

31 May 2017

މީހަކު ރަނގޅު ކަމެއް ކުރިއަސް އެކަން ބަލައިގަންނާކަށް ދިވެހިންނަކަށް ނޭންގޭނެ.. ކޮމެންޓް ކުރާއިރުވެސް މިކަމަށް ސަމާލުކަން ދިނުން ވ. މުހިއްމު. ވ މަރުހަބާ ޖީހާނަށް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454