މާލެ: މޭ 17، 2017- މަތީ ތައުލީމަށް ކިޔެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ލޯން ސްކީމުގެ ލިޔުން ދަރިވަރުންނާ ހަވާލުކުރުމުގެ ގޮތުން ޢިޔާސުއްދީން ސްލޫލުގައި ބޭއްވި ޖަލްސާގެ ތެރެއިން .---މިހާރު ފޮޓޯ: ހުސެއިން ވަހީދު
01 ޖޫން 2017 - 14:57
މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނުގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ދަރިވަރުންނަށް ދިން 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތަށް ނުލިބިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން ތައްޔާރު ކުރި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2014 ގެ ނިޔަލަށް 130 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި އަނބުރާ ލިބެން ޖެހޭނެ ކަމަށް ޑިޕާޓްމަންޓްގެ ރިކޯޑްސްތަކުން އެނގެން އޮތަސް، މިއީ ނުލިބި ކިހާ ދުވަހެއް ވަންދެން ހުރި ފައިސާއެއް ކަން އެނގޭނެ އެނަލިސިސްއެއް ހަދާފައި ނުވާ ކަމަށެވެ.
މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ލޯނު ދިނުމުގެ ފުރުސަތު އެންމެ ފުރަތަމަ ތައާރަފް ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އަދި އޭރު މަތީ ތައުލީމާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓެއް ވެސް އުފައްދައިފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ދަރިވަރުން ނުދައްކާ ހުރި ފައިސާގެ އަދަދުން ކޮންމެ އަހަރެއްގެ ފަހު ދުވަހު އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ތިން ޕަސަންޓު ބޭންކަށް ނެގޭ ގޮތަށް އޮތުމުން، ފީގެ ގޮތުގައި ނަގާ އަދަދު ވެސް އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށެވެ. އެ ގޮތުން 2014 ގައި އެކަނި ވެސް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ބީއެމްއެލްއަށް ދައްކަން ޖެހޭ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން 2010 އިން 2014 އަށް ބީއެމްއެލުން ލޯނުގެ ގޮތުގައި ދަރިވަރުންނަށް ދޫކުރި ފައިސާގެ ތެރެއިން ކިޔަވައި ނިމިގެން ލޯނު އަނބުރާ ދައްކަން ޖެހޭ ދަރިވަރުންގެ ތެރެއިން 2014 ގެ ނިޔަލަށް 39 ޕަސަންޓު ދަރިވަރުންނަކީ ގަވާއިދުން ލޯނު ނުދައްކާ ދަރިވަރުން ކަމަށް ރިޕޯޓުގައިވެ އެވެ. އަދި 2014 ގެ ނިޔަލަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ބީއެމްއެލަށް ނުދައްކާ ކަމަށް ރިޕޯޓުގައިވެ އެވެ.
ލޯނުގެ ގޮތުގައި ނެގި ފައިސާގެ އަދަދު ދައްކަމުން ނުދާ ދަރިވަރުންނާ މެދު ހަޔާ އެޑިއުކޭޝަނާއި ބީއެމްއެލުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2011 އިން 2013 އަށް އިއުލާން ކުރި ބައެއް ލޯނު ސްކީމްތަކަށް ލޯނު ދޭ ދަރިވަރުން ހޮވިއިރު، ލޯނު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ދަރިވަރުންނަށް ޕޮއިންޓް ދިނެވެ.
ލޯނު އަނބުރާ ނުދައްކާ 16 ދަރިވަރަކަށް އަލުން ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ހަ ދަރިވަރުން ކުރިން ނެގި ލޯނަށް އެއްވެސް ވަރަކަށް ފައިސާ ދައްކާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. ލޯނު ނެގި އެ ދަރިވަރުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ޖެހޭއިރު، ފަހުން ދަރިވަރުންނަށް ދިން ލޯނުގެ އަދަދު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ފުލް ފަންޑިން ލޯނު ސްކީމުތަކުން ލޯނު ލިބިފައިވާ 1683 ދަރިވަރުންގެ ތެރެއިން 422 ދަރިވަރުން ލޯނު ބޭނުން ކުރުމަށް ދީފައިވާ މުއްދަތު ފާއިތުވިއިރު ވެސް ލޯނު ނަގާފައި ނުވާ ކަމާއި ލޯނު ނަގާފައިނުވާ ކަމާއި އެ ދަރިވަރުންނާ މެދު ވެސް ހަޔާ އެޑިއުކޭޝަނުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މަތީ ތައުލީމް ހާސިލް ކުރުމަށް ދަރިވަރުންނަށް ލޯނު ދިނުމާ ގުޅޭ ކަންކަން ހަޔާ އެޑިއުކޭޝަނުން ކުރިއަށް ގެންދިޔައީ ހަރުދަނާ ގޮތެއްގައި ނޫން ކަމަށެވެ. އެހެންވެ، ލޯން ސްކީމަށް އިއުލާން ކުރާއިރު، އުސޫލުތަކާ އެއްގޮތަށް ދަރިވަރުންނަށް ލޯނު ދިނުމާއި ލޯނު ނުދައްކާ ދަރިވަރުންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރިވަރު
04 June 2017
ލޯނު ދޭއިރު ހަދައިފައިވާ އެގްރިމެންޓަށް އެޑިއުކޭޝަންއިން ހިލާފް ވާތީ ލިބޭ ލަނޑު ތިޔައީ. ހިލާފް ވީމާ ދެން ފިޔަވަޅެއްވެސް ނޭޅޭނެތާ
ނުކިޔަވާ
01 June 2017
ގިނަ ކުދިން ކިޔެވުމަކީ މަސައްކަތްތެރިން މަދުވާ ކަމެއް.. އެންމެން ބޭނުންވަނީ މެނޭޖަރުކަމާއި ރައީސް ކަން އަދި މިނިސްޓަރު ކަން.. ވަޒީފާ އަދާކޮށް މަސައްކޒތް ކުރާނެ އިންސާނަކު ނެތް.. ވެރީ ސޭޑް
ހުސެންބެއްޔާ
01 June 2017
"ލޯނު ނެގި އެ ދަރިވަރުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ޖެހޭއިރު، ފަހުން ދަރިވަރުންނަށް ދިން ލޯނުގެ އަދަދު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ." މިއީ ކޮންމެވެސް ބޮޑު މިޔަރެއްގެ ދަރިންކަމަށް ވާނީ!!
ހާއްހައްހައް
02 June 2017
ފެމުނަކަށްވާނީ
ހުސެން
01 June 2017
އެމް އެމް ޕީ އާރުސީ ގެ ރުފިޔާތަކުގެ އޮޑިޓްރިޕޯޓު ނެރެބަލަ.. އެހެން ހުރިހާ ރިޕޯޓެއް އެބަނެރެ.. ލަދެއްވެސް ނުގަނެ ދޯ
1234
01 June 2017
ދިވެހި ދަރިންގެ ކިޔެވުމަށް ކުރާ ހޭދައަކީ އިންވެސްޓްމަންޓެއް. އެފައިސާ ދައްކަން ޖެހޭނީ ދައުލަތުން.
ހުރަހެއް ނޫން
01 June 2017
ރާއްޖެއަށް ބޭރު ފައިސާ ވަންނަވަރަށް ބަލާއިރު މިލިއަނެއް ހަމަ ނުވާ އާބާދީއަކަށް ކިޔަވާ ނުދެވުމަކީ ދެރަ ކަމެއް. މަތީ ތަޢުލީމަށް ދެވޭވަރަށް ފާސްވީމަ ސަރުކާރުން ކިޔަވަދޭންވީ. ރާއްޖެއިން ބޭރުގަ މަސައްކަތް ކުރަންޏާ އެކަނި ތި ލޯނު އަދާ ކުރުވަންވީ. ކިޔަވައިގެން އައިސް ޤައުމަށް ޙިދުމަތް ކުރަންޏާ ތި ލޯނު ލާރި މާފު ކުރަންވީ.
މައުމޫން
01 June 2017
2013 އަކު މައުމޫންއެއް ވެރިކަމެއް ނުކުރަން
ފިރާގު
01 June 2017
ތިޔަ ލޯނުދެނީވެސް ފަލަސުރުހީގައި ހަބަރުޖަހާލަން، ތިޔައީ މާކަބޮޑު އެޑްމިނިސްޓްރޭޝަނެއް ހިންގާ ކަމެއްނޫން، 16 މިލިއަން އަހަރުން އަހަރަށް ބެންކަށް ދެއްކީމަ ނިމުނީނޫންތޯ ޓެކުސްފައިސާއިން އަނެއްކާވެސް އިންޓްރަސްޓް ދައްކާލަ ދައްކާލައިތިބެންވީނޫންތޯ؟ 16 މިލިއަނުން ރާއްޖޭގައި ތިބެގެން ވަރަށް ގިނަ އަދަދެއްގެ ކުދިންނަށް ކިޔެވުނީސް، މިހާރު ލޯނު ނުދެއްކީމަ ސަރުކާރުން ކޮންމެ އަހަރަކު 16 މިލިއަން މިއީވެސް ވަރަށް ހެއްވާ އުސޫލެއް
ބަކުރު އެންޑް ޒުބޭރް
01 June 2017
ހޯދަންނޫޅޭ އެއްޗެއް ކާކު ދޭނީ.
އުމަރު
01 June 2017
"އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2011 އިން 2013 އަށް އިއުލާން ކުރި ބައެއް ލޯނު ސްކީމްތަކަށް ލޯނު ދޭ ދަރިވަރުން ހޮވިއިރު، ލޯނު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ދަރިވަރުންނަށް ޕޮއިންޓް ދިނެވެ" މިއީ އެޑިއުކޭޝަން މިނިސްޓްރީގައިތިބި ވެރިން ކަންތަށްކުރާގޮތަކީ، އެކަމަކު ރައީސް ޔާމީނުގެ ސަރުކާރަކުން އެމީހުންނާއި ދޭތެރޭގައި ފިޔަވަޅެއްނައަޅާނެ، މިއީ ކަނޑައެޅިގެން ބޮޑު ވައްކަމެއް