މިދިޔަ އަންގާރަދުވަހުގެ ރޭ ހިނގި ލޯންޗް އެކްސިޑެންޓުގައި އަނިޔާވި މީހުން އޭޑީކޭ އަށް ގެންދަނީ: މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވީ، ސަމާ އައިލެންޑްގައި ވެއިޓަރަކަށް އުޅޭ ސ. މީދޫ އަލީ ވަސީމަށް.---މިހާރު ފޮޓޯ: ނިޝާން އަލީ
03 ޖޫން 2017 - 00:09
ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި މިިދިޔަ އަންގާރަދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން ހާލު އެންމެ ސީރިއަސްވި މީހާ އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިރޭ ބުނެފި އެވެ. އަދި އެކަމަށް ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭތީ އެ އާއިލާ އިން ވަނީ އާންމުންގެ އެހީތެރިކަށް އެދިފަ އެވެ.
މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވީ ސަމާ އައިލެންޑް ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާގައި އުޅޭ ސ. މީދޫ ހަނދުވަރުމަތީގޭ އަލީ ވަސީމް 30، އަށެވެ. އޭނާގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފަ އެވެ.
އަލީ ވަސީމްގެ ދައްތަ ފާތިމަތު ވަސީމާ ބުނީ އާއިލާ އިން މިހާރު މަސައްކަތް ކުރަނީ އޭނާ ރާއްޖޭން ބޭރަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ބޭރަށް ގެންދެވޭނީ އެއާ އެމްބިއުލާންސެއްގައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
"އޭނާގެ ހާލު އަދި ވެސް ވަރަށް ސީރިއަސް. ވެންޓިލޭޓަރުގެ އެހީގައި އެ އޮތީ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭން ބޭރަށް ގެންދަން،" ވަސީމާ ބުންޏެވެ.
އެއާ އެމްބިއުލާންސަށް އެކަނި ވެސް ދެ މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހޭއިރު، އަލީ ވަސީމްގެ އާއިލާ އަށް ވަނީ އެ ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައި ކަމަށް އޭނާގެ އާއިލާ އިން ބުންޏެވެ.
ލޯންޗް އެކްސިޑެންޓުގައި 14 މީހަކަށް އަނިޔާވެގެން އޭޑީކޭ އަށް ގެންދިޔަ އެވެ. އެކަމަކު އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ ނުވަ މީހަކަށެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ މިހާރު ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ދެ މީހަކަށް ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީއޫ) އަދި ޖެނެރަލް ކެއާއިން ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ވެސް ވިދާޅުވި ގޮތުގައި އަލީ ވަސީމްގެ ހާލު ވަރަށް ސީރިއަސް އެވެ.
"އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ [އަލީ ވަސީލް ފިޔަވައި] ހާލު އަންނަނީ ރިކަވާ ވަމުން،" އަފްއާލް ވިދާޅުވި އެވެ.
ވަސީމަށް ފައިސާގެ އެހީ ދޭން ބޭނުން ނަމަ (ދިވެހި ރުފިޔާ އެކައުންޓް) 7716310533101 އަދި 7716303934102 (ޑޮަލަރު އެކައުންޓް) އަށް ފައިސާ ފޮނުވައިދިނުމަށް އޭނާގެ އާއިލާ އިން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދު އަހައްމަދޭ
03 June 2017
ރިސޯރޓުން ބަލި މީހާގެ ބޭހުގެ ހަރަދު އަދި ސަރުކާރުންވެސް ބަލިމީހާގެ ބޭހުގެ ހަރަދު އެކަމަކު ބަލި މީހާ އެކަނި ތަ އަހުލެއް ވަހުލެއްނެތި ބޭރައް ފޮނުވާލަނީ ،ހޭ ބުއްދި ނުޖެހޭ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަ ،މިއޮތް ރަމަޡާންމަހު ، އެ ބަލި މީހާގެ އާއިލާއަކީ ކުޑަ ކުޑަ އާއިލާއެއްނޫން އަދި އާއިލާ ކިތައްމެ ބޮޑުވި ކަމުގަވިޔަސް އެހެންމީހުންގެ އެހީތެރިކަމަށް ނުއެދި ފުދި އިތުރުވާ ވަރައް ތަނަވަސް އެކަކުވެސް އާއިލާގަ ނެތް ހާލު އެކަން އެނގިތިބި ބަޔަކު މިތާގަ ބައެއްކޮމެންޓް ތައް އާއިލާއަށް ނުތަނަވަސްކަން ލިބޭފަދަ ގޮތަކަށް ކޮއްފަ ހުރީތީ އެވާހަކަ ދަންނަވާލީ ، ﷲ މުދާ ދެއްވީމަ އެހެއުގޮތުގަ ބޭނުންކުރާ މީހުންވެސް އުޅޭ އަދި އެ ބޭކާރުގޮތުގަ ހަރަދުކޮއް މިފަދަ ހާލަތެއް މެދުވެރިވާ ފަރާތެއް އެހީތެރިކަމަކަށް އެދޭ ހިނދު މަލާމާތަކުރާ ބަޔަކުވެސް އެއިގެތެރޭން އުޅޭ ،
ޢަލިބެ
03 June 2017
ކޮބައިތޯ އަޅުގަނޑުމެންގެ ޓެކްސް އިން އުފައްދާފައި އޮތް އާސަންދަ؟ ރިޒޯޓްގެ މެނެޖްމަންޓް؟ މުވައްޒަފުގެ އިންޝުއަރަންސް؟ ވަޒީފާގެ ޤާނޫނުން މިފަދަ ހާލަތެއްގައި ލިބޭނެ ހައްގުތައް؟
ރިސޯޓް
03 June 2017
ރިސޯޓުން ހުރިހާ ހަރަދެއް ކުރަމުން ދަނިކޮށް މިފަދައިން އާމުންގެ އެހީއަށް އެދިގެން ރިސޯޓްގެ އަގު ވައްޓާ ލުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް
ލައްކަ ވާހަކަ
03 June 2017
ހެޔޮނުވާނެ މަޖަލަކަށް މި ކަން ނަހަދަމާ؟
ލައްކަ ވާހަކަ
03 June 2017
އަޅުގަނޑު ކޮންމެވެސް ވަރެއްގެ އެހީއެއް ވެއްޖައިން! ތިބޭފުޅާ؟
ބޯގޯސް
03 June 2017
ކޮބާ އާސަންދޮއް އަދި ކޮބާ ރިސޯޓުން ކޮއްދެންޖެހޭ ކަންތައް އަދި ކޮބާ ސަރުކާރު ބޮޑު ކާރިސާތަކުގައި ހޭދަކުރަން ބަހައްޓާފައި ހުރި ބަޖެޓް. އެހެން ނޫނަސް ޙަރާމް ކޮއްފައިވާ ކަމަކައް އަރާގަން މޮޅެއް ނުވާނެ.
ހަގީގަތް
03 June 2017
ތި އާއިލާ އަކީ އެހެންމީހެއްގެ އެހީތެރިކަމެއް ބޭނުންވާ ބައެއް ނޫން. ވަރަށް ރުފިޔާވެސް ލިބޭނެ އެމީހުންނަށް. ކަމުގެ ހަގީގަތް ރަގަޅަށް ބެލުން ބުއްދިވެރި. ސަބަބަކީ އެރަށުގަ ކިޔާނީ އަމިއްލަ ހަރަދުގައޭ ބޭރަށް ދިޔައީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބެއޭ.
މިޒް
03 June 2017
ސުބުހާނަﷲ މިއޮތް ފަދަ ރޯދަ މަހުވެސް ފިތުނަ އުފެއްދޭތޯ ތިބަލަނީ. ޢެއްވެސް އިންސާނަކީ އަނެކާގެ އެހީ އަކާ ނުލާ ދުނިޔޭގަ އުޅެވޭނެ މީހެއް ނޫން. ޢެމީހުން ވަކި ކީއްވެތަ އެހެން ބައެއްގެ އެހީތެރި ކަމަށް ބޭނުން ނުވާންވީ. ޢެވެސް ނިކަމެތި އިންސާނުންނޭ ބަލަ.
މަރީ
03 June 2017
ކީއްވެބާ ރިޒޯޓުން އެފަދަ ޚަރަދެއް ނުކުރީ ،
ޙުސެން
03 June 2017
ކޮބާތޯ ހުސްނުވާ އާސަނދަ؟ މެޑިކަލް ޚަރަދު އާސަނދައިން ދޭންވާނެއެވެ. އެއީ އެމްބިއުލެނސް ވެސް ހިމެނޭގޮތަށެވެ.
އަހްމަދު ޙަސަން
03 June 2017
މި ޙާލަތުގައި މިވާހަކަ ދައްކަން ޖެހެއެވެ. ވަޒީފާއާ ބެހޭ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި "ވަޒީފާގައި ހުންނަ މުއްދަތުގައި ލިބޭ މިފަދަ ބޮޑެތި ގެއްލުންތަކަށް" އެހީވާނެ ނުވަތަ އާންމު ޙާލަތަށް ރުޖޫޢަ ވަންދެން ބޭސްފަރުވާ ކުރަން މަޖުބޫރު ކޮށްފައި ނެތީތޯ؟ ނެތްނަމަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭ އެފަދަ އިސްލާހެއް ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހެއެވެ. އެހެން ނޫންނަމަ ވަޒީފާ އަދާކުރުމުގެ ބޭނުމެއް ނެތެވެ. އެހާ ދުވަހު ވެއިޓަރަކަށް އުޅެފައި ބަލި އެނދުގައި އޮންނަން ޖެހޭ ޙާލަތަކަށް ދިއުމުން، އެ މުވައްޒަފު ޤައުމަށް ކޮށްދިން ކަންކަމުގެ އަގުވަޒަން ކޮށް މެޑަލެއް ދިނުމަކުން ނުފުދެއެވެ. އެ މުވައްޒަފަކަށް ފުރިހަމަ ބޭސްފަރުވާއާއި އާއިލާއަށް ފުދިގެން އުޅެވޭ ވަރުގެ އެލަވަންސެއް ދެވެން ޖެހެއެވެ. އެކަން ޤާނޫނަކުން ކޮންމެވެސް އެއް ފަރާތަކަށް ލާޒިމް ކުރަން ޖެހެއެވެ. މިފަދަ ޙާލަތުގައި އެހީ ނުވެވޭނަމަ، ބަލަން ތިބޭ މުވައްޒަފުން ވެސް ބިރުގަނެ، "ޤައުމު އަހަންނަށް ކޮށްދޭނީ ކޮން ކަމެއްތޯ؟" ކިޔައި، ސުވާލު އުފައްދާނެއެވެ. ނަތީޖާއަކަށް ވެގެން ދާނީ ޤައުމިއްޔަތު ފަނާވެގެން ދިއުމެވެ. ވީމާ، ޤައުމުގެ ސަލާމަތާއި މަސްލަޙަތަށް ޓަކައި ވެސް ރައްޔިތުން އަތުން ފައިސާ ހޯދުމުގެ ބަދަލުގައި ސަރުކާރުން ނުވަތަ ވަޒީފާ ދޭ ފަރާތުން މިކަމުގައި އިސްނަގަން ޖެހެއެވެ. އެ މުވައްޒަފަށް ފުރިހަމަ ސިއްޙަތެއް ހޯދައިދޭން ޖެހެއެވެ.
ރިސޯޓް
03 June 2017
ތީބޭރުމީހެއްނަމަ ރިސޯޓުން ހުރިހާ ހަރަދެއް ކުރީސް. ދެރަ ނިކަމެތިން ނިކަމެތިކަމުގާ ރިސޯޓްވެރިން މިލިޔަނުން ފައިދާނަގަނީ.
ރިސޯޓު
03 June 2017
ކޮބާބާ ރިސޯޓުގެ މެނޭޖްމެންޓް؟ ކޮބާ ލޯންޗުޖެހުނު ދޯނީގެވެރިން؟ އަދި އެދޯނިމަސައްކަތްކުރި ރީތިރައްރިސޯޓު؟ އެކުސިޑެންޓުގަ ދޯނީީގެ އިހުމާލު ބޮޑު
ރިސޯޓު ބޮޑުމީހާ
03 June 2017
ބޭބޭ އެ ދޯންޏަކީ ރީތިރަށާ އެއްވެސް ގުޅުމެއް އޮތް ދޯންޏެއް ނޫން، އެއީ ރީތި ރައް ރިސޯޓް ބޭރުގަ (ކަނޑު ގަދަވުމުގެ ސަބަބުން) އަޅާފަ އޮތް ދޯންޏެއް.