އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި މިިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެމުން އައި މީހާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.


މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވީ ސަމާ އައިލެންޑް ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާގައި އުޅޭ ސ. މީދޫ ހަނދުވަރުމަތީގޭ އަލީ ވަސީމް 30، އަށެވެ. އޭނާގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ އިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ ވަސީމަށް ދޭން ޖެހޭ ފަރުވާތައް އެ ހޮސްޕިޓަލުން ދެމުން އަންނަ ކަމަށެވެ.

"އޭނާ މިހާރު ރެސްޕޮންޑްކުރޭ، މި ވަގުތު އޭނަ އަށް ބޭނުންވާ ފަރުވާ ހޮސްޕިޓަލުން މި އަންނަނީ ދެމުން. އަޅުގަނޑުމެންނަށް ވަރަށް ކޮންފިޑެންސް އެބަ އޮތް، މިވަގުތު އޭނަ އަށް ދޭން ޖެހޭ ހުރިހާ ފަރުވާތަކެއް ދެވޭނެ ކަމަށް،" އަފްއާލް ވިދާޅުވި އެވެ.

އެކްސިޑެންޓުގައި 14 މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ނުވަ މީހަކަށެވެ. ފަސް މީހަކު ވަނީ ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ކަންނެލި ދޯނީގެ ކައްޕި އާއި ދެ ފަޅުވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.