ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން. --ފޮޓޯ:ރޮއިޓާސް
10 ޖޫން 2017 - 14:05
އަންކާރާ (ޖޫން 10) - ގަތަރު އެކަހެރި ކުރި ނަމަވެސް އެ ގައުމުގެ އަޚުންނާއި އުޚުތުން ދޫކޮށްނުލާނެ ކަމަށާ އަދި ސައުދީ އަރަބިއާ އިން ގަތަރާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުވާލުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް (އޭކޭ) ޕާޓީގެ ރޯދަ ވީއްލުމަކަށް ފަހު އުރުދުޣާން ވިދާޅުވީ މާތް ވެގެންވާ ރޯދަ މަހު ހަސަދަވެރިކަން އިސްކުރުމުގެ ބަދަލުގައި ސައުދީން އަޚުވަންތަކަން ގާއިމްކުރަން ޖެހޭނެ ކަމަށެވެ.
"ގަތަރު އެކަހެރި ކުރުމުން މައްސަލަ އަށް ހައްލެއް ނުފެންނާނެ. ގަތަރުގެ އެކުވެރިން ތުރުކީން ދޫކޮށެއް ނުލާނަން،" އުރުދުޣާން ވިދާޅުވި އެވެ.
ގަތަރު މައްސަލަ އުފެދުނީއްސުރެ އެ ގައުމާ އެކު ވާކަން ހާމަކުރައްވަމުން ގެންދަވާ އުރުދުޣާން ވިދާޅުވީ ސައުދީ އަށް އެމަނިކުފާނުގެ ވަރަށް ބޮޑު އާދޭހެއް އެބައޮތް ކަަމަށެވެ. އެއީ ގަލްފުގައިވާ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ މުސްލިމް ގައުމުގެ ހައިސިއްޔަތުން އެކުވެރިކަމާއި އަޚުވަންތަކަން ދައްކަން ޖެހޭ ކަމަށެވެ.
"ސައުދީ އަރަބިއާ އިން ބުނަމުން ދަނީ އެ މީހުންނަކީ ދެ ހަރަމްގެ ޚާދިމުންނޭ. އެހެންވީ އިރު މުސްލިމް އަޚުންނާއި އުޚުތުން އެއްބައި ކުރުމަށް ސައުދީން މަސައްކަތް ކުރަން ޖެހޭނެ. މިއީ ދެ ހަރަމްގެ ޚާދިމްގެ ފަރާތުން އުއްމީދު ކުރާ ކަންތަކަކީ. އެހެންވެ ގަތަރާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް އެކުގައި އުވާލުމަށް ސައުދީ އަރަބިއާ އަށް ގޮވާލަން،" އުރުދުޣާން ވިދާޅުވި އެވެ.
ގަތަރުގެ 59 ފަރުދަކާއި 12 ޖަމާއަތަކުން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ ސައުދީ، ބަހުރޭން، ޔޫއޭއީ އަދި މިސްރުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނަށް ރައްދު ދެއްވާ އުރުދުޣާން ވިދާޅުވީ އެ ހުރިހާ ޖަމާއަތެއް އެ މަނިކުފާން ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި އެއީ އެފަދަ ކަންކަން ހިންގާ ޖަމާއަތްތަކެއް ނޫން ކަމަށެވެ.
ތުރުކީން ވަނީ ގަތަރަށް ކާނާ އާއި ފެން ފޯރުކޮށްދިނުމަށް ހުށަހަޅައިފަ އެވެ. އުރުދުޣާން ވިދާޅުވީ ގަތަރަށް ތުރުކީން ކާބޯތަކެތި ދޭތީ ހިތްހަމަ ނުޖެހޭ ބަޔަކު ވެސް ތިބެދާނެ ކަމަށާއި އެކަމަކު އެފަދަ ފަރާތްތަކަށް ދަންނަވަން އޮތީ "ވަރަށް ބޮޑަށް ސޮރީއޭ" ކަމަށެވެ.
ތުުރުކީ ޕާލަމެންޓުން ބުދަ ދުވަހު ވަނީ ގަތަރަށް ސިފައިން ފޮނުވާ އަދި ގަތަރު ސިފައިން ތަމްރީނު ކުރުމަށް ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައްތާރު /މހއ
11 June 2017
މި މަސްއަލައިގެ ސައުދީންވެސް އަދި އެމެރިކާއިންވެސް ކަންބޮޑުވެ ބިރުގަންނަނީ ގަތަރުން އިޒުރޭލްގެ ބައެއް އަމަލުތަކާއި ކަންކަން ނިންމާގޮތުން ގަތަރުން ފާޅުގައި ދެކޮޅުހަދާތީ އެމެރިކާ އަޑީގައި އޮވެ އިޒުރޭލް ސަލާމަތް ކުރުމަށް ޖައްސާގޭމެއްމީ. މިގޭމުގައި މުސްލިމު ގައުމުތަކެއް ޖެހިފިތެމުންދާކަމީ ހިތާމަ ހުރިކަމެއް. ސައުދީންވަނީ އެންމެފަހުން ގެ އިންތިހާބުފގައިވެސް ނަތަންޔާހޫ ކެމްޕެއިންނަށްވެސް އެތަން މިޔަން ޑޮލަރެއް ހަރަދުކޮށްފައި. އެހެންވީމާ ސައުދީގެ ބައިވެރިންވެސް ބޭނުންވޭ އިޒްރޭލް ދެމިއޮތުމަށް.
ދދ
11 June 2017
މުސްލިމުންގެ މުޤައްދަސް ބިމެއް ޔަހޫދީންގެ އައްދަށުގައި އޮންނަތާ 70 ވަރަކަށް އަހަރު މިވަނީ މުސްލިމް ޤައުމުތަކަށް ކުރެވުނީ ކޮންމަސައްކަތެއްތޯ ފަލަސްތީނުގެ މައްސަލަ ހައްލުކުރަން! މިޔައްމާގައި މުސްލިމުން މަރަމުން ސޫދާނުގެ ބަޔެއްގައި ނަސާރާއިންގެ ވަކި ދައުލަތެއް އިންޑަނޭޝިޔާގެ ބަޔެއްގައި ނަސާރާއިންގެ ވަކި ދައުލަތެއް ކަޝްމީރުގައި ހިންދޫންގެ ވަކި ދައުލަތެއް!
ޢަލީ
11 June 2017
ޔާ ﷲ އެމެރިކާގެ މަކަރުވެރިކަމުން އެންމެހާ މުސްލިމުން ރައްކާތެރި ކުރައްވާށި
ތުރުކީ
10 June 2017
އައިލަވް އުރުދުގާން... މިވަގުތު ދުނިޔޭގަ ހުރި އެންމެ ކެރޭ ހިއްވަރުގަދަ މުސްލިމް ލީޑަރ
އިސްލާމީ ތާރީޚް
10 June 2017
މިއަދުގެ ދުނިޔޭގައި މުސްލިމުންގެ ޙާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓުނީ ދެ ޙަރަމުގެ ޚާދިމުންނޭ ބުނަމުންދާ ސަޢުދީގެ ޝާހީ ޢާއިލާއިން މުސްލިމުންގެ އެއްބައި ވަންތަ ކަން ދެމެހެއްޓުމަށްވުރެ ޝާހީ ވެރިކަން ދެމެހެއްޓުމަށް އިސްކަން ދިނުމާއި މުސްލިމުންނަށްވުރެ ބޮޑަށް ޣައިރު މުސްލިމުން އެކުވެރިންގެ ގޮތުގައި ބަލަމުން ދިއުން ކަމަށް ތާރީޚް ހެކިދޭ
ދދދ
10 June 2017
ގަތަރާ ގުޅުން ކަނޑާލުމުން ރައްޔިތުންނަށް ގެއްލުން ވިޔަސް ޔާމީނަށް ފައިދާއެއް ވެދާނެ. އެއީ ކޮންފައިދާއެއްތޯ ކިހާ ވަރެއްތޯ ބަލަންވީ.
ވިދްޑްރޯވް
10 June 2017
ތުރުކީގެ ތިޔާ އަމަލުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އަށް ހުރަސް އެޅޭނެއެވެ. ތިޔާ ކަން ވިދްޑޯރ ކުރަން މަމެންނަށް ފެންނަވާހަކަ މަމެން ބުނަން ނެތީމު ދޯ.
މީދެން ކާކު
10 June 2017
ކަލެއަކީ ދެންކާކު ވިތުޑުރޯ ކިޔަން
ރާބޮޑޭ
10 June 2017
ސާބަސް އުރުދުޣާން ތިޔައީ އިސްލާމީ ވެރިންނަކީ އާލުސުދުންނަކީ މުސްލިމުންނަށް ގައްދާރުވެފައިވާ ބައެއްކަން އިސްލާމީތާރީޚް ހެކިދެއެވެ
ޝާހިދު
10 June 2017
ޢުރުދުޢާނު ފަދަ ބޭފުޅުން އިސްލާމީ ދުނިޔޭގައި ގިނަ ކުރައްވާށި.
ޝާހިދު
10 June 2017
ޢުރުދުޢާނު ފަދަ ބޭފުޅުން އިސްލާމީ ދުނިޔޭގައި ގިނަ ކުރައްވާށި.