ޚިޔާލު / ދީން

އިހުގެ އުންމަތްތައް: ޢާދު ބާގައި މީހުން ނެތިކުރެއްވުން (3)

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

ﷲގެ އެއްކައުވަންތަކަމަށް ގޮވާލައްވައި ހޫދްގެފާނު ދެއްވި ދަޢުވަތަށް އިންކާރު ކުރުމުގެ އިތުރުން، އެމީހުން މަސައްކަތް ކުރީ، އެ މީހުން އަޅުކަން ކޮށް އުޅުނު ބުދުތަކުގެ ރައްބުވަންތަކަމާއި އިލާހުވަންތަކަން މާ ވަރުގަދަ ކަމުގައި އެކަލޭގެފާނަށް ވިސްނައިދެއްވުމަށެވެ. އަދި ޚުދް ހޫދުގެފާނު ވެސް ހުންނެވީ އެ މީހުންގެ ބާޠިލު ކަލާނގެތަކުގެ ބާރުގެ ދަށުގައި ކަމަށް އެމީހުން ގަބޫލުކުރެ އެވެ. އެމީހުން އެކަލޭގެފާނަށް ދެންނެވި އެވެ؛

"ތިމަންމެންގެ ބައެއް އިލާހުން ކަލޭގެފާނަށް ނުބައި ކަމެއް ޖައްސައިފި ކަމުގައި މެނުވީ ތިމަންމެން ނުބުނާނޫ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ޝަރީކު ކޮށް އުޅޭ ތަކެތިން، ތިމަންކަލޭގެފާނު ބަރީއަވެގެންވާ ކަމަށް ﷲ ހެކި ކުރައްވަމެވެ. އަދި ތިޔަބައިމީހުން ވެސް ހެކިވާށެވެ! އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުންނެވެ. (އެބަހީ: އެހެން ފަރާތްތަކުން ތިމަންކަލޭގެފާނު ބަރީއަ ވެގެންވަމެވެ.) ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް (ހަލާކު ދިނުމަށް) ރޭވުންތައް ރާވާށެވެ! ދެން ތިމަންކަލޭގެފާނަށް ލަސްކުރާނެކަމެއް ނެތެވެ." (ސޫރަތު ހޫދް 54، 55)

ނަމަވެސް ހޫދުގެފާނު ތަކުރާރުކޮށް އެމީހުންނަށް ވިސްނައިދެއްވަމުން ގެންދެވީ އެމީހުން އަޅުކަން ކޮށް އުޅެނީ ބާޠިލު އެއްޗެހިތަކަކަށް ކަމެވެ. އެ ތަކެތިން އެމީހުންނަށް ވެސް އަދި އެހެން މީހަކަށް ވެސް މަންފާއެއް ވެސް އަދި ގެއްލުމެއް ވެސް ނުލިބޭނެ ކަމެވެ. އަދި ﷲގެ އެއްކައުވަންތަކަމަށް އީމާން ނުވާ ނަމަ، އެބައިމީހުން ނެތިކުރެއްވުމަށް ﷲގެ ހަޒްރަތުން ގަދަފަދަ އަޒާބެއް ފޮނުއްވައިފާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ.

ކާބަފައިންގެ ޒަމާނުއްސުރެ އަޅުކަން ކޮށް އުޅުނު ބުދުތައް ދޫކޮށް، އެމީހުންގެ ލޮލަށް ނުފެންނަ އިލާހަކަށް އީމާންވުމަކީ އެމީހުގެ ބުއްދި ގަބޫލު ކުރި ކަމެއް ނޫނެވެ. އެ މީހުން ގަބޫލު ކުރީ، ކަލާނގެއެއް ނަމަ އެމީހުންގެ ލޮލަށް ފެންނަން ޖެހޭނެ ކަމަށާއި، ކަލާނގެ ހުންނަނީ ކޮން ސިފައަކަށް ކަން ވެސް އެނގެންވާނެ ކަމަށެވެ. އެހެންކަމުން އެމީހުން އަޅުކަން ކުރަމުން ދިޔައީ އެމީހުންގެ އަމިއްލަ އަތްތަކުން ކޮށާ މަށައިގެން ހަދައިގެން ގެންގުޅުނު ކަލާނގެތަކަކަށެވެ.

ހޫދުގެފާނު ކިތަންމެ ނަސޭހަތެއް ދެއްވި ނަމަވެސް އެމީހުން ގޮތް ދޫކުރާކަށް ބޭނުމެއް ނުވި އެވެ. ހޫދުގެފާނާ ޖަދަލުކޮށް އެކަލޭގެފާނަށް ގޮންޖަހައި އެމީހުން ބުންޏެވެ؛ "ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި ﷲ އަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަން ކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯ އެވެ؟ ފަހެ، ކަލޭގެފާނުވަނީ ތެދުވެރިންގެ ތެރެއިން ކަމަށްވާ ނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ ވަޢުދު ކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ!" (އަލް އަޢުރާފް 70)

ސުބްޙާނަﷲ! އެމީހުން ހޫދުގެފާނުގެ ކިބައިން އެ އެދެނީ ކޮން ފަދަ ބޮޑު ކަމަކަށްތޯ އެވެ! ﷲގެ ޢަޒާބު ނިކަން ގެނެސްބަލާށޭ ބުނެ ގޮންޖެހި އިރު، ތިމާމެންނަށް މި ބުނެވެނީ ކިހާ ވަރެއްގެ ވާހަކައެއް ކަމެއް އެ މީހުންގެ ގައުވެފައިވާ ހިތްތަކަކަށް މޭރުމެއް ނުވެ އެވެ. ﷲގެ ކޯފާއެއް ނުވަތަ އަޒާބެއް ފޮނުއްވައިފި ނަމަ، އެކަމަކުން ސަލާމަތް ވެވޭނެ ގޮތެއް ނޯންނާނެ ކަމާއި އެކަލާނގެ ފޮނުއްވާ ކިތަންމެ ކުޑަ އަޒާބަކަށް ވެސް ކެތްކުރުމުގެ ގާބިލްކަން އިންސާނާގެ ކިބައިގައި ނުވާ ކަމަށް އެ މީހުންގެ ކޮށި ވިސްނުމަކަށް ނޭނގެ އެވެ.

އެބައިމީހުންގެ ދެކޮޅުހެދުންތަކާއި ގޮތްދޫނުކުރުމާއި ދޮގު ތުހުމަތުތަކުގެ ސަބަބުން ހޫދުގެފާނުގެ ހިތްޕުޅަށް ނުހަނު އަސަރު ކުރި އެވެ. ހިތާމަތައް އިތުރުވެ މޮޅިވެރިކަން ވެރިވި އެވެ. އަދި އެބައިމީހުންގެ ތެރޭގައި އެކަލޭގެފާނަށް އީމާންވާނެ މަދު މީހަކު މެނުވީ ނެތް ކަން ޔަގީންވި ހިނދު، އެބައިމީހުންގެ މައްޗަށް ނަޞްރު ދެއްވުން އެދި ﷲގެ ހަޒްރަތުގައި އާދޭހާ އެކު ދުޢާ ދެންނެވި އެވެ.

އެހިނދު ﷲގެ ހަޒްރަތުން ހޫދުގެފާނަށް ޖަވާބު ލިބިވަޑައިގަތެވެ. އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސްދީ، އެމީހުންނަށް ﷲ ދެއްވި ނިޢުމަތްތަކުގެ މައްޗަށް ބޮޑާވެ، ދުނިޔަވީ އުފަލުގައި ހަމަބުއްދި ފިލައި ގޮސްފައި ތިއްބަސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ ޙާލަތު އެފުށް މިފުށަށް ޖައްސަވާނެ ކަން އެންގެވި އެވެ. އަދި އެބައިމީހުން ނެތިކުރެއްވުމަށް ގަދަފަދަ އަޒާބެއް ފޮނުއްވާނޭ ކަން އެކަލޭގެފާނަށް އެންގެވި އެވެ؛ "އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކުޑަހިނދުކޮޅަކުން އެއުރެން ހިތާމަކުރާ ބަޔަކުކަމުގައި ވާނޭކަން ކަށަވަރެވެ." (އަލްމުއުމިނޫން 40)

އުންމާންގެ ހުޅަނގު ސަހަރާގެ ތެރެއިން ފެނުނު އާސާރީ ސަރަހައްދުގައި ހުރި ކުރީގެ އިމާރާތެއްގެ ބައިތަކެއް. ވަށައިގެން ވާ ވަރުގަދަ ތަނބުތަކަކާ އެކު ބިނާ ކޮށްފައިވާ މި ސަހަރަކީ ޢާދު ބާގައި މީހުން ދިރިއުނު ސަރަހައްދު ކަމަށް ދިރާސާ ކުރާ މީހުން ބުނޭ.

ﷲ ދެއްވި ނިޢުމަތްތަކުން ބޭނުން ހިފާ ހާލުގައި އެކަލާނގެ އަށް އީމާން ނުވެ، ބޮޑާކަމާއި ކިބުރުވެރި ކަމުގައި އުޅޭ ނަމަ، ﷲގެ ކޯފާއާ ކުރިމަތިލާން ޖެހިދާނެ ކަމަށް ހޫދުގެފާނު ތަކުރާރުކޮށް އިންޒާރު ކުރެއްވުމުން ވެސް އެމީހުން އިސްކުރީ، ދެކޮޅުވެރިކަމެވެ. އެމީހުންނަށް ގަބޫލު ކުރެވުނީ އެމީހުން ބިނާކުރި އުސް ތަނބުތަކާއި ބިޔަ ގަނޑުވަރުތަކަކީ، އެމީހުންގެ މޮޅުކަމާއި ކުޅަދާނަ ކަމުން ބިނާކުރި ތަންތަން ކަމުގަ އެވެ. އަދި އެމީހުންނަށް މާތް ﷲ ދެއްވި ނިޢުމަތްތަކުގެ މައްޗަށް ކިބުރުވެ، ތިމަންމެންނީ ނިކަމެތި އިންސާނުންތަކެއް ކަން ހަނދާން ނައްތައިލި އެވެ. އަދި އެންމެ ބާރު ގަދަ، އެންމެ ކުޅަދާނަ ބަޔަކީ ވެސް އެބައިމީހުން ކަމަށް އަމިއްލަ އަށް ދަޢުވާ ވެސް ކުރި އެވެ.

"ފަހެ، ޢާދު ބާގައި މީހުން ދަންނާށެވެ! އެއުރެން ޙައްޤަކާ ނުލައި ބިމުގައި ބޮޑާވެގަތޫ އެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކު ހެއްޔެވެ؟" (ފުއްޞިލަތު 15)

އެމީހުން އެހެން ބުނެ އަމިއްލަ ނަފްސަށް ކިބުރުވެރިވި އިރު، އެބައިމީހުންނަށް އެ ބާރާއި ގަދަފަދަކަމާއި ތަނަވަސްކަން ދެއްވީ ﷲ ކަމާއި ހިނދު ކޮޅެއްގެ ތެރޭގައި އެ ނިއުމަތްތައް ގެންދެވުމަށް އެކަލާނގެ ކުޅަދުންވަންތަ ކަން ވެސް އެމީހުން ހިތަކަށް ނާރަ އެވެ. އަދި އެމީހުންގެ ވަށައިގެން ބިރުވެރި ކަންތަކެއް އެމީހުންނާ ކައިރި ވަމުން އަންނަ ކަމެއް އިހްސާސެއް ނުކުރެވެ އެވެ.

ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި ހޫދުގެފާނުގެ ދަޢުވަތަށް ޢާދު ބާގައި މީހުން އިންކާރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ދަތި ގޮތްތައް މެދުވެރި ކުރެއްވި އެވެ. ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ، ބޯފެނަށް ޖެހޭ ހިސާބަށް ދިޔަ އެވެ. ދަނޑުގޮވާން ހަލާކުވާ ހިސާބަށް ދަތިވި އެވެ. އެހެން ތިއްބައި އެމީހުންނަށް ފެނުނީ އުދަރެހުން އަރައިގެން އެމީހުންގެ ރަށާ ދިމާލަށް އަންނަ ބޯ ވިލާގަނޑެކެވެ.

އެމީހުންގެ ނަޒަރުގައި އެއީ ހަމަ އާދައިގެ ވިއްސާރަ ވިލާގަނޑެކެވެ. ތިމާމެންނާ މި ކުރިމަތިވަނީ، ހޫދުގެފާނު އިންޒާރު ކުރެއްވި ކަންތައްތައް ކަމެއް، އަދި އެއީ "ކަލޭގެފާނު ކުޅަދާނައިއްޔާ ތިޔަ ވިދާޅުވާ އަޒާބެއް ނިކަން ގެނެސްބަލާށޭ" ބުނެ، ތިމަންމެން ހޫދުގެފާނަށް ގޮންޖަހައި އުޅުނު އަޒާބުގެ ކަންތައް ކަމެއް އެ މީހުންނަށް ކުޑަކޮށް ވެސް ގަބޫލެއް ނުކުރެވެ އެވެ.

"ފަހެ، އެއުރެންގެ ވާދީތަކާ ދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެ (ޢަޛާބު) ފެނުނު ހިނދު އެއުރެން ބުނޫ އެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވި އެވެ.) އަދި ކިއެއްތަ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި ޢަޛާބު އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ. އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެ އެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަން މެނުވީ، ފެންނާން ނެތް ބަޔަކު ކަމުގައި އެއުރެން ވެއްޖައޫ އެވެ. ކުށްވެރިވި މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ." (އަލްއަޙްޤާފް 25)

(ނުނިމޭ)

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޯން

11 June 2017

މާކުރީ ވާހަކަތައް ގެނެސްދޭލެއް....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454