ދިވެހިންތަކެއް ހައްޖުގެ އަޅުކަމުގައި. - ފޮޓޯ: މިހާރު
13 ޖޫން 2017 - 13:09
ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
އެކްރޯ އިން ސިވިލް ކޯޓުގައި އެދުނީ ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏަކަށް އެ ހުއްދަ ދޭން ނިންމި ނިންމުން ބާތިލްކޮށް، އޭސީސީގެ އެންގުމާ އެއްގޮތަށް އަލުން އިވެލުއޭޓް ކޮށްގެން ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައަޅައި ދިނުމަށެވެ.
ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން ކުރިމަތިލުމުން އިސްލާމިކް މިނިސްޓްރީން މި އަހަރު އެންމެ ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އޭސީސީގެ އެންގުމަށް އެ ހުއްދަތައް ބާތިލު ކުރުމަށް ފަހު އަލުން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ސިސިލްފަރު ގްރޫޕާއި ޒައީ ހައްޖު ގްރޫޕަށެވެ. އިސްލާމިކް މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބައެއް ކުންފުނިތަކުގެ ވެރިން އޭސީސީގެ މެމްބަރުންނާ ބައްދަލު ކުރައްވައި އެކަމުގެ ޝަކުވާ ކުރި އެވެ.
ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހަތަރު ކުންފުންޏެއް ކަނޑައެޅީ އޭސީސީގެ އެންގުމާ އެއްގޮތަށް، އަލުން އިވެލުއޭޓް ކުރުމަށް ފަހުގައިތޯ ބަލަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭސީސީ ކަނޑައެޅި އެވެ. އެހެންވެ، އޭސީސީން އިސްލާމިކް މިނިސްޓްރީ އަށް އެންގީ ހައްޖު ކޯޓާ އަށް އެދި ކުރިމަތިލި 16 ކުންފުނީގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހު ޕޮއިންޓް ދިނުމަށާއި އަދި ޕްރޮޕޯސަލް އިވެލުއޭޓް ކުރަން އާ ކޮމެޓީއެއް އެކުލަވާލުމުގެ އިތުރުން އެ ކޮމެޓީގައި އިސްލާމިކް މިނިސްޓްރީގެ މުވައްްޒަފުން ނުހިމެނުމަށެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި 16 ކުންފުންޏަކުން މި އަހަރު ހުށަހެޅި އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހައްޖަށް ގެންދިއުމަށް ހަތަރު ކުންފުންޏެއް ކަނޑައެޅީ ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރި ކަމަށް ފެންނާތީ އެވެ.
މީގެ އިތުރުން ގްރޫޕްތައް ކަނޑައެޅީ މިފަދަ ނާޒުކު ހާލަތެއްގައި ދިވެހި ހައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މަސްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫސުފް
13 June 2017
ހަރުދަނާ އުސޫލެއްނެތް. ޢިސްލާމިކް މިނިސްޓްރީ މި ހާލަތަށް ދިޔައިމަ ދެން ކީކޭ ބުނާނީ. ދީނީ އިލްމް އެކަނި އުނގެނިގެން ތިބާވަތުގެ މަސައްކަތެއް އެންމެ ރަނގަޅަކަށް ނުކުރެވޭނެ. ތިކަމުގެ އިލްމާއި ހުނަރުހުރި ޤާބިލް މީހުންގެނެސް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަން އެބަޖެހޭ. ކޯޓާ ދޭ ކުންފުނިތަކުން އިތުރަށް ލާރި ނަގާކަމަށްވަންޏާ އެކަންވެސް އެބަ ބެލެންޖެހޭ. ނުބެލިގެން އުޅެނީ މިނިސްޓްރީއާއި އަޑިއަޑިން ލިންކް އެޅޭތީ. މީހުންގެ ޝަކުވާ ލިބުނަސް ބަލާ ފިޔަވަޅު އަޅާނެ ބަޔަކު ނެތިއްޔާ މިކަން އިސްލާހެއް ނުވާނެ
ސައްޙަ މަޢުލޫމާތު
13 June 2017
މިހާރުވެސް ކޯޓާ ދީފައިވާ ކުންފުނިތަކުން ހައްޖަށް ދާ މީހުންގެ އަތުން 94،000 ރުފިޔާން މަތި ނަގާ(މިކަން ސަރުކާރުން ބެލުމަށް އަންގަން)
ަސަދޫމް
21 June 2017
ސަރުކާރުން ކުރާ ވައްކަން ސަރުކާރުން ބެލޭނެތެ.މި ކަރަޕްޓް ވެރިކަން ނިމިގެންނޫނީ އިންސާފެއްނެތް.
އުތުރު
13 June 2017
އޭސީސީގެ ފަހު ތަޅާލުން
ޙާޖި
13 June 2017
ގައިމު ފައިދާއެއް ވާތީތާ ނުހޮވުނު ގްރޫޕްތަކުންވެސް އެހާވަރަކުން އެ ތެޅިފޮޅެނީ. ދެން އުފެދޭ ސުވާލަކީ ޙާޖީންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ބެލޭތޯ!
ޖަމީލު
13 June 2017
މިފަހަރު އެއުޅެނީ ގެއްލުންވާތީ. ބިޑް ފޮތަށް 30 ހާސް ރުފިޔާ ނަގާފަ އޮތީ.