މެސީ (ވ) ދެހާހުގެ މެދުތެރޭގެ އަހަރެއްގައި ރޮނާލްޑީނިއޯއާ އެކު ބާސެލޯނާގެ ޕްރެކްޓިހުގައި.
17 ޖޫން 2017 - 12:37
ބާސެލޯނާ (ޖޫން 17) – ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ އަދަދު ދައްކަން 2006 ވަނަ އަހަރު އިންޓަ މިލާން އޮތީ ތައްޔާރަށް ކަމަށާއި އޭނާ އެ ކްލަބާ ނުގުޅުނީ ކިރިޔާ ކަމަށް ބާސެލޯނާގެ އޭރުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ބާސެލޯނާގެ ޔޫތު އެކަޑަމީއާ 2001 ވަނަ އަހަރު ގުޅުނު މެސީ އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރު އެވެ. އޭނާ އޭރު އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލެވޭނީ 150 މިލިއަން ޔޫރޯ ދައްކައިގެންނެވެ.
"އެއީ 2006 ވަނަ އަހަރު އިންޓަ އިން އޮފާއެއް ކުރީ. ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 150 މިލިއަން ޔޫރޯ ދައްކަން އެ ކްލަބް އޮތީ ތައްޔާރަށް،" ލަޕޯޓާ ވިދާޅުވި އެވެ.
ބާސެލޯނާ އިން އޭނާގެ ކޮންޓްރެކްޓުގައި އެ އަދަދު ޖެހީ އެ ވަރަށް ފައިސާ ހޭދަކުރަން ކްލަބަކުން ތައްޔާރުނުވާނެ ކަމަށް ބަލާފައި ކަމަށް ލަފާކުރެވެ އެވެ. ސަބަބަކީ އޭރު ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީ އަކީ 2001 ވަނަ އަހަރު ޔުވެންޓަސް އިން ރެއާލް މެޑްރިޑަށް ޒައިނުއްޒީދާން ޒިދާން ގެންދިޔަ 75 މިލިއަން ޔޫރޯ އެވެ. އެހެންވެ މެސީ ފަދަ އޭރުގެ ޒުވާން ތަރިއެއް ގަތުމަށް އެއްވެސް ކްލަބަކުން 150 މިލިއަން ޔޫރޯ ހޭދަކޮށްފާނެ ކަމަށް އޭރު ލަފާ ނުކުރެވެ އެވެ.
"އެހެންވެ އަހަރެމެން ފަހުން 250 މިލިއަން ޔޫރޯ އަށް އަދަދު ބޮޑުކުރީ. އެކަމަކު އަހަންނާއި މެސީގެ ބައްޕަ ޖޯޖްއާ އޮތް ގުޅުމުގެ ސަބަބުން ޔަގީންކަން އޮވޭ އޭނާ (މަޑުކުރާނެ ކަމުގެ)،" ލަޕޯޓާ ވިދާޅުވި އެވެ.
"އަހަރެން އޭނާގެ ބައްޕަ ގާތު ބުނިން މެސީ ނުވިއްކާނަމޭ އެހެންވެ އިންޓަ އިން ޖެހޭނީ ކޮންޓްރެކްޓް އުވާލައިގެނޭ އޭނާ ގެންދަން. އަހަރެން ބުނިން އެ ކްލަބުގައި އޭނާ އަށް މާލީ ގޮތުން ފައިދާވާނެޔޭ އެކަމަކު މިތަނުގައި އޭނާ ހުންނާނީ އުފަލުންނޭ އަދި ކާމިޔާބު ލިބޭނެޔޭ."
އެ ފަހަރު ބާސެލޯނާގައި މަޑުކޮށް މެސީ ވަނީ ކްލަބް ލެވެލްގައި ހޯދޭނޭ ހުރިހާ ކާމިޔާބެއް އެ ކްލަބާ އެކު ހޯދައިފަ އެވެ. އެކަމަކު އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ކަންތައް މި ފަހަރު ދިގު ލައިގެން ގޮސް އޭނާ ކްލަބް ދޫކޮށްލަފާނެ ކަމުގެ އަޑުތައް ވެސް އެރި އެވެ.
ދެ ފަރާތުން ކޮންޓްރެކްޓް އާކުރަން މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު އާ ކޮންޓްރެކްޓުގެ ދަށުން މެސީ އަށް އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެ އެވެ. އަދި އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ އަދަދު 400 މިލިއަން ޔޫރޯ އަށް މައްޗަށް ޖައްސާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާގައި ކެރިއަރު ނިންމާލަން ބޭނުންވާ ކަމަށް މެސީ ވަނީ ދާދި ފަހުން ބުނެފަ އެވެ. އެކަމަކު އޭނާގެ ކުޑައިރުގެ ކްލަބް އާޖެންޓީނާގެ ނެވެލް އޯލްޑް ބޯއީސް އަށް ކުޅުމުގެ ފުރުސަތު ވެސް އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭމޯ
18 June 2017
މެސީއަކީ ނަސީބް ރަނގަޅު އަދި މޮޅު ކުޅުން ތެރިޔެއް.