ބިން ވިއްކުމުގެ އިސްލާހު ރައީސް ޔާމީން (މ) ތަސްދީގު ކުރައްވާއިރު، ބަންޑާރަ ނައިނު އަނިލް އާއި އޭރުގެ ނައިބު ރައީސް އަދީބު އާއި ރައީސް އޮފީހުގެ އޭރުގެ ލީގަލް ސެކްރެޓަރީ އަދި މިހާރުގެ ޕްރޮސެކިއުޓަ ޖެނެރަލް ބިޝާމް.---ފައިލް ފޮޓޯ
20 ޖޫން 2017 - 13:53
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފި ނަމަ ފިއްލެވުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭރުން ދައުލަތަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެ މަނިކުފާނުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހްރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަނީ މުއައްސަސާތަކުގައި އެދެމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އަދީބުގެ ބޭސްފަރުވާ އަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށެވެ. އެކަމަކު އަދީބާ މެދު ޝަރީއަތް ކުރެވި ކުށް ސާބިތުވެފައި ހުރި ކަންކަމާއި އެ މަނިކުފާނަށް ތުހުމަތު ކުރެވި މިހާރު ޝަރީއަތް ހިނގަމުންދާ މައްސަލަތަކަށް ބަލާއިރު، ރާއްޖެ އިން ބޭރަށް އެ މަނިކުފާނު ފޮނުވެން ނެތް ކަމަށެވެ.
ތަފްސީލް ދެއްވަމުން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ލޯންޗުކޮޅުގައި އެއްޗެއް ގޮއްވަން ރާއްވަވައި އެކަން ކުރެއްވި ކަން އަދީބުގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ. އެއާ އެކު ދައުލަތުގެ ވަރަށް ގިނަ އަދަދެއްގެ ފައިސާ އަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ކަން ވެސް އެ މަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާ ކަން އަނިލް ފާހަގަ ކުރެއްވި އެވެ.
ބަންޑާރަ ނައިބު އަނިލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
އެމްއެމްޕީއާރުސީގެ ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން ވެސް ބޮޑު ބައެއް ރާއްޖެ އިން ބޭރުގައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް އަނިލް ވިދާޅުވި އެވެ.
"މިހެން ހުރި ހުރިހާ ކަމަކަށް ބަލާއިރު، އަދީބު ރާއްޖޭން ބޭރަށް ދާން ފުރުސަތު ދީފިއްޔާ، އޭނާ ފިލުމުގެ ފުރުސަތު ވަރަށް ބޮޑު. އެހެންވީމަ ސަރުކާރަށް ވަރަށް އުނދަގޫވާނެ އަދި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސ އުނދަގޫވާނެ އެފަދަ ހާލަތެއްގައި މީހަކު ސީދާ ފިލަން ފުރުސަތު ދިނުން،" އަނިލް ވިދާޅުވި އެވެ.
އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމަކީ، އަނިލް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ފިއްލަވަން ދެވޭ ވަރަށް ބޮޑު ފުރުސަތެކެވެ.
އަނިލް ވިދާޅުވީ އަދީބު ފިއްލަވަން ފުރުސަތު ދިނުމަކީ ދައުލަތަށް ގެއްލިފައިވާ ފައިސާ ދިވެހި ރައްޔިތުންނަށް ނުލިބިދާނެ ކަމެއް ކަމަށެވެ.
"މި ވާހަކަ މިހެން ދެންނެވުމާ އެކު ވެސް ދަންނަވާލަން އަދީބަށް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން ފަރުވާ ލިބެން ޖެހޭނެ. ރާއްޖެ އިން ލިބެން ޖެހޭ ހުރިހާ ފަރުވާއެއް ލިބެންވާނެ. ރާއްޖެ އިން ބޭރުން، އޭނާ އަށް ހަމަ އެފޯޑު ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ގެންނަން ޖެހޭ މާހިރުންނާއި ތަކެއްޗާ ގެނެސްގެން ވެސް ފަރުވާ ލިބެންވާނެ،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭރުން ޑޮކްޓަރުން ގެނެސްގެން ވެސް އަދީބަށް ފަރުވާ ނުދީފި ނަމަ އެކަން ބަލާނެ މުއައްސަސާތައް ވެސް ރާއްޖޭގައި އެބަހުއްޓެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ އިން ދައުލަތަށް ގެއްލުނު އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާއާ އަދީބާ ގުޅުން އޮތް އިރު، އެ މަނިކުފާނު ފުރުވާލުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދީބު ބޭނުންފުޅުވާ ފަދަ ޑޮކްޓަރުން ގެންނަވައިގެން ފަރުވާ ހޯއްދެވުމުގެ ފުރުސަތު ފަހިވެފައި އޮތް ކަަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާ ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާތީ، ވަރަށް ގިނަ ފަރުވާތައް ރާއްޖެ އިން ވެސް ލިބެމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ފަހު އަދީބު އަނބުރާ ދޫނިދު އަށް ގެންދަނީ.---މިހާރު ފައިލް ފޮޓޯ
އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަ ކުރައްވައި ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން ވެސް ބޭރުގެ އެކި ޖަމިއްޔާތަކުން އަދީބު ބޭރަށް ފޮނުވަން ސަރުކާރަށް ބާރު އަޅާކަން ފާހަގަކުރައްވަމުން އަނިލް ވިދާޅުވީ އެ ފަރާތްތަކަށް ސަރުކާރުން ސުވާލެއް ކުރަމުން އަންނަ ކަމަށެވެ.
"ކޮން ގައުމެއްގައިތޯ، ދައުލަތުގެ އެންމެ އިސް ވެރިޔާ މަރާލަން އުޅުނު މީހެއް ފިލަން ފުރުސަތު ދޭނީ؟ ކޮން ގައުމެއްގައިތޯ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ މީހަކު އެ ފައިސާއާ އެކީގައި ފިލަން ފުރުސަތު ދޭނީ؟،" އަނިލް ވިދާޅުވި އެވެ.
އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްފައިވާ މައްސަލަ އދ. އަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާރިލާރި
22 June 2017
"ގެއްލުނު ފައިސާ ވަނީ ލިބުމުގެ މަގުމަތީގައި: ޒަމީރު" 2050 އަންނަ އިރުވެސް ތިޔަ ލާރިއެއް ނުހޯދޭނެ!
އަހްމަދު
21 June 2017
އަދީބް ބޭރަށް ފޮނުވީމަ އޭނާއަށް ނުލިބި އޮތް ފުރުޞަތުތަކެއް ލިބިގެންދާނެ، އެއީ އޭނާބޭނުންވާ ހުރިހާ ވާހަކަ ތަކެއް ދެއްކޭނެއެވެ، އެއިރުން އަފްރާޝީމް އަލީ ގެ މަރުގެ އަސްލު، ރާއްޖެ ޓީވީ އަންދާލުމުގެ އަސްލު، ރިޟުވާލު ވަގަށްނެގުމުގެ އަސްލު ވަނީ ކޮންހިސާބަކު ކަން އޭނާ ހާމަކޮއްފާނެތީ.
އަހުމަދު
21 June 2017
ފިލައިގެން ދާން އޮތީ އަޅެ ކޮންތާކަށް ބާ ؟ އެންމެ ފަހުން ހަމަ ދާން އޮތީ ﷲ ގެ ޙަޟްރަތަށް. ކޮންމެ މީހަކުވެސް ދާނެ . އަދީބަކަސް ދެން ހުރި މީހަކަސް . އަދީބު ކުރި ކަމެއްގެ ޖަޒާ އޭނާ އަށް ދެއްވާނެ. އަދީބު ގޯސް ކަމެއް ކުރިޔަސް އޭނާއަކަށްވެސް ނުޙައްޤުން ވޭންހުރި އަދަބުތަކެއް ދޭކަށް ނުޖެހޭނެ. އޭނާއަށް ކޮއްފައި އެވާ ޖަލު ޙުކުމަކީ އޭނާގެ އަދަބު، އޭގެ އިތުރު ވޭންތަކެއް ދެވޭކަމަށް ވަންޏާ އެކަން އެ ކުރާބަޔަކުވެސް ﷲ ޙަޟްރަތަށް ދާނެ ކަން ހަނދާންކޮއްލައިދެން.
ފިލިއަލި
21 June 2017
ފިލާފާނެތީ މީހެއްގެ ފުރާނައަށް، ހަށިގަނޑަށް، މުދަލަށް ގެއްލުން ދިނުން ހުއްދަކަމަށް ބުނާ ޤާނޫނެއް އެބަ އޮތްހެއްޔެވެ؟ ނުވަތަ އެއީ ދީނުގައި ހުއްދަކަމެއް ހެއްޔެވެ.
ހޭބަލިވާ
21 June 2017
އަދީބު ބޭހަށް ނުފޮނުވި ގެން އެއްޑީޕީ ސޮރުން ހާދަ ރުޅިއެކޭ ދޯ މި އަންނަނީ..؟ މަހަމަ ކިސް ވެއްޖެ އެވެ
ރަދުން
21 June 2017
މަށް ހީވަނޫ ސަރުކާރުހެން ފުރަތަމަ ފިލާނީ، ޔަގީނުން ވެސް މަތިފަޑީ އެއްމެ ބޭފުޅުން ފިއްލަވާނެ. އަޅެ އިބަ ކީކޭ ބުނަނޫ
ކަމަނަމަނަ
21 June 2017
އެމްޑީޕީ މިހާރު އުއްނީދު ކުރަނީ އަދީބު ފިލުމުން ވެރިކަން ވައްޓާލުމަށް އަދީބު އަތުގައި ހުރި ފައިސާ ގަޑު އެމީހުނަށް ބޭނުން ކުރެވޭނެ ކަމަށެވެ. އެމީހުން ބޭނުން ކުރަން ވުމުން އެލާރިގަޑު ހަލާލުވާނެ ތާއެވެ
ކަރު ފެލޭ އަންނި
21 June 2017
އަދީބުގެ ވެސް "މައިބަދަ އޮޕަރޭޝަން ކުރަން" އިގެރޭސި ވިލާތަށް ފޮނުވާގެން ނޫނީ އަދި މިކަން ވާކަށް ނެތް ތާއެވެ.މައިބަދަ އޮޕަރޭޝަނަށް ކުރިން ފޮނުވި މީހާއަށް އެކަން ވީ އެއްވެސް ކަމެއް ނެތް ވިއްޔާއެވެ.
އަޑީބް އެން އަންނި ވިތް ކަރުފެލޭ
21 June 2017
ޑޮކްޓަރު ބުނީ މި ބަލީގެ ދެތިން މީހުން ހޯދައިގެން އޮޕަރޭސަން ކުރަން އަންނާށޯ، މީ ފަހަރަކު މީހަކަށް ކުރެވޭކަހަލަ ކަމެއްނޫނޯ
ހައިރާން
21 June 2017
އެއްމެން ތަށް މިކަމަކާ މިއުޅެނީ ކީއްވެގެން ބާއެވެ.މިއީ މުހިއްމު ޤައުމީ މައްސަލަ އަކީ ބާއެވެ. ކާޑުގެ ބާވަތް ތަށް އަގުބޮޑު ވުމުން މީސްތަކުންގެ ގާތަށް އައި ރުޅިއަށް ވުރެ މިކަމުގައި މީސްތަކުން ގާތަށް އައިސްގެން އުޅޭ ރުޅިގަޑު މިހާ ޒީލަ ވެގެން މިއުޅެނީ ކީއްވެގެން ބާއެވެ.
ދޮންކުރަނީއޭ
21 June 2017
އަދީބު ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެ، އޭރުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ސަރުކާރުން ވިދާޅުވާނަމަ އެެއްގޮތަކަށް ވެސް އަދީބު ރާއްޖޭން ބޭރަށް ފޮނުވައިގެން ނުވާނެއެވެ. ތިވެދާނެ އެމެން ރާއްޖޭން ބޭރުގައި ބަހައްޓާފައިވާ އެތައް މިލިއަން ޑޮލަރެއް އެކްޓިވޭޓް ކުރަން އަދީބު ބޭނުންވަނީ ކަމަށް އެހެންވެގެން އެމެން ކުރާ ކަމެއް ކަމަށް ވެސް. އެމެންގެ ބޮޑޭ ވެސް ފައިސާ ކޮޅު ހުސްވެގެން ލަންކާ އަށް އެއައީ އެމައްސަލަައިގައި ކަން ވެސް ނޭގެއެވެ. ކަން މިހެން ހުރުމުން އެމެންގެ ކޮންގްރެސް އަށް ވެސް ފައިސާ ބޭނުންވެފައިވުމާއި އެކު އެމެން ގެންގުޅޭ ޗެކް ބުކް އަކީ އެއީ ތިޔާބުނާ މީހަކު ޖަލުން ނިކުމެގެން ލަންކާ އަށް ދިއުން ކަމަށްވާތީވެ މީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ކަން މިހެން ހުރުުމުން އަދީބު މާލޭގައި ބަހައްޓައިގެން ދެވެން އޮތް ފަރުވާ އެއް ދިނުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައި ފެންނަނީ. ބޮޑަށް ފެންނަނީ ތިޔާއީ 2018 އަށް ދޮން ކުރާ ޗެކް ބުކް އެއްގެގޮތުގައި އިދިކޮޅު ރަންރީނދުލޭ މެން.