އަދީބު އަތުން ރިޝްވަތު ނެގި ކަމަށް ބުނެ އަނިލްގެ މައްސަލަ އޭސީސީ އަށް

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.


ސަރުކާރުގެ ތެރޭގައި އަދީބުގެ ނުފޫޒު އެންމެ ގަދަ ދުވަސްކޮޅު، އެންމެ ގާތްކޮށް އުޅުއްވި އަދި އެމްއެމްޕީއާރުސީގައި ޚިޔާނާތް ރާވައި ހިންގި ކޮޓަރި އަށް ވެންނެވުމުގެ ހުއްދަ އޮންނަ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަނިލް އަށް ތުހުމަތުކުރަނީ އަދީބުގެ އަތުން 22 މިލިއަން ރުފިޔާ ނެންގެވި ކަމަށެވެ. މި ފައިސާ އިން މެލޭޝިއާ އިން އެޕާޓްމެންޓަކާއި ކާރެއް ބައްލަވައިގެންނެވި ކަމަށް، އަަމިއްލަ މީހަކު ހުށަހެޅި އެ މައްސަލައިގައި ވެ އެވެ.

އަނިލް އަށް ތުހުމަތުކުރާ ދެ މައްސަލައެއް އާއްމު ފަރާތަކުން އޭސީސީ އަށް ހުށަހަޅާފައިވާ ކަން އެތަނުން ކަށަވަރުކޮށްދެ އެވެ. އެކަމަކު އޭގެ އެއްވެސް ތަފްސީލެއް ނުދިނެވެ.

މި ތުހުމަތުތަކާ ގުޅިގެން އަނިލްގެ ބަހެއް ހޯދަން "މިހާރު"ން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު އަނިލް، ސިޔާސީ އެއްވެސް ހަރަކާތަކުން ނުފެނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަނިލް އަށް މީގެ ކުރިން ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ކަމަކާ ބެހޭ ގޮތުން އޭނާ ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

އަނިލްއާ ދެކޮޅަށް ހުށަހެޅި އަނެއް ދެ މައްސަލައިގެ ތެރޭގައި، އެޓާނީ ޖެނަރަލަކަށް ހުންނަވައިގެން އެ އޮފީހަށް މުވައްޒަފުން ނެގުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރެއްވި މައްސަލައެއް ހިމެނެ އެވެ.

އެގޮތުން ސްޓޭޓް އެޓާނީގެ މަގާމުތަކަށް ޝަރުތު ހަމަނުވާ މީހުން ހަމަޖެއްސެވި ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި އޭރުގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހުން ފޮނުވާފައި އޮތް ލިސްޓަކުން މީހުން ހޮވަމުން ދިޔަ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.

ދެން އޭނާއަށް ކޮށްފައިވާ ތަހުމަތުގެ ތެރޭގައި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުންނެވި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ވިޔަފާރި ކުންފުނި، ސަން ސިޔާމް ގްރޫޕަށް ޗައިނާގެ އެގްޒިމް ބޭންކުން ލޯން ހޯދަން ސޮވެރިން ގެރެންޓީ ދިނުމުގައި ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ އެ ހުރިހާ މައުލޫމާތެއް އަދީބަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އޭސީސީއަށް މީގެ ކުރިން ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ. އެކަމަކު އެއީ ކުރީގެ ސަރުކާރުގެ ނުފޫޒު އޭސީސީގެ މައްޗަށް އޮތް އިރު އެވެ. އޭރު އަނިލް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ކޮރަޕްޝަން ހިނގި ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ނުއަގުގައި ރަށްތައް ވިއްކި ގޮތާއި ދައުލަތުގެ ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލާއި ހިޔާނާތް ރޭވި ކޮޓަރި އާއި އެތަނަށް ވެންނެވުމުގެ ހުއްދަ އޮތް މީހުންގެ މައުލޫމާތު އޭސީސީން އާންމުކުރި ރިޕޯޓުގައިވެ އެވެ. އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އޮފީސް ކޮޓަރިއަށް އެކްސެސްވެވޭ ބޭފުޅުންގެ ތެރޭގައި އަނިލް ހިމެނިވަޑައިގަންނަވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުނުކޮށް، ފަނޑިޔާރުން ހައްޔަރުކުރަން ކުއްލި ހާލަތު އިއުލާންކުރީ ވެސް ބަންޑާރަ ނައިބަކަށް އަނިލް ހުންނަވަނިކޮށެވެ. އިދިކޮޅާ ގުޅުނު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުނު އިރު، ފަނޑިޔާރުންނަށް ޕްރެޝަރުކުރަން ރޭގަނޑު އެ ކޯޓަށް ވެންނެވި ސަރުކާރުގެ އިސް ވެރިންގެ ތެރޭގައި ވެސް އަނިލް ހިމެނިވަޑައިގަންނަވާ ކަމަށް އޭރު އަޑުއެރި އެވެ.