10 ރަށެއް ކުއްޔަށް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި

ޓޫރިޒަމްގެ ބޭނުމަށް 10 ރަށެއް ގާނޫނާ ހިލާފަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ މިއަދު އުފުލައިފި އެވެ.


ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އަދީބުގެ މައްޗަށް ދައުވާ ކުރީ ޓޫރިޒަމްގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއާ ހިލާފަށް 10 ރަށެއް ކުއްޔަށް ދޫކުރި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މިއިން، ކޮންމެ ދައުވާއެއް ސާބިތުވެއްޖެ ނަމަ، ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތަކުގައި ވަނީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން ރ. ރާފުއްޓާއި ނ. މާކަނާފުއްޓާއި ބ. މަޑުއްވަރީ އާއި މާލެ އަތޮޅު ދެ ފަޅަކާއި އދ. އިންނަފުއްޓާއި ރ. އުތުރުމާފަރާއި ތ. އެކުރިފުއްޓާއި ބ. ލަންދޫ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުގެ ކުރިން، 50 އަހަރަށް ކުއްޔަށް ދޫކުރަން އެމްއެމްޕީއާރުސީން ބަޔަކާ ހަވާލު ކުރުމަށް އެއްބަސްވުން ހެދި މައްސަލައިގަ އެވެ.

މީގެ އިތުރުން، ރ. ފިލައިދޫ ކައިރީގައި އޮންނަ ފުސްފަރުފަޅު، ސީޕްލޭން އޮޕަރޭޓް ކުރަން 50 އަހަރަށް ކުއްޔަށް ދޫކުރަން އެއްބަސްވުން ހެދި މައްސަލައިގައި ވެސް އަދީބުގެ މައްޗަށް ދައުވާ ކުރި އެވެ.

ދައުލަތުން 10 ދައުވާ އިއްވުމާ އެކު، އަދީބު ކޮޅަށް ތެދުވެވަޑައިގެން ފަނޑިޔާރު އާދަމް އާރިފްގެ ސުވާލުތަކަށް ޖަވާބު ދެއްވައި ވިދާޅުވީ، ދައުލަތުން ކުރާ ދައުވާތަކާ ގުޅޭ ލިޔުންތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ދައުވާތައް ސާފުވެފައިވާ ކަމަށް ވިދާޅުވެ، ޖަވާބުދާރީވެވަޑައިގަންނަން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ 10 ދައުވާގެ ތެރެއިން ދެ ދައުވާ ކުރީ ގާނޫނުލްއުގޫބާތު ވުޖޫދަށް އައި ފަހުން ކަމަށެވެ. އެހެންވެ މި މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ނޫން ކަމަށާއި އޭނާގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ދެ ގާނޫނުގައި ވެސް އޮތީ އެކައްޗެކެވެ. އެކަމަކު ގާނޫނުލް އުގޫބާތް އައި ފަހުން އުފުލި ދައުވާއެއް އެ ގާނޫނުގެ ދަށުން ނުކުރީ ކީއްވެގެންތޯ ދައުލަތުން ސާފުކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ކަމަށާއި އެހެންކަމުން އެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މި ކަމުގައި ފުށުއެރުންތަކެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ނަމަވެސް ގާޒީ އާދަމް އާރިފް ވިދާޅުވީ އަދީބުގެ މައްޗަށް މީގެ ކުރިން ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކޮށްފައި ހުރިއިރު، އޭނާއަށް އަދަބު ލިބިފައި ވެސް ހުރެދާނެ ކަމަށެވެ. އެހެންވެ، ދައުވާ ކުރުމުގައި އެއް ހަމައެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވަނީ އެ ދެ ދައުވާއާ ގުޅިގެން ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދީބު މިހާރު ވެސް ގެންދަވަނީ އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.