ޚިޔާލު / ދީން

އިހުގެ އުންމަތްތައް: ޘަމޫދު ބާގައި މީހުން ނެތިކުރެއްވުން (9)

ޘަމޫދު ބާގައި މީހުން ދިރިއުޅުމަށްޓަކައި ފަރުބަދައެއް ކޮށައިގެން ހަދާފައިވާ ގެއެއް.

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

ޞާލިޙްގެފާނާއި ޘަމޫދު ބާގައިގެ މުއުމިނުން ސަލާމަތް ކުރެއްވި އިރު، އެ ގައުމުގެ އެހެން އެންމެން ތިބީ ރޭގަނޑުގެ އަރާމު ނިދީގަ އެވެ. އެހެން ތިއްބައި މުޅި ޤައުމު ގުޑައިގެން ދިޔަ އެވެ. އެ ވަރުގަދަ ބިންހެލުމާ އެކު އެންމެންނަށް ހޭލެވުނެވެ. ހަމަ އެ ހިނދުގައި އެ އިވުނީ ބާރުގަދަ ހޮނުގުގުރިއެއްގެ އަޑެވެ. ހަމަ އެންމެ ހޮނު ގުގުރިއެކެވެ. މުޅި ޘަމޫދު ބާގައިގެ އެންމެން މަރުވެ ދިޔައީ އެވެ.

"ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫ އެވެ." (އަލްއަޢުރާފް 78)

"އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެއުރެންވޫއެވެ. ފަހެ، ފަތިސްވަގުތު، ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ. ފަހެ، އެއުރެން ހޯދައި އުޅުނު ޢަމަލުތައް އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ." (އަލް ޙިޖްރު 83-84)

ޘަމޫދު ބާގައި މީހުން ހަލާކު ކުރެއްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޒާބެއްގެ ގޮތުގައި މެދުވެރި ކުރެއްވީ ވަރުގަދަ ބިންހެލުމަކާއި އެންމެ ހޮނު ގުގުރިއެއްގެ އަޑެވެ. އެ ހޮނުގުގުރީގެ އަޑާ އެކު ޘަމޫދު ބާގައި މީހުން ނެތި ފަނާވެގެން ދިޔަ ގޮތް ސޫރަތުލް ޤަމަރްގެ އަންނަނިވި އާޔަތްތަކުގައި ވަރަށް ފުރިހަމަ އަށް ﷲ ސިފަ ކޮށްދެއްވާފައިވެ އެވެ؛

"ފަހެ، ތިމަންރަސްކަލާނގެ ޢަޛާބާއި، ތިމަންރަސްކަލާނގެ އިންޒާރުތައް ވީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާ މީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެންވޫއެވެ." (އަލް ޤަމަރް 30-31)

އެއީ އޭގެ ހިނދުކޮޅެއް ކުރިން، ގަދަބަދަވި ކަމާ އެކު ބިމުގައި ބޮޑާކަމާ އެކު ދިރިއުޅުނު ބައެކެވެ. ﷲގެ ނިއުމަތްތަކުން އުފާ ހާސިލުކުރާ ހާލު އެ ކަލާނގެ އަށް އުރެދި އެ ކަލާނގެ އަށް ޝަރީކު ކުރުމުގައި ދެމިތިބި ބައެކެވެ. އެހެން އިންސާނުންނެކޭ އެއްފަދައިން ކައިބޮއެ ހިނގާބިނގާވެ އުޅުނު ބައެކެވެ.

ނަމަވެސް ބިންހެލުމަކާއި ހޮނުގުގުރިއެއްގެ ސިފައިގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވެވި އަޒާބު އެބައިމީހުންގައި ބީހިލުމާ އެކު، ހިކި ހުއިތަކެއް ފަދައިން ވެގެން އެދިޔައީ އެވެ. އޭގެ ކުރިން ދިރިއުޅުނު ބަޔަކު ހެން ވެސް ހީނުވެ އެވެ.

އެރޭގެ ފަތިސް ވަގުތުގައި ފޮނުއްވި އަޒާބާ އެކުގައި ޘަމޫދު ބާގައި މީހުން ހަލާކު ކުރެއްވުމަށް ފަހުގައި، ޞާލިޙްގެފާނާއި އެކަލޭގެފާނަށް އީމާންވީ މަދު މީސްކޮޅަށް، އެމީހުންގެ ގައުމުގެ ކާފަރުން ނެތި ކުރެއްވި ގޮތް ﷲ ސުބްޙާނަހޫ ވަތައާލާ އަނެއް ދުވަހުގެ ހެނދުނު ދެއްކެވި އެވެ.

"އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތިގެދޮރުގައި، އެއުރެން ތިބީ، ކަކޫ މައްޗަށް ތިރިވެ، މަރުވެފައެވެ. އެއުރެން އެތާ އުޅެފައި ނުވާ ކަހަލަ އެވެ. ދަންނާށެވެ! ހަމަކަށަވަރުން، ޘަމޫދު ބާގައި މީހުން، އެއުރެންގެ ވެރި ރަސްކަލާނގެ އަށް ކާފަރު ވޫ އެވެ. ދަންނާށެވެ! ޘަމޫދު ބާގައި މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ." (ހޫދް 67-68)

ޘަމޫދު ބާގައި މީހުން ހަލާކު ކުރެއްވި ގޮތް ބަޔާން ކުރައްވާފައިވާ އާޔަތްތަކުން މުހިންމު ދެ ކަމެއް ފާހަގަ ކޮށްލެވެ އެވެ. ހޮނުގުގުރިއެއްގައި އެމީހުން ހަލާކު ކުރެއްވި ގޮތް ބަޔާން ކުރައްވަމުން ﷲ އަންގަވާފައިވަނީ، "އެމީހުންގެ ގޯތިގެދޮރުގައި، އެމީހުން ތިބީ، ކަކޫ މައްޗަށް ތިރިވެ، މަރުވެފަ" ކަމުގަ އެވެ.

ފުރަތަމަ ކަމަކީ އެމީހުން މަރުވި އިރު ތިބީ އެމީހުންގެ ގޯތިގެދޮރުގައި ކަން ﷲ ބަޔާން ކުރައްވާފައި ވުމެވެ. ދެވަނަ ކަމަކީ އެމީހުން މަރުވި އިރު ތިބީ ކަކޫ މައްޗަށް ތިރިވެފައި ކަމަށް ﷲ ބަޔާން ކުރައްވާފައި ވުމެވެ.

އެމީހުން ގޯތިގެދޮރުގައި ތިބި ކަން ބަޔާން ކުރައްވާފައި އެވަނީ، ކީއްވެތޯ އެވެ؟

މަދާއިން ޞާލިޙްގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ސަރަހައްދުގައި، ޘަމޫދު ބާގައި މީހުން ފަރުބަދަ ކަނޑައިގެން ބިނާކުރި ބައެއް އިމާރާތްތައް.

ޘަމޫދު ބާގައި މީހުން ހަލާކު ކުރައްވައި ނެތިކުރެއްވީ، އެމީހުންގެ އަމިއްލަ އަތްތަކުން ފަރުބަދަތައް ކަނޑައި ކޮށައިގެން ހަދައިގެން، އެތައް އަހަރެއް ވަންދެން އެތަންތާނގައި ދިރިއުޅުނު ގެތަކާއި ގަނޑުވަރުތައް ފަހުގެ އުންމަތްތަކަށް ފެންނާނޭ ހެން ބަހައްޓަވައިފަ އެވެ. އެހެންކަމުން އެއިން ﷲ ސުބްޙާނަހޫ ވަތަޢާލާ، ފަހުގެ މީސްތަކުންނަށް ލިބިދޭ ފިލާވަޅަކީ، އެހައި ބިޔަ ފަރުބަދަތަކެއްގެ ތެރޭގައި ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމުގައި ހިތައިގެން ތިއްބަސް، ﷲ އެ ބަޔަކު ނެތިކުރައްވަން އިރާދަ ކުރެއްވުމުން އެ ކަލާނގެ އިރާދަ ކުރެއްވި ގޮތަކަށް އެބަޔަކު ހަލާކުވެ ނެތިގެންދާނެ ކަމެވެ.

ﷲ ފޮނުއްވާ އަޒާބަކީ، ފަހަރެއްގައި އުޑުން ވެހޭ ބޯ ވާރޭގަނޑަކާއި ކަނޑުތައް ފުރިއުތުރިގެން އުފެދޭ ފެންބޮޑުވުމެއް ކަމުގައި ވެދާނެ އެވެ. ނޫޙްގެފާނުގެ ގައުމު ނެތިކުރެއްވި ފަދައިންނެވެ. ނުވަތަ އެއީ ފިނި ވަޔާ އެކުގައި އަންނަ ކޮޅިގަނޑެއް ކަމުގައި ވެސް ވެދާނެ އެވެ. ޢާދު ބާގައި މީހުން ނެތި ކުރެއްވި ފަދައިންނެވެ. ނުވަތަ ވަރުގަދަ ބިންހެލުމެއް ކަމުގައި ނުވަތަ ހޮނުގުގުރިއެއްގެ އަޑު ކަމުގައި ވެސް ވެދާނެ އެވެ. ޘަމޫދު ބާގައި މީހުން ނެތި ކުރެއްވި ފަދައިންނެވެ. ނުވަތަ އެފަދަ އެއްވެސް ސަބަބެއް މެދުވެރި ނުކުރައްވައި ވެސް، އެކަލާނގެ "ވާށޭ" ވަޙީ ކުރެއްވުމުން އެކަމެއް ވެގެންދާނެ އެވެ.

ﷲގެ އަޒާބުގައި ޘަމޫދު ބާގައި މީހުން ނެތިކުރެއްވިޔަސް، އެމީހުން ދިރިއުޅުނު ގެދޮރު މިއަދު ވެސް އަޅުގަނޑުމެންގެ ލޯތަކަށް ފެންނަން އެ ހުރީ އެވެ. އެ އިމާރާތްތައް ރައްކާތެރިކަމާ އެކުގައި ލެއްވެވި ސަބަބު، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކޮށްދެއްވައިފަ އެވެ.

" ފަހެ، އެއުރެންގެ މަކަރުވެރި ރޭވުމުގެ ނިމުންވަނީ ކޮން ފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނާއި އެއުރެންގެ ޤައުމުގެ އެންމެން ހަލާކުކޮށް ނެތިކޮށްލެއްވީމެވެ. ފަހެ، އެހުރީ އެއުރެންގެ އަނިޔާވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ އެއުރެންގެ ގޯތިގެދޮރެވެ. ހަމަކަށަވަރުން، އެކަންތަކުގައި ދަންނަ ބަޔަކަށް ހެކިތަކެއް ވާކަން ކަށަވަރެވެ. އަދި އީމާންވެ ތަޤްވާވެރިކަން މަތީ އުޅުނުމީހުން، ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ." (އައްނަމްލު 51-53)

ﷲ ރުއްސުންލެއްވި އަބްދުﷲ ބިން ޢުމަރުގެ އަރިހުން ރިވާވެގެންވެ އެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ، ޞަޙާބީންނާ އެކު ތަބޫކު ހަނގުރާމަ އަށް ކުރެއްވި ދަތުރުފުޅުގައި ޙިޖްރު (ޘަމޫދު ބާގައި މީހުން ދިރިއުޅުނު ސަރަހައްދު) ގައި ގާފިލާ މަޑުކުރެއްވި އެވެ. ޘަމޫދު ބާގައި މީހުން ފެން ބޮއެ އުޅުނު ފެންވަޅުތަކުން ޞަޙާބީ ބޭކަލުން ފެންފޮދު ހިއްޕެވި އެވެ.

އަދި ޘަމޫދު ބާގައި މީހުންނަށް މުޢުޖިޒާތެއްގެ ގޮތުގައި ދެއްވި ޖަމަލު ފެންބުއި ފެންވަޅުގެ ގާތަށް ކީރިތި ރަސޫލާ ވަޑައިގެން ހަދީސް ކުރެއްވި އެވެ؛ ތިޔަބައިމީހުން އެ ކަންކަމުން އިބްރަތް ލިބިގަނެ، ﷲގެ ކުޅަދުންވަންތަ ކަމާ މެދު ވިސްނައި ފިކުރުކޮށް، އަދި އެބައިމީހުންނަށް އެ ޖެއްސެވި ނިކަމެތި ހާލާ މެދު ރޮއި ހިތާމަކުރާ ހާލުގައި މެނުވީ، ﷲގެ އަޒާބުގައި ހަލާކު ކުރެއްވި އެ މީހުންތައް ދިރިއުޅުނު ގެދޮރުތަކަށް ތިޔަބައިމީހުން ނުވަންނާށެވެ. އެ މީހުންނަށް އެ ފޮނުއްވި އަޒާބާ މެދު ބިރުވެތިވެ ނުރެވޭ ނަމަ، ތިޔަބައިމީހުން އެ ގެދޮރުތަކަށް ނުވަންނާށެވެ. އެއީ އެބައިމީހުންނަށް ޖެހުނު ފަދަ މުސީބާތެއް ތިޔަބައިމީހުންނަށް ވެސް ޖެހިދާނެ ކަމަށްޓަކަ އެވެ.

އެހެން ބައެއް ރިވާޔަތްތަކުގައިވާ ގޮތުގައި، ކީރިތި ރަސޫލާ، ޘަމޫދު ބާގައި މީހުންގެ ސަރަހައްދުގެ ތެރެއިން ވަޑައިގަންނަވާ ނަމަ، އެ ތަންތަނަށް ނުބައްލަވަން ވެގެން އިސްދަށަށް ޖައްސަވައި ސަވާރީގެ ދުވެލި ހަލުވި ކުރައްވަ އެވެ.

ޢާދު ބާގައި މީހުން ނެތި ކުރެއްވުމަށް ފަހުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ މި ބިންމައްޗަށް ދޫކުރައްވާފައި ވަނީ، އެބައިމީހުން ދިރިއުޅުމަށް ބިނާކުރި އިމާރާތްތަކުގެ ބައިތަކެވެ. އެމީހުންގެ ފަންނުވެރިކަމާއި ކުޅަދާނަ ކަމާ އެކު ވެސް، ﷲގެ އަޒާބުގެ ވަގުތު ޖެހުމުން އެމީހުން ނެތި ދިޔަ ގޮތް އިބްރަތެއްގެ ގޮތުގައި ބަލައިގަތުމަށްޓަކަ އެވެ. ހަމަ އެފަދައިން ޘަމޫދު ބާގައި މީހުން ނެތި ކުރެއްވުމަށް ފަހުގައި، ފަހުގެ އުންމަތްތަކަށް ހުރި އިބްރަތެއްގެ ގޮތުގައި ލަހައްޓަވާފައި ވަނީ، އެބައިމީހުން ދިރިއުޅުމަށްޓަކައި ފަރުބަދަތައް ކޮށައިގެންނާއި ކަނޑާނަގައިގެން ހަދާފައިވާ ބިޔަ އިމާރާތްތަކެވެ.

އެ ތަންތަން އެ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ދޫކުރެއްވީ އާސާރީ ތަރިކައެއްގެ ގޮތުގައެއް ނޫނެވެ. ނުވަތަ ޓޫރިސްޓް މަންޒިލްތަކެއްގެ ގޮތުގައެއް ވެސް ނޫނެވެ. ﷲގެ އެއްކައުވަންތަކަމާއި، އެކަލާނގެ ކުޅަނދުންވަންތަކަމާ މެދު ވިސްނައި ފިކުރު ކޮށް އިބްރަތް ލިބިގަތުމަށެވެ.

މި ޒަމާނުގައި ހިލަ ފަރުބަދަތައް ކެނޑުމަށާއި ކޮށުމަށް ބޭނުންކުރާ ފަދަ ޒަމާނީ އެއްވެސް ވަސީލަތެއް ނެތް ޒަމާނުގައި، ޘަމޫދު ބާގައި މީހުން އެ ފަރުބަދަތައް ކޮށައިގެން ރީތި ފަރުމާތަކަށް ގަނޑުވަރުތައް ބިނާކޮށް އުޅުނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ދެއްވި ނިޢުމަތްތަކުގެ ސަބަބުންނެވެ. އެއީ ކޮން ފަދަ ނިއުމަތްތަކެއްތޯ ވިސްނައި ފިކުރު ކުރަންވީ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމާނު

22 June 2017

އަސްލު ވަރަށް ހައިރާންވޭ މީހުން މުއުޖިޒާތެއް އާދަޔާ ޚިލާފްކަމެއް ހޯދަން ވާހަކަ ދައްކާއިރު. ފުރަތަމަ ފުރާނަައަށް ވިސްނާލިއަސް އަދި ހަށިގަނޑުގެ އެންމެ ކުޑަ ސެލްއަށްވިސްނާލިއަސް މިދުނިޔެ އޮތުމަށް ވިސްނާލއަސް އެއީ ހަމަ ހުސްމުއުޖިޒާއްތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454