އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއް ވިއްސައިގެން ގޮސްފައި -- ފައިލް ފޮޓޯ: މިހާރު
24 ޖޫން 2017 - 18:01
އައްޑޫގައި މި ދުވަސްކޮޅު ވަރަށް ބޮޑަށް އެކްސިޑެންޓްތައް އިތުރުވެ، ލިބޭ ބޮޑެތި ގެއްލުންތަކަށް ފަރުވާ ދޭން މާލެ ފޮނުވާލަން ޖެހޭތީ، ހޮސްޕިޓަލަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު މުހައްމަދު ނަޖީބް "މިހާރު" ވިދާޅުވީ ނުރައްކާތެރި ބޮޑެތި އެކްސިޑެންތައްވެ، ފަރުވާ އަށް މާލެ ގެންދަން ޖެހުމުން މެޑިކަލް އޮފިސަރުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށެވެ.
އެގޮތުން ބަލި މީހުންނާ އެކު ޑޮކްޓަރުން މާލެ ފޮނުވާލަން ޖެހޭތީ، ހޮސްޕިޓަލްގެ އޯޕީޑީ އަށް ދަތިވާ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ވެސް އެއް ފަހަރާ ދެ މީހުން އިމަޖެންސީގައި މާލެ ފޮނުވާލަން ޖެހުނީ ވެސް ދެ ޑޮކްޓަރުންނާ އެކު. އޭގެ ސަބަބުން ހަގީގަތުގައި ހޮސްޕިޓަލްގެ އޯޕީޑީ އަށް ވަރަށް ބޮޑަށް ބޫރު އެބަ އަރާ. ޑޮކްޓަރުން ވަރަށް މަދުކޮޅެއް އުޅޭ އިރު މިކަހަލަ ކޭސްތައް ގިނަވުމަކީ ވަރަށް ގޮންޖެހުމެއް،" ނަޖީބް ވިދާޅުވި އެވެ. "ޑޮކްޓަރުންގެ ދަތިކަން ހުއްޓަސް ނަރުހުންގެ ދަތި ކަމެއް ނެތް."
ބުރާސްފަތި ދުވަހު ހިތޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމް ޒުވާނެއް. ފޮޓޯ: ކިޔުންތެރިއެއް
މީގެ އިތުރުން ހޮސްޕިޓަލް އެމްއާރް ސްކޭން ހެދެން ނެތުމަކީ ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދައްޗެކެވެ.
"އެކްސިޑެންޓްތަކުގެ ނުވަދިހަ ފަސް ޕަސަންޓަކީ ހެޑް އިންޖަރީޒްތައް. އެކަމަކު މިކޮޅުން ސްކޭނާއި ބައެއް މުހިއްމު އެހެން ޓެސްޓްތައް ވެސް ހެދޭނެ ވަސީލަތްތަކެއް ނެތުމުން މާލެ ފޮނުވާލަން މި ޖެހެނީ. އަދި އާސަންދައިގެ ދަށުން ފޮނުވާ އިރު، ބައެއް ކޭސްތަކުގައި އެބަ ޖެހޭ ފްލައިޓް ޗާޓަރުކޮށްގެން ފޮނުވާލަން،" ނަޖީބް ވިދާޅުވި އެވެ. "މިއީ ހަގީގަތުގައި ކުރަން ޖެހޭ ވަރަށް ބޮޑު ހަރަދެއް."
މި ރޯދަ މަހުގެ ފަހު ހަފުތާ އަށް އެޅުނު އިރު، އައްޑޫގައި ވަނީ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަރަދޫފޭދޫގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ވަނީ ޒުވާނަކު މަރު ވެސް ވެފަ އެވެ.
ނަޖީބް ވިދާޅުވީ އައްޑޫގެ އެކްސިޑެންޓްތުގެ ރެކޯޑްތަކަށް ބަލާ އިރު، ބޮލަށް ލިބޭ ސީރިއަސް ގެއްލުންތައް ބޮޑު ކަމަށެވެ. އެހެންވެ ސައިކަލް ފަދަ ވެހިކަލްތައް ދުއްވާ އިރު ހެލްމެޓް އަޅަން ސަމާލުކަން ދިނުމަށް ހޮސްޕިޓަލުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފަ އެވެ.
އައްޑޫގައި ލިންކް ރޯޑްގައި ދުއްވާ އުރު ހެލްމެޓް އެޅުމަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ލާޒިމް ވެސްކޮށްފައިވާ ކަމެކެވެ. އެހެން ނަމަވެސް މި ފަހުންގެ ގުޅިފައިވާ އަވަށްތަކުގެ މަގުތަކުގައި ތާރު އަޅައިގެން ހެދި ފަހުން، އެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ އިތުރުވެގެން ގޮސްފަ އެވެ.
ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގާފައި.
"ދުއްވާ މީހުން އެބަ ޖެހޭ ރައްކާތެރި ކަމަށް ވަަރަށް ސަމާލުކަން ދީގެން ދުއްވަން. ހާއްސަކޮށް އައްޑޫގެ މަގުތަކުގައި ދުއްވާ އިރު ހެލްމެޓް އެޅުމަކީ މިހާރު ވަރަށް މުހިއްމު ކަމެއް،" ނަޖީބް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް ހެލްމެޓް އަޅައިގެން ދުއްވުމަކީ."
އައްޑޫގައި އެކްސިޑެންޓްތައް މަދު ކުރުމަށް ފުލުހުން އަންނަނީ ރޯދަ މަސް ފެށުމުގެ ކުރިން ވެސް އެކި ވަގުތުތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ. ހާއްސަކޮށް ވެހިކަލްތަކުގެ ކާރޫބާރޫ ބޮޑެތި މަގުތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަންދަރު ސަރުމާ
25 June 2017
އައްޑޫ ލިންކް ރޯޑް އެބަޖެހޭ ބުރިޖްތައް ރޫޅަލާފައި، ކުރިންވެސް އޮންނަގޮތައް ހަމައެކަނޑު ކަނޑުމަގުން ދަދުރުކުރެވޭގޮތް ހަދަން އެހެން ނޫނީ ތިތާނެއް ހައްލެއް، ނަންނުކައްޗެއް ދުވެފައި އޮންނަހެން މަގު އޮންނަނީ އަނެއްކާ އެހާ ހިމަ ތިޔަމަގު އެއްފަރާތުން އަންނަ ވެހިކަލް އައް އަނެއް ފަރާތައް ނޭރޭގޮތައް ތަންކުޅެއް ޒަމާނީ ފެނަވަރަކައް ތިޔަމަގު ނެހެދޭހާ ހިނދެްއގައި ތިޔަކަން ދާނީ ހަމަ އިތުރުވަމުންނެވެ.
ައަހަރެން
25 June 2017
އެކުސިޑެންޓުވާ މީީހާގެ ފެމިލީ ޑޮކުޓަރު ފޮނުވާނަމަ އޯ.ޕީ.ޑީ އަކައް ބުރޫލެއް ނައަރާނެ ނޫން.؟
ޢފީގު
25 June 2017
ބަލަ ލިޔުން ތެރިޔާ އެވެ. ލިބުނު ގެއްލުމަށް ހޮސްޕިޓަލުން ފަރުވާ އޭ ނުކިޔާނެ. ލިބުނު އަނިޔާ ތަކަށް ހޮސްޕިޓަލުން ފަރުވާ ދަެނީ. ލިބޭ ގެއްލުން ތަކަށް ދޭނީ ބަދަލު.
ފަލަކީ އިލްމުވެރިޔާ
25 June 2017
ތިކަމަށް ހައްލެއް އޮތްކަމަށް ފަލަކީ ހިސާބުތަކުން ނުދައްކާ. މުއްގަނޑު ފެލާފަ ސައިކަލް ދުއްވަނީ ޒުވާނުން. އަދުގެ ވެރިމީހާ ބުނީ ޒުވާނުން ރުޅި ނޭރުވުމަށް. މަށަށް ހަމަ ބުނެވެން އޮތީ ހޮސްޕިޓަލް ތަރައްގީ ކުރާނަމަ އެކްސިޑެންޓްތަކުން ގެއްލުންލިބޭ ޒުވާނުންނަށް ޚާއްސަކޮށްގެން ތަރައްގީ ކުރުމަށް.
އަހުމަދުބެ
25 June 2017
ބާރަށް ދުއްވާ މީހުނާ ދެކޮޅަށް ފިޔަވަޅު ނޭޅެއެވެ. މަޑުން ދުއްވާ މީހުން ހިފަ ހައްޓާ ލައިސަންސް ޗެކް ކުރެއެވެ.
އަސަދު
25 June 2017
ބާރު ސްޕީޑްގައި ދުއްވާފައިދާ އުޅަނދު ހިފަހެއްޓުމަށްފަހު ހަރުކަށި ފިޔަވަޅު އަޅަން އެބަޖެހޭ. ޓްރެފިކް ފުލުހުންވެސް ބަލަނީ، ހަމައެކަނި ދުއްވާ އެތީގެ ސްޓިކަރ ހުރިތޯ ނުވަތަ ދުއްވަން އިންނަމީހާގެ ލައިސަންސް އޮތްތޯ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާފައިދާ އެތި ހިފެހެއްޓުމަށްފަހު އެ އެތި ގެންގޮސް ނައްތާލަނީ. އެފަދަ ހަރުކަށި ޤަވާޢިދު ހަދައިގެން ނޫނީ ބާރަށް ދުއްވުމެއް ނުހުއްޓޭނެ. ގިނަ އެކްސިޑެންޓްތައް ހިނގަނީ ބާރު ސްޕީޑްގައި ދުއްވައިގެން.
އަސްލު ފާތިމާ(ޞަދަގާޡު)
26 June 2017
އަސްލުވެސް ހަމަ ބާރައް ދުއްވާ އެއްޗެހި ހަމަ ހުއްޓުވާފަ ނައްތާލަންވީ އޭރުން ބޭކާރު އެއްޗެހިތައް މަދުވާނެނު ދުއްވާ މީހާވެސް ނައްތާލަންވީ
ސަމްހަތް
24 June 2017
ތީ އެއްވެސް ކަމެންނޫން ތިކަން ކޮންޓްރޯލްކުރަން ހަދަންވީގޮތަކީ އައްޑޫގެ ހުރިހާރަށެއް ވަކި ކޮއްލަންވީ، ހަމަ އެކަނި ކަނޑުމަގުން އެކަނި އެއްރަށުން އަނެއް ރަށައްދެވޭގޮތައް ހަދަންވީ! އޭރުން އައްޑޫމީހުން ތިބޭނެ ސައިކަލް ގޭގައި ބަހައްޓައިގެން ބޮޑުހަރައްލައިގެން މުއްގަނޑައްފެލަ ފެލަ ސްޓަންޓް ޖައްސަން!
ޖ
25 June 2017
ދެން ފެންނާނީ ބާރު ސްޕީޑްގަ ލޯންޗް ދުއްވާތަން
ބޭރުވެލާ
25 June 2017
ރާއްޖެ އަށް ސައިކަލް ތަޢާރަފުވީ އައްޑޫ އިން....... މިއީ ހަގީގަތަކީ.
ރަމަން ރަމަން
24 June 2017
އައްޑޫ ސިޓީ ހިޖުރަ އޮޅެނީ..
ހޯބޯ
24 June 2017
އެކްސިޑެންޓް ގިނައިން ހިނގަނީ ބާރު ސްޕީޑުގައި ދުއްވައިގެން. ބާރު ސްޕީޑުގައި ދުއްވަނީ އެކަމަކީ ކިހާވަރެއްގެ ކަމެއްކަން ކިޔައިދީފަ ނެތުމުގެ ސަބަބުން ބާރު ސްޕީޑުގައި ދުއްވާތީ!
މުހައްމަދު
24 June 2017
ހުރިހާ ސައިކަލެއްގެ ސްޕީޑް 25 ކމ އަށްވުރެ މައްޗަށް ނާރާ ގޮތަށް ހަދަންވީ
އަޑީބް
24 June 2017
25ހެއްވެސް ނޫން. 10
މޫސުބޭގެ ދަރި މޫސު
24 June 2017
25 ހެއްވެސްނޫން 10 އެއްވެސްނޫން. ހަމަ 0. ސައިކަލާ ކާރާ ހުރިހާ މަގުމަތީ އުޅަނދުތަށް މަނާކުރަންވީ. ލޮލް.