ހިތަދޫ އެކްސިޑެންޓްގައި ޒަޚަމްވި މީހާ މާލެ ފޮނުވާލައިފި

އިއްޔެ ހަވީރު އައްޑޫ ހިތަދޫގައި ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި ލޮލަށާއި މޫނުމައްޗަށް ސީރިއަސް ޒަޚަމްތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް މިއަދު މާލެ ފޮނުވާލައިފި އެވެ.


ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އަހުމަދު ނަޒީރު، 46، ހިތަދޫ ބަންދުސްގޭ، މާލެ ފޮނުވާލީ ލިބުނު ގެއްލުންތައް ބޮޑުކަމުން އިތުރު ފަރުވާއަށެވެ.

އެނގިފައިވާ ގޮތުގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގައި ވަޒީފާ އަދާ ނަޒީރު ރާއްޖޭން ބޭރަށް ގެންދެވޭތޯ ވެސް އާއިލާ އިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަޒީރުގެ ދެ ލޮލާއި ނިތްކުރި މައްޗަށާއި އަނގަޔާއި ނޭފަތަށް އަދި މޭމައްޗަށް ވެސް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވެ އެވެ.

އިއްޔެ އިރުއޮއްސުނު ގަޑީގައި ހިތަދޫ ބޮޑު މަގުގައި ހިނގި މި އެކްސިޑެންޓްގައި އިތުރު ދެ މީހަކަށް ވެސް ހޮސްޕިޓަލުން ފަރުވާ ދިނެވެ. އެއީ 66 އަހަރުގެ މީހަކާއި 17 އަހަރުގެ ކުއްޖެކެވެ. ނަމަވެސް އެ މީހުންނަށް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

މި އެކްސިޑެންޓް ހިނގީ ހިތަދޫ ބޮޑު މަގުގައި ހުންނަ "ފޭލި" ފިހާރަ ސަރަހައްދުގެ ޕާކިން ޒޯނުގައި ހުރި ސައިކަލެއް ނެރެނިކޮށް، ނަޒީރު ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ.