ޚިޔާލު / ފަރުވާ

ޕްރިންސަސް ފާތިމަތު ބުލްބުލް އާއި ނެގަޓިވް އާރުއެޗް

މާބަނޑު މީހެއް

ނޯޓް: މި ކޮލަމްގައި ހިމެނެނީ ޚިޔާލީ ނަންތަކެކެވެ.

ފޭސްބުކް ހުޅުވަލި އެވެ. "ޕްރިންސަސް ފާތިމަތު ބުލްބުލް އިޒް ފީލިންގް ހެޕީ ވިތް ހަސަން އޮޒިލް."

ހަސަނަށް ހުރެވުނީ ހުއްޓުން އަރައިފަ އެވެ. ދެވަނަ ފަހަރަށް ފާތުން ބަލިވެ އިންކަން އެންގީ ފޭސްބުކް މެދުވެރިކޮށެވެ. ފުރަތަމަ ދަރިފުޅު ބައިގެން ދިޔަތާ ނުވަ މަސް ވީ ފަހުން އަނެއްކާވެސް ދަރިއެއްގެ ޚަބަރު ލިބުނީ އެވެ. އުފާ ނުވާނީ ކާކު ހެއްޔެވެ؟

"އަލްހަމްދު ލިއްލާހި! އަސްލު ވެސް ވަރަށް އުފާވެއްޖެ. އިރާދަކުރެއްވިއްޔާ މި ފަހަރު ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ،" ފާތުން އަށް އޭނާ މެސެޖް ކުރި އެވެ. އަދި ރަނގަޅު ކާނާ ކެއުމަށާއި އަރާމު ކުރުމަށް ނަސޭހަތް ދިނެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކައި ވާނުވާ ބަރާބަރަށް އެންގުމަށް ވެސް އެދުނެވެ.

"ކިހިނެއްތަ ގަވާއިދުން ޑޮކްޓަރަށް ދައްކާނީ؟ ސިއްހީ މަރުކަޒަށް ދެއްކުމުން އަތޮޅު ހޮސްޕިޓަލަށް ދާން ބުނާނެ. ދެން އަތޮޅު ހޮސްޕިޓަލަށް ދިއުމުން ބުނާނެ މި ވަގުތު އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ނެތޭ. ޑޮކްޓަރު ހުރެފިއްޔާ ބުނާނެ ސްކޭން ކުރަން މާލެ ދާށޭ،" ފާތުންގެ ކަންބޮޑުވުންތައް އޮއްސާލި އެވެ.

ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އެ ވާހަކަތައް ހަސަނަށް ނޭނގެނީއެއް ނޫނެވެ. މުސްކުޅި މަންމަ އާއި ބައްޕަ ވެސް ބަލަހައްޓަނީ ފާތުން އެވެ. ނަމަވެސް ރަނގަޅު ގޮތެއް ވުމަށް އެދޭލެއް ބޮޑުކަމުން ބުނެވެނީ އެވެ. ހަގީގަތުގައި ފާތުން ފަދަ ހީވާގި، މުރާލި، ވަފާތެރި، ރަނގަޅު އަންބަކު ހަސަނަށް ލިބިފައިވާ ކަމީ އޭނާގެ ނަސީބެވެ.

އަމިއްލަ އަށް ދަތުރު ހަދައިގެން އަތޮޅު ހޮސްޕިޓަލަށް ދައްކަން ދިއުމަކީ އަތުން އެތައް ފައިސާއެއް ޚަރަދުވާ ކަމެއްކަން ފާތުން އަށް އެނގެ އެވެ. އެހެންކަމުން އޭނާ ނިންމީ އަތޮޅުވެރިކަން ކުރާ ރަށަށް ފެރީގައި ގޮސް ޑޮކްޓަރަށް ދައްކާށެވެ. އެއީ އެންމެ ފަސޭހަ އަދި އެންމެ ޚަރަދު ކުޑަ ގޮތް ވެސް މެ އެވެ.

"އައްސަލާމް އަލައިކުމް. ކިހިނެއްތޯ ހާލު؟ އަޅުގަނޑަކީ ޑޮކްޓަ އައިޝަތު އިފާޝާ. މިކޮޅަށް ދުރުވީ ކިހިނެއް ވެގެންތޯ؟" އަންހެނުންގެ ޚާއްސަ ޑޮކްޓަރު ތައާރަފްވެ ސުވާލު ކުރައްވަން ފެއްޓެވި އެވެ.

"އެންމެ ފަހުން މައްސަރު ކަންތައް ޖެހުނީ ކޮން އިރަކުތޯ؟ ގަވާއިދުން ޕީރިއަޑް ވޭތޯ؟ މިއީ ކިތައް ވަނަ ދަރިފުޅުތޯ؟ އެއްވެސް ފަހަރަކު ބައިގެން ދިޔަތޯ؟ އެއްވެސް ބައްޔަކަށް އެއްވެސް ބޭހެއް ދާއިމީކޮށް ބޭނުން ކުރައްވަމުތޯ؟ އެއްވެސް ނުގުޅޭ ބޭހެއް ފާހަގަކުރެއްވޭތޯ؟"

ޑރ. އިފާޝާ ވާހަކަ ދެއްކެވީ މަޑުމައިތިރި ކަމާ އެކުގަ އެވެ. އަދި އޯގާތެރިކަމާ އެކު ބައްލަވައި، ސްކޭން ކުރަން ފެއްޓެވި އެވެ. ސްކްރީނުން ފާތުން އަށް ދަރިފުޅު ދައްކާލި އެވެ. އަށަގަނެފައި ވަނީ ރަނގަޅު ތާނގައި ކަމަށް ވިދާޅުވި އެވެ. ހިތުގެ ވިންދާއި ހަރަކާތްތައް ވެސް ރަނގަޅު ކަމަށާއި އެއްވެސް އައިބެއް ފާހަގަނުކުރެވޭ ކަމަށް ވިދާޅުވި އެވެ. ސްކޭނުން ދައްކާ ގޮތުގައި ބަނޑަށް ވީ 17 ހަފުތާ އާއި ފަސް ދުވަސް ކަމަށާއި ލަފާކުރެވޭ ގޮތުގައި އަންނަ ޑިސެންބަރު 2 ހާތާނގައި ވިހާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ އަށް ފަހު ޓެސްޓްތަކެއް ހަދަން ދެއްވައި ރިޕޯޓާ އެކު އަލުން ދެއްކުމަށް ދެންނެވި އެވެ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް އުންމީދު ކުރުމަށާއި ހިތްވަރުގަދަ ކުރުމަށް ވިދާޅުވި އެވެ.

ގަޑިން މެންދުރު އެއްގަޑިބައި ވަނީ އެވެ. ރިޕޯޓުތައް ނުދެއްކެނީސް ފުރަން ޖެހިދާނެތީވެ ފާތުން އިނީ ކަންބޮޑުވެފަ އެވެ. އިރުއިރުކޮޅާ ގަޑި އަށް ބަލާލަ އެވެ. ޑޮކްޓަރު ކޮޓަރިން ބަލިމީހަކު ނުކުންނާނެ ވަގުތަކަށް އޭނާ އިނީ ބަލަބަލަ އެވެ. ތަންވަޅު ބަލާފައި އެތެރެއަށް ދެމިގަންނާށެވެ.

އެންމެ ފަހުން ޚަބަރެއް ނުވެ ގިނައިރު ވާތީވެ ފާތުން ދިޔައީ ޑޮކްޓަރުގެ ކޮޓަރީގައި ޓަކި ޖަހައި، ހާލަތު ބުނެދީ އެތެރެ އަށް ވަންނާށެވެ. ނަސީބު ރަނގަޅު ކަމުން ދޮރާ ހަމައަށް އެރި ވަގުތު، އެތެރޭގައި އިން ބަލިމީހާ ނުކުންނަނީ އެވެ. ފާތުން ފެނިފައި ޑރ. އިފާޝާ ހިނިތުންވެލި އެވެ. އަދި ކަނާތް ފަރާތުގައި ހުރި ގޮނޑި ދައްކައި އިށީންނަން އަތުން އިޝާރާތް ކޮށްލެވި އެވެ. އެއަށް ފަހު ފާތުން ގެނައި ރިޕޯޓުތައް ބައްލަވަން ފެއްޓެވި އެވެ.

".....ޖުމްލަ ގޮތެއްގައި މި ރިޕޯޓުތައް ރަނގަޅު. ނަމަވެސް ލޭގެ ގުރޫޕަކީ ބީ ނެގަޓީވް،" ދަތްދޮޅީގައި އަތް ވިއްދާލަމުން ޑރ. އިފާޝާ ވިދާޅުވި އެވެ. "ފާތުން އަށް އެނގިލައްވާތޯ ފިރިމީހާގެ ލޭގެ ގުރޫޕް؟"

"އާދެ،" ފާތުން ބޯޖަހާލި އެވެ.

"ހަސަންގެ ލޭގެ ގުރޫޕަކީ އޭ ޕޮޒިޓިވް. އަޅުގަނޑެކޭ އެއްގޮތައް އޭނާ އަށް ވެސް ލިބުނީ ހުދު ކާޑެއް. އަނެއްކާ ކިހިނެއްވީތޯ؟ ކަމެއް ގޯސްވީތޯ؟"

ފާތުން އިނީ ވާނުވާ ނޭނގިފަ އެވެ. ފިކުރުބޮޑުވެފަ އެވެ. އެއް ކޮޅުން ފެރީ އެވެ. އަނެއް ކޮޅުން ޑޮކްޓަރު ވިދާޅުވާން އެ އުޅެނީ ކޮން ވާހަކައެއްބާ އެވެ؟

ހަސަން އޭ ޕޮޒިޓް ވުމަކީ މައްސަލައެއް ހެއްޔެވެ؟ ނޫނީ އަހަރެން ބީ ނެގަޓިވް ވުމަކީ މައްސަލައެއް ހެއްޔެވެ؟ ހިތާހިތުން ފާތުން ސުވާލުކޮށްލި އެވެ.

ބައެއް ހަގީގަތްތަކަކީ އަޑުއަހަން އުނދަގޫ ވާހަކަތަކެކެވެ. ހިތާމަ އާއި މޮޅިވެރިކަން ގެނެސްފާނެތީވެ އެވެ. ނަމަވެސް ހަގީގަތާ ކުރިމަތިލާން ޖެހެ އެވެ. ރަނގަޅު ތެދު މައުލޫމާތު ކަން އޮންނަ އުސޫލުން ބަލިމީހާ އަށާއި އޭނާގެ އާއިލާ އަށް ދިނުމަކީ ޑޮކްޓަރުންގެ ޒިންމާއެކެވެ. ދިމާވެދާނެ ނުރައްކަލެއް އޮތް ނަމަ އެ ކަމެއް ވެސް ބަޔާންކޮށްދީ ގެއްލުންތަކާއި ފައިދާތަކުގެ ވާހަކަ ބަލިމީހާ އަށް ބުނެދިނުމަކީ ޑޮކްޓަރުންނަށް ލާޒިމް ކަމެކެވެ.

އަޑުއައްސަވާށެވެ. ލޭގެ ގުރޫޕް ބެހިގެން ވަނީ ހަތަރު ބަޔަކަށެވެ. އެއީ އޭ ގުރޫޕާއި ބީ ގުރޫޕާއި އޭބީ ގުރޫޕް އަދި އޯ ގުރޫޕެވެ. މި ހަތަރު ގުރޫޕް ދެން އިތުރަށް ގިންތި ކުރަނީ އާރުއެޗް ފެކްޓާ ނަމަކަށް ކިޔާ ޕްރޮޓީންއަކަށް ބަލައިގެންނެވެ. މިގޮތުން ލޭގެ ގުރޫޕަށް "ޕޮޒިޓިވް" ނުވަތަ "ނެގަޓިވް" އިތުރުކޮށް ނަން ދެވެ އެވެ. މިސާލަކަށް ލޭގެ ގުރޫޕަކީ ބީ ކަމަށް ވެފައި ރަތް ސެލްގައި އާރުއެޗް ބަހާ ނެތް ނަމަ އެއީ ބީ ނެގަޓިވް ލޭގެ ގުރޫޕްގެ މީހެކެވެ. އަދި ލޭގެ ގުރޫޕަކީ އޭ ކަމަށް ވެފައި ރަތް ސެލްގައި އާރުއެޗް ހުރެއްޖެ ނަމަ އެ މީހަކީ އޭ ޕޮޒިޓިވް ލޭގެ ގުރޫޕްގެ މީހެކެވެ.

"އާރުއެޗް އައިސޯއިމިއުނައިޒްޑް ޕްރެގްނަންސީ އެއްވެސް ވަރަކަށް އަޑު އަހަންތޯ؟" ޑރ. އިފާޝާ، ފާތުން ގާތުގައި އަހައިލި އެވެ.

އާރުއެޗް ނެގަޓިވް އަންހެނަކު އާރުއެޗް ޕޮޒިޓިވް ދަރިއަކަށް ބަލިވެ އިނުމުން ކިޔަނީ އާރުއެޗް އައިސޯއިމުނައިޒްޑް ޕްރެގްނަންސީ އެވެ. މިއީ ނުރައްކާތެރި ހާލަތެކެވެ. މި ކަމުގެ ނުރައްކާ އޮންނަނީ ފާތުން މެން ފަދަ ދެމަފިރިއަކަށް ލިބޭ ދަރީންނަށެވެ. ޚާއްސަކޮށް ދެވަނަ ދަރިފުޅުން ފެށިގެން ދެން ލިބޭ ދަރީންނަށެވެ. ނަމަވެސް މީގެ މާނަ އަކީ ފުރަތަމަ ދަރިފުޅަށް މިކަމުގެ ސަބަބުން އެއްވެސް ހާލަތެއްގައި ނުރައްކަލެއް ނެތް ވާހަކައެއް ނޫނެވެ.

މި ހާލަތު މެދުވެރިވާން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދަރިފުޅު އުފަންވުމުގެ ތެރޭގައި ބޭރުވާ ލެ އާއި ބައިގެން ދިއުމާއި މަސް ފަޅައިގެން ދިއުން ފަދަ ކަންކަން ހިމެނެ އެވެ. އަދި މީގެ އިތުރުން ނުބައި ތަނެއްގައި ދަރިފުޅު ގަރުބަގަތުމާއި އިންޖެކްޝަން ކައްޓެއް ބޭނުންކޮށްގެން ފެންދުލިން ފެން ނެގުން ނުވަތަ އެމްނިއޯސެންޓެސިސް އާއި ދަރިފުޅަށް ކާނާ ފޯރުކޮށްދޭ މަހުން އެތިކޮޅެއް ނަގައިގެން ހަދާ ޓެސްޓު ނުވަތަ ކޮރިއޮނިކް ވިލަސް ސާމްޕްލިން އާއި ބަނޑުތެރޭގައި ދަރިފުޅު އޮއްވައި، ފޫޅު ދަނޑިން ލޭ ނަގައިގެން ހަދާ ކޯޑޯސެންޓެސިސް ފަދަ ޓެސްޓްތަކުގެ ސަބަބުން ވެސް މި ހާލަތު މެދުވެރިވެދާނެ އެވެ.

މި ދެންނެވި ކަންކަމުގެ ސަބަބުން މައިމީހާގެ ހަށިގަނޑަށް ވާސިލްވާ ލެ އަކީ މައިމީހާއާ ނުގުޅޭ ލެއެއް ކަމުން އެއާ ދެކޮޅަށް މަންމަގެ ދިފާއީ ނިޒާމުން ހަތިޔާރު އުފައްދައި ހަމަލާދޭން ފަށަ އެވެ. ސިއްހީ މާހިރުން މި ހަތިޔާރަށް ދީފައިވާ ނަމަކީ އެންޓި ޑީ އެންޓި ބޮޑީސް އެވެ. މި ލަޝްކަރުގެ ކުޑަބޮޑުމިން ބިނާވެފައި ވަނީ މަންމަގެ ހަށިގަނޑަށް ވާސިލްވި "ބީރައްޓެހި" ލޭގެ މިންވަރުގެ މައްޗަށެވެ.

ލަޝްކަރޭ އެންޓި ޑީ އެންޓި ބޮޑީސް ދަރިފުޅުގެ ޕްލަސެންޓާ ނުވަތަ މަސް ފަހަނަޅައި، ފޫޅުދަނޑިން ލާފައި ގޮސް ދަރިފުޅުގެ ރަތް ސެލްތަކަށް ހަމަލާދީ ހަލާކުކޮށްލަ އެވެ. އާޚިރު ނަތީޖާއަކަށް ވަނީ ދަރިފުޅުގެ ލޭ ދަށްވެ، ފެންދުލީގެ ފެނުގެ ކުލަ ބަދަލުވެ، ފުރަމެ އާއި ހުންކޮށި ދުޅަވެ، ހިތް ބޮޑުވެ، ބަނޑުތެރެ އަށް ދަރިފުޅު މަރުވުމެވެ. ނުވަތަ ދަރިފުޅު އުފަންވި ކަމުގައިވީ ނަމަވެސް ފުރާނަ އަށް ނުރައްކާވާ ފަދަ އެތައް ކަމަކަށް ހުށަހެޅިގެން ދިއުމެވެ.

ފާތުން އިނީ ފެންކަޅިވެފަ އެވެ. އަދި އޭނާ އަށް ބުނެވުނެވެ. "އެހެންވީމާ ދެން އަޅުގަނޑު ހަދަންވީ ކިހިނެއް ހެއްޔެވެ؟ މި ކަމަށް އެއްވެސް ފަރުވާއެއް ވޭ ހެއްޔެވެ؟"

ޑރ. އިފާޝާ ވިދާޅުވި އެވެ. "ފާތުންގެ ހަށިގަނޑުގައި އެންޓި ޑީ އެންޓި ބޮޑީސް ހުރިތޯ އަޅުގަނޑު ބަލަން ބޭނުން. އަދި އެންޓި ޑީ އިމިއުނޯގުލޮބްލިން އިންޖެކްޝަން ޖަހަން ވެސް ބޭނުން. ނަމަވެސް މިކޮޅުން މިވަގުތު އެ ޓެސްޓް ހެދޭކަށެއް ނެތް. އަދި އެ އިންޖެކްޝަން ވެސް މި ތަނުން ލިބޭކަށެއް ނެތް. އެހެންވީމާ ފިރިމީހާއާ އެކު އަވަހަށް މާލެ ދުރުވޭ...."

ކުރާނީ ކީއް ހެއްޔެވެ؟ ދަރިފުޅަށްޓަކައި ފުރާނަ ދޭން ވެސް ހުރީ ތައްޔާރަށެވެ. ރަށަށް ގޮސް މާލެ ދާން ފޮށިތަންމަތި ބަންނަންވީ އެވެ. ނަމަވެސް ލިބޭ މުސާރަ އިން ދެކޮޅު ނުޖެހޭއިރު މާލެ ގޮސް އުޅޭނީ ކޮން ފަދަ ހާލެއްގައި ހެއްޔެވެ؟ ހާސްނުވާށޭ ބުންޏަސް ކަށްވަޅެއްހާ ކުޑަ ކޮޓަރިގަނޑެއްގެ ތެރޭގައި ދިރިއުޅެން ޖެހުމުން ހާސްނުވާނީ ކާކު ހެއްޔެވެ؟

އަނެއްކާވެސް އަނެއް އިމްތިހާނެވެ. ކިތަންމެ ގިލަންވެރި ހާލެއްގައި ދިރިއުޅެން ޖެހުނަސް ފާތުން އާއި ހަސަން ހުރީ ފިސާރި ކެރިގެން ކުރިއަށް ދާށެވެ. ޑރ. އިފާޝާ އިރުޝާދު ދެއްވި ގޮތަަށް އެ ދެމަފިރިން މާލެ ގޮސް ފަރުވާ ހޯދަމުން ދެ އެވެ. އެ ދެމަފިރިން ތިބީ ދަރިފުޅުގެ އިންތިޒާރުގަ އެވެ. ސަލާމަތުން ދަރިފުޅު އުފަން ވުމަކީ ފާތުން އާއި ހަސަނަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އަދި އޭރުން "ޕްރިންސަސް ފާތިމަތު ބުލްބުލް އިޒް ފީލިންގް ބުލެސްޑް ވިތު ހަސަން އޮޒިލް އެންޑް މަމީސް ލިޓުލް ފުށްގަނޑު" ޖަހާ ފޭސްބުކް ވެސް އަޕްޑޭޓް ކޮށްލަން ފާތުން އިނީ ކެތްމަދުވެފަ އެވެ.

މައުލޫމާތު: މުޑާލިއާ އެންޑް މެނޮންސް ކުލިނިކަލް އޮބްސްޓެރިކްސް

ޑރ. މުހައްމަދު ޒިޔާދު

ޑރ. މުހައްމަދު ޒިޔާދު

ތ. ވޭމަންޑު އަށް އުފަން ޑރ. މުހައްމަދު ޒިޔާދަކީ ޗައިނާގެ ޑާލިއާން މެޑިކަލް ޔުނިވަސިޓީން އެމްބީބީއެސް ހައްދަވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ކިޔަވާ ވިދާޅުވި އިރު ސެލް ބައޮލޮޖީ މާއްދާ އިން 2008 ގައި މުޅި ޔުނިވަސިޓީން އެއް ވަނަ ހޯއްދެވި އެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކްރިސްޓިއަން މެޑިކަލް ކޮލެޖާއި ކަސްތުރުބާ މެޑިކަލް ކޮލެޖް އަދި އެމް.އެސް ރަމަޔާ މެޑިކަލް ކޮލެޖްގައި ތަމްރީން ހައްދަވައިފަ އެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެޑިކަލް ބައިން ހިންގާ ނޫސަންދާގަ އެވެ. އެމްއީއެސް އާއި ސިއެޗުއެސްއީގައި ތައުލީމް ހާސިލްކުރެއްވި އިރު އަދަބީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި އެވެ.

18 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 22%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިޙޫ78

04 July 2020

މައުލޫމާތު މުއްސަނދިވެ މުނިފޫހިވެސް ފިލައިފި. މީގެ އިތުރު ލިޔުން ފެންނާނެ ކަމަށް އުނމީދުކުރަން. ... މިހާރު ހުންނަ ގިނަ އޮންލައިން ސައިޓް ތަކުގެ ލިޔުންތެރިންވެސް ކޮންމެވެސް ވަރަކަށް މިކަހަލަ ހޭލުންތެރި ކުރުވާފަދަ ކޮމްޕޯނެންޓެއް ހިމެނުން މުހިންމު. ލޯބީގެ ވާހަކަ ތެރެއިންވެސް މުހިންމު މައުލޫމާތު ފޯރުކޮށްދެވިދާނެކަން ޑރ ހާމަކޮށްދީފި. ޝުކުރިއްޔާ.

The name is already taken The name is available. Register?

އަރިސް

21 July 2017

މިއީ ކިޔާހިއްވާ ކަހަލަ ލިޔުން ލިޔާ ބޭފުޅެއް ވ ބޮޑަށް ޝުކުރަން

The name is already taken The name is available. Register?

ޖަފާ

30 June 2017

މުހިންމު ބައި ލިޔުމުގެ ތަންކޮޅެއް ކުރިން ގެނެއުން މުހިންމު،

The name is already taken The name is available. Register?

ތިލަދުންމަތިމަސް.

30 June 2017

ކިޔާލަންބޭނުންވާފަދަ މައުލޫމާތާއި އޮށްޓަރު ހުރިލިޔުމެއް.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

29 June 2017

ޝުކުރިޔާ! މި ލިޔުން މި ކިޔާލީ މުނިފޫފި ފިލުވާލުމުގެ ގޮތުން. އެކަމަކު އާޚިރުގަ އެތައް މަޢުލޫމާތެއް ވެސް ލިބިއްޖެ. މި ނޫހުގެ މުނިފޫހިފިލުވުމުގެ ބަޔަށް ވެސް މި ލިޔުން ޓެގް ކޮށްލައިފިއްޔާ އަދި ގިނަ ބަޔަކަށް ފައިދާ ކުރާނެ ކަމަށް ބެލެވޭ

The name is already taken The name is available. Register?

ޟައި

29 June 2017

އެހެންވީމާ ނެގެޓި މީހުން ކައިވެނި ކުރާއިރު ބައިވެރިޔާގެ ލޭގެ ގުރޫޕް ބެލުން މުހިއްމުތާ. އާމައުލޫމާތު އިގިއްޖެ. ޝުކުރިއްޔާޑރ

The name is already taken The name is available. Register?

ޑރ

29 June 2017

ކައިވެނި ކުރާ އިރަކު ނޫން. ބަނޑު ބޮޑުވީމަ އަންހެން މީހާގެ ލޭގެ ގްރޫޕްބަލާނީ. ބްލަޑް ގްރޫޕް ނެގެޓިވް ވިއްޔާ ދެން ފިރިމީހާގެ ލޭގެ ގުރޫޕް ބަލާނީ. ޢެގޮތުން ފިރިމިހާ ޕޮޒިޓިވް ގްރޫޕެއް ވިއްޔާ ފުރަތަމަ ވިހެއުމަށްފަހު ނޫނީ ބައިގެންދިޔަޔަސް އެންމެ ޑީ ޖަހާނީ. އެންޓިޑީ ޖަހައިފި ކަމަށް ވަންޏާ ރަގަޅު ނޫނީ މައްސަލަ ދިމާވެދާނެ

The name is already taken The name is available. Register?

އަދަބީ ބުސްތާނު

29 June 2017

ވަރަށް ހިތްގައިމު ލިއުމެއް.

The name is already taken The name is available. Register?

މަފަކީރު

29 June 2017

ހުށަހަޅައިދެއްވާފައިވާގޮތް ޝައުގުވެރި. ކުރިން ނޭނގޭ އާ މައުލޫމާތެއް. މިފަދަ އިތުރު ލިޔުންތައް ލިޔުމުގެ ތައުފީޤް ޑރ އަށް ދެއްވާށި. އާމީން. ދުޢާއަކީ ޑރ އަށް ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތް މިންވަރުކުރެއްވުން.

The name is already taken The name is available. Register?

މަނާހު

29 June 2017

ޥަރަށް ފައްކާ، ހިތްގައިމު ލިޔުމެއް.މުޅިން އާ މައުލޫމާތުކޮޅެއް. ޙުށައަޅައިދިނުން ހަމަ ހަބޭސް!

The name is already taken The name is available. Register?

ރަދީފް

29 June 2017

މައުލޫމާތުން ފުރިގެންވާ ލިޔުމެއް. އަދި އެހާމެ ބޭނުންތެރި ލިޔުމެއް. ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454