26 ޖޫން 2016 - 16:17
ދަރިން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖައްސައި ނުދީ، އެ ކުދިން ދިރިއުޅެމުން ދިޔަ ބިން އެ ކުދިންގެ ބައްޕަ ވިއްކާލާފައި ވަނިކޮށް އެ މުއާމަލާތް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
މއ. އެމްޓޭޝަން ކިޔާ ގޯތީގެ އެއް ބައި ނ. ވެލިދޫ މީހަކަށް ވިއްކާލައި، އެ މުއާމަލާތް ސައްހަ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ހުކުމްކޮށްފައި ވަނިކޮށް އެ މުއާމަލާތް މި މަހުގެ 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން ބާތިލުކުރީ އެ ގޭގެ ވެރި ފަރާތް ކަމަށްވާ މޫސާ ހަލީމްގެ ތިބި 18 އަހަރު ނުފުރޭ ކުދިންގެ ފަރާތުން އެ ކުދިންގެ މަންމަ އެ މައްސަލަ ހުށަހެޅުމުންނެވެ.
އެ ދެ ކުދިންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ވެސް ހުރެ އެވެ. އެމްޓޭޝަންގެ ގޭގެ އުތުރު ކޮޅުން 747 އަކަފޫޓުގެ ބައެއް 1.8 މިލިއަން ރުފިޔާ އަށް 2011 ވަނަ އަހަރު ވިއްކާލި އިރު ހަލީމްގެ ދެ ކުދިން އެ ކުދިންގެ މަންމައާ އެކު އުޅެމުން ދިޔައީ އެ ބިމުގައި ހުރި އިމާރާތެއްގަ އެވެ.
އެ މުއާމަލާތް ދަށު ކޯޓުގައި ހިނގި އިރު އެ ކުދިންގެ މަންމަގެ ފަރާތުން އެކަން ކޯޓަށް ހުށަހެޅުމުން ކޯޓުން ބުނެފައިވަނީ އެ ބިމުގެ ނުވިއްކާ އޮތް ބައިގައި އެ ކުދިންނަށް އުޅެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ހަލީމު ބުނެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތެރެ އަށް ވަނުމުގެ ފުރުސަތު ދަށު ކޯޓުން އެ ކުދިންގެ މަންމަ އަށް ދީފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މީހެއްގެ އަމިއްލަ ބިމެއް ވިއްކޭނީ އެ ތަނެއް ވިއްކާ މީހާ އާއި އޭނާ ޝަރުއީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެެ އެހެން ތަނެއް ހަމަޖެހިފައިވާ ނަމަ ކަމަށް، ބިމާ ބެހޭ ގާނޫނުގައި ބުނެފައިވާއިރު އެކަން ކަށަވަރު ކުރުމަށް ފަހު ނޫނީ ބިން ވިއްކުމުގެ މުއާމަލާތެއް ސައްހަ ކަމަށް ކޯޓުން ނިންމައިގެން ނުވާނެ ކަމަށެވެ.
ހަލީމްގެ ދެ ކުދިން ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދޭނެ ކަމަށް ހަލީމް ބުނެފައި ވިޔަސް، ދިރިއުޅޭނެ ތަނެއް ހަމަޖައްސާނެ ކަމަށް ވައުދެއް ވުމަކީ ތަނެއް ހަމަޖައްސައި ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ގާނޫނުގައި އެ ގޮތަށް އޮތުމުގެ މަގްސަދަކީ ވިއްކާ ތަނުގެ ވެރި ފަރާތުން ޝަރުއީ ގޮތުން ބަލަންޖެހޭ މީހުން މަގުމަތިވިޔަ ނުދިނުން ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.
"ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައިވުމަކީ ދިރިއުޅެވޭ ފަދަ ތަނެއް ވާގިއީ ގޮތުން އެއްވެސް ގާނޫނީ އަދި ޝަރުއީ ހުރަހަކާ ނުލައި ވުޖޫދުގައިވުން ކަމާއި. އެއީ ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައި އޮތުމުގެ އިހްތިމާލު އޮތުމެއް ނޫން ކަމާއި،" އެ ހުކުމުގައިވެ އެވެ.
އެމްޓޭޝަން ގޭގެ ނުވިއްކާ އޮތް ބިމުގައި އެ ކުދިންނަށް އުޅެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ހަލީމް ބުނެފައި ވިޔަސް، އެބިން ވިއްކި މުއާމަލާތް ސައްހަ ކަމަށް ދަށު ކޯޓުން ނިންމި ފަހުން، އެ ގޯތީގެ ބާކީ އޮތް ބައި ވެސް ވަނީ އެހެން ބަޔަކަށް ގުދަނެއްގެ ގޮތުގައި ކުއްޔަށް ދީފަ އެވެ. އެހެންވެ އެއީ އެ ކުދިން އުޅޭނެ ތަނެއް ހަމަޖައްސައި ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެހެންވެ ބިން ވިއްކުމުގެ އެ މުއާމަލާތް ސައްހަ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެންކަޅި
01 September 2016
ލީމް ޖާނަށް ނުކުރާ ލޯތްބެއް މާލަށް ކުރަނީ ކީއްވެތަ
އަލީ
27 June 2016
އިސްޕޮރިމްކޯޓުން އެނުން ގޮތަކައް ހުކުމްކުރިޔަސް އެކޯޓް ބަދުނާމުކޮށް ވާހަކަދައްކާނެ. ތިއުޅެނީ ކުލައިގެ މަސްއަލަ އެއް
އަލީ
27 June 2016
މި ހުކުމުގެ ސަބަބުން ގޯތިގަތް ފަރާތުގެ ހައްގު އެބަ ގެއްލޭ. އެކަމަށް ކޯޓުން ގޮތެއް ހޯދައިދޭން ޖެހޭނެ.
ވެލިދޫ
27 June 2016
ވެލިދޫ ކާކައްބާ؟
އަދުލުއިންސާފު
27 June 2016
މިހުކުމަކީ އިންސާފުވެރި ހުކުމެއްކަމަށް ބެލެވޭ، ނަމަވެސް ސުވާލު އުފެދެނީ އިންސާފު ހޯދަން އިންސާފު ލިބުނު ފަރާތްތަކުން ކިހާވަރަކަށް މަސައްކަތް ކުރަންޖެހުނުބާއޭ؟ ކޮންފަދަ ބާރުގަދަ އަތެއްގެ ސަބަބުންބާއޭ ތިގޮތަށް ތިހުކުމް ކުރީ. ޤަބޫލު ނުކުރެވޭ ބާރުގަދަ އަތެއްނެތި ތިފަަދަ ނިންމުމެއް ނިންމާނެ ކަމަކަށް.
ސަޅި
27 June 2016
ރަނގަޅު ނިންމިމެއް. އެކަމު ގޯސްކޮން ދަށުޚޯޓުން އެގިތަށް ހުކުންކުރުމުން އެކަން ބަލަންޖެހޭނެ. އެއީ އެފަދަ ކަންކަންވތަކުރާރުވިޔަނުދުނުމަށްޓަކައި.
ހަސަން
26 June 2016
ތިޔަ ނިންމުންވެސް ހަގީގަތުގައި ނިންމަންޖެހޭނެ ގޮތަކީ ގޯތީގެ ބާކީ ބައިގައި ވައުދުވީގޮތަށް ދަރީން ބައިތިއްބަން ކޯޓުން އަމުރު ކުރުން. އަދި އެކަން ނުކުރި ނަމަ ފުލުހުން ލައްވާ ގަދަކަމުންވެސް އެކަން ކުރުވުން. ނަމަވެސް އޭގެ ބަދަލުގައި މާކުރިން ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތެއް ތިޔަ ގޮތަށް ބާތިލް ކުރުމުން، ގަތް ފަރާތުގެ ހައްގު ގެއްލުން ނޫން އެހެން ކަމެއް ނުވާނެ. އެފައިސާ ދެން އެ ފަރާތަށް ހޯދާދެނީ ކާކު ކިހިނެއްތޯ؟
އެސްސް
26 June 2016
ތިބުނާ ވެލިދޫ މީހާ ވާނީ ސިޔާސީ އިދިކޮޅުމީހަކަށް،،،،،އެހެންނޫނީ ތިގޮތަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ނުނިއްމާނެ....
ނިރު
26 June 2016
މިއީ ކޮންކަހަލަ ބަފައެއް، އެހެން މައިން ބަފައިން ދަރިންގެ ހައްގުގަ ޖަނާމާލް ޤްރުބާން ކޮއްލަނީ، މިކަލޭގެ ލާރިޔާހެދި ބޫތުކަނީ
އަސީލް
26 June 2016
ގަތް މީހާ ތަ މީގަ ކުށްވެރި މިވީ؟ ހެހެހެ. ރާއްޖޭގެ ދަށު ކޯޓުތަކުން ކުރާ ހުކުމް ސުޕުރީމް ކޯޓުން ބާތިލު ކުރީ އޭގެ ތެރެއަށް އާޒިމާ ސުކޫރު ވަދެގެން މައްސަލައިގެ ކުރިން ނުކުޅެދުންތެރި ކަމެއް ނެތް ކުއްޖަކު ނުކުޅެދުންތެރި ކުއްޖަކަށް ހަދައިގެން. ކޯޓަށް ނުފޫޒު ފޯރުވައިގެން.