އެކުގައި އުޖާލާ މުސްތަގުބަލެއްގެ އުއްމީދުގައި ދެ މީހުން ގުޅިގެން އާރާސްތުކުރި ދިރިއުޅުން ކުއްލިއަކަށް އެފުށްމިފުށަށް ޖެހި އާއިލާ ރޫޅިގެންދާ މަންޒަރުތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެބަ ފެނެ އެވެ. އޭގެ މަންޒަރެއް ގޭދޮށުން ވެސް ވަރަށް ގާތުން ދުށީމެވެ. އެ ދެމަފިރިން އެކުގައި ބުރަ މަސައްކަތްކޮށް، ބިނާކުރި ގެއިން އަންހެން މީހާ ޖެހުނީ ނުކުމެގެންދާށެވެ. ހުސްއަތާ އެވެ!

އެއްގާގަނޑު މަތީ އަނެއް ގާގަނޑު ބާއްވަމުން، އުމުރު ދުވަހުގެ މަސައްކަތުން އެ އަންހެން މީހާ ބިނާކުރި ގޭގެ ރަޖިސްޓްރީ އޮތީ ފިރިމީހާގެ ނަންމަތީގަ އެވެ. ދެމަފިރިންގެ ގޮތުގައި ތިބެ، އެކުގައި ދަރިން ތިބުމުން ލިބުނު ގޯއްޗެއް ކަމަށްވީ ނަމަވެސް، ރާއްޖޭގެ އާންމު އުސޫލުގެ ދަށުން ގެވަޅު އޮތީ ފިރިމީހާގެ ނަމުގަ އެވެ. ދެމީހުން ކައިވެނިކުރިތާ 20 އަހަރުވީއިރު، އަންހެން މީހާ އުޅެން ޖެހުނީ އެކި ގޭގެއިން ކުއްޔަށެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތެވެ. ފިރިހެން މީހާ އުޅެމުންދަނީ އޭނާގެ އާ އާއިލާއާ އެކު، އެ ގޭގަ އެވެ. 

މިފަދަ ހާލަތެއް ދިމާވެ، އެކަން ޕަބްލިކް ފޯރަމެއްގައި ވެސް ފާހަގަކުރެއްވި އެއް ބޭފުޅަކީ ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އެވެ. މަތީ ފެންވަރުގެ ތައުލީމް ހާސިލްކުރައްވައި، މުޅި އުމުރު ބުރަ މަސައްކަތުގައި ހޭދަކުރެއްވި އާތިފާ ވެސް، އޭނާގެ ފައިސާ ހޭދަކޮށް ބިނާކުރީ އޭރުގެ ފިރިމީހާގެ ނަމުގައި އޮތް ގޯއްޗެވެ. ނަމަވެސް އާތިފާއަށް ކުރިމަތިވެ ވަޑައިގަތް ބަލި ހާލަތުގައި، އެންމެ އެހީތެރިކަން ބޭނުންވި ވަގުތު ކައިވެނި ރޫޅި އެންމެ ފަހުން ޖެހުނީ ރަނގަޅު ފެންވަރަށް، ބޭންކުން ލޯނު ވެސް ނަގައިގެން ހެދި އެ ގެއިން ނުކުމެވަޑައިގަންނަވާށެވެ. ހުސްއަތާ އެވެ. 

"ކައިވެނިކޮށްގެން އެތައް ދުވަހަކު ދިރިއުޅެ، ކައިވެނި ރޫޅޭ ހާލަތުގައި އަންހެން މީހާ ގިނަ ފަހަރަށް ވަރަށް ދެރަ ގޮތް ދިމާވެގެން ދަނީ. އަޅުގަނޑު ވެސް މިއީ އެކަން ތަޖުރިބާ ކުރި މީހެއް. 32 އަހަރުގެ ކައިވެންޏެއް ރޫޅިގެން ދިޔައިރު ހަމަ އެއްވެސް ގޮތެއް ނެތް،" އާތިފާ ވިދާޅުވެފައިވެ އެވެ. 

އާތިފާގެ ސުވާލަކަށްވީ ގާނޫނުތަކުން އެ ހައްގު ރައްކާތެރިކޮށްނުދޭތީ އެވެ. 

ކައިވެނި ރޫޅި، އަންހެން މީހާގެ ކިބައިން ނިގުޅައިގަނެވޭ "ހައްގު"ގެ ވާހަކަ ބޮލީވުޑްގެ ފިލްމަކާ އެކު އެންމެންގެ ދޫމައްޗަށް އައިސްފައިވާ މި ދަނޑިވަޅަކީ މި މައުލޫއަށް އެންމެ މުނާސަބު ވަގުތެވެ. އާތިފާ ފަދައިން ރާއްޖޭގައި މި ހައްގު ގެއްލިގެން އެކަމުގެ ހިތާމަ އާއި މާޔޫސްކަމުގައި ހަޔާތުގެ ބާކީ ބައި ހޭދަކުރަން ޖެހިފައިވާ އަންހެނުން ނިސްބަތުން ވަރަށް ގިނަވާނެ އެވެ. 

އާތިފާ: އޭނާގެ 32 އަހަރުގެ ކައިވެނި ރޫޅިގެން ދިޔައިރު އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާތިފާ: އޭނާގެ 32 އަހަރުގެ ކައިވެނި ރޫޅިގެން ދިޔައިރު އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކައިވެނީގެ އަގުދު ވެފައި އޮންނަނީ ފްލެޓާއި ގޯތި ލިބުމުގެ އަސާސަކަށެވެ. އެ ލިބުމުގައި ވެސް ފިރިމީހާ/އަނބިމީހާއަށް ލިބިފައިވާ ނަމަ، އަނެއް މީހާގެ ޝަރުތު ހަމައެއް ނުވެ އެވެ. އެހެންކަމުން، ކޮންމެ ވެސް އެކަކު އަބަދުވެސް ޖެހެނީ އޭނާގެ ހައްގު ދޫކޮށްލައި، ދެމީހުންގެ ދިރިއުޅުމަކަށްޓަކައި އެގޮތް ގަބޫލުކޮށްގެން ހުންނާށެވެ. 

ކައިވެނީގެ އަގުދު މަތީގެ ތިބި ލިބޭ ފްލެޓާއި ގޯތި، ކައިވެނި ރޫޅޭ ހިސާބުން ކޮންމެވެސް އެކަކަށް ލިބި އަނެނަކު ހުސްއަތާ ދާންޖެހޭ މައްސަލަ ދިމާވަމުން އަންނަނީ ބޭއިންސާފުން ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި އެވެ. ދެމަފިރިންގެ މަސްލަހަތު އޮވެގެން ލިބުނު އަދި ދެ މީހުންވެގެން ބިނާކުރި ގޯއްޗާއި ފުލެޓަށް ވަކި ހިސާބަކުން އެކަކަށް އެއްވެސް ބާރެއް ނުފޯރުވޭ ގޮތަށް ވަނީ އެވެ. 

އާއިލީ ބޮޑެތި މައްސަލަތަކެއް ނިންމެވި ކުރީގެ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެކެއްގެ ހައްގު ގެއްލިގެންދާ ބޭއިންސާފަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވީ އާއިލާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހެވެ. އެ އިސްލާހުގެ ދަށުން ގާނޫނުގައި ލިޔުނީ ދެމަފިރިންގެ މެދުގައި މުދަލާއި ގުޅޭ ގޮތުން އެއްބަސްވުމެއް ކޮށްފައިވާ ނަމަ، ވަރީގެ މައްސަލަ ނިންމުމުގެ ކުރިން ދެމަފިރިންގެ މުދާ އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. 

ނަމަވެސް، އާއިލީ ނިޒާމުގެ ތެރެއަށް ގެނައި މި ބަދަލާ އެއްގޮތަށް ކަންކުރާތީ ފެންނަނީ ސަމީރު ވިދާޅުވި ގޮތުގައި ވަރަށް މަދުންނެވެ. މުދާ ބަހަން އެދެނީ ވެސް އަދި މުދަލާއި ފައިސާގެ ކަންކަމާއި މެދު ކައިވެނީގެ ކުރިން އެއްބަސްވުމެއް ވަނީވެސް ވަރަށް މަދުބައެއް ކަން ފާހަަގަކުރެއްވި އެވެ. 

އާއިލާއާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާ: 

  • ކާވެނިކުރާއިރު، އެ ކާވެނީގައި ހިމެނޭ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް، ދެފަރާތުގެ ދެމެދުގައި ލިޔުމަކުންވެވޭ އެއްބަސްވުމެއްގައި ހިމަނައި، އެ އެއްބަސްވުމަށް އަމަލުކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅަ އެވެ.

އާއިލާއާ ބެހޭ ގާނޫނުގެ މި މާއްދާއަކީ، އޭގެ ބޭނުން އެއްގޮތަކަށް ވެސް ނުހިފާ މާއްދާއެކޭ ބުންޏަސް، އެއީ ދޮގަކަށް ނުވާނެ އެވެ. ކައިވެންޏަށް ބޮޑެތި ހަފުލާތަކާއި އެހެން ވެސް ކަންކަން ވަރަށް ދުރާލައި، އެހާމެ ފަރުވާތެރިކަމާ އެކު ކުރާއިރު، މި މާއްދާ ފެންނަ ބައެއް، އެކަން ކުރަން ބޭނުންވާ ބަޔަކު ވެސް ނޫޅެ އެވެ. މިއީ، ގިނަ ފަހަރަށް ހައްގު ދޫކޮށްލައި، ހުސްއަތާ ހުންނަން ޖެހޭ މައިގަނޑު ސަބަބެވެ. 

މިފަދަ މައްސަލައެއް ހައި ކޯޓާ ހަމައަށް ދިޔަ އެވެ. 

އާމިނަތު ނައީމާ ކިޔާ އަންހެނަކު ކޯޓަށް ދިޔައީ 33 އަހަރުވީ ކައިވެނި ރޫޅުނުއިރު އެ ދެމަފިރިންގެ ކައިވެނީގެ އަގުދު އެގޮތުގައި އޮތުމުން ލިބުނު ގޯތީގައި އޭނާގެ މަސްލަހަތު އޮތް ކަމަށް ކަނޑައެޅުމަށެވެ. އެ އަގުދު މަތީގައި ހުރުމުން އޭނާއަށް ބޯހިޔާވަހިކަން ހޯދަން އެދެވެން ނެތް ކަން ވެސް ފާހަގަކޮށް، ނައީމާ ހުށަހެޅި މައްސަލަ ފެމެލީ ކޯޓުން ބަލައެއްނުގަތެވެ. އެއީ، އާއިލާއާ ބެހޭ ގާނޫނުގައި ބުނާ ފަަދަ އެއްބަސްވުމެއް އެ ދެ މީހުންގެ ދެމެދުގައި ނެތުމުންނެވެ. އަދި ވަރީގެ ކުރިއަށް، މުދާ ބެހުމުގެ ވާހަކަ ކޯޓުގައި ދައްކާފައި ނެތުމުންނެވެ. 

މީހަކު މަސައްކަތެއްގައި: ގިނަ ދުވަސްވީ ކައިވެނިތައް ރޫޅި އަންހެނުން ބޭއިންސާފާ ކުރިމަތިލާން ޖެހޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މީހަކު މަސައްކަތެއްގައި: ގިނަ ދުވަސްވީ ކައިވެނިތައް ރޫޅި އަންހެނުން ބޭއިންސާފާ ކުރިމަތިލާން ޖެހޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނައީމާ އެވަރުން ދޫނުކޮށް ހައި ކޯޓަށް ވެސް ދިޔަ އެވެ. އެކަމަކު، ހައި ކޯޓުން ވެސް އޭނާ ނުކުންނަން ޖެހުނީ ހުސްއަތާ އެވެ. ސަބަބަކީ، ހަމަ އެއްބަސްވުން ނެތުމެވެ. ނައީމާގެ މައްސަލަ ނިންމުމުގައި ވެސް ފަނޑިޔާރު ސަމީރު ބައިވެރިވެވަޑައިގެންނެވިއިރު، އޭނާގެ ރައުޔުގައިވާ ގޮތުން ދެމަފިރިން އެކުވެގެން ހޯދާ މުދާ ބަހަން އެދޭ ނަމަ އެކަމުގެ މައްޗަށް ވެވިފައިވާ އެއްބަސްވުމެއް އޮންނަން ޖެހޭނެ އެވެ. އަދި ކައިވެނީގެ މަތީގައި ތިބިއިރު ހޯދާފައިވާ މުދާ ބަހަން ހުށަހަޅަންޖެހޭނީ ފަނޑިޔާރު ލިޔުއްވާފައިވާ ގޮތުން ކައިވެނި ރޫޅާލުމުގެ ކުރިން ވަރި ކުރުމުގެ މަރުހަލާގަ އެވެ. 

ސޮފޫރާ ސުޕްރީމް ކޯޓުން ހައްގު ހޯދި ގޮތް 

މި ބޭއިންސާފަށް، ހާއްސަކޮށް އަންހެނުންނަށް ގެއްލޭ ބޮޑު ހައްގަށް ރާއްޖޭގައި މިވަގުތު އޮތް ފަރުވާއަކީ، ސުޕްރީމް ކޯޓުގެ ހުކުމެކެވެ. އެ ހުކުމް އެގޮތަށް އައީ ބޭއިންސާފުގެ ކުރިމަތީ މާޔޫސްނުވެ، ހިތް މަރާނުލައި ހައްގަށް ވަކާލާތު ކުރި ސޮފޫރާ ނާފިއު މޫސާގެ ސަބަބުންނެވެ. އިންޑިއާގެ ސަމާލުކަން ދަމައިގަތް މުސްލިމް އަންހެނުންގެ ހައްގާ ގުޅޭ ބޮޑު ހުކުމް އައުމަށް ދިމާވި، ބޮލީވުޑްގެ ފިލްމްގައި ދައްކާ ގޮތަށް ޝާހް ބާނޯ ނެރުނު ހިތްވަރު، ސޮފޫރާ ވަނީ ރާއްޖޭގައި ދައްކައިފަ އެވެ. 

ސޮފޫރާގެ ވާހަކަ ފެށޭ ހިސާބަކީ އޭނާގެ ކައިވެންޏާ ވިދިގެން ފިރިމީހާއަށް ރަށުން ބަންޑާރަ ގޯއްޗެއް ލިބި، އެ ގޯތި ފިރިމީހާގެ ނަން މަތީ ރަޖިސްޓްރީކުރި ހިސާބުންނެވެ. އެ ގޯތީގައި ދެ މީހުން ވެގެން ގެއެއް އިމާރާތް ކުރީ ސޮފޫރާ ބުނާ ގޮތުން، އިމާރާތްކޮށް ނިމުމުން ދެ މީހުންގެ ނަން މައްޗަށް ގޯތީގެ ރަޖިސްޓްރީ ބަދަލުކުރާ ގޮތަށް އަނގަބަހުން އެއްބަސްވެގެންނެވެ. އެކަމަކު، ގެ އިމާރާތްކޮށް، ރަޖިސްޓްރީ ބަދަލު ނުވަނީސް ދެމަފިރިން ވަކިވީ އެވެ. 

އެއާ އެކު، ސޮފޫރާ މަދަނީ މައްސަލައެއް ފިރިމީހާއާ ދެކޮޅަށް ރަށު ކޯޓުގައި އުފުލި އެވެ. އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ދަށު ކޯޓުން ނިންމީ އޭނާ ހަރަދުކުރި ވަރެއް ސާފުނުވާތީ ދައުވާ ސާބިތުނުވާ ކަމަށެވެ. އެހެންވެ، އޭނާ ޖެހުނީ ހައި ކޯޓާ ހަމައަށް މައްސަލަ ގެންނާށެވެ. ފަނޑިޔާރު ސަމީރު ހިމެނިވަޑައިގެންނެވި ބެންޗަކުން ބެލި މި މައްސަލައިގައި ވެސް ނިންމީ ރަށު ކޯޓުގެ ހުކުމް ދަމަހައްޓާށެވެ. އެކަމަކު، ސަމީރުގެ ރައުޔު ތަފާތެވެ. ސަމީރު ދެކެވަޑައިގަންނަވާ ގޮތުގައި ސޮފޫރާ ބުނާ ހަރަދަކީ ނަގައިދޭން ޖެހޭ އެއްޗެކެވެ. 

އޭގެ ސަބަބެއް ކަމަށް ސަމީރު ލިޔުއްވާފައިވަނީ، އަނބިމީހާއަށް ފިރިމީހާގެ މައްޗަށް ހަރަދުކުރުން އެއްގޮތަކަށް ވެސް ލާޒިމް ނޫންއިރު، ހަދިޔާއެއް ގޮތަށް ނޫން ގޮތަކަށް އަނބިމީހާ ފިރިމީހާއަށް ކުރި ހަރަދު ނަގައިދޭން އޭނާ އެދޭ ނަމަ، އެ ހަރަދެއް ދޭން ޖެހޭނެ ކަމަށެވެ. 

ގެ އިމާރާތް ކުރަން ސޮފޫރާ ހަރަދުކުރީ އޭނާގެ ނަން މައްޗަށް ވެސް ގޯތި ބަދަލުކުރާނެ ކަމަށް ފިރިމީހާ ބުނުމުން ކަން ސާބިތުކޮށްދެވިފައިނުވީ ނަމަވެސް، ސޮފޫރާގެ ފަރާތުން ގޯތި އިމާރާތް ކުރުމުގެ ގޮތުން ކުރި ކަމަށް ބުނާ ހަރަދު އަނބުރާ ދެއްކުން ނަފީވާނެ ހުއްޖަތެއް ނޫން ކަމަށް ވެސް ފަނޑިޔާރު ސަމީރު ލިޔުއްވާފައިވެ އެވެ. 

ސުޕްރީމް ކޯޓު ކުރިމަތިން އަންހެނަކު ދަނީ: ގިނަ ދުވަސްވީ ކައިވެނިތައް ރޫޅި އަންހެނުން ބޭއިންސާފާ ކުރިމަތިލާން ޖެހޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސުޕްރީމް ކޯޓު ކުރިމަތިން އަންހެނަކު ދަނީ: ގިނަ ދުވަސްވީ ކައިވެނިތައް ރޫޅި އަންހެނުން ބޭއިންސާފާ ކުރިމަތިލާން ޖެހޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހައި ކޯޓުން ވެސް ކާމިޔާބު ނުވުމުން ސޮފޫރާ އެންމެ މަތީ ކޯޓުގެ ދޮރުގައި ޓަކި ޖެހި އެވެ. ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު މި މައްސަލަ ނިންމާފައިވާއިރު، ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ސުޖޫން އެވެ. ފަނޑިޔާރު މަހާޒު ރިޔާސަތުގައި އިންނަވައި، އިއްވެވި މި މައްސަލައިގެ ހުކުމުން ސޮފޫރާއަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު، މިއީ އެތައް ގޮތަކުން އެތައް ބަޔަކަށް ތަސައްލީއެއް ގެނެސްދިން ގާނޫނީ ފަރުވާއެކެވެ. 

މި ހުކުމްގައި ކަނޑައެޅި ގޮތުގައި ދެމަފިރިން އެކުގައި ހޯދި މުދާ ބެހުމަށް އާއިލާއާ ބެހޭ ގާނޫނުގައި ބުނާ އެއްބަސްވުން އޮތުން ލާޒިމެއް ނޫނެވެ. އެއްބަސްވުމެއް ނެތަސް، އެ ހައްގު ހޯދަން ކޯޓަށް އާދެވޭނެ އެވެ. އަދި މިފަދަ ދައުވާއެއް ކުރާ އިރު އެއްބަސްވުން ވަކި ގޮތަކަށް އޮތުން ލާޒިމް ނޫން ކަމާއި މުއާމަލާތުގެ މައިގަނޑު ކަންކަމަށް އެއްބަސްވާ ނަމަ އަދި އެއްބަސްވި ކަންކަމާއި އެއްގޮތަށް މަސައްކަތް ކުރިކަމުގެ ހެކި ހުރެއްޖަ ނަމަ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުން އޮތީ ކަމުގައި ބެލޭނެ ކަމަށް ވެސް ނިންމާފައިވެ އެވެ. 

މަހާޒު ލިޔުއްވާފައިވާ ގޮތުގައި ސޮފޫރާ ހަރަދުކުރިކަން ޝަރީއަތަށް ހާމަވުމަށް ފަހު، އެ ހަރަދުގެ މިންވަރު އެނގެން ނެތް ކަމަށް ބަލައި، ހަރަދުގެ އެއްވެސް މިންވަރެއް އޭނާއަށް ނުލިބި ދިޔުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އެހެންވެ، އިމާރާތް ހުރި ހާލަތަށް ބަލައި އެ އިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި ސޮފޫރާއަށް ލިބިދޭން ޖެހޭ ކަމަށް ފަނޑިޔާރު ކަނޑައެޅުއްވި އެވެ. 

މީގެއިތުރުން ފަނޑިޔާރު ވިދާޅުވެފައިވާ ގޮތުގައި ދެމަފިރިން އެކުގައި ހާސިލްކުރި މުދަލާއި ފައިސާއާ މެދު އަމަލު ކުރާނެ ގޮތުގެ އެއްބަސްވުމެއް އާއިލާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ނެތުމަކީ ސޮފޫރާ ކޮށްފައިވާ ހަރަދު އަނބުރާ ހޯދުމުގެ މައްސަލައަށް ޝަރީއަތުން ހައްލެއް ހޯދައި ދިނުމަށް އޮތް ހުރަހެއް ނޫނެވެ. 

އެއާ އެކު، ކައިވެނީގެ ގުޅުމުގެ ސަބަބުން ލިބޭ ގޯތި ފިރިމީހާގެ ނަން މަތީގައި އޮތް ނަމަވެސް، އަނބިމީހާގެ މަސްލަހަތު އެ ގޯތީގައި އޮންނާނެ ކަމަށް ވެސް މަހާޒު ކަނޑައަޅުއްވާފައިވެ އެވެ. އެގޮތުން ހުކުމްގައިވާ ގޮތުން އެ ގޯތި ފިރިހެން މީހާއަށް ލިބުނު ހިސާބުން ފެށިގެން، އެ ގޯތީގައި ސޮފޫރާގެ މަސްލަހަތު އުފަންވާނެ އެވެ. 

ސުޕްރީމް ކޯޓުން ސޮފޫރާއަށް މި ހައްގު ހޯދައިދިން ފަހުން ވެސް، މި ބާވަތުގެ މައްސަލަތައް ކޯޓުތަކާ ހަމައަށް އަންނަ މިންވަރު ބޮޑު ތަނުން މަދެވެ. އޭގެ ސަބަބެއް ކަމަށް ސަމީރަށް ގަބޫލު ކުރެވެނީ އެކަމުގެ މައުލޫމާތު ނޭނގުމެވެ. އަނެއް ގޮތަކީ، އެ ފަރުވާއަކީ، ފަސޭހައިން ލިބެން އޮތް ފަރުވާއަކަށް ނުވުމާއި ގާނޫނުން ލާޒިމް ކުރާކަންކަން ކަމާގުޅުންހުރި މުއައްސަސާތަކުން ހަދާފައި ނެތުމެވެ. މީހުންނަށް ހައްގު ހޯދައިދޭން އަދި އެކަމުގެ މަގުފަހިކޮށްދޭން ދައުލަތުން މަސައްކަތެއް ކޮށްފައެއް ނެތެވެ. އެ މަގު ގިނަ ބަޔަކަށް އިހްތިޔާރު ކުރަން އުނދަގޫވެފައިވަނީ އެ ޒިންމާ ދައުލަތުން ވެސް އަދާކޮށްފައި ނެތީމަ އެވެ. 

އާއިލާއާ ބެހޭ ގާނޫނުގައި ދެމަފިރިން އެކުވެގެން ހޯދާ މުދާ ބެހުމުގައި ކޯޓުން އަމަލު ކުރަން ޖެހޭ ކަންކަމާ ގުޅޭ ހަތް އުސޫލެއް ހިމަނައި ގަވައިދެއް އެކުލަވާލަން ލިޔެފައިވެ އެވެ. ނަމަވެސް، 2016 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހަދަން ޖެހޭ މި ގަވައިދު 10 އަހަރުވީއިރު ވެސް ނުނިމެ އެވެ. މިނިސްޓްރީން މި ގަވައިދު އެކުލަވާލަން ޖެހޭ ކަމަށް ގާނޫނުން ދީފައި އޮތީ ހަ މަހެވެ. 

ސުޕްރީމް ކޯޓު ކުރިމަތިން އަންހެނަކު ދަނީ: ގިނަ ދުވަސްވީ ކައިވެނިތައް ރޫޅި އަންހެނުން ބޭއިންސާފާ ކުރިމަތިލާން ޖެހޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސުޕްރީމް ކޯޓު ކުރިމަތިން އަންހެނަކު ދަނީ: ގިނަ ދުވަސްވީ ކައިވެނިތައް ރޫޅި އަންހެނުން ބޭއިންސާފާ ކުރިމަތިލާން ޖެހޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކުގައި ހޯދާ މުދާ ކަނޑައަޅާނެ މިންގަނޑުތަކާއި މުދަލާއި ފައިސާ އަގުކުރުމާބެހޭ އުސޫލު އަދި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދާ ނުވަތަ ފައިސާ ކަނޑައަޅާނެ އުސޫލު ފަދަ ކަންކަން އެ ގަވައިދުގައި ހިމަނަން ޖެހެ އެވެ. އެ އުސޫލުތައް ގާނޫނީ ނިޒާމުގައި ނެތުމަކީ މިފަދަ މައްސަލައެއް ހުށަހެޅުނަސް ކޯޓުތަކަށް ވެސް ދިމާވާނެ ބޮޑު ގޮންޖެހުމެކެވެ. 

"ވަރިވާން އެކަކު ހުށަހެޅުމުން، ދެން މުދަލާ ގުޅޭ ގޮތުން ޝަކުވާ ކުރަންޏާ ކުރާނީ ކިހިނެއް ކަމެއް ވެސް އަދި ނެތް އެނގޭކަށް. މިސާލަކަށް އެ ޝަކުވާ ކުރާނީ ވަރީގެ މައްސަލައިގެ ތެރެއިން ކަމެއް ނޫނީ އާ މައްސަލައެއްގެ ފޯމެއް ހުށަހަޅައިގެން ކަމެއް ވެސް ނެތް އެނގޭކަށް،" ސަމީރު ވިދާޅުވި އެވެ. 

އެނގިފައިވާ ގޮތުގައި ވަރީގެ ކުރިން މުދަލާއި ގޯއްޗާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅަން ފިރިހެނަކު މިހާރު ވެސް ފެމެލީ ކޯޓަށް މައްސަލައެއް ހުށަހަޅާފައި އެބައޮތެވެ. އެ ބާވަތުގެ މައްސަލަ ހުށަހަޅާނެ އުސޫލެއް ވެސް ނެތްއިރު، އެމީހާގެ ފަރާތުން އެކަން ކޯޓަށް ހުށަހަޅާފައިވަނީ ވެސް ސިޓީއަކުންނެވެ. މިހާތަނަށް ފެމެލީ ކޯޓުގައި މައްސަލަ ކުރިއަށް ގޮސްފައެއް ނުވެ އެވެ. އެކަމަކު، އެ މައްސަލަ ވެގެން ދާނީ ގަވައިދު ނެތަސް، މިކަމުގައި ކޯޓުން އަމިއްލައަށް އުސޫލުތަކެއް އުފަން ކުރުވާނެ މައްސަލައަކަށް ކަމަށް ބެލެވެ އެވެ. 

ބޭއިންސާފާއި ހައްގު ނުލިބުމުގެ ވަށްބުރެއްގެ ތެރެއިން ސަލާމަތްވުމަށް ސަމީރު ދެކެވަޑައިގަންނަވާ ގޮތުގައި އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ކައިވެނި ކުރާ އިރު ނުވަތަ ކައިވެނި ކުރުމުގެ ފަހަށްވެސް މި ފަދަ މުދަލަކާއި މެދު ކަންކުރާނެ ގޮތެއް ދެމަފިރިންގެ މެދުގައި އެއްބަސްވެ އެގޮތެއް ލިޔުމަށް ތިރި ކުރިމެވެ. އޭރުން ދެމަފިރިން ވަރިވުމަށްފަހު އެއިގެ ތެރެއިން އެކަކަށް އެލިބޭ ބޭއިންސާފު ނައްތާލުމަށް ފަސޭހަ މަގެއް ފެންނަން އޮންނާނެ ކަން ސަމީރު ފާހަގަކުރެއްވި އެވެ.