ރިޕޯޓް / ހުސެން ހުމާމް

ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އަފްރާޝީމްގެ އާއިލާ

ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހުމާމް ކޯޓަށް ވައްދަނީ: ސުޕްރީމް ކޯޓުން ރޭ ވަނީ މަރުގެ ހުކުމް ދަމަހައްޓާފައި -- ފައިލް ފޮޓޯ/ މިހާރު

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ މި އެވެ؛ ހުސެއިން ހުމާމަށް މަރުގެ އަދަބު ދީފިއްޔާ ޑރ. އަފްރާޝީމް އަލީގެ ގާތިލަށް ނުވަތަ ގާތިލުންްނަށް މަރުގެ އަދަބު ދެވުނީ ހެއްޔެވެ؟

އަފްރާޝީމްގެ ވާރިސެއްގެ ޖަވާބަކީ، ވަރަށް ކަނޑައެޅިގެން "ނޫނެކޭ" އެވެ. އޭނާ ވަރަށް ފާޅުގައި އެހެން ބުނަމުން ދަނީ ހުމާމާ ހިސާބުން މިކަން އަދި ނިމޭ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށްވެ އެވެ. އެހެންވެ، ރޭ ސުޕްރީމް ކޯޓުގައި ހުމާމްގެ ހުކުމް ޝަރީއަތް ފެށުމުގެ ކުރިން އަފްރާޝީމްގެ ބައްޕަ ވަނީ ސިޓީއެއް ފޮނުވައި، މަރުގެ އަދަބު ދޭން މި ވަގުތު އިންކާރު ކުރާ ކަމަށް ބުނެފަ އެވެ. މިއީ މި މައްސަލަ މިހާރު އެނބުރޭ ހިސާބެވެ. ފަހަރެއްގައި މިއީ އާންމު ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތް ކަމަށް ވެސް ނުވެދާނެ އެވެ.

އެކަމަކު ސުޕްރީމް ކޯޓުން ވަނީ ހުމާމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ދަމަހައްޓައިފަ އެވެ. އެހެންކަމުން މިހާރު ގަވާއިދު އޮތް ގޮތުން ހުމާމަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ 30 ދުވަސް މި ވަނީ ފެށިފަ އެވެ. އަދި އެންމެ ފަހު ފަހަރު ވާރިސުންނާ ބައްދަލުކޮށް، މައާފު ހޯދުމުގެ ރޯލެއް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކުޅެން ގަވާއިދުގައި ބުނެފައިވެ އެވެ.

ރޭ ސުޕްރީމް ކޯޓުގައި ހުމާމް ޝަރީއަތުގެ އެންމެ ފަހު ބައި ފެށުމުގެ ކުރިން ބައްޕަ ފޮނުވި ސިޓީ ބަލައިގެންފައެއް ނުވެ އެވެ. ފަހަރެއްގައި އެ ސިޓީ ބަލައިގަތުމުގައި މިވަގުތު ގާނޫނީ މައްސަލަތަކެއް ހުރީ ކަމަށް ވެސް ވެދާނެ އެވެ. އެއީ މަރަށް މަރުހިފަން ހުރިހާ ވާރިސުން ދަށު ކޯޓުގައި ބުނެފައި އޮތުމުން އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް، ސުޕްރީމް ކޯޓުން ބެލީ ރަނގަޅުތޯ ނުވަތަ ނޫންތޯ ކަމަށް ވާތީ އެވެ. އަދި ވާރިސުންނަށް އިތުރު ފުރުސަތެއް، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ވެސް ލިބޭތީ އެވެ.

މިވަގުތު މަރަން މަރުހިފަން ބޭނުން ނޫން ކަމަށް ބުނެ ބައްޕަ ސިޓީ ފޮނުވުމުގެ މާނަ އަކީ ހުމާމަށް މައާފުކުރުން ނޫން ކަމަށް އާއިލާގެ މެމްބަރަކު "މިހާރު" އަށް ބުންޏެވެ.

ހުމާމްގެ ބޭބެ ކިނާޔަތު، ރޭ ސުމްރީމް ކޯޓު ކައިރީގައި ހުރިއިރު، ފުލުހުން އެ ސަރަހައްދުގެ ސަލާމަތީކަންކަން ބަލަހައްޓަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ރަނގަޅު، އަޅުގަނޑުމެން ވެސް ގަބޫލުކުރަން އެއީ [ހުމާމަކީ] އަފްރާޝީމްގެ ގާތިލެއް ކަން. ޚުދު އަޅުގަނޑު ކައިރީގައި ވެސް ހުމާމް ބުނި އެކަމުގައި ބައިވެރިވީމޭ. އެކަމަކު އަޅުގަނޑުމެންގެ ސުވާލަކީ އޭނާ އެކަން ކުރީ ކީއްވެގެންހޭ؟ ކޮން ނިޔަތެއް، ކޮން ބޭނުމެއް އޮވެގެންހޭ އެވަރުގެ ކަމެއް އޭނާ ކުރީ؟" އަފްރާޝީމްގެ ވާރިސުންގެ ތެރޭގައި ހިމެނޭ އެކަކު، ބުންޏެވެ. [ބައެއް ސަބަބުތަކާ ހުރެ އޭނާގެ ނަން މި ރިޕޯޓުން ވަނީ އުނިކޮށްފަ އެވެ.]

އޮކްޓޫބަރު 1، 2012 ގައި އޭރު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅުއްވާ ގެ އަށް ވަންނަވަނިކޮށް ރޭގަނޑު އެވެ. އެ މައްސަލައާ ގުޅިގެން ހުމާމްގެ އިތުރުންް އެހެން ބައެއް މީހުން ވެސް ހައްޔަރުކޮށްފައިވެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހުމާމަކީ ތިން ވަނަ މީހާ. ފުރަތަމަ މީހާ އަދި ދެ ވަނަ މީހާ އަދި އެބަވޭ،"

އަފްރާޝީމް އަވަހާރަކޮށްލީ ދީނީ، އަދި ސިޔާސީ ކަމެއްގެ ތެރެއިން ކަމަށް ވެސް އޭރު ބުނަމުން ދިޔަ އެވެ. އަދި އޭނާ އަވަހާރަކޮށްލަން ފަންޑު ކުރި ކަމުގެ ތުހުމަތުގައި ބައެއް މީހުން ވެސް ހައްޔަރުކުރި އެވެ. ނަމަވެސް މިހާތަނަށް އައިއިރު، އެއިން އެއްވެސް ކަމެއް ފުލުހުންނަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ. މައްސަލައިގައި މިހާތަނަށް ފުލުހުންނަށް ކުރި ލިބިފައި ވަނީ ހުމާމްގެ މައްޗަށް އެކަންޏެވެ.

"ސީދާ އަޅުގަނޑު ހުމާމާ ބައްދަލުކުރިން. އޭރު އޭނާ ވެސް އަދި ފުލުހުން ވެސް ބުނެފައި އޮތީ މިއީ ހަތަރު މިލިއަން ރުފިޔާ ދޭނަމޭ ބުނެގެން ކުރި ކަމެއް ކަމަށް. އެހެންވެ، މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރަމުން ގެންދާ ކަމަށް ބުނާތީ އަޅުގަނޑުމެން ބޭނުމެއް ނުވޭ ދުނިޔޭގައި މިވަގުތު ހުރި ހަމައެކަނި ހެކި [ހުމާމް] މަރާލާކަށް،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހުމާމަކީ، ތިން ވަނަ މީހާ. ފުރަތަމަ މީހާ އަދި ދެ ވަނަ މީހާ އަދި އެބަވޭ."

އެއީ، ހުމާމާ ހަވާލާދީ، އޭނާ ބުނި ގޮތުގައި އޭނާއާ އެކު އަފްރާޝީމް ގަތުލުކުރުމުގައި ބައިވެރިވި އެހެން މީހަކާއި އެކަމަށް ހޭދަކުރި މީހާ އެވެ.

ހުމާމް ކޯޓަށް ވައްދަނީ: އާއިލާއިން ބޭނުންވަނީ ފުރިހަމަ ތަހުގީގެއް --ފައިލް ފޮޓޯ/ މިހާރު

"އެހެންވެ، ހުމާމް މަރާލައިފިއްޔާ އެކަންް އެ ނިމުނީ ނޫންތޯ ދެން،" އޭނާ ބުންޏެވެ.

"މައްސަލަ މި ހިސާބުން ދެން ކިހިނެއްތޯ ތަހުގީގުކުރާނީ؟ އިތުރު ހެއްކެއް ކޮން ތާކުންތޯ ހޯދާނީ؟"

އޭނާ ބުނީ ހުމާމަށް މާފު ދިނުމެއް ނެތް ކަމަށާއި ބޭނުންވަނީ އަފްރާޝީމްގެ ހުރިހާ ގާތިލުންނަށް ވެސް އަދަބު ލިބުން ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެން މި ހިސާބުން ނިންމާލީއެއް ނޫން. އަޅުގަނޑުމެން މި އެދެނީ މި ތަހުގީގު އަޅުގަނޑުމެން ގަބޫލުކުރާ ފެންވަރަކަށް ނިންމަވައިދޭށޭ. މި ހުރިހާ ޝައްކުތަކެއް ހުރެ، އަދި ސާފު ޖަވާބެއް ނުލިބެނީސް މީގެ ތެރެއިން އެންމެ މީހެއްގެ މައްޗަށް އަދަބު ލިބުމެއް ނޫން އަޅުގަނޑުމެން ބޭނުންވަނީ،" އޭނާ ބުންޏެވެ.

އޭނާ އުފައްދާ ޝައްކުތަކެއް ވެސް އެބަ ހުއްޓެވެ.

"އަފްރާޝީމް އަވަހާރަކޮށްލައިގެން އުޅުނު އިރު، އަޅުގަނޑުމެންގެ އާއިލާ އަށް ވެސް އޭރުގެ ހޯމް މިނިސްޓަރު ވެސް އަދި ޕޮލިސް ކޮމިޝަނަރު ވެސް ވިދާޅުވެފައިވޭ ހީވެސް ނުކުރާ މީސްމީހުން މީގެ ތެރޭގައި އެބަ އިންވޯލްވެއޭ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ އެއީ ކޮން ބައެއްތޯ ބަލައި އެ މީހުންނަށް ވެސް ހައްގު އަދަބު ލިބެން،" އެ ވާރިސް ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ފުލުހުންްގެ މުއައްސަސާގައި އެ ފެންވަރު އެބަހުރި. އެ ވަސީލަތްތައް އެބަހުރި. އެ ގާބިލްކަން ވެސް އެބަހުރި. މި ވަރުގެ ތަހުގީގެއް ހިންގޭނެ ބައެއް އެއީ. އެހެން ނަމަވެސް މި މައްސަލާގައި އެ މުއައްސަސާ މިއޮތީ ފެއިލްވެފައި. މިއަދާ ހަމައަށް އައިއިރު ވެސް މީގެ ހަގީގަތާ ހަމައަށް ދެވުނީއެއް ނޫން."

އާއިލާއިން ބޭނުން ވަނީ މި މައްސަލައިގެ ރަނގަޅު ތަހުގީގެއް ކުރާށެވެ. އެކަމަށް އާއިލާއިން ކޮށްދެވެން އޮތް ކޮންމެ ކަމެއް ވެސް ކޮށްދޭން އޮތީ ތައްޔާރަށެވެ.

"އދ. އަށް ހުށަހަޅައިގެން ބަލަން ވެއްޖިއްޔާ އެކަމަށް ވެސް އަޅުގަނޑުމެން ތައްޔާރު. ބޭރުގެ އެހީ ހޯދައިގެން ވިޔަސް ތަހުގީގު އަވަސްކޮށް އަދަބު ލިބެން ޖެހޭ މީހުންނަށް އަދަބު ލިބެން ބޭނުންވޭ،" އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ބުނަނީ ދިވެހި ފުލުހުންނަށް އަދިވެސް މި ތަހުގީގު ކުރިއަށް ގެންދެވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

"މި ވަގުތުން މި ވަގުތަށް މަރު ހިފިޔަސް އަޅުގަނޑުމެންނަށް ވާނެ ވަކި އިތުރު ފައިދާއެއް ނޯންނާނެ. އޭގެ ބަދަލުގައި ލިބޭނެ ގެއްލުންތަކެއް އެބަހުރި. ތަހުގީގު ނުނިމި އޮއްވާ ދުނިޔެެމަތީގައި ހުރި ހަމައެކަނި ހެކި އޭރުން މި ނައްތާލެވުނީ،"

"އަޅުގަަނޑުމެން ވަރަށް ސާފުކޮށް މި ދަންނަވަނީ މިހާލަތުގައި އޮތް ކޭހެއްގައި، ވާރިސުން ބޭނުމެއް ނުވެއޭ މިވަގުތަށް މަރު ހިފާކަށް. ޚުދު އަޅުގަނޑަށް ހުމާމް ވެސް ދީފައިވާ މައުލޫމާތު އެއީ ރަނގަޅު މައުލޫމާތެއް ނަމަ މިކަމަށް ފައިސާ ހޭދަކުރި ބަޔަކު އެބަ ޖެހޭ ހޯދަން،" އޭނާ ތަކުރާރުކޮށް ބުންޏެވެ.

"ހުމާމަކީ ވެސް ސީންގައި މިކަން ހިންގި އެކަކު. އެކަމަކު އެ ހިސާބުން އެ ނިމުނީ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން."

އޭނާ ބުނީ އާއިލާ އިން ގަބޫލުކުރާ ވަރަށް ތަހުގީގު ފުރިހަމަކޮށްފި ނަމަ، އަދި އެއީ އާއިލާ އަށް ހަގީގަތުގައި ވެސް ގަބޫލުކުރެވޭ ގޮތް ނަމަ، ޝަރީއަތުގެ މަޖިލީހުގައި މަރަށް މަރު ހިފަން ބަޔާން ދޭން ތައްޔާރު ކަމަށެވެ.

"މި ވަގުތުން މި ވަގުތަށް މަރު ހިފިޔަސް އަޅުގަނޑުމެންނަށް ވާނެ ވަކި އިތުރު ފައިދާއެއް ނޯންނާނެ. އޭގެ ބަދަލުގައި ލިބޭނެ ގެއްލުންތަކެއް އެބަހުރި. ތަހުގީގު ނުނިމި އޮއްވާ ދުނިޔެެމަތީގައި ހުރި ހަމައެކަނި ހެކި އޭރުން މި ނައްތާލެވުނީ،" އޭނާ ބުންޏެވެ.

"އޭނަ [ހުމާމް] މަރަން ޖެހޭ. އެކަމަކު އަޅުގަނޑުމެން މި އެދެނީ އޭގެ ކުރިން މި ތަހުގީގު އަޅުގަނޑުމެންނަށް ނިންމަދޭށޭ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ދަރަޖައަކަށް. މި މައްސަލާގައި ފަހަރެއްގައި ވެސް އަޅުގަނޑުމެން މަޑުމަޑުން މި ތިބެނީއެއް ނޫން. ހަނދާން ނެތިގެނެއް ވެސް ނޫން މިތިބީ. ރައްޔިތުންނަށް ވެސް އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދީފައި އެންމެ ފަހުން އެ ވާހަކަތަކެއް ނުވެއް ދެކެވޭ މިހާރަކު. ކޮބައި ކަމެއް ނޭނގެ މީގެ އަސްލަކީ، ވީއެއް ނުވީއެއް ނޭނގެ. ރައްޔިތުންނަށް ވެސް ހާމަކުރަން އެބަ ޖެހޭ މި ގަތުލުގެ ހަގީގަތް. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި މި ސަކަރާތް ޖަހާތީ އަޅުގަނޑުމެން ކަންބޮޑުވަން. އޭރު އަޅުގަނޑުމެންނަށް އިވުނު ވާހަކަތަކާއި ރަސްމީކޮށް ލިބިފައިވާ މައުލޫމާތުގެ ހަގީގަތް އެބަ އެނގެން ޖެހޭ."

ރާއްޖޭގައި މަރަށް މަރު ހިފާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންްނެވެ. އަދި އެ އަދަބު ދަން ޖައްސައިގެން ތަންފީޒު ކުރުމުގެ ހުރިހާ ހުރީ އިންތިޒާމްކޮށްފައި ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. ހުމާމްްގެ އިތުރުން މަރުގެ އެހެން ދެ މައްސަލައެއްގެ އެންމެ ފަހު މަރުހަލާ ވެސް ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.

56 ކޮމެންޓް, 202 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 8%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުގުމާން

25 June 2016

އަޅެ ކޮންމެވެސް މީހަކު ހުމާމުގެ އާއިލާ މީހެއްކުރެން އަހާލަންވީއެއްނޫން ހުމާމަކީ އޭނާގެ އާއިލާ މީހުނަށް އޯގާތެރި ހެޔޮލަފާ މީހެއްތޯ އާއި މައިބަފައިންގެ ބަސް އަހާ ރަނގަޅު މީހެއްތޯއާއި ކޮންކަހަލަ މީހެއްތޯ؟ އަދި އޭނާއަކީ މިގައުމުގައި ހަނގާއެއްވެސް މާރާމޭރީ އެއްގައި ބައިވެރިނުވާ މީހެއްތޯ؟ އަދި މީހަކު ނުމަރާނެކަމުގެ ޔަގީން ކަން ދެވިދާފަދަ މީހެއްތޯ؟

The name is already taken The name is available. Register?

އެމް.އެމް.ޖީ އިބޫ

25 June 2016

ފުލުހުން އޭރުދިން މަޢުލޫމާތުގެ މައްޗަށް ވާރިސުން ބަޔާންދީފައިވާނަމަ، އޭރު އެބުނި ފައިސާ ޚަރަދުކުރި މީހުނާ އެކަމުގައި ބައިވެރިވާ އެހެން މީހުން ނުހޯދާ ހުމާމަށް މަރުގެ އަދަބުދީ ނިންމާލާނަމަ، އެއިރު ވާރިސުންގެ ކިބައިން އެނެގި ބަޔާޔަކީ އޮޅުވާލައިގެން ނެގިބަޔާނަކަށްވާނެބާ؟؟؟

The name is already taken The name is available. Register?

އަބްލޯ

25 June 2016

ނާޒިމްގެ ތަހުގީގު ނުނިންމައި ހުކުމް ކުރުމުން ސުޕްރީމް ކޯޓް މިހާރުވެސް ފަޟީހަތްވެފައިވާއިރު އަފްރާޝީމްގެ މަރުގެ ހަގީގަތް ނުހޯދާ ހުމާމަށް މަރުގެ އަދަބު ދިނުމަކީ އެންމެންގެ ކުރިމަތީ ރޯމާދުވާލު އިންސާފު ވަޅުލުން ކަމުގައި ދެކެން.

The name is already taken The name is available. Register?

ވަހީދު

25 June 2016

އަފްރާޝީމް އަވަހާރކޮއްލިތާ ކިތައް އަހަރުވެއްޖެތޯ ، ހުމާމުގެ ދުލުން މިއޮތްހާދުވަހު ބޭރުނުވެ އިތުރު ވާހަކއެއް އޮންނާނެތޯ ، މިހާދުވްސް ވީއިރު ނުފެނުނު ބަޔަކު ދެންފެނިދާނެ ކަމަށް ގަބޫލުކުރައްވަނީތޯ

The name is already taken The name is available. Register?

ލުގުމާން

25 June 2016

ހައްގަކާ ނުލައި މިހަކު މަރާލި މީހާގެ ހުކުމަކީ އިސްލާމްދީނުގައި މަރަށް މަރު ހިފުން. އެކަން ކުރަން އޮންނަގޮތަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރުއީ ކޯޓަށް ސާބިތުކޮށްދިނުން އަދި މަރުވި މީހާގެ ވާރިސުން ގެ ތެރެއިން އެއްމެން އެކަމަށް މާފު ނުދިނުން. އެހިސާބުން މެރުމަށް ހުކުމް ކަނޑަ އަޅާ މަރާލެވޭނެ. ދެން އޭގެ ފަހަތުން އަންނަ އެއްވެސް ކަމަކީ އެގާތިލަށް ކުރި ހުކުމް ބަދަކުކޮށް އެއަސް އެއްވެސް އުނި އިތުރެއް ގެނެވޭނެ ކަންކަމެއްނުން. ވާރިސުންނަށް ބަނަންއޮތީ މާދީފިން ނުވަތަ މާފު ނުދިނުން އެކަނި. މަރާއިގެން ނުވާނެ ކަމަށާއި ނުވަތަ މެރުން ފަސްކުރުމަކީ ވާރިސުންނަސް އޮތް ހައްގެއްނުނެވެ. ވާރިސުންގެ ބަސް ނަގަން ޖެހުނު ހިސާބުން ވާރިސުންގެ ބަސް އޮތީ ނަގާ ސޮއިކޮށް ފިނގާ ޕްރިންޓް ޖަހާފައެވެ. އެފަދަ ކަންކަމަކީ ހިތަށް އެރީމާ އަރާ ކޮންމެވަގުތަކު ބަދަލު ކުރެވޭ އެއްޗެއްނުނެވެ.

The name is already taken The name is available. Register?

އިބޫ

25 June 2016

އެއިރު ވާރިސުން ދިން ބަޔާންދީފައިވަނީ ތަހުޤީގު ފުރިހަމަކޮށް ދެންތިބިމީހުން ހޯދާއަދަބުދޭނެކަމަށް ތަހުޤީގުކުރާ ފަރާތުން ބުނުމުންކަމަށްވާނަމަ، އެގޮތަށް އެކަންނުކޮށް ހުމާމަށް އަދަބުދިނުމަކީ ވާރިސުންނަށް އޮޅުވާލައިގެން ނެގިފައިވާ ބަޔާނެއް.

The name is already taken The name is available. Register?

ހެއްރަބެ

25 June 2016

މަރްހޫމް އަފްރާޝިމްގެ މަރުގެ ކަންކަމާމެދު ތަހްޤީޤި ނަޒަރަކުން ބަލާއިރު ދިވެހި ސަރުކާރުގެ ނުފޫޒު ގަދަފަރާތަކުން މިމައްސަލަ އަވަހައް ނިންމަން ބޭނުންވާކަން ހާމަވެގެން އެބަދޭ!! ހުމާމަ މަރާލައި މިކަމުން އަތްދޮވެލައި މިޗެޕްޓަރު އަބަދުގެ އަބަދަށް ބަންދުކޮށް ސިއްކަ ޖަހާލުމަށް ނުފޫޒުގަދަ ފަރާތެއް ބޭނުންވާކަމުގެ ސާފު އެތަކެއް ހެކިތަކެއް ފެންނާން އެބަހުރި!!!

The name is already taken The name is available. Register?

އިބްރާހިމް

25 June 2016

ރަނގަޅޭ. ދެން ހުމާމް ނުމަރާ ބަހައްޓާ. އޭރުން ޑިމޮކްރަސީ ފުރިހަމަވީ. އޭނާ އަކީ ދެފަހަރު އެއްގޮތަކަށް ނުބުނާ މީހެއް. ދެންފަހަރަކުން ބުނެފާނެ ޚަރަދުކުރީ ޑރ ގެ ބައްޕައޭވެސް. ނޫނީ ބޭބެއޭވެސް.

The name is already taken The name is available. Register?

ފާތީ

25 June 2016

ބަލަ ހުމާމައް އިނގޭނެއެއްނު އަފްރާސީމް މަރަން އޭނަ އާއި އެކު ބައިވެރިވި ދެވަނަ މީހާ އަދި އޭނަ އަށް ފައިސާ ދޭން ބުނި މީހާ ވެސް. ކީއްވެގެން ހުމާމް އަށް ނުބުނެވިގެން އުޅެނީ... އޭނަ ބުނީ ބިރު ދައްކާ ގެންނޭ އެއްބަސް ކުރުވީ،ދެން މިހާރު ބިރުން އެއްބަސް ވީމަ އޭނަ ސަލާމަތް އެބަވޭތަ؟ ދެން އެބުނާ ހަގީގީ ގާތިލުން ގެ ނަން ނޫނީ އެކަމުގަ އޭނަ އަށް އިނގޭ އެެއްޗެއް ކިޔާދޭން ވެއްޖެ އެއްނު.. ބުއްޏަސް މަރެއްނު ނުބުއްޏަސް މަރެއްނު...

The name is already taken The name is available. Register?

ނުރަބޯ

25 June 2016

ތިއޮތީ ވަރެއްގެ ހުމާމެއްތާދޯ، ތިޔަ ޢާއިލާއަށްވެސް މިހާރު ހުމާމު ވެއްޖެ ސާފު ހުދުފޮތިކޮޅަކަށް....!!!

The name is already taken The name is available. Register?

ކަމަނަ

25 June 2016

ބަލަގަ ހުމާމެއް ނޫނޭ މުހިއްމުވެން މިއުޅެނީ!! މުހިއްމުވެގެން މިއުޅެނީ މަރްހޫމް އަފްރާޝިމްގެ ހަޤީޤީ ޤާތިލުން ހޯދުންކަން ހަމަ ނުރަބޮލަށް ނޭގެނީބާ؟؟؟؟

The name is already taken The name is available. Register?

މާބެ

25 June 2016

ޏުރަބޯ ކޭ ކީކޭ ހިތަށް އަރައިގެން ތިއުަޅެނީ؟

The name is already taken The name is available. Register?

އަލްމުދިޝް

25 June 2016

އިސްލާމީ ޝަރީއަތް މިގައުމުގައި ނުހިންގޭނޭ އެއްސަބަބު ކަމުގައި މިފަދަ މަރައްމަރު ހިފުމުގައި އާއިލާތަކަށް ކުރިމަތި ކުރުވާ މަސްސަލަތަކުގެ ހައްލެއްނެތި ދާތަން މިފެންނަނީ އެވެ. ތަބާރަކަ ސޫރަތުގެ އާޔަތެއްގެ މައުނައި ގަވެއެވެ. އެއުރެން އެއުރެންގެ ކުށަށް އިއުތިރާފު ވާނެއެވެ. ނަމަވެސް ގާތިލުގެ ބޭނުން ސަރުކާރުތައް ވައްޓާލުމަށް ސިޔާސީ ކަމެއްގެ ގޮތުގައި ނަގާބަޔެއްގެ ހަގީގަތެއް ހޯދޭނެ ގޮތެއް ނޯންނާނެ ކަމުގަ މިފަދަ އާއިލާތަކަށް ނުވިސްނި މިކަން މިކަން މިދަނީ ވަރައް ހިތާމަވެރި ނިންމެވުމަކަށެވެ.

The name is already taken The name is available. Register?

ގަބޭ

25 June 2016

ހުމާމް މަރާވެސް ލެވިދާނެ. އެކަމަކު އެކަން ކުރި ބަޔަކަށް ސަލާމަތެއް ނުވެވޭނެ. އަފްރާސީމްގެ އަސްލު ގާތިލުން ހާމަވާނެ ދުވަހެއް އަންނާނެ.

The name is already taken The name is available. Register?

ފާތީ

25 June 2016

ދެން އޭނަ ބުނަން ވީ އެއްނު އެކަމުގަ އޭނަ އާއި އެކު ބައިވެރިވި މީހުން މަރާލުމުގެ ކުރިން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454