ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު މަސީހް ބަލަހައްޓަވަނީ.
18 ޖުލައި 2017 - 17:09
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އެ ޕާޓީގެ މަޖިލިސް މެމްބަރުންނަށް މިއަދު އަންގަވައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ނިހާން ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަދުވަހަށް ތާވަލު ކޮށްފި ކަމަށާއި އަންނަ ބުރާސްފަތި ދުވަހު ހުރިހާ މެމްބަރުން ވެސް މާލޭގައި ވަޑައިގެން ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، 45 މެމްބަރުންގެ ސޮޔާއެކު މި މަހުގެ ތިންވަނަ ދުވަހު މަޖިލިހަށް ވެއްދި މި މައްސަލަ ހޯމަ ދުވަހަށް އެޖެންޑާކުރިކަން މަޖިލިހުގެ އިދާރާ އިން އަދި މެމްބަރުންނަށް ރަސްމީކޮށް އެންގި ކަމެއް ނޭނގެ އެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މި މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނަށާއި މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން ފޮނުވާފައިވީ ނަމަވެސް، އެކަމާ ގުޅޭ ޖަލްސާ ބާއްވާނެ ދުވަހެއް އޭރަކު ނާންގަ އެވެ.
މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެ މަނިކުފާނަށް ދެއްވާނެ ވަގުތު ކަނޑައެޅުމަށް އާންމު ކޮމެޓީގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ. މަސީހަށް ޖަވާބުދާރީވުމަށް ދޭނެ ވަގުތާއި އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މެމްބަރުން ބަހުސް ކުރާނެ ވަގުތު އެ ދުވަހުގެ ބައްދަލުވުމުގައި ކަނޑައަޅާނެ އެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހު ބާއްވާއިރު، އެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި، ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވަނީ މިއަދު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ މަސީހްގެ ވޯޓަށް 42 މެމްބަރުން ހަމަކުރުމުގައި ނުފޫޒާއި ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގަ އެވެ.
މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނީ، އެ މައްސަލައިގެ ނޯޓިސް މެމްބަރުންނަށް ފޮނުވާ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންނަމަ، ސަބަބު ބަޔާންކޮށް 42 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ވާނެ އެވެ.
މަޖިލިހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުމަށް ފަހު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައި ނޫނީ، މަޖިލިހަށް ހުށަހެޅިފައިވާ އެހެން އެއްވެސް މައްސަލައަކާ މެދު އެ ޖަލްސާގައި ބަހުސެއް ނުކުރެވޭނެ އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ބަހުސް ތިން ގަޑި އިރަށް ވުރެ ދިގުވެގެން ނުވާނެ އެވެ. މަޖިލީހުގެ ރައީސާ ދެކޮޅު މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ހައްގު ވެސް ގަވައިދުން އެ މަނިކުފާނަށް ވަނީ ފަހިކޮށްދީފަ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިއާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
19 July 2017
ލަދެއް ޙަޔާތެއްގެ ކަންފުޅެއްވެސް ހުރިނަމަ މިހާރު ރައީސްކަން ކީއްކުރަންތޯ ދާއިރާގެ ގޮނޑިވެސް ދޫކޮށްލާފަގެޔަށްވަދެ ފިލާފައޮންނާނީ.
އަންމަކަޅޭ
19 July 2017
މަސީހޫ ކަލޭމިހާރު ތިޔައިނީ ހަމައެކަނި ފޯއްމުލަކު ގޮޑިއަކުނޫން، މިހާރު ތިޔައިނީ ދިވެހި ރައްޔިތުންގެ ގޮޑިއެއްގަ، މިހާރު މަޖިލީހުގެ 45 މެމްބަރުން މަސީހު ތިގޮޑިން ފައިބަން ބުނީމަ ނުފައިބާ ތިޔައިންނަނީ ކޮން ގޮތަކުންތޯ؟ ހަމަ މިހާރު ފައިބާ!
އަހުމަދު
19 July 2017
މަޖުލިހުގެ ރައީސްކަން ދޫކޮށްލިއަސް ދާއިރާގެ މެމްބަރުކަން ނުގެއްލޭއިރު މަސީހު މި ވަރުވެގެންދާއިރު ގޮތްދޫކޮށް ނުލާ މިހުންނަނީ ކީއްވެގެންބާ އަމިއްލަ އެދުންބާ ނުވަތަ މީހަކަށްޓަކައިބާ މަސީހު އަކީ މިހާ ނުލަފާ މީހަކީބާ...؟
މަސީހު
19 July 2017
އަޅުގަނޑު އިސްތިއުފާ ދޭނީ އެދުވަހު
އަލީ
19 July 2017
މަމީ މަސީހުނަމަ މަގޭ ސަބަބުން ގައުމު ހަލަބޮލިބެ މެންބަރުންގެ ގޮނޑި ގެއްލުވާލާ ހަދަން ފުރުޞަތުނުދީ. ރައީސް ކަމުން އިސްތިއުފާދީފައި، ދާއިރާ ތަމްސީލުކުރަން ހުރީހީ.
ޏަސީމް
19 July 2017
ތިޔަ މަސީހުގެ ކަންތއް ވަރައްބޮޑުވެއްޖެ މީހާދ ދަހިވެގެން އުޅޭ މީހެކޭދޯ...
ހަސަނާ
18 July 2017
މިވެސް ދެން ބޮޑުވެގެންވާ އަރަތެއް. އޭނަ ޖަވާބުދާރީވެސް ވެއްޖެ. ކިތައްފަހަރު ޖަވާބުދާރީވަނީވެސް. ބުނޭ ޔައުމިއްޔާ އިއްވާށޭ ކުރީ ފަހަރުގެ. ހެއްވާ ކަމެއްދޯ މީހަކު ލައްވާ މިކުރުވަނީ. އެއްފަހަރުނުވެގެން ދެވަނަފަހަރުނުވެގެން 3 ފަހަރުނުވެގެން ހަމަ އެއްވާހަކައެއް ދައްކުވަން. އެންމެ ފަހުން ޖަވާބުދާރީވިފަހުން އިތުރުކަމެއް ހިނގީކީ އެއްނުން. ހެއްވާދޯ މިކަންވެސް.
ތަމް
18 July 2017
ހޯމައަށް ތާވަލެއް ނުކުރާނެ. ނިހާނު އެއުޅެނީ ލަންކާގަ ތިިބި މެމްބަރުން މިކޮޅަށް ގެނެވެތޯ އޮޅުވާލައިގެން. މެމްބަރުން ސަމާލުވޭ.
ސައްދާމް
18 July 2017
މީގެ މައްސަލަ އަކީ މަސީހު ވަކިކުރުން ނޫން........ އަސްލު މައްސަލަ އަކީ މަސީހު ވަކިކުރުމަށް ފަހު ދެން އޮންނާނީ ރައީސް އަބްދުﷲ ޔާމީނު ގެ އިތުބާރު ނެތް ކަމުގެ ވޯޓް........... ވެރިކަން ދިފާއު ކުރުމަށް މަސައްކަތް ކުރަނީ.........
ޙައްގު
18 July 2017
އިރާދަފުޅުން މިފަހަރު ޙައްޤަށް ނަޞުރު ލިބޭނެ!