އިބްރާހިމް މުހައްމަދު ދީދީ ކްރިމިނަލް ކޯޓަށް މިއަދު ވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
19 ޖުލައި 2017 - 14:53
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ދައުވާކުރާ މައްސަލައިގައި މިއަދު ބާއްވަން އޮތް ޝަރީއަތުގެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އަދި ފަހުން ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން ލިބަޓީ ޝީލްޑްގައި" ބައިވެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ހަމަޖައްސާފައި ވަނިކޮށް އަޑުއެހުން ކެންސަލްކުރީ އެ މައްސަލަ ބައްލަވާ ގާޒީ އެހެން ޝަރީއަތެއްގައި އިންނެވުމުން ކަމަށް ކޯޓުން ބުންޏެވެ. އިބްރާހިމް ދީދީގެ ޝަރީއަތް މިއަދު ބާއްވަން ހަމަޖައްސާފައި އޮތް ގަޑީގައި ބޭއްވީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުމެވެ. މާދަމާގެ ޝަރީއަތް އޮންނާނީ މެންދުރު ފަހު ދޭއް ޖަހާއިރެވެ.
އިބްރާހިމް ދީދީގެ މައްޗަށް އެ މައްސަލާގައި ކުރިން ކުރި ދައުވާ އަނބުރާ ގެންދިއުމަށް ފަހު އަލުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ވަނީ ކުށް ސާބިތުވެ، ޖަލު ހުކުމް އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރިންސެސް
19 July 2017
މި ނޫން ދުވަހެއް ފެންނާނެބާ!...
ވާލުސޮރު
19 July 2017
ދުއާ ކުރާ ޓީމް ސާބިތުވެ ތިއްބަވާ!!! މާދަމާގެ ޝަރީޢަތްވެސް އިރާދަކުރެއްވިއްޔާ ކެންސަލްވާނީ. ﷲ އަކްބަރު. ދެން މިދަނީ މިކަން ނިމެން.