މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު (ވ)، ތުލުސްދޫ ދާއިރާގެ މެމްބަރު ވައްޑެ (މ) އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ނޫސްވެރިންނާ ވާހަކަދައްކަވަނީ: މި ތިން މެމްބަރުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ.-- މިހާރު ފޮޓޯ
30 ޖުލައި 2017 - 22:22
ރައްޔިތުން މަޖިލީހުގެ ތިން މެމްބަރުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ބަންދުގެ މުއްދަތު އިތުުރުކުރި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.
މި ތިން މެމްބަރުން ވެސް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުހިމެނޭ ބަޔަކު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ. އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ޕީޕީއެމުން ވަކިކުރުމުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ތެރޭގައި މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
މި ތިން މެމްބަރުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއަދަތެއް ޖަހައިފަ އެވެ. ވައްޑެ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެ ރޭ 11:40 ހާއިރު ވައްޑޭ ހައްޔަރު ކުރީ، ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒު ކުރިމަތީގައި މަޖިލީހުގެ އެހެން ބައެއް މެމްބަރުންނާ އެކު ހުންނަވަނިކޮށެވެ.
އަމީތު ހައްޔަރުކުރީ މިިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ސައުދު ހައްޔަރުކޮށްފައި ވަނީ އޭނާ ހޯދަން ފުލުހުން އިއުލާންކުރި ސަބަބެއް ހޯދަން ފުލުސް އޮފީހަށް ވަޑައިގަތްތަނުން މިިދިޔަ ހުކުރު ދުވަހުގެ މެންދުރެވެ.
އަމީތާއި ވައްޑެ އަދި ސައުދަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު ބޭފުޅަކު ވަނީ އެ މައްސަލަ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލަތައް ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
30 July 2017
އިސްތިއުނާފް މައްސަލަ ކޯޓަށް ހުށަހެޅި ކަމުގައިވިޔަސް މެމްބަރުންނަށް އެހެން ގޮތެއް ނެތެވެ. ސަބަބަކީ ރައީސް ޔާމީނަށް ތާއީދު ކުރުމަށް ޤާސިމް އިބްރާހިމް ގާތަށް ސިފައިންނާއި ފުލުހުންނާއި ، ކޯޓް ތަކުގެ ފަޑިޔާރުން ދިޔަ ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެފައި ވާތީއެވެ.