13 އޯގަސްޓް 2017 - 11:14
ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންނާ މެދު މަޖިލިހުން މިހާރު އަމަލްކުރަނީ ކުރިން ބައެއް މެމްބަރުންނާ މެދު ކަންކުރި ގޮތަށް ނޫންކަން ސާބިތުވެ އެވެ.
މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ސޮއިކުރައްވައި ނެރުއްވި މެމޯއަކުން، އިނާޔަތާއި އިމްތިޔާޒުތަކާއި މެމްބަރެއްގެ ހައްގުތައް ކަނޑާލިކަން އެންގީ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިގިނލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)ގެ އެވެ.
މީގެ ކުރިން ކުރިމަތިވި މިފަދަ މައްސަލަތަކުގައި މަޖިލީހުން އަމަލުކޮށްފައިވާ ގޮތް މުޅިން ތަފާތެވެ. ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވުމުން ވެސް، ޝަރުއީ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ވަންދެން އޭނާގެ އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑައެއް ނުލަ އެވެ. އެ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކުގައި ވެސް ގަވާއިދުން ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ދިނެވެ. އޭނާ އަކީ މެމްބަރެއް ނޫން ކަމަށް މަޖިލީހުން ނިންމީ، ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމް އައުމުންނެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ގެއްލިއްޖެކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެންމެ ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުންނެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސުން ކަނޑައެޅި ހަ މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން އަންނަނީ ބަލަމުންނެވެ.
އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ދަށު ކޯޓުން އޮގަސްޓް 2011 ގައި ހުކުމް އައި ނަމަވެސް އޭނާގެ ގޮނޑި ގެއްލުނު ކަމަށް ނިންމީ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން މައްސަލާގައި ގޮތެއް ނިންމައި ފެބްރުއަރީ 2012 ގައި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަންދެން އޭނާ އަށް މަޖިލިހުގެ މެމްބަރަކަށް ދޭ ހުރިހާ އިނާޔަތެއް ދިނެވެ. އޭގެ ތެރޭގައި މުސާރަ އާއި އިނާޔަތާއި އިމްތިޔާޒުތައް އަދި މަޖިލިހުގެ މެމްބަރަކަށް ވުމުން ލިބިދޭ ހުރިހާ ހައްގެއް ވެސް ހިމެނެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން، މައްސަލަ ދިރާސާ ކުރުމަށްޓަކައި އެއް މަހުގެ މުސާރަ އާއި އިނާޔަތްތައް ނުދީ މަޑުކުރި ނަމަވެސް، ފަހުން އެ މަހުގެ ބައިތައް ވެސް އިސްމާއިލަށް ދިނެވެ.
ގޮނޑި ގެއްލިއްޖެކަމުގެ ސުވާލު އުފެދިފައިވާ ހަ މެމްބަރުންގެ މައްޗަށް ޖިނާއީ އެއްވެސް ކުށެއް ސާބިތެއްނުވެ އެވެ. އަދި މި މެމްބަރުން ވަކިކޮށްފައިވާ ކަމުގެ ރަސްމީ އެއްވެސް ލިއުމެއް، އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން ވެސް މެމްބަރުންނާ މިހާތަނަށް ހަވާލުކޮށްފައި ނުވާ ކަމަށް ވެސް މެމްބަރުން ވިދާޅުވެ އެވެ.
މި ހާލަތުގައި، އެ މެމްބަރުންނާ މެދު ބޮޑެތި ފިޔަވަޅުތަކެއް ރައްޔިތުންގެ މަޖިލިހުން އެޅުމަކީ ގާނޫނާ ޚިލާފު އަދި ބޭއިންސާފުން ހިންގާ ކަމެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި އޭނާގެ ރިޔާސަތުގައި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. އެއީ، އިސްމާއިލް އަބްދުލް ހަމީދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ އެވެ.
މި މެމްބަރުންގެ މައްޗަށް އުފުލުނު ދައުވާތަކުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް، ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އިމްތިޔާޒުތަކާއި އިނާޔަތްތައް ކަނޑާނުލާ ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"މި މެމްބަރުންނާ މެދު މަޖިލީހުން ފިޔަވަޅު އެޅުއްވީ، ސުޕްރީމް ކޯޓުން އެންގެވީމަ. އެ ކޯޓުން އިލެކްޝަންސް އަށް އެންގެވީމަ އެ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް އިން އިންތިހާބު އިއުލާންކުރީ ވެސް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ހަ މެމްބަރަކާ މެދު މިހާރު އަމަލުކުރަމުން ދަނީ ގާނޫނުތަކާއި އިންސާނީ ހަމަތަކާއި ތަހުޒީބު މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ ގޮތާ ވެސް މުޅިން ޚިލާފަށެވެ. މަޖިލީސް މެމްބަރުން ނޫން ބަޔަކު މަޖިލީހުގެ އިދާރާގެ ތެރެއަށް ވަތްކަމުގެ ތުހުމަތުގައި ތިން މެމްބަރަކު ހައްޔަރުކޮށްފައިވާއިރު، ހަ މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކާ މެދު ފިޔަވަޅު އެޅި ކަމެއް އެ މެމްބަރުންނަށް މިހާތަނަށް އަންގާފައި ނުވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.
"މި މެމްބަރުންނާ މެދު އަނިޔާވެރިކޮށް އަމަލުކުރަމުން މިދަނީ، ކަނޑައެޅިގެން ސިޔާސީ ނުފޫޒު މީގެ ތެރެއަށް ވަދެގެން. ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ޕީޕީއެމަށް ގެއްލުނީމަ ހިތުހުރި އުސޫލުން ހިންގާ ކަންކަން މިއީ،" ޝާހިދު ވިދާޅުވި އެވެ.
"އިންސާނީ އުސޫލަކީ އަދި ތަހުޒީބީ ގޮތަކީ އެ މެމްބަރަކާ މެދު ފިޔަވަޅެއް އަޅައިފި ނަމަ އެންމެ ކުޑަ މިނުން އެކަން އެންގުން. އެ މިންވަރު ވެސް ކޮށްނުލައި، ވަލުތެރޭގެ އުސޫލަށް މި އަމަލުކުރަނީ."
އެ މެމްބަރުންގެ އިމްތިޔާޒުތަކާއި ހައްގުތަކާއި އިނާޔަތްތައް އުނިކޮށްފައި ވަނީ، މަޖިލިހުގެ އިދާރާގެ ހުރިހާ ސެކްޝަންތަކަށް ފޮނުވި އިދާރީ މެމޯގައިވާ ގޮތުން، މިދިޔަ މަހުގެ 20، އިން ފެށިގެންނެވެ. ސަބަބަކީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން އަންގާފައިވާތީ ކަމަށް ބުނެފައިވެ އެވެ.
ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ރައްޔިތުންގެ މަޖިލިހަށް، ހަ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެއް ނޭޅޭނެ އެވެ. އެހެންކަމުން އެ ބޭފުޅުންގެ އިނާޔަތްތަކާއި ހައްގުތައް ވެސް މަޖިލިހަށް ކަނޑާނުލެވޭނެ ކަމަށް އެ މެމްބަރުުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
13 August 2017
ވެރިކަމަށް ދަހިވެތި ވެގެން އުޅެނީ ކާކު ކަން ދިވެހި ރައްޔިތުންނަށް އެގޭ ، ޤާނޫނު އަސާސީ ފުނޑާލައިފި ، މިނިވަން މުވައްސަސާތައް ފުނޑާލައިފި ، ކޯޓުތައް ފުޑާލައިފި ، ރައްޔިތުންގެ މަޖިލީސް ފުނޑާލައިފި ، މިހުރިހާ ކަމެއް މި ކުރަނީ ވެރިކަމުގެ ދަހިވެތިކަމުގައި ، ވެރިކަމުގައި ގިނަ ދުވަހު ހުންނަން ކުރެވުނުހާ ހުރިހާ މަސައްކަތެއް ކުރާނެ ،
އަބްދުއްލާ
13 August 2017
ގާނޫނުއަސާސީ އަކާ ގާނޫނު ހެދިފައި ހުންނަނީ މި ނަންނަމުގާ ދުސްތޫރު ލިޔެވިފާ އޮންނަނީ މީހެއް ނުވަތަ ބައެއްގެ އަތް މައްޗަށް ބާރެއް ދޫކޮށްލައިފިނަމަ އަދުލު އިންސާފާ ގާނޫނުއަސާސީގަ ބުނެފައިވާ ހަމަހަމަކަން ގެއްލިގެން ގޮއްސާނެ ކަމަށް ސިކުންޑިން ވިސްނާ ފަރާތްތަކުން ލަފާކުރުމުގެ ސަބަބުން . ނަމަވެސް މިހާރު މިވަނީ ގާނޫނެއް ނެތި އަދި ތަފްސިލީ ބައިތަކެއް ވެސް ނެތި އަދި މިކަމުގާ ހިގައިފާނެ ބޭއަދުލާމެދު ވިސްނާލެވިފާނެތި ނެރެވުނު އެންގުމެއްގެ ސަބަބުން އަދުލުވެރިކަން ގެއްލި ގައުމުގެ ހަމަޖެހުންގެއްލި ބައެއްފަރާތްތަކުގެ އިންސާފު ރައްޔިތުންގެ ކުރިމަތީ ގެއްލި ދިއުމަކީ ވަރަށް ހިތާމަ ހުރިކަމެއް. ދުވާލުގެ އިރު އުދަރެހުގާ ފެންނަން ހުއްޓާ އިރު ދައްކާފަ އެހުރީ ހަނދޭ ބުނާކަހަލަ ބީދަޔަކުން އޮޅުވާލަމުންދާތަން ، މިއީ ދިވެހިގައުމުގާ މިހާތަނަށް ނުހިގާވަރުގެ އޮޅުވާލުމާ ބޭއިންސާފު ހިންގާފައިވާ ބޭއަދުލުގެ ކަންތައްތަކެއް ނޫންބާ ؟
މީމުހާ
13 August 2017
މަމީ އަމިންއަމް ނަމަ އިސްތިއުފާދިނީސް. ލަދުންވެސް ނުހުންނާނަށް. މަޤާމަކާއިހެދި އެހެންމީހުންގެ ޙައްޤުތައް ޤާނޫނާ ޚިލާފަށް ނިގުޅައިގަނެވިގެންދާއިރު ސޮއިކޮށް މެމޯނެރެ އެކަމުގެ ތެރެއަށް ބޯމަހާކަށް މަށެއްވާ ނުހުރީމުސް. ނަމަވެސް ކީއްކުރާނީ މަޤާމުގެ ދަހިވެތިކަން މާބޮޑުވިއްޔަ ތިމާގެ އިންޓަގްރިޓީއަށްވުރެ
ލައްކަ ވާހަކަ
14 August 2017
މަގާމަށްވުރެ ފައިސާއަށް ދަހެވެވުނީމަ ވާނީ މިހެން
ހުސޭނުބެ
13 August 2017
ދޮންކަނބުލޯ!! މިސަރުކާރު ނޫނީ ނެތޭ ގާނޫނު ހެޔޮގޮތުގައި ދަމަހައްޓަން މަސައްކަތްކުރާ ސަރުކާރެއް!! ތިމާމެން ހިތުހުރިހާ ގޮތަކަށް ނޫޅެވޭނެކަމާއި ގާނޫނުތަކާއި ގަވާޢިދުތަކާއި ހެދިފައިވާ އުސޫލުތަކާއި އަދި އެއްބަސްވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށްކަން އެންމެން އުޅެންޖެހޭނީ ހަނދާންކޮށްދޭ ސަރުކާރަކީ މިއީއޭ!!! މީގެ ބޭރުން އުޅޭނަމަ ހަފޮޅުން އެތެރެއަށް ވެއްދޭނެކަން ތަކުރާރުކޮށް ހަނދާންކޮށްދޭ ސަރުކާރަކީ މިއޭ އިގޭތޯ!!!
ލެއްބެ
13 August 2017
ފަހުން ބުނާނެ ތިމަންނައަށް އެގިގެން ހިނގިކަމެއްނޫނޭ...ދެން ފަހުން އެކަމާ އެޅޭނެ އެއްވެސް ފިޔަވއޅެއްވެސް ނޯންނާނެ...ގައުމު ހަލާކުވެއްޖެ...
ރަމީޒު
13 August 2017
ޖުލައި 13 ގެ ފަހުން މިހާ ކަންތައްރައް ހިގަނީ ގާނޫން ގެ ދަށުން ކަމަށް ޤަބޫލު ކުރާނީ ކިތައް މީހުން ތޯއެވެ. ނަމަވެސް ލޯމަރައިގެން ރައީސް ޔާމީން ގެ ފަހަތް ޕުޅުގައި ތިބި ބަޔަކު އެކިޔަނީ ބާރާށް އަތް ޖަހާށެވެ.
މަރީ
13 August 2017
ކަންކަން ގާނޫނާއި އެއްގޮތަށް ކަމަށް ގަބޫލު ކުރާނީ ބަންޑާރަ ނައިބު އަނިލް އާއި ބިޝާމް އަދި އާޒިމާ ޝުކުރުގެ ގާން އަސާސީގެ ދަށުން ދަރިވަރުވެފައި ތިބި ކުދިން. މީގެއިތުރުން ފިންކު ކުދިންކޮޅު
ފާއިޤާ
13 August 2017
މުޅި ދައުލަތުގެ ހުރިހައި މުއައްސަސާއެއްގައިވެސް އޮތީ ތިޔަގޮތް ތިޔަ އުސޫލުް، ވެރިޔަކު އެންގީމަ އެކަމެއް ކުރާނެ
މަހަށްދޭބަލަ
13 August 2017
ތިޔާ ހަމެމްބަރުންގެ ގޮނޑި ގެއްލުމުން އަލުން އަނެއް 6 މެމްބަރުން ޕިންކީން ގެ ނަމުގައި މަޖްލީހަށް ހޮވީމާ ހުންނާނީ ރަނގަޅަށެވެ. ތިޔާއީ އެހާ ވަރުން ހާސް ވާން ޖެހޭނެ ކަމެއް ނޫނެވެ. އެމްޑީޕީ ދެން މަހަށް ދޭބަލަ..
މަސްރަހް
13 August 2017
ތިޔޮތީ ގެއްލުވާލައިފާ، ދެން ތިހާމޮޅިއްޔާ ގޮތެއް ހަދާލަ ބަލަ، މަމެން މިކަންކުރަނީ މަޝްވަރާގެ މަތި އުޞޫލުންނޭ!
ނަރުގިސް
13 August 2017
އަމީން އާއްމު އަހްމަދު މުހައްމަދު އަކީ ހަމަ ހަޤީގަތުގަވެސް އޭނާތޯ ޔަޤީން ކުރަން އެބަޖެހޭ .. އޭނާކަމަށް ވާނަމަ އޭނާހުރީ ހަމަހޭގަތޯ ވެސް އެބަ ބަލަން ޖެހޭ ... މިހެން މިބުނީ މިވަރުގެ ބޮޑު ކުށެއް ކުރުމަކީ ދިގު ޖަލު ހުކުމެއް އަންނާނެ ކަމަކަށް ވާތީ ....