ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
14 އޯގަސްޓް 2017 - 20:23
ވިލާ ގްރޫޕްގެ ފަސް ކުންފުންޏެއްގެ އަތުން 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހޯދަން މީރާ އިން ކޯޓަށް ހުށަހެޅިޔަސް، ސަރުކާރާ އެކު ވީ އަދި މިހާރު އުވާލާފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްވެސް ފައިސާއެއް ދައްކަން ނޯންނާނެ ކަމަށް އެ ގްރޫޕުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާގެ ގާނޫނީ ވަކީލުންގެ ޓީމުން، މީރާ އާއި ސަރުކާރަށް ތުހުމަތުތަކެއްކޮށް ބަޔާނެއް މި ނެރުނީ ވިލާއަށް ނިސްބަތްވާ ތިން ކުންފުންޏެއްގެ އަތުން 129 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ހޯދަން މީރާ އިން މިދިއަ ބުރާސްފަތިދުވަހު ސިވިލް ކޯޓަށް ހުށަހެޅި ހަބަރު ފެތުރުމާ ގުޅިގެންނެވެ.
އޭގެ ކުރިން ވަނީ ދެ ކުންފުންޏެއްގެ އަތުން 37 މިލިއަން ޑޮލަރު ހޯދަން މީރާ އިން ދައުވާކޮށްފަ އެވެ. އެހެންކަމުން ވިލާ ގްރޫޕަށް ނިސްބަތްވާ ފަސް ކުންފުންޏަކުން ޖުމްލަ 166 ޑޮލަރު ހޯދަން މީރާ އިން އެ ވަނީ ޝަރުއީ މަރުހަލާގައި މަސައްކަތް ފަށައިފަ އެވެ.
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް، ވިލާ ހޮލިޑޭޒް ޕްރައިވެޓް ލިމިޓެޑް، ގަޒީރާ ޕްރައިވެޓް ލިމިޓެޑް އަދި މާނެންފުށި ޕްރައިވެޓް ލިމިޓެޑާ އެކު ޓޫރިޒަމް މިނިސްޓްރީން ހެދި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ފައިސާއެއް ދައްކަން ނޯންނާނެ ކަމަށް ވިލާގެ ވަކީލުން ވިދާޅުވަނީ ރިސޯޓްތައް ހަދައި ނިމިފައި ނުވުމާއި އަދި ރިސޯޓްތައް ތަރައްގީކުރަން ދީފައިވާ މުއްދަތު ވެސް ހަމަނުވާތީ އެވެ.
ގާނޫނީ ޓީމުން ބުނާ ގޮތުގައި ފަސް ކުންފުންޏަށް ދީފައިވާ ރަށްރަށުން ކުލި ދައްކަން ޖެހެނީ ޑިސެމްބަރު 2018 އިން ފެށިގެންނެވެ. އަދި ދީފައިވާ ފަޅުތަކުން ކުލި ދައްކަން އެއްބަސްވުންތަކުގައި ކަނޑައަޅާފައި ވަނީ ޑިސެމްބަރު 2020 އިން ފެށިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ވިލާގެ ވަކީލުން ސިފަކުރެއްވި ގޮތުގައި ދައުލަތަށް 166 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް މީރާ އިން ބުނަނީ "ވުޖޫދުގައި ނުވާ ކަންތައްތަކަކަށް ރިޢާޔަތްކޮށެ"ވެ.
ފަސް ކުންފުންޏާ އެކު ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އެއްބަސްވުންތައް ފެބްރުއަރީ 2015 ގައި އެ މިނިސްޓްރީގެ ސިޓީއަކުން އުވާލީ، ވިލާގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި، އެއްބަސްވުންތަކާ ވެސް ހިލާފަށެވެ. އަދި އެ ފަސް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އިބުތިދާއީ އަޑުއެހުން ނިމިފައިވާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ.
އެކަމަކު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަނީސް މީރާ އިން، ވިލާގެ އެކައުންޓްތައް ހިފަހައްޓައި، ސަރުކާރުން ދޭ ބައެއް ޚިދުމަތްތައް ހުއްޓާލައި، ސިވިލް ކޯޓަށް މައްސަލަ ހުށެހުޅުމަކީ އެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށް ވަކީލުން ވިދާޅުވެ އެވެ.
"މިއީ މި ކުންފުނިތަކުގެ އަގު ވައްޓާލައި، ވިޔަފާރިއަށް ގެއްލުން ދިނުމުގެ ގޮތުން ހިންގަމުން ގެންދާ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެކެވެ،" ވަކީލުންގެ ބަޔާނުގައިވެ އެވެ.
"މި ކުންފުނިތަކުގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީއަކީ ގިނަ އަދަދެއްގެ މުއައްޒަފުން މަސައްކަތްކުރާ، އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރި އާއި، ޚިދުމަތްތައް ރާއްޖޭގައި ދޭ ކުންފުންޏަކަށް ވުމާ އެކު، މީރާއިން ޢަމަލު ކުރަމުން ގޮސްފައިވާ ގޮތުން ކުންފުނީގެ ވިޔަފާރިއަށާއި މުއައްޒަފުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަން ހިތާމައާ އެކު ފާހަގަކުރަން އެކުންފުނިން ބޭނުންވެ އެވެ."
ވިލާގެ ވަކީލުންގެ ބަޔާނުގައި ބައެއް އެހެން ކަންކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެއް ކަމެއްގެ އެގޮތުގައި ފާހަގަކުރީ ފަސް އެއްބަސްވުމުގެ ދަށުން ސަރުކާރަށް އެޑްވާންސް ކުލީގެ ގޮތުގައި 15 މިލިއަނަށް ވުރެ ގިނަ ޑޮލަރު (231 މިލިއަން ރުފިޔާ) ސަރުކާރަށް ދައްކާފައިވުމެވެ.
އެކަމަކު އެ "ޢަދަދަށް ފައިސާ ދައްކާފައިވިޔަސް، މިނިސްޓްރީ އޮފް ޓޫރިޒަމުން ޢަމަލުކުރަމުން ދާ ގޮތުން މި ރަށްތަކާއި ފަޅުތައް ތަރައްޤީ ކުރުމުގެ ފުރުސަތު މި ކުންފުނިތަކަށް ވަނީ ބަންދުވެފަ އެވެ،" ބަޔާނުގައި ބުނެ އެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި ވަކީލުން ފާހަގަކުރެއްވީ ކުންފުނިތަކުން އެއްބަސްވުންތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަން ޝަރީއަތްތަކުގައި ދައުލަތުން ބުނެފައިވުމެވެ.
"އެހެންކަމުން މި ދެންނެވި ކުންފުނިތަކުން އެއްބަސްވުމާ ޚިލާފުނުވާއިރު، އެއްބަސްވުމުގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް އަދި ޖޫރިމަނާއެއް ވިޔަސް ނޯންނާނެކަން ޔަޤީންނުން ވެސް އެނގެ އެވެ،" ބަޔާނުގައި، ވަކީލުން ވިދާޅުވި އެވެ.
ވިލާގެ ކުންފުނިތަކާ ދެކޮޅަށް މީރާ އިން އުޅެން ފެށީ، ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ވިލާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ސަރުކާރާ ފެއަށް ޖެހިވަޑައިގަތުމުންނެވެ. އަދި ސިޔާސީ އިދިކޮޅު ހަރަކާތުގައި ގާސިމް އުޅުއްވާތީ، އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިތައް ފުނޑާލަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ގާސިމް މިވަގުތު އޮންނެވީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ބުނި ނަމަވެސް އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
15 August 2017
ތީހަމަ ރަނގަޅުވާހަކައެއް. ފެބްރުއަރީ 2015 ގައި އަދީބުގެ ބަރުގަދަ ދުވަސްވަރު ވަނީ މިގޮތައް އިދިކޮޅު އެތައްބައެއްގެ އެގްރީމަންޓް ބާތިލްކޮއްފަ. އަދި އޭރުވެސް ޓުއަރިޒަމުން އެގްރީމަންޓުތަކާ ހިލާފައް އެތައްކަންތައްތަކެއް ކުރަމުން ދޭ. މިކަންތައް ބަލާނެ ފަރާތެއް ވާނެބާ.
ގަސިމް
15 August 2017
ބަލަ ވަކީލު ދައްކަންޖެހޭ ފައިސާ ތަކެއްގެ ވާހަކަތަ މިދައްކަނީ؟ ނޫނީ ގާސިމު ދިވެހި ރައްޔިތުންނަށް ދައްކަންޖެހޭ ފައިސާތަކެއްގެ ވާހަކަތަ މި ދައްކަނީ؟
މަރީ
15 August 2017
ބަލަ ދިވެހި ރައްޔިތުންނަށް ދައްކަންޖެހޭ ފައިސާ އެއް ނެތޭ ދޯ އެބުނަނީ. ސަރުކާރުން ހަމަ ބުނާއިރަކަށް ނުޖެހޭ އެއީ ހަގީގަތަށް ވަކަށް. މިސަރުކާރުގެ ކޮރަޕްޝަންގެ މިންވަރު ނޭނގޭނީ ހަމަ އެކަނި ސަރުކާރުގެ ލާރި ކައިގެން އުޅޭ މީހުންނަށް. އެހެންނޫނިއްޔާ އެންމެ ކުޑަކުދިންނަށްވެސް އެކަން އެނގޭ. ސަރުކާރުން ޤާނޫނާ ގަވައިދާ ހިލާފު ވީމަ އެކަން ރަނގަޅުކުރަން ދޯ ވާހަކަ ދައްކަންވީ. އަދިވެސް ޒާތީ ގޮތުން މީހުންނާ ޖައްސާލަންވީކީ އެއްނޫން.
ދޮގެއްތަ؟
15 August 2017
އާނ އާނ ނޯންނާނެ ނޯންނާނެ. ގައުމުގަ ހުންނާނީ މުޅިންވެސް ވިލާގެ ފައިސާ. ދެން ވިލާއިން ދައިސާއެއް ދައްކާކަށް ނުޖެހޭނެނު
ނަޑެއްލާ
15 August 2017
ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ބަޔަކު އިސްވެތިބެ އޭރުގައި ހޮވިފައި ހުރި ރަޢީސަށް މަޖުބޫރު ކުރުވައިގެން އިސްތިޢުފާ ދެއްވީމަ އެކަން އެމަނިކުފާނު ލައްވައު ކުރުއްވި މީހުނަށް އެކަމުގެ ޙައްޤު އަދަބު އެ ލިބެމުންދަނީ. އަދި އަދަބު ނުލިބި ތިއްބެވި ބާކީ މީހުނަށްވެސް ހަމަ އެކަމުގެ ޙައްގު އަދަބު ކޮންމެވެސް ދުވަހަކުން ލިބޭނެކަން ޔަޤީން. މިއީ އެއްވެސް ޝައްކެތް ވާހެއްނެތް ކަމެއް.
އޮރި ކަރަ
15 August 2017
ހާދަ ފިނޑި ރައީސެއް. ބަޔަކު ވައްތަރެއް ޖައްސައިގެން އިސްތިއުފާ ދީފަ ފިލާ ރައީސް ސަކަރާތް ހުންނަނީ. އެކަހަލަ ރައީސް ބޭނުން ނެތީ.
ލޮލް
15 August 2017
އޮރިކަރަ ކަލޭ ބޭކާރު ވާހަކަ ދައްކަން ބޭނުން ނެތީ! ކަލޭ ރަށައް ދަނީ! މިތާކަންތަކާ ކަލޭ ނުބެހެނީ! ކަލޭ ބޭނުން ރައީސް ރަށުގަ ހުންނަނީ! އަހަރެން ބޭނުން ރައީސް 2018 ގައި އަހަރެން ހޮވަނީ!
ސާލިމް
15 August 2017
މީރާ އަކީ މިނިވަން މުސްތަގިއްލު އަދި ވަކި ފަރާތަކަށް ނުޖެހި ދެފުށްފެންނަހެން މަސައްކަތް ކުރުމަށް އުފައްދާފައިވާ ތަނެއް. އެހެންވީމަ ވަކި ކުލައަކަށް ބަލައިގެން މަސައްކަތް ކުރުމުގެ އެޖެންޑާ އެއް މީރާ ގަ އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ
ޢަބްދުﷲ
14 August 2017
މީރާއިން އެބުނަނީ ތެދަކަށް ވެދާނެ. ދައްކަން ޖެހޭ ފައިސާ ކަމަށް ވެދާނެ. އެއަށްވުރެ ބޮޑު މައްސަލައަކީ ދައްކަން ޖެހޭ މޫސުމާއި އިޓްސް އޯކޭ މޫސުން އަންނާތީ. އިޓްސް އޯކޭ މޫސުމޭ މިބުނަނީ ސަރުކާރަށް ތާޢީދުކުރާ މޫސުން ވާހަކަ. އެއީ ވަރަށް ސީރިއަސް މައްސަލައެއް. ވިސްނާލައްވާ، ސަން ސިޔާމަށް އޮތީ މުޅިންވެސް އިޓްސް އޯކޭ. ސަރުކާރާއި ދެކޮޅުވާއިރަށް އެއްކަލަ ރައީސް މީހާ އޯކޭ ބުނި ހަނދާން ނެތޭނެ.
ޒާ
14 August 2017
ތިހެން ގަދަބަސް ބުނި ނަޝީދުގެ ޝަރީޢަތް ހިންގި އިރުވެސް. އެކަމަކުން ހުރިހާކަމެއް ދިޔައީ ޗޮކުން. އަހަރެމެން ރައްޔިތުންގެ ފައިސާ ދައްކަން ގާސިމަށް ގޮވާލަން. އެހެން ނޫނީ ދަރިންގެ ދަރިންގެ ހައްގޭ ކިޔައިގެން ވާހަކަ ދައްކަން ނޫޅެން ގޮވާލަން. އަދި ކުނޫޒްގައި ގާސިމްގެ ވިޔަފާރި ހިމާޔަތުގައި އަޑުގަދަ ކުރާ ކުރުންވެސް ހުއްޓާލަން ޖެހޭ ކަމަށް ދެކެން.
އިންޓެލިޖެންޓް
14 August 2017
މީރާ ތަ އަދިވެސް ބޯގޯހީ، ދައުލަތަށް ދަރާހުރެ ދައްކަންޖެހޭ އެއްޗެކޭ ކިޔަނީ ބޯމޮޅުކަމުން ދޯ؟
ޝުޢިބު
14 August 2017
ނުހައްޤުން މީސް މީހުން އަތުން ލާރި ފެލަ ފެލާފަ ކެންޕޭނަށް. ދަޢުލަތުން ގެއްލުން ލާރިކޮބާ؟ ގެއްލުން ލާރި ހަމަކުރަނީ މީހުން އަތުން ފެލައިގެން ދޯ؟ އަދުލުއިންސާފެއް ހަމައެއް ލަމައެއް ނެތް.
މަންޓޭ
14 August 2017
ދައްކަންޖެހޭ ފައިސާއެށްނެތް އެކަމަކު ސަރުކާރުން ގާސިމަށް ދެންޖެހޭ ފަޅުތަކާ ރައްތަކާ ގިރި ތަކާ ތުނޑިތަކާ ބިންތަކާ އަތޮޅުތަކާ ކަނޑުތަށް އެބައޮތް އުތާ